ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީލޯންޑަރ ކުރުމާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާތަކުގުގެ ހުކުމް ކުރުން މި މަހުގެ 25 ވަނަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.
ދައުލަތުން ރައީސް ޔާމީންގެ މައްޗަސް އުފުލާފައިވާ ދައުވާތަކުގެ ޝަރީޢަތުގެ އަޑުއެހުންތައް ނިންމާލާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.
މައްސަލައިގެ އަޑުއެހުންތައް ނިންމާލުމަށް ފަހު ޝަރީޢަތުން ވިދާޅެވެފައި ވަނީ ދައުލަތުން ރައީސް ޔާމީންއާއި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާއާއި ގުޅިގެން ދައުލަތަށާއި ދިފާޢަށް މައްސަލައިގައި ވާހަކަ ދެއްކުމަށް 60 ގަޑިއިރު ހެދޭވި ކަމަށެވެ.
ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން ހުސާލާ ބަޔާން އިއްވުމަށް ފަހު ދައުލަތުން އެދުނީ ޔާމީން ލޯންޑާކުރި ކަމަށް ތުހުމަތުކުރެވޭ އެއް މިލިއަން އެމެރިކާ ޑޮލަރާއި އެ ފައިސާއަށް އެއްކޮށްފައިވާ 2،413،230 އެމެރިކާ ޑޮލަރު، ޖުމްލަ 3،413،230 އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން އަބްދުﷲ ޔާމީން ލިބިފައިވާ ފައިސާ ދައުލަތަށް ނަގައިދިނުމަށް އަމުރުކޮށްދިނުމަށް އެދިފަ އެވެ.
އާރަށް ކުއްޔަށް ދިީގެން ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ހިފުމާއި އެ ފައިސާ ލޯންޑާކުރި ކަމަށުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާއިރު ޔޫސުފް ނައީމްގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާ އެވެ.
ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުތަކެއް ކުރާއިރު، ދައުލަތުން ވަނީ އެމަނިކުފާނާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އަދީބާއި ޒިޔަތު ހިމެނޭއިރު، އެހެން ބައެއް އެމްއެމްޕީއާރުސީ މައްސަލަތަކުގައި ވެސް ދައުލަތުގެ ހެއްކެއްގެ ގޮތުގައި އަދީބާއި ޒިޔަތު ވަނީ ހެކިބަސް ދީފަ އެވެ.
ހެއްކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާގައި، މީގެ ކުރިން ވެސް ފާހަގަކުރައްވާފައިވާ ވާހަކަތައް ތަކުރާރުކޮށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ އަދީބާއި ޒިޔަތަކީ ފާސިގުންކަމަށާއި އެކަން ސުޕްރީމް ކޯޓުގެ ހުކުމަކުން ވެސް އެނގެން އެބައޮތް ކަމަށެވެ. ހިޔާނާތުގެ މައްސަލައިގައި އަދީބާއި، ޒިޔަތު ކުށަށް އެއްބަސްވުމާއި އެކު އެ މީހުންނަކީ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނެވެ. ގޭބަންދުގައި ތިބެ އެ މީހުން ހުކުމް ތަންފީޒު ކުރަމުން ގެންދާތީ ވެސް ރައީސް ޔާމީންގެ ވަކީލުން އެކަމާއި މެދު ސުވާލު އުފެއްދި އެވެ. އިސްލާމީ ޝަރީއަތުން ފާސިގުންގެ ހެކި ބަސް ނެގުން ހުއްދަ ނުވާނެކަމަށް ވަކީލުން ވިދާޅުވި އެވެ. ހާއްސަކޮށް އަދީބާއި ޒިޔަތު ދެއްކެވި ވާހަކަތަކަށް ބާރު ލިބޭ އިތުރު ހެކިތަކެއް ހުށަހަޅާފައި ނުވާކަމަށް ރައީސް ޔާމީންގެ ފަރާތުން ހެއްކާއި ބެހޭ ގޮތުން ދެއްކެވި ވާހަކައިގައި ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އަދީބާއި ޒިޔަތުގެ މައްޗަށް އެންމެ ފުރަތަމަ ފިޔަވަޅު އެޅީ ރައީސް ޔާމީނަށްވުމުން އެމަނިކުފާނާއި މެދު ދެ މީހުންގެ ހިތުގައި ވެސް ނަފްރަތާއި ރުޅިވެރިކަން އޮންނާނެކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި ބަދަލު ހިފުމުގެ ރޫހެއްގައި، ރައީސް ޔާމީނާއި ދެކޮޅަށް އެ މީހުން ހެކި ބަސް ދިނުމުގެ ފުރުސަތު އެބައޮތްކަމަށް ވަކީލުން ވިދާޅުވި އެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓުގައި ގއ. ވޮޑަމުލާގެ މައްސަލަ ކުރިޔަށް ގެންދިޔައިރު އަދީބާއި ޒިޔަތުގެ ހެކި ބަސް ނެގުމުން އެކަމަށް ވެސް ވަކީލުން ދެކޮޅު ހެދި އެވެ. އޭގެ ފަހުން ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެ އިއްވި ފަސް އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރިއިރު އަދީބާއި ޒިޔަތަކީ މި މައްސަލައިގައި ހުކުމެއް ތަންފީޒު ކުރަމުން ދާ މީހުންކަން ފާހަގަކުރި އެވެ.
އަދީބާއި ޒިޔަތުގެ ހެކި ބަހުގެ އަދުލުވެރިކަމާއި މެދު ސުވާލު އުފައްދައި ރައީސް ޔާމީންގެ ވަކީލުން ވިދާޅުވީ، ހެކި ބަސް ނެގުމުގެ މަރުހަލާފައި މައުޟޫއިން ބޭރުން ބައެއް ވާހަކަތައް ދެކެވުނު ކަމަށެވެ. ހާއްސަކޮށް ރައީސް ޔާމީންގެ ބައެއް އަމަލުތައް ހުންނަ ގޮތްކަމަށް ބުނެ އާއި، މިޒާޖާއި ގުޅޭގޮތުން އަދި އަމިއްލަ ދިރިއުޅުމާއި ބެހޭ ގޮތުން އަދީބު ދެއްކެވި ވާހަކަތައް ވަކީލުން ނުކުތާއެއްގެ ގޮތުގައި ނެންގެވި އެވެ.
މީގެއިތުރުން ޔޫސުފް ނައީމާއި އެކު ކުރެވުނު މުއާމަލާތެއްގައި ފުރަތަމަ ހުށަހެޅި އަގު ތިރި ކުރުމަށް ރައީސް ޔާމީން އެންގެވިކަމަށް ބުނެ އަދީބު ވާހަކަ ދެއްކެވިކަމަށާއި އަދި ބައެއް މެސެޖުތަކާއި ދެކެވުނު ވާހަތައް ފޯނުގެ ފޮރިންސިކް ރިޕޯޓުގައި ހުންނާނެކަމަށް އަދީބު ވާހަކަ ދެއްކެވިކަން ވަކީލުން ފާހަގަކުރި އެވެ. ކުރާ ސުވާލުތަކުގެ ބޭރުން ނުވަތަ މައުޟޫއިން ބޭރުވެ އެއްވެސް ވާހަކައެއް ނުދެއްކެވުމަށް ރިޔާސަތުން އިރުޝާދު ދެއްވުމުން ވެސް އެކަމަށް ބެއްލެވުމެއް ނެތި އަދީބު އެހެން ބައެއް ވާހަކަތައް ދެއްކެވީ ރައީސް ޔާމީނާއި މެދު ސުވާލުތަކެއް އުފައްދައި އިތުރު ހެކިތައް އުފެއްދުމުގެ ނިޔަތުގައިކަމަށް ވަކީލުން ތުހުމަތު ކުރެއްވި އެވެ.
ރައީސް ޔާމީންގެ ވަކީލުން ސިފަ ކުރެއްވީ، އެއީ ޝަރީއަތުގައި ކުރާ ސުވާލުތަކަށް ޖަވާބު ނުދީ ދައްކަން އުޅުނު އެހެން މަންޒަރެއްގެ ގޮތުގަ އެވެ.
ވ.އަތޮޅު ތިނަދޫ ކައިރީ އޮންނަ އާރަށަކީ ޕިކުނިކު ދިއުމަށް ބޭނުން ކުރަމުން އައި ފަޅު ރަށެކެވެ. މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް މާނީ ލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލައި ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ރައީސް ޔާމީންގެ މައްޗަށް މި ދައުވާ އުފުލީ ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވާކަމަށް ބުނެއެވެ.

