ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު (ނަންބަރު: 22/2022) މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، މި އަހަރުގެ ނޮވެންބަރު 28 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ބިލަކީ ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި އެތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ ގޮތްތަކާއި އުސޫލުތައް ކަނޑައަޅައި ބަޔާންކުރުމުގެ ބިލެކެވެ.

މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ [ކޮންވެންޝަން އޮން ދަ ޕްރޮހިބިޝަން އޮފް ދަ ޑިވެލޮޕްމަންޓް، ޕްރޮޑަކްޝަން، ސްޓޮކްޕައިލިންގ އެންޑް ޔޫސް އޮފް ކެމިކަލް ވެޕަންސް އެންޑް ދެއަރ ޑިސްޓްރަކްޝަން 1993] ގެ ދަށުން ދިވެހިރާއްޖޭގައި ކެމިކަލް ހަތިޔާރު ތައްޔާރުކުރުމާއި، އުފެއްދުމާއި، ރައްކާކުރުމާއި، ބޭނުންކުރުން މަނާކުރުމާއި، އެތަކެތި ނައްތާލުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުން ހިމެނެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއެކު، މި ޤާނޫނު ތަންފީޛުކުރުމުގެ އެންމެހައި ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީގެ ޚާއްޞަ ޔުނިޓެއް ”ކެމިކަލް ވެޕަންސް ޔުނިޓް“ ގެ ނަމުގައި އުފެދޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބިލުގައި ތަފްސީލުކޮށް ކަނޑައަޅައިފައިވެއެވެ.

މީގެ އިތުރުން ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމުން، މި ޤާނޫނުގެ ޖަދުވަލުތަކުގައި ބަޔާންކޮށްފައިވާ ކެމިކަލެއް ރާއްޖެއަށް އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރެވޭނީ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގެ ދަށުން ކެމިކަލް ވެޕަންސް ޔުނިޓުން ދޫކުރާ ލައިސަންސް ހޯދައި އެ ލައިސަންސްގައި ބަޔާންކުރާ ޝަރުޠުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސް ދުވަހުގެ ތެރޭގައި، މި ބިލުގައި ބަޔާންކޮށްފައިވާ ޤަވާޢިދުތައް ކެމިކަލް ވެޕަންސް ޔުނިޓުން ހަދައި ޝާއިޢުކުރަންޖެހެއެވެ.

ކެމިކަލް ހަތިޔާރު މަނާކުރުމުގެ ބިލު (ނަންބަރު: 22/2022) ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓްގައި ވަނީ ޝާއިޢު ކުރައްވާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ޤާނޫނުގައި ކަނޑައަޅާފައި ވަނީ، ބިލު ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރާ ދުވަހުން ފެށިގެން 3 (ތިނެއް) މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: