އެފްރިކާ، ކެރިބިއަން އަދި ޕެސިފިކް ގައުމުގެތަކުގެ ހެޑްސް އޮފް ސްޓޭޓް އެންޑް ގަވަރމެންޓުގެ ސަމިޓު(އޯއޭސީޕީއެސް) ގައި ރައީސްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުގެ ބަދަލުގައި ބައިވެރިވެވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުން، އެންގޯލާގެ ވެރިރަށް ލުއަންޑާގައި ކުރިއަށް ގެންދާ އޯއޭސީޕީއެސް ގެ ސަމިޓުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ ރާއްޖެ ތަމްސީލު ކުރެއްވުމުގެ ގޮތުން ރައީސް ސާލިހުގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުންނެވެ.
މި އަހަރުގެ ސަމިޓު ކުރިއަށް ގެންދަނީ “ ތްރީ ކޮންޓިނެޓު ތްރީ އޯޝަންސް ވަން ކޮމޮން ޑެސްޓިނީ: ޓުވާރޑް އަ މޯ ސަސްޓެއިނެބަލް އެންޑް ރެޒިލިއެންޓު އޯއޭސީޕީއެސް“ ގެ ނަމުގައެވެ. މިނިސްޓަރު ޝާހިދު އާއި އެކު، ރާއްޖޭގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވާ ސަރުކާރުގެ އިސް ފަރާތްތައްވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ބައްދަލުވުމުގައި ބައިވެރިވުމަށް އެންގޯލާއަށް ފުރާވަޑައިގެންފައެވެ.
2022 ވަނަ އަހަރުގެ ޖޫން މަހުގައި ރާއްޖެއަށް އޯއޭސީޕީއެސްގެ އޮބްޒާވަރ ސްޓެޓަސް ލިބިފައިވާއިރު، ރައީސް އޮފީހުން ބުނެފައިވާގޮތުން، މި ބައްދަލުވުމުގައި ރާއްޖެއަކީ އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރެއްކަމަށް ވެގެންދާނެކަމަށް ބެލެވެއެވެ.

