ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކުވެރި ސާލިޙް އެކުވެރި ނަޝީދަށް ސިޓީއެއް ލިޔާނެނަމަ އެސިޓީގައި އޮންނާނީ…

ރައީސުލްޖުމްހުރިއްޠާ އިބްރާހިމް މުހައްމަދު ސާލިހު.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންގެ ތެރެެއިން ދެ ބޭފުޅަކު މީގެކުރިން ސިފަ ކުރެވުނީ ހިންދީ ފިލްމް ”ޝޯލޭ“ ގެ އަމީތާބް ބަންޗަންއާއި ދަރުމެންދުރަގެ ގޮތުގައެވެ. އެހެނަސް މަންޒަރު މުޅިން މިވަނީ ބަދަލުވެފައެވެ. ޝޯލޭގައި އަމީތާބް އާއި ދަރޭ އުޅުނު ގޮތަށް އުޅުނު ކަމަށް ބުނާ މި ދެ އެކުވެރިން ކަމަށްވާ އަދުގެ ރައީސް އިބޫ ސާލިޙްއާއި މަޖިލީހުގެ ރައީސް ރައީސް ނަޝީދު (އަންނި) މިއަދު މިވަނީ ހަތުރުންނަށް ބަދަލުވެފައެވެ. އަހަރެންގެ ހިތަށް އަރަނީ މި ދެއެކުވެރިންގެ ތެރެއިން ރައީސް ސާލިހް، ރައީސް ނަޝީދަށް  ހިތުގެ އުދާސްތައް ބަންޑުން ކޮށްލާނަމަ ކޮށްލާނީ މިފަދަ ގޮތަކަށެވެ.

މިއަދު މަޖިލީހުގެ ރައީސްގެ މަގާމް ފުރަމުން ގެންދާ އަހަރެންގެ ކުޑައިރުގެ އެކުވެރިޔާ މުހައްމަދު ނަޝީދު (އަންނި) އަށް ހެޔޮ ދުޢާ އާ ސަލާމަށް ފަހު ބުނަމެވެ. އަހަރެން މިއަދު ކުޑައިރުގެ އެކުވެރިޔާ އަށް މިލިޔަން ޖެހުނު ސިޓީއަކީ ދުވަކުވެސް އަހަރެން ލިޔަން ޖެހިދާނެ ކަމަށް ހިތައްވެސް އެރިފަދަ ސިޓީއެއް ނޫނެވެ. އެހެނަސް ހާލަތު ނިޔާކުރި ގޮތުން އަހަރެންނަށް މި ސިޓީ ލިޔަން މިއަދު މިވަނީ މަޖުބޫރުވެފައެވެ.

އެކުވެރިޔާއެވެ. އަހަރެން އެއްގޮތަކަށް ވެސް މި ސިޓީ މިލިޔަނީ ކުޑައިރު އެކު އުޅުނު ގޮތުގެ ވާހަކަ ދައްކާކަށް ނޫނެވެ. ސަބަބަކީ ކުޑައިރު އެކު އުޅުނު ގޮތުގެ ވާހަކަ މިއަދު ދެއްކިޔަސް ކުރާނެ ހަމަ އެއްވެސް ފައިދާއެއް ނެތެވެ. އެހެންވެ އެކުވެރިޔާ އާއިއެކު ކުޑައިރު އުޅުނު ގޮތުގެ ވާހަކައާއި ހޭދަކުރި އުފާވެރި ދުވަސްތަކުގެ ވާހަކަ ދެއްކުމަށް ވުރެ މިއަދު އެންމެ ރަނގަޅު ގޮތް ކަމަށް އަހަރެންނަށް ފެނުނީ އެ ވާހަކަ ނުދައްކާ ދޫކޮށްލުމެވެ. ސަބަބަކީ މިއަދު އެކުވެރިޔާގެ ބަސްމަގާއި އަމަލުތައް ހުރި ގޮތުން އެކުއުޅުނު ގޮތުގެ ވާހަކަ ދައްކަން އުނދަގޫ ވުމެވެ.

އެކުވެރިޔާއެވެ. ފަހަރުގައި އަހަރެންނަކީ އެކުވެރިޔާހާ މޮޅަށް ކިޔަވައިގެން ހުރި މީހަކަށް ނުވެދާނެއެވެ. އެހެނަސް އަހަރެންނަކީ އެކުވެރިޔާއަށް ވުރެ ކުރިން އަހަރެންގެ ގައުމުގެ ސިޔާސީ ކަންކަމުގެ ތެރެއަށް ނިކުތް މީހަކީމެވެ. އެއީ އެކުވެރިޔާ އަށްވެސް ދެކޮޅު ހެދޭނެ ކަމެއް ނޫނެވެ. ހަމަ އެގޮތަށް ދިރިއުޅުމުގެ މި ހަޔާތުގައި އެކުވެރިޔާއަށް ވުރެ އަހަރެން ތަޖުރިބާ ހުންނާނެ ކަމީ ވެސް އެކުވެރިޔާއަށް ގަބޫލު ނުކުރެވުނަސް ހަމަ ހަގީގަތެވެ.

އެކުވެރިޔާ މިއަދު ތިޔަ ރައީސްކަން ކުރާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކަމަށް އެންމެ ފުރަތަމަ ކުރިމަތިލާ އިންތިހާބުވިއިރުވެސް އަހަރެންނަކީ ތިޔަ ތަނުގެ މެމްބަރެކެވެ. އަދި އެކުވެރިޔާ ގައުމުގެ ސިޔާސީ މަސައްކަތަށް ނިކުންނަން ބޭނުންވެ އެކަމުގެ ވާހަކަ ދެއްކި ފުރަތަމަ ދުވަހަކީ ވެސް އަހަރެންނަށް ވަރަށް ބޮޑު އުފަލެއް ލިބިގެން ދިޔަ ދުވަހެކެވެ. ވަކިން ހާއްސަކޮށް ވެރިރަށް މާލޭގެ މެމްބަރު ކަމަށް ކުރިމަތިލާން ނިންމި ނިންމުމަކީ ބުނެދޭން ނޭނގޭފަދަ އުފާވެރި ކަމެއް އަހަރެންނަށް ލިބިގެންދިޔަ ކަމެކެވެ. އެހެންވެ އަހަރެން އެކުވެރިޔާ ގޮނޑީގައި ބެއިންދުމަށް އަހަރެންނަށް ކޮށްދެވެން އޭރު އޮތް ހުރިހައި މަސައްކަތެއްވެސް ކޮށްދިންކަން އެއީ އެކުވެރިޔާއަށް ވެސް އެނގޭނެ ކަމެކެވެ. ފަހަރުގައި މިއަދު އެކަން ގަބޫލު ކުރަން އެކުވެރިޔާ ބޭނުން ނުވެދާނެއެވެ. އެއީ މުޅިން އެހެން ކަމެކެވެ. އެކަމަށް އަހަރެން ކުރާނެ ހަމަ އެއްވެސް ކަމެއް ނެތެވެ.

އެކުވެރިޔާއެވެ. ހުދުމުހުތާރު ވެރިކަމެއްގައި ދިވެހި އެތައް ރައްޔިތުންނަށް އަނިޔާތައް ލިބުނު ފަދައިން އެކުވެރިޔާއަށް ވެސް އެތައް އަނިޔާއެއް ލިބުނުކަން އަހަރެން ގަބޫލު ކުރަމެވެ. އެކުވެރިޔާގެ ބޮލުގައި ހަގީގަތެއް ނެތް އަސްލެއް ނެތް ބޮޑެތި ތުހުމަތުތައް އެޅުވިއެވެ. ޖަލަށް ވެސް ލިއެވެ. އެކުވެރިޔާއަށް ކުރިމަތިލާން ޖެހުނު އެ ހިތްދަތި ހާލަތުގައި އެހަރެން ހުރީ އެކުވެރިޔާ އާއި އެކުގައެވެ. ދުވަހަކުވެސް އެކުވެރިޔާ އަށް ދެރައެއް ނޭދެމެވެ. ނުވެސް އެދޭނަމެވެ. އެ އަނިޔާތަކުން އެކުވެރިޔާ ސަލާމަތް ކޮށްދިނުމަށް އަހަރެންނަށް އޭރު ކުރެވެން ހުރި ހުރިހައި މަސައްކަތްތަކެއް ކޮށްދިނީމެވެ. އެ ވާހަކަތައް އެކުވެރިޔާ ވެސް މީގެކުރިން އެތައް ފަހަރަކު އެތައް ތަނެއްގައި ވަނީ ދައްކާފައެވެ. މިއަދު އެ ހަނދާން ނެތުން އެއީ މައްސަލައެއް ނޫނެވެ.

އެކުވެރިޔާއެވެ. އަހަރެން އިއްޔެ ވެސް މިއަދުވެސް އަދި މާދަމާވެސް ގަބޫލު ކުރާނެ އެއް ހަގީގަތަކީ އެކުވެރިޔާގެ ހިތްވަރު ގަދަ ކަމާއި ބިރު ކުޑަކަމެވެ. އެއީ އަހަރެން ވަރަށް އުފާވާ އަދި ފަހަރުވެރިވާ ކަމެއްވެސް މެއެވެ. އެހެންވެ ރާއްޖެ އިސްލާހުގެ މަގަށް ގެންދިއުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއަށް އެކުވެރިޔާ ނިކުންނަން ނިންމުން އެއީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް ވެގެން ދިޔައެވެ. އެހެންވެ އިސްލާހަށް މަސައްކަތް ކުރުމަށް އެތައް ބައެއްގެ ގުރުބާނީ އާއިއެކު ހެދި ޕާޓީގެ މުގުލަށް އެކުވެރިޔާ ގެންނަން އަހަރެން ވެސް ބުރަ މަސައްކަތްތަކެއް ކުރީމެވެ. އެކަމުގައި ދުހަކުވެސް އެކުވެރިޔާއަށް މަކަރެއް ހަދާފައެއް ނުވާނެއެވެ. ބަދު ބަހެއް ބުނެފައެއް ނުވާނެއެވެ. އަބަދުވެސް އެކުވެރިޔާގެ ފަހަތުގައި ހުރީމެވެ. އެކަން އެކުވެރިޔާ ގަބޫލު ކުރާނެ ކަމަށް ހީކޮށް އެ ވާހަކަ ނުދައްކާ ދޫކޮށްލާނަމެވެ.

އެކުވެރިޔާއެވެ. ހުދުމުހުތާރު ވެރިކަމެއް ނިމުމަކަށް ގެންނަން ކުރި މަސައްކަތުގެ ތެރެއިން އެކުވެރިޔާ ބޭނުންވީ ގައުމުގެ ވެރިކަމަށް އަންނާށެވެ. ފުރަތަމަ އެކުވެރިޔާ ބުނީ ވެރިކަމަށް އައުމަކީ އެކުވެރިޔާ ބޭނުންވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ފަހުން ހިޔާލް ބަދަލުކޮށް ވެރިކަމަށް އަންނަން ބޭނުންވީމާ އަހަރެން ފުރިހަމައަށް އެކުވެރިޔާއަށް އެއްބާރުލުންދީ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރީމެވެ. އެތައްބައެއްގެ ބުރަ މަސައްކަތުން އެކުވެރިޔާ ވެރިކަމުގެ ތަޙުތުގައި ބޭންދީ ވަރަށް ވެސް ފޮނި އުންމީދެއްގައެވެ. އެހެނަސް ކަން ވެގެން ދިޔައީ އަހަރެން އަދި އެކުގައި ތިބި އެއްވެސް ބަޔަކު އުންމީދު ކުރި ގޮތަކަށް ނޫނެވެ.

އެކުވެރިޔާ ވެރިކަމުގެ ގޮނޑީގައި ވެޑުވިތާ މާ ގިނަ ދުވަހެއް ނުވެ އެކުވެރިޔާއާ ބައިއަތު ހިފި މީހުން ދުރަށް ޖެއްސިއެވެ. އަހަރެން އޭރު އެކުވެރިޔާގެ އެ ނިންމުމަށް އިހްތިރާމް ކުރީމެވެ. ސަބަބަކީ ވެރިކަމުގައި ހުންނަ މީހަކު ނިންމުންތައް ނިންމާނީ ވަށައިގެންވާ އެތައް ކަމަކަމަށް ބެލުމަށް ފަހު ކަމަށް އަހަރެންނަށް ގަބޫލު ކުރެވޭތީއެވެ. އަހަރެން ދިން މަޝްވަރާ އެކުވެރިޔާ ގަބޫލު ނުކޮށް އެކަން ކުރި ނަމަވެސް އަހަރެން އެކުވެރިޔާއާ ދެކޮޅަށް ކުރި ކަމެއް ބުނި ބަހެއް ނޯންނާނެއެވެ.

އެކުވެރިޔާ ގައުމުގެ ވެރިމީހާގެ ހައިސިއްޔަތުން ނިންމި ކޮންމެ ނިންމުމަކަށް އަހަރެން އިހުތިރާމް ކުރީމެވެ. ދިން ލަފާ ގަބޫލު ނުކުރި ނަމަވެސް ދެކޮޅުވެރިއެއް ނުވަމެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އެކުވެރިޔާގެ އެންމެ ގާތުގައި ހުރީމެވެ.

އެހެނަސް އެކުވެރިޔާއަށް ވެރިކަމުގައި ހެދުނު ގޯސްތަކެއްގެ ސަބަބުން ވެރިކަމުން އިސްތިއުފާ ދޭން ނިންމިއިރު އަހަރެންނާ އެއްވެސް މަޝްވަރާއެއް ނުކޮށް އިސްތިއުފާ ދިން ދުވަހަކީ ވަރަށް ވެސް ހިތްދަތިވި ދުވަހެކެވެ. ހާއްސަކޮށް އަހަރެންނަށް ވުރެ މާ ދުރު ބަޔަކާ ކުރި މަޝްވަރާއެއް ކުރުމަށް ފަހު އިސްތިއުފާ ދިން ދިނުން މިއަދު ވެސް އަހަރެންނަށް ހަޖަމް ކުރަން އުނދަގުލެވެ. ސަބަބަކީ އޭރު އެކުވެރިޔާއަށް ދިމާވި އެ ދަތި އުނދަގޫ ހާލަތުގައި އަހަރެންދިން މަޝްވަރާ އެކުވެރިޔާ ގަބޫލު ނުކޮށް ނިންމި ނިންމުންތަކުގެ ސަބަބުން ގެއްލުން ލިބުނީ ހަމައެކަނި އެކުވެރިޔާއަކަށް ނޫނެވެ.

އެކުވެރިޔާގެ ދެކޮޅު ނުޖެހޭ ނިންމުންތަކުގެ ސަބަުން ޕާޓީ މަގުމަތިވީއެވެ. އިސްތިއުފާ ދިންއިރު އެކުވެރިޔާ ގޮނޑީގައި ބައިންދަން މަސައްކަތް ކުރި މީހުންގެ މަތިން ހަނދާނެއް ނެތެވެ. އިސްތިއުފާ ދިނުމުން އެކު ތިބި އެތައް ބަޔަކަށް ލިބޭނެ ގެއްލުމަކާއި މެދު ވިސްނި ކަމަށް މިއަދު ގަބޫލު ކުރަން ވަރަށް ވެސް ދައްޗެވެ. ސަބަބަކީ އިސްތިއުފާ ދިނުމަށް ފަހު މިއަދާއި ހަމައަށް ވެސް އެކުވެރިޔާ އެ ވާހަކަ އެކި ގޮތަށް ދައްކަމުންދާތީއެވެ. އެއްފަހަރު ބޮލުގައި ބަޑިޖެއްސި ކަމަށް ބުނާނެއެވެ. އަނެއް ފަހަރު އެއީ މަޒާޖީ ގޮތުން ބުނި އެއްޗެކޭ ބުނާނެއެވެ.

ބަޣާވާތް ކުރި މީހުންގެ ވާހަކަ ދައްކަނީ ވެސް އެކިއިރު އެކި ގޮތަށެވެ. އެހެނަސް އަހަރެން އެކުވެރިޔާގެ އެ ހުރިހައި ވާހަކަތައް އަޑުއަހާ ގަބޫލު ކުރީމެވެ. ހަމަ އެކުވެރިޔާ ކަމަށް ވާތީއެވެ. އަދި އެކުވެރިޔާ އޭރު ނިންމި ކޮންމެ ނިންމުމަކީ ވެރިމީހާގެ ހައިސިއްޔަތުން ނިންމި ނިންމުންތައް ކަމަށް ވާތީ އަހަރެން ގަބޫލު ކުރީ އެކުވެރިޔާ ނިންމުންތައް ނިންމީ އަމިއްލަ މަސްލަހަތަށްވުރެ ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.

ކޮންމެއަކަސް އެކުވެރިޔާއަށް އެ ދިމާވި ހާލަތެއް ދިމާވެގެން އިސްތިއުފާ ދިނުމަށް ފަހު އަނެއްކާވެސް އެކުވެރިޔާ ބޭނުންވީ ހަމަ ވެރިކަމަށް އަންނާށެވެ. އަހަރެން އަނެއްކާވެސް އެކުވެރިޔާ ދެ ވަނަ ފަހަރަށް ވެރިކަމުގެ ގޮނޑިއަށް ވެޑުވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ވީ ނާކާމިޔާބެވެ. ވަރަށް ވެސް ދެރަވިއެވެ. އޭގެފަހުން ދެން ވެރިކަމަށް އައި މީހުން އެކުވެރިޔާއާ މެދު ކަން ކުރި ގޮތަކީ އަހަރެންނަށް ވެސް ފުން ހިތާމައެއް ލިބިގެން ދިޔަ ކަމެކެވެ.

އެކުވެރިޔާއެވެ. އެކުވެރިޔާ ގަބޫލުކުރިޔަސް އަދި ނުކުރިޔަސް އެކުވެރިޔާ އަބަދުވެސް ބޭނުންވީ ގައުމުގެ ވެރިކަމުގެ ގޮނޑިއެވެ. އަހަރެން ވެރިކަމަށް ގެންނަން ބޭނުންވާ ވާހަކަ އަހަރެންގެ އެކުވެރިޔަކު ތިޔަ އެކުވެރިޔާ ގާތު ބުނީމާ އެކުވެރިޔާ ބުނީ ”ހިންނަވަރު ކުދިންނަށް މި ރާއްޖޭގެ ވެރިކަން ނުކުރެވޭނެ“ ކަމަށެވެ. އެފަދަ ވާހަކެއް އެކުވެރިޔާ ބުނެފާނެ ކަމަށް ދުވަހަކު ވެސް އަހަރެން އުންމީދެއް ނުކުރަމެވެ. އެ ވާހަކަތަކުން އަހަރެންނަށް ވަރަށް އަސަރުކުރިއެވެ. އެހެނަސް އަހަރެންނަކީ މާ ވާހަކަ ގިނަ މީހަކަށް ނުވާތީ ހިތުގައި އެ ވާހަކަ ފޮރުވީމެވެ. އެހެންވީމާ މިފަހަރު ވެސް އެ ވާހަކަ ބާއްވާނަމެވެ.

ކޮންމެއަކަސް އެކުވެރިޔާއަށް ދިމާވެފައި ހުރި ހާލަތެއްގެ ސަބަބުން އަހަރެންނަށް ވެރިކަމަށް އަންނަން ފުރުސަތު ލިބުމުން އަހަރެން ހީކުރީ އެކުވެރިޔާ އަށް ދިމާވި ކޮންމެ އުފަލަކާއި ހިތާމައެއްގައި އަހަރެން އެކުވެރިޔާއާއި އެކު ވީފަދައިން އެކުވެރިޔާވެސް އަހަރެންނަށްޓަކައި އުފާކޮށް އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އެކުވެރިޔާ ގަބޫލު ކުރީ ޕާޓީގައި ވެރިކަމަށް އަންނަން ޝަރުޠު ހަމަވާ މީހެއް އެކުވެރިޔާ ނޫނީ ނެތް ކަމަށެވެ. އެ ވާހަކަ ބަޔަކު މީހުން އެއްކޮށްގެން އެކުވެރިޔާ ދެއްކިކަން އެއީ ސިއްރެއް ނޫނެވެ.

ކޮންމެއަކަސް އަހަރެންނަށް ރާއްޖޭގެ ވެރިކަން ލިބުމުން އެކުވެރިޔާއަށް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. އެކުވެރިޔާ ބޭނުންވީ އަނެއްކާވެސް އަހަރެން މެދުވެރިވެގެން ރާއްޖޭގެ ވެރިކަމަށް އަންނާށެވެ. އަހަރެން ވެސް އެކުވެރިޔާ ރާއްޖޭގެ ވެރިކަމަށް ގެންނަން އޭރު ބޭނުންވިއެވެ. އެކަން ކުރާނެ ކަމަށް ވަޢުދު ވެސް ވީމެވެ. އެހެނަސް ކަން ދިމާވީ އަހަރެން ވެސް އުންމީދު ކުރި ގޮތަކަށް ނޫނެވެ. އާލަމީ ބޮޑު ބަލިމަޑުކަމެއް ކުރިމަތިވީއެވެ. ގައުމުގެ އިގްތިސާދު އަޑިއަޅާލީއެވެ. ނަމަވެސް އެކުވެރިޔާ ހަމަ ބޭނުންވީ ވެރިކަމެވެ. ގައުމުގެ އިގްތިސާދު އޮތް ހާލަތެއް ނުފެނުނެވެ. އެކަން އެކުވެރިޔާއަށް ވިސްނައި ދެވޭތޯ އަހަރެން ވަރަށް މަސައްކަތް ކުރީމެވެ. އެ ވާހަކަ ވެސް ބާއްވާށެވެ. އަސްލު ވާހަކައަށް ދެން ޖެހިލާނަމެވެ.

ވެރިކަން ބޭނުންވެގެން މިއަދު އެކުވެރިޔާ ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަފާނެކަން އަހަރެންނަށް މިއަދު އެނގިއްޖެއެވެ. އަހަރެން ވެރިކަމުގެ ދެ ވަނަ ދައުރެއް ބޭނުންވާ ވާހަކަ ބުނީމާ އަހަރެން ބަދުނާމު ކުރަން މަސައްކަތް ކުރިއެވެ. އަހަރެންގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވިއެވެ. ނިކަން ވިސްނާލާށެވެ. ވެރިކަމުގެ އާރާއި ބާރު ބޭނުންވިޔަސް ތިމާގެ އެކުވެރިޔާގެ ބޮލުގައި އެވަރުގެ ބޮޑު ތުހުމަތެއް އަޅުވަން ހެޔޮވާނެ ހެއްޔެވެ. އެތައް ބަޔަކު އެއީ ހަގީގަތެއްތޯ ސާފް ކުރުމަށް އެކުވެރިޔާ ގާތު ސުވާލު ކުރުމުން އެ ވާހަކަ ވެސް އޮޅުވާލީއެވެ. އެވާހަކަވެސް ފޮޓޯ އަލްބަމަކަށް ހެދީއެވެ. އެކުވެރިޔާ ބުނީ ހަމަ ތެދެކެވެ. އެކުވެރިޔާ ކޮށްފަ ނުކުރާނެ ކަމެއް ހަމަ އެކަކަށް ވެސް ނޭނގޭނެއެވެ. އަހަރެންނަކީ ނުކިޔަވާހުރި މީހެއްކަން ދެއްކުމަށް ތިޔަ އެކުވެރިޔާ އަށް ވާގިވެރިވާ މީހުން މެދުވެރިކޮށް ދެއްކި ވާހަކަތައް އަޑުއެހީމެވެ. އެހެނަސް އެ ވާހަކަ ވެސް ދައްކާކަށް އަހަރެން ބޭނުމެއް ނޫނެވެ.

އެކުވެރިޔާގެ ގާތުގައި މިއަދު އަހަރެންގެ މަގާމަކީ ކޮބައިކަން ވަނީ ބުނެފައެވެ. އެކުވެރިޔާ ބުނީ އަހަރެންނަކީ މިއަދު ހަމައެކަނި އެކުވެރިޔާގެ ކުދިންގެ ދޮންބެ ކަމަށެވެ. އަހަރެންނާއެކު ސިޔާސީ މަސައްކަތް ނުކުރަން އެކުވެރިޔާ ވަނީ ނިންމާފައެވެ. އަހަރެން ވަރަށް ދެރަވިއެވެ. ކުރާނެ ކަމެއް ނެތެވެ.

ދައްކަން ހުރި ވާހަކަ ގިނަ ކަމުން ދައްކާނެ ގޮތެއް ވެސް ލިޔާނެ ގޮތެއް ވެސް ނޭނގުނެވެ. އެކަމަކު ބުނަން ބޭނުން ވަނީ އެންމެ ވާހަކައެކެވެ. މަގާމުގެ ދަހިވެތިކަމުގައި ނުވަތަ އާރާއި ބާރުގެ ދަހިވެތިކަމުގައި ތިޔަ ދެއްކި ވާހަކަތަކާއި އަހަރެންގެ ބޮލުގައި އެޅުވި ޒިނޭގެ ތުހުމަތަކީ ހިތުން ފިލައިގެން ދާނެ ވާހަކަތަކެއް. ނޫނެވެ. އެންމެ ކުޑަމިނުން މާފަށް ވެސް އެދެން ތިޔަ އެކުވެރިޔާ ބޭނުމެއް ނުވިއެވެ. އަހަރެން އެކުވެރިޔާއަށް އެދޭ ހެޔޮ އެދުމާއި ރަނގަޅު ގޮތް އެކުވެރިޔާ އަހަރެންނަކަށް ވާކަށް ނޭދެއެވެ. އެއީ މިއަދުގެ ހަގީގަތެވެ. އެހެންވެ އަހަރެން މި ސިޓީ މި ލިޔުނީ އެކުވެރިޔާގެ ހުރި އަމިއްލަ އެދުން ބޮޑުކަމުގެ ވާހަކަ ކޮންމެވެސް ސިފައެއްގައި ދައްކާލަން ވެގެންނެނެވެ. ބުނެދޭން ވެގެންނެވެ. އެއްޗެއް ވިސްނޭތޯއެވެ.

އެކުވެރިޔާ ކިތަންމެ ވަރަކަށް ހޯދާ ބެލިޔަސް އަހަރެން ދުވަހަކުވެސް އެކުވެރިޔާއާ ދެކޮޅަށް ބުނި ބަހެއް އެޅުވި ތުހުމަތެއް ނޯންނާނެއެވެ. ދެކޮޅުވެރިވެ ކުރި މަސައްކަތެއް ވެސް ނޯންނާނެއެވެ. އެކުވެރިޔާއަށް އަހަންނަކީ އެއްވެސް ކަމެއްގައި ”ޗޮއިސް“ އެއްގެ ގޮތަށް ނުފެނުނަސް އަހަރެންނަށް އެކުވެރިޔާ އަކީ ޗޮއިސްއެކެވެ. އެހެނަސް ދެން އެއްވެސް ކަމެއް ތިޔަ އެކުވެރިޔާއަށޭ ބުނެ ދޫކޮށް ނުލާނަމެވެ. އެކުވެރިޔާ އަހަރެންނަށް ނުބެލި ބެލުމެއް މިހާރު އަހަރެން އެކުވެރިޔާއަށް ބަލާފާނެ ކަމަށް އެކުވެރިޔާ ހީކުރުމަކީ ކުންހީކެވެ. އެހެނަސް އަހަރެން އެކުވެރިޔާ ކުރިފަދަ އެއްވެސް ކަމެއް ނުކުރާނަމެވެ. ކުރަން ގަސްދެއް ވެސް ނުކުރަމެވެ. އެހަނަސް ވާދަ ކުރާނަމެވެ. ރީތިގޮތުގައެވެ. އެކުވެރިޔާއެވެ. ހަނދާން ބަހައްޓާށެވެ. އެކުވެރި ކަމަކީ ގަދަފަދަ ބާރެކެވެ. ވަކިވެ ގަތުމަކީ ނިކަމެތި ކަމެކެވެ.

ނަމަވެސް މިއީ އަސްލު ސިޓީއެެއް ނޫނެވެ، ނަމަ ނަމައިގެ ސިޓީއެކެވެ. އަހަރެންގެ ހިޔާލެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 4%ވަރަށް ދެރަ 3%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

5 Responses

  1. ދެރަދުން ފިރިހެންކުޅި ކުޅުނު ވާހަކަ ލިޔެފަ އަދު އެއްފޮތް ޕަބްލިޝް ކުރަން މަށަށް ފެންނަނީ..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: