ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަމާނީ ވަސީލަތްތަކަކީ އިންސާނީ ވަސީލަތްތަކުގެ ބަދަލުގައި ތައާރަފްކުރާ ކަންކަމަށް ވެގެންނުވާނެ!

ތައާރަފްކުރުމަށް ކަނޑައެޅިފައިވާ ސްޕީޑު ކެމެރާތައް ދައްކާލުމުގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔެގެ އެކި ގައުމުތަކަށް އަންނަމުންދާ ތަރައްގީތައް ދިވެހިރާއްޖެއަށްވެސް އާދެއެވެ. ޒަމާނާއި އެކު އެކި ހިދުމަތްތައް ދިނުމުގައްޔާއި މަސައްކަތްތައް ކުރުމުގައި ގެންގުޅެމުންދާ ވަސީލަތްތައްވެސް ތަރައްގީވެއްޖެއެވެ.

ރާއްޖޭގައިވެސް މިކަމުގެ ގިނަ އަސަރުތައް ފެންނަމުންދެއެވެ. އެންމެ ގިނައިން ފަހުރުވެރިކަމާއި އެކު ދެކެވެމުންދާ އެއް ވާހަކައަކީ އިންޓަރނެޓު މެދުވެރިކޮށް ހިދުމަތްތައް ދެވެމުންދާ ވާހަކައެވެ. ވަރަށްވެސް ރަނގަޅެވެ. އައިޑީ ކާޑު ޖަހާލުމުން ޑަކްޓަރަށް ދައްކާލުމަށް އެޕޮއިންޓުމެންޓު ހެދެއެވެ. ހުދު އައިޑީ ކާޑަށްވެސް އެދި ހުށައަޅަނީ އިންޓަރނެޓު މެދުވެރިކޮށެވެ.

ޒަމާނާއި އެކު ގިނަ ތަރައްގީތައް އައިސް، ގިނަ ހިދުމަތްތަކެއް ފަސޭހަ ކަމާއިއެކު ލިބިގެންދިއުމަކީ އެ ހިދުމަތްތައް ބަލައިގަންނަ ކޮންމެ ފަރާތަކަށްވެސް ލިބިގެންދާ ލުއި ފަސޭހައަކަށް ވާންޖެހެއެވެ. އެހެންކަމުން މިފަދަ ތަރައްގީތައް ގެނައުމަށް ކުރަމުންދަނީ މުހިންމު އަދި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތްތަކެކެވެ.

އެހެން ނަމަވެސް ގަބޫލު ކުރަންޖެހޭ ހަގީގަތެއް އޮވެއެވެ. އިންޓަރނެޓު މެދުވެރިިކޮށް ލިބިގަންނަ ހިދުމަތްތައް ހަމަ ހަމަ ކަމަށް ބުނުމުގެ ފުރުސަތު އޮތް ނަމަވެސް، މި ދުނިޔެއަކީ ހަމަ ހަމަ ތަނެއް ނޫނެވެ. އެކި މީހުންނަށް ހިދުމަތްތައް ބޭނުން ވަނީ އެކި މިންވަރަށެވެ. ހިދުމަތްތައް ހޯދަމުންދަނީ އެކި ސަބަބުތަކައްޓަކައެވެ. އެހެންކަމުން ޒަމާނީ ވަސީލަތްތަކަށް ނުވަތަ ޓެކްނޮލޮޖީއަށް އިންސާނެއްގެ ފަރާތުން ލިބިގެންދާ ގަދަރާއި އޯގާތެރިކަމުގެ ޖާގަ ނުނެގޭނެކަން ކަށަވަރެއެވެ.

މިކަން މިހެން ބުނުމުން ގަބޫލު ކުރަން ދަތި ނަމަ މިސާލުތަކެއް ދަންނަވާނަމެވެ. މިހާރު އޮންލައިންކޮށް ލިބިގަންނަ ސިއްހީ ހިދުމަތްތައްކުގެ ތެރެއިން އެޕޮއިންޓުމެންޓު ހޯދުމުގައި ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ބޮޑެތި ލުއިތަކެއް ލިބިގޮސްފައިވާކަން ގަބޫލު ކުރަމެވެ. ޒަމާނީ މި ތަރައްގީއާއި އެކު އަވަސް ހިދުމަތްތަކެއް ލިބިގަތުމުގެ މަގުވަނީ ފަހިވެފައެވެ.

އެހެންނަމަވެސް، މިކަމުގެ ސަބަބުން އަވަސް ނުވަތަ ޒަރޫރީ ފަރުވާ ހޯދުމުގައި ދަތިތައް ކުރިމަތިވެގެންދާނެ ކަމަކީވެސް ހަގީގަތެވެ. ކެއްސާ ކިނބިހި އެޅުމުގެ ސަބަބުން ޑޮކްޓަރަށް ދައްކާލަން ބޭނުންވާ މީހާ އާއި މޭމަތީގައި ތަދެއް ހުރުމުގެ ސަބަބުން ދައްކާލަން ބޭނުންވާ މީހާއާއި ދެމެދު އިންޓަރނެޓު ތަފާތެއް ނުކުރާނެއެވެ. އެޕްލިކޭޝަން ހުށައެޅިގެންދާނީ އެއް ސްޕީޑެއްގައެވެ.

މިކަން މިގޮތަށް އޮތް އިރު، އެއްކަލަ ކެއްސާ ކިނބިހި އަޅާ މީހާ އަދި މޭމަތީ ރިއްސާ މީހާ، ހޮސްޕިޓަލް ކިއުއެއްގައި ޖެހި، އެތަނުގައި މަސައްކަތްކުރަމުންދާ އިންސާނަކަށް ހާލަތު ބަޔާން ކުރުމުން ކަން ވެގެންދާނީ ވަރަށް ތަފާތުކޮށެވެ. ކިއުގެ ތެރޭގައި ހުއްޓާ ފާހަގަކުރެވުނަސް، އެއްކަލަ މޭގައި ރިއްސާ މީހާ، ވަގުތުން ވަގުތަށް އެމަޖެންސީއަށް ފޮނުވާނެއެވެ. މިއީ އިންސާނީ ގަދަރާއި އޯގާތެރިކަމާއި ޒަމާނީ ވަސީލަތްތަކާއި ދެމެދު ހުރި ފަރަގެވެ. އިންސާނީ ވަސީލަތެއްގެ ފަރާތުން ހަމްދަރުދީގެ ޒައްރެއްވެސް ނުލިބޭނެކަމަކީ ހަގީގަތެވެ.

އިތުރު ކަންކަންވެސް ހުރެއެވެ. ހޮސްޕިޓަލެއްގައި އެޑުމިޓު ކުރެވޭ މީހާ އެނދުމަތީ އޮވެ، ނަރުހަކަށް ނުވަތަ ހިދުމަތްތެރިއެއްގެ ސަމާލުކަން ހޯދުމަށް ބޭނުންކުރާނެ ވަސީލަތެއް ކޮންމެ އެނދެއް ކައިރީ ހަރު ކުރެވިފައިވާނެއެވެ. އޮޕަރޭޝަނެއް ކުރުމަށްފަހު، ސްޓޭބަލް ވެފައިވާ ޕޭޝަންޓެއް ހާލު ދެރަވަމުން ދިއުމުގެ ސަބަބުން އެއްކަލަ ވަސީލަތް މެދުވެރިކޮށް ނަރުހެއްގެ ސަމާލުކަން ހޯދުމަށް މަސައްކަތްތައް ކުރުމުން، އަވަސްވެ ގަންނަ މިންވަރާއި، އެއްކަލަ ބަލި މީހާ ގާތުގައި ހުރި ހިދުމަތްތެރިޔަކު ގޮސް ނަރުހެއް ކުރިމައްޗަށް އަރާ ގޮވުމާއިވެސް ހާސްބައި ތަފާތެވެ.

އެއްކަލަ ވަސީލަތް ބޭނުންކޮށްގެން ސަމާލުކަން ހޯދުމަށް މަސައްކަތް ކުރަނީ ކޮން ސަބަބަކާއި ގުޅިގެންކަން ނޭގޭނެއެވެ. ވަސީލަތެއް މެދުވެރިކޮށް، ބަލި މީހާ ކުރަމުންދާ އިހުސާސްތަކެއް ނުވަތަ ތަދުތަކެއް ބަޔާންކޮއްދެވޭޭނީ ވަކި މިންވަރަކަށެވެ.

އެހެންކަމުން އެންމެ ފަހުން ރަނގަޅު ހާލަތުގައި އޮއްވާ ފެނުނު ޕޭޝަންޓެއް ގޮވުމުން އާހިރުގައި ސަމާލުކަން ދޭން ލަސްތަކެއް ވާ މަންޒަރު ފެނިގެންދާއިރު، އެނާގެ ގާތުގައި ހުރި މީހަކު ގޮސް ނަރުހެއްގެ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރާއިރު، މޫނުމަތިން އެ ފެނިގެންދާ ކުލަވަރުތަކުން، ހާޒިރުވާން ހުރި ނަރުހަށްވެސް އަވަސްވެގަންނަންވީ މިންވަރު ސާފުކޮށް ފެނިގެންދާނެއެވެ. އަދި ލިބިގެންދާ ހިދުމަތުގެ ދުވެލިވެސް އަވަސްވެދެއެވެ.

މިހާރު ރާއްޖޭގެ ވެރިރަށް މާލޭ އަދި ހުޅުމާލެ ގުޅުވާލުމަށް ބިނާ ކުރެވިފައިވާ ބުރިޖު މަތީގައި ހަރުކުރެވިފައިވާ ސްޕީޑް ޑިޓެކްޝަން ކެމެރާތަކަކީވެސް ދެވަނަ ވިސްނުމެއް ގެންގުޅުން މުހިންމު ހަމަ މިފަދަ އެއް ވަސީލަތެއެވެ. ކަނޑައެޅިފައިވާ ލިމިޓަށްވުރެ އިންޗިއެއް މައްޗަށް ޖެހިލިޔަސް ޖޫރިމާނާ ކުރާނެއެވެ. މިއީ ހަރުކުރުން ވަރަށްވެސް ރަނގަޅު ވަސީލަތެކެވެ. އެއްވެސް ހާލަތެއްގައި މުއްސަންޖަކާއި ލައިގެންކާނެ މިންވަރު ނެތް މީހަކާއި ދެމެދު ތަފާތު ނުކުރެއެވެ.

އެހެންނަމަވެސް، މިކަމުގެ ސަބަބުން އެތައް ދަތިތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. މިއީ އިންސާނަކު ހުރެގެން ބަލަހައްޓަންޖެހޭ މަސައްކަތެއް ކަން ކަށަވަރެއެވެ. އާއިލާ މީހަކު ނުވަތަ ގާތް ތިމާގެ މީހަކު ހާލު ބޮޑުވެގެން ނުވަތަ ދިމާވާ މުހިންމު ކަމެއްގެ ސަބަބުން، ހުސް މަގެއްގައި ލިމިޓަށްވުރެ އިންޗިއެއް މަތިން ދުއްވާފައިދާ މީހާ، އެނާ ވާސިލުވާންޖެހޭ ތަނަށް ވާސިލުވެ ނިމޭ އިރު، ބޮޑު އަދަދަކުން ޖޫރިމަނާވެގެން ދިއުމަކީ އިންސާފު ކަމަށް ގަބޫލު ކުރަން އަދި ބަލައިގަންނަންވެސް ދައްޗެވެ. އެއްގޮތަކަށް ގަވާއިދާއި ގާނޫނު މުގުރާލަން ހިތްވަރު ދެނީއެއް ނޫނެވެ. ނަމަވެސް ހާލަތަށް ބަލައި ލުއިތަކެއް ލިބިންވާނެ ކަމަށް ގަބޫލު ކުރެވެނީއެވެ.

އާހިރުގައި އެނާގެ ފަރާތުން އެއްވެސް މީހަކަށް އަދި ތަނަކަށްވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާއިރު، އަދި މަޖުބޫރީ ހާލަތެއްގައި ހުރި މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ބޭކާރުވެ ގެއްލުންތަކެއް ލިބިގެންދިއުމަކީ އިންސާފުކަމާއިމެދު ސުވާލު އުފެދެއެވެ.

މަގުމަތީ ސްޕީޑް ގަން އަޅައިގެން ހުރި ފުލުހަކު މިކަން ބެލެހެއްޓުމުން ވަރަށްވެސް ތަފާތެވެ. މި ދެންނެވި ފަދަ ހާލަތެއް މެދުވެރިވެގެން އަވަސް ފިޔަވަޅެއްގައި ތަނަކަށް ވާސިލު ވުމަށް މަސައްކަތް ކުރަމުންދާ މީހަކާއި ރަނގަޅު ނުވަތަ ހުންނަން ޖެހޭ ސިފަތައް ހުރި ފުލުހަކާއި ދިމާވުމުން ކަންވެގެންދާ ގޮތް ތަފާތެވެ.

އެމީހަކު ވާސިލުވާންޖެހޭ ތަނަކަށް ވަސީލުވުމުގައި އެހީވެދީފައި ހުންނާނެއެވެ. އެފަދަ ހާލަތެއްގައި ޖޫރިމަނާ ކުރުމަކީވެސް އިންސާފެއް ނޫންކަމަށް ދެކި، މާފުކޮށްލާ ތަންވެސް ފެނިފައިވެއެވެ.

އާހިރުގައި ޖޫރިމަނާ ކުރަން ހުރީ އިންސާނެއް ކަމަށްވުމުން، އެނާއަށްވެސް އެފަދަ ހާލަތެއް ކުރިމަތިވެދާނެކަން ގަބޫލު ކުރާނެއެވެ. އަދި އެފަދަ ދުވަހެއް އައިސްފި ހާލަތެއްގައި ޖޫރިމަނާތަކެއް ވުމަކީ އެކަށީގެންވާ ކަމެއް ނޫންކަން އަދި އިންސާފެއްވެސް ނޫކަން ގަބޫލު ކުރާ ކަމަށްވުމުންނެވެ.

މީގެ އިތުރުން ޒަމާނީ ވަސީލަތްތައް އިތުރު ކުރުމުގައި ދިމާވާ އެހެނިހެން މައްސަލަތައްވެސް ހުރެއެވެ. ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ޒަމާނީ ވަސީލަތްތައް ތައާރަފް ކުރުމުން، އިންސާނީ ވަސީލަތްތަކުގެ ބޭނުން ކެނޑި، އެތައް ބައެއްގެ ވަޒީފާތައް ގެއްލިގޮސްފައިވާ މަންޒަރު ފެނިފައިވެއެވެ. އެހެން ނަމަވެސް ދިމާވި މައްސަލަތައް ގިނަ ވުމުގެ ސަބަބުން، އަނބުރާ ރުޖޫއަ ވާ މަންޒަރުވެސް ފެނިގޮސްފައިވެއެވެ.

ބުނެލަން އޮތް ވާހަކައަކީ، ޒަމާނީ ވަސީލަތްތަކަކީ އިންސާނީ ވަސީލަތްތަކުގެ ބަދަލުގައި ތައާރަފް ކުރެވޭ ތަކެއްޗަށް ވެގެން ނުވާނެކަމަށެވެ. އިންސާނީ ކުލުނާއި ލޮތްބާއި ގަދަރާއި އިހުތިރާމާއި ހަމްދަރުދީ ޓެކްނޮލޮޖީއަކުން ނުލިބޭނެއެވެ. އެހެންކަމުން ޒަމާނީ ފެންވަރުގެ ވަސީލަތްތައް ތައާރަފް ކުރާ އިރު، އިންސާނީ ވަސީލަތްތައްވެސް އެ ފެންވަރަށް ތަރައްގީ ކުރުމަކީ މުހިންމު ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: