ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައި ހުންނަ އެކައުންޓް ތަކުން ފައިސާ ގެއްލޭ ވާހަކަ އަކީ މިއަދު އެންމެ ގަދައަށް ދެކެވެމުންދާ އެއް ވާހަކައެވެ.
ދާދި ފަހުން ދިމާވި ހާދިސާއެކެވެ. އާއްމުންގެ މީހަކު ބީއެމްއެލްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަކަށް 4000 ޑޮލަރު ޖަމާ ކުރީ އެ ދުވަހު ހެނދުނު މުވައްޒިފުންނަށް މުސާރަ ދިނުމަށެވެ. އަދި އެ ފައިސާ ނެގުމަށް ހަވީރު އޭޓީއެމަށް ދިއުމުން ލިބިގެން ދިޔައީ ކުއްލި ހައިރާންކަމެކެވެ.
އޭނާގެ އެކައުންޓް ބެލެންސްގައި އެންމެ ފައިސާ އެއް ވެސް ނެތެވެ. ފައިސާ ހުސްވާން ދިމާވި ސަބަބު ދެނެގަތުމަށް ކުރެވުނު މަސައްކަތުން އެނގުނު ގޮތުގައި އެ 4000 ޑޮލަރު ވަނީ ތަފާތު ހަތަރު އެކައުންޓަކަށް ޖަމާކޮށްފައެވެ.
ގެއްލުނު ފައިސާ ހޯދުމަށް ބީއެމްއެލްއަށް ގުޅާލުމުން ބުނީ ޕޮލިހަށް މައްސަލަ ހުށަހެޅުމަށެވެ. މައްސަލަ ފުލުހަށް ހުށަހެޅި ނަމަވެސް ގެއްލުނު ފައިސާ ލިބޭނެ ގޮތެއް ނުވިއެވެ. ފައިސާ ނުލިބުނު ތަނުގައި ފައިސާ ވީ ތަނެއްވެސް ބޭންކަކަށް ބުނެއެއް ނުދެވުނެވެ.
ރައްޔިތުން ބުރަ މަސައްކަތް ކޮށްގެން ހޯދާ ފައިސާކޮޅު ބޭންކުގެ އިހުމާލުން ގެއްލުމަކީ ހިތްދަތި ކަމެއް ކަމަށް ބީއެމްއެލްގެ ކަސްޓަމަރުން އަދި އާއްމު ރައްޔިތުންގެ ތެރެއިން ގިނަ މީހުން ބުނެއެވެ.
ބީއެމްއެލްގެ މިފަދަ ވާހަކަތައް ގެނެސްދޭ ކޮންމެ ފަހަރު އިންޒާރުތައް ދީ ހަބަރު އިސްލާހު ކުރުމަށް ބުނެއެވެ. މިފަދަ ވާހަކަ ތަކަކީ ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ބީއެމްއެލް އަށް ހީވުމަކީ ދެރަ ކަމެކެވެ. ބީއެމްއެލްގެ އުސޫލުތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް އެ ބޭންކުން ބުނި ނަމަވެސް މިއަދާ ހަމައަށް އެކަށީގެންވާ ފިޔަވަޅެއް މައްސަލަތައް ހައްލު ކުރުމަށް ބޭންކަށް އެޅިފައެއް ނުވެއެވެ.
ކޮންމެ މަހެއް ފެށޭތަނުން ބީއެމްއެލްގެ މޯބައިލް އެޕް ކްރޭޝް ވެ ފައިސާ ޓްރާންސްފަރ ނުކުރެވޭ މައްސަލަ ތަހައްމަލު ކުރަންޖެހެނީ އެކެއް ދެމީހަކަށް ނޫނެވެ. ނުވިތާކަށް ފިހާރަ ތަކާއި ކެފޭ ތަކުގައި ބަހައްޓާފައި ހުންނަ ކާޑް މެޝިން ތަކުން ފައިސާ ނުކެނޑޭ މައްސަލަ އާއި ބީއެމްއެލް އެޕް އިން ޓްރާންސްފަރ ނުކުރެވޭ މައްސަލަ ދިމާވެގެން އެވާހަކަ ދައްކާ މީހުން އުޅެއެވެ.
ބީއެމްއެލް އެކައުންޓަށް ފައިސާ ޖަމާވާކަން ވަގުންނަށް އެނގޭ ސަބަބާއި އެފައިސާ އެހެން އެކައުންޓްތަކަށް ކަސްޓަމަރުންނަށް ނޭނގި ޓްރާންސްފަރ ކުރަނީ ހަމަ އިއްތިފާގަކުން ބާއޭ ހިތަށް އަރައެވެ.
ގައުމީ ބޭންކް އަދި ދިވެހިންގެ އެންމެ ދުވަސްވީ ބޭންކުން ހިޔާނާތްތެރި ވާ ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުން ގެންދަނީ އެކަމުގައި ކޮންމެވެސް ހަގީގަތެއްް އެކުލެވޭތީ އެވެ.
ސްކޭމްގެ ތަފާތު ވާހަކަތަކުގެ އަޑުތައް ދަނީ ދުވަހެއް ދުވަހަކަށް ފެތުރޭ މިންވަރު އިތުރުވަމުންނެވެ. އެގޮތުން ދާދި ފަހުން ވެސް އޮޅުވާލައިގެން ފައިސާ ތަކެއް އެކައުންޓް ތަކަށް ޖަމާކުރި ކަމުގެ ތުހުމަތު ކުރެވޭ މީހެއްގެ ވީޑިއޯ އާއްމުކޮށް ފުލުހުން ވަނީ އެމީހާ ދެނެގަތުމަށް އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ.
ބީޢެމްއެލް މެދުވެރިކޮށް ދިމާވާ ތަފާތު އެކި އެކި ހާދިސާތައް އާއްމުން ހިއްސާ ކުރި ނަމަވެސް އެކަމުގައި އެދެވޭ ހައްލެއް ނުލިބި މަސްތަކެއް ވޭތުވެގެންދާތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތެވެ. އެގޮތުން އޭޓީއެމް ތައް މައްސަލަޖެހުމާއި އޭޓީއެމް ތަކުން ފައިސާ ހުސްވުމަކީ އާއްމު ކޮށް ދިމާވާ މައްސަލައެކެވެ.
ޑޮލަރު ނެގުމުގައި ވެސް ވަކި ލިމިޓެއް ކަނޑައެޅުމުގެ ސަބަބުން އެކަމުގެ ދައްޗާއި ތުރާ ތަހައްމަލު ކުރަން ޖެހޭ މީހުން މަދެއް ނޫނެވެ. އާއްމު ފަރުދެއްގެ އެކައުންޓްގައި ގިނަ އަދަދަކަށް ޑޮލަރު ހުރި ނަމަވެސް ދުވާލަކަށް ނެގޭ ޑޮލަރުގެ އަދަދު ވަކި ވަރެއްގައި ލިމިޓްކޮށްފައި ހުރުމުގެ ސަބަބުން ވިޔަފާރީގެ މުއާމަލާތްތަކާއި އެހެނިހެން މުހިއްމު ބައެއް ކަންކަން ކުރުމަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އެހިދުމަތް ބޭނުންކުރާ ރައްޔިތުން ބުނެއެވެ.
ބީއެމްއެލް އަކީ ދިވެހި ރާއްޖޭގައި ފުޅާ ދާއިރާ އެއްގައި ބޭންކިންގ ގެ ހިދުމަތް ދޭ ކުންފުންޏަކަށް ވުމުގެ އިތުރުން ދިވެހިންގެ އެންމެ ޒަމާންވީ ބޭންކަށް ވުމާއެކު އެ ބޭންކަށް ދިވެހިން އިތުބާރު ކުރެއެވެ. ނަމަވެސް ބޭންކްގެ އިހުމާލުން ދިމާވާ ހިތާމަވެރި އެތަކެއް ހާދިސާ އެއްގެ ސަބަބުން އިތުބާރު ގެއްލުމަށް ދިމާވަނީ މަދު ފަހަރަކު ނޫނެވެ.
ބީއެމްއެލް އިން ބުނާ ގޮތުގައި އެކައުންޓުން ފައިސާ ޓްރާންސްފަރ ކުރެވޭނީ އޯޓީޕީ ބޭނުން ކޮށްގެންނެވެ. އޯޓީޕީ ލިބޭނީ ފޯން ނަމްބަރު ނުވަތަ އީމެއިލް އެޑްރެސް މެދުވެރިކޮށެވެ. ނަމަވެސް އީމެއިލް އެޑްރެސް އެއް ނެތް މީހެއްގެ އެކައުންޓް ގައިވާ ފައިސާ ގެއްލެނީ ކީއްވެގެން ކަމާ މެދު އާއްމު ރައްޔިތުން ސުވާލު އުފައްދައެވެ.
ބީއެމްއެލްގެ ސްކޭމް މައްސަލަތައް ފުލުހަށް ހުށަހެޅުނު ނަމަވެސް އެ މައްސަލަތައް ބެލުމަށް އެތައް ދުވަހެއް ހޭދަވެއެވެ. ނަތީޖާއެއްގެ ގޮތުން ފައިސާ ގެއްލޭ ފަރާތަށް މާލީ ގޮތުން އެތަކެއް ބޮޑެތި ގެއްލުން ތަކެއް ލިބެއެެވެ.
އޮޅުވާލައިގެން ކުރާ ފޯން ކޯލްތަކުގައި ގިނަ ފަރާތުން ގުޅަނީ ބީއެމްއެލްގެ ނަމުގައި ކަމަށް ބުނެއެވެ. އަދި ކޮންމެވެސް ޕްރޮމޯޝަނަކުން ހޮވުނު ކަމަށް ބުނެއެވެ. އަނެއްބައި ފަހަރު އެއް އެކައުންޓް ނަމްބަރާއި އަނެއް އެކައުންޓް ނަމްބަރުގެ ކޮންމެވެސް ނަމްބަރެއް އެއްގޮތް ވެގެން ނުވަތަ ފަހަތު ދެ އަކުރެއް އެއްގޮތް ވެގެން ކަމަށް ބުނެ ފައިސާ ހޯދާފައި އެބަހުއްޓެވެ.
ބީއެމްއެލް އިން ލިންކް ތަކަށް ނުފިތުމަށް ބުނެ އެކި އެކި ހޭލުންތެރިކަމުގެ ޕްރޮގްރާމް ތައް ހިންގައެވެ. ނަމަވެސް އެކަމުން ކުރާ މާބޮޑު އެދެވޭ ފައިދާ އެއް ނޯވެއެވެ.
ލިންކްތައް ފޮނުވާ ފަރާތް ތަކަށް އެކައުންޓްގެ ވެރިފަރާތުގެ މައުލޫމާތާއި ފޯން ނަމްބަރާއި އައިޑީ ކާޑް ނަމްބަރުގެ އިތުރުން ބޭންކަށް ދީފައިވާ ޕާސް ފްރޭޒް ވެސް ގިނަ ފަހަރު އެނގެއެވެ. ލިންކް މެދުވެރިކޮށް ހެކްކުރާ ފަރާތްތައް ހަމަ އެހާ ކުޅަދާނަ ވެދާނެ ކަމަކީ ސުވާލު އުފެދޭ ކަމެކެވެ.
ބީއެމްއެލް ގެ ފަރާތުން މި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ. އެހެން ނޫން ނަމަ އެކަމުގެ ސަބަބުން ދިވެހި ގައުމާ ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އަގު ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުން ތަކެއް ދިމާވުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.


4 Responses
ތިތަނަށް ރުފިޔާ ޖަމާކުރަން ހެޔޮނުވާނެ. ޢިސްލާމީ ބެންކްގަވެސް ރުފިޔާ ހުރޭ ޖަމާ ކޮށްފަ.ގެއްލިގެން ބަޔަކު ނޫޅޭ.
ބީ އެމް އެލް ބަންދުކުރަން ފެނޭ
ޟިދިޔަ ހަފްތާގައި އަހަރެންގެ އެކައުންޓުންވެސް 1500 އެއް ހާ ރުފިޔާ ވީ ނުވީއެއް ނޭންގި ގެލުވާލި. ޢަދި އަދަދށް ވެސް ބޭންކުން ވީ ނުވީއެއް ނާންގާ.. ހަމަ ކާލީ
ބީއެމްއެލް ގެ ޚިދުމަތް ހޯދަމުން ދާ ހުރިހާ ފަރާތްތަކުން ރާއްޖޭގައި ހިންގާ އެހެން ބޭންކަކަށް ބަދަލުކުރަން ގޮވާލަން. އަޅުގަނޑުވެސް ވަނީ ބަދަލުކޮށްފަ.