ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންގެ ކިބައިން ނިގުޅައިގަނެފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދައިދެވިއްޖެ: ރައީސް ސާލިހު

ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ކިބައިން ނިގުޅައިގަނެފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ހޯދައިދެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ގއ ދާންދޫ ބިންހިއްކައި ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް މިހާރު ހުރަހެއް ނެތް ކަމަށެވެ.

“ނޫސްތަކުގައި އެގެންދަވަނީ އެބޭފުޅުން ދެކެވަޑައިގަންނަވާގޮތް ފާޅުކުރަމުން، ހާމަކުރަމުން. އެއި އަޅުގަނޑު ކަމަށް ވިޔަސް ތިތިއްބެވި ވަޒީރުންނާއި ދިމާލަށްކަމަށް ވިޔަސް، ބޭނުންވާހަކައެއް ބޭނުން ގޮތަކަށް ލިޔެ ވާހަކަ ދައްކަމުން އެގެންދަނީ. ހުރަހެއް ނާޅަން. އަޅުގަނޑުމެންނަށް އެކަންތައް ބަލައިގަނެވޭ.”

ވިޔަފާރިވެރި އެއްކުރަން ބޭނުންވެގެން އަދި ޓޫރިޒަމް ދާއިރާގައި ބޮޑެތި އިންވެސްޓްތަކެއް ކުރަން ބޭނުންވެއްޖެ ނަމަ އޭރު އިހުސާސްކުރަންޖެހުނު ދަތި ހާލަތު ބަދަލުވެ އެކަން މިއަދު ފަސޭހަވެގެން ގޮސްފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިއަދު އެއްވެސް ވިޔަފާރިވެރިއަކަށްވެސް އަދި އެއްވެސް އިންވެސްޓަރަކަށްވެސް ހުރަސް އަޅާފައިނުވާނެ. މިނިވަންކަމާއެކީގައި ވިޔަފާރިކުރެވޭނެ މާހައުލެއް އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެން ވަނީ ގާއިމްކޮށްދީފައި. ޔަގީންކަމާއެކު އަޅުގަނޑު މިދަންނަވަނީ ސިޔާސީ ހިޔާލުތަފާތު ވުންތަކުގެ ތެރޭގައި އެއްވެސް ވިޔަފާރިއަކަށް ހުރަހެއް ނާޅަން. ކުރިއަށްވަޑައިގަންނަވަންވީ. ސަރުކާރު މިއޮތީ ވިޔަފާރިވެރިންނަށް މަގުފަހިކޮށްދިނުމަށް، ފަސޭހަކޮށްދިނުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އުސޫލުތައް ހަރުދަނާ ކުރަމުން މިދަނީ.

ރާއްޖޭގެ ރަށްތަކުގެ އަސާސީ ހިދުމަތްތައް އޭރު ހުރި ގޮތާއި މިއަދާއިމެދު އައި ކުރިއެރުމަށް ވިސްނާލުމަށް ރައީސް ވިދާޅުވިއެވެ.

 އަޅުގަނޑުމެންނަށް އޭރު ވެރިކަމާއި ހަވާލުވިއިރު، އެންމެ ދުވަހެއްވެސް ނުދޭ ކޮންމެވެސް ރަށެއްގެ ކަރަންޓް ކެނޑިގެން އިންޖީނެއް ބަދަލުކުރަން. ހާއްސަކޮށް ހުކުރުދުވަހު، ރޯދަމަހު، މިއީ ތަކުރާރުކޮށް އަޅުގަނޑުމެންނާ ހިސާބަށް އައި ޝަކުވާއެއް. މިއަދު އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އެޝަކުވާތައް މުޅިން ނެތޭ އަޅުގަނޑު ދަންނަވާލާނީ. ފެނަކައިން ވަރަށް އުނދަގޫ ބުރަ މަސައްކަތްތަކެއް ކޮށްދެއްވަމުން ގެންދަވަނީ.

ސާފު ބޯފެނާއި ނަރުދަމާ އަކީ އަސާސީ ހިދުމަތެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި އެހިދުމަތް ތަކަކީ ވަކިރަށެއްގައި މީހަކު އުޅޭތީ ވަކިގެއެއްގައި މީހަކު އުޅޭތީ ތަފާތުކޮށް ދެވެންޖެހޭ ހިދުމަތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

 ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް އެއޮތީ، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ގާއިމްކޮށްދޭން ޖެހޭނެ ވާހަކަ. އަޅުގަނޑުމެން ވެރިކަމަށް އައިިއިރު ހާލަތު އޮތްގޮތް ތަކުރާރު ކޮށް އަޅުގަނޑު ދަންނަވާކަށް ނެތިން. އެހެން ނަމަވެސް މިސަރުކާރުގެ މި ފަސް އަހަރު ނިމިގެންދާއިރު، ރާއްޖޭގައި ކޮންމެ ތަނެއްގައި ކޮންމެ ރަށެއްގައި ދިރިއުޅޭ މީހެއްވިޔަސް މިދެންނެވިގޮތަށް ސާފުބޯފެނާއި ނަރުދަމާގެ ނިޒާމްގެ ހިދުމަތް ސަރުކާރުން ފޯރުކޮށްދޭނަން.

ސަރުކާރުން ފެށި އެންމެ  މުހިއްމު އެއް މަސައްކަތަކީ ގައުމަށް ބޭނުންތެރި ޖީލެއް އުފެއްދުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

 ސަރުކާރުގެ ހިލޭ އެހީ ފަނަރަ ހާހަށް ވުރެ ގިނަ ޒުވާނުން ފަސްޓް ޑިގްރީއަށް ކިޔަވަމުން އެބަދޭ.

މަސައްކަތްތެރިންނަށް އެކަށީގެންވާ އުޖޫރައެއް ނުލިބޭ ކަމުގެ ޝަކުވާ އެތައް ދުވަހެއް ވަންދެން ކުރަމުން ދިޔަ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރާއްޖޭގައި މިނިމަމް ވޭޖެއް އަލަށް ކަނޑައެޅި، ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް ދެވޭ އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ އެތަންފީޒުކުރަން އަޅުގަނޑުމެން މިއަދު ވާނީ ފަށާފަ.

ރަށްރަށުގެ ބަނދަރު ހެދުމާއި ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅުވާލުމަކީ ރާއްޖޭގެ އިގްތިސާދު އޭގެ ހަލުވި މިނުގައި ކުރިއަރާނެ އެންމެ މުހިއްމު އެއްކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ.

އެއްތަނުން އަނެއްތަނަށް މީހުންނަށް ދަތުރު ކުރެވުމާއި މުދާ އެއްތަނުން އަނެއްތަނަށް ގެންދެވުން މިއީ އެއާ ނުލައި ގައުމެއް ތަރައްގީ ކުރެވޭނެ ކަންކަމެއް ނޫން. ބައެއް މީހުންނަށް ހީވެދާނެ ބޮޑުހިލަ ބަނދަރޭ. އެހެން ނަމަވެސް މީގެ ތަކުލީފާއި އުނދަގޫ އިހްސާސް ކުރާ މީހުންނަށް، ރަށްރަށުގައި އުޅޭ އޮޑިދޯނިފަހަރު ގެންގުޅޭ މީހުންނަށް މީގެ އިހްސާސް ކުރެވޭނީ. ކޮންމެ ރެއަކު ހޭލާ ބަނދަރު މަތީ ދޯންޏަށް ވާގޮތް ބަލަން ތިބެން ޖެހުނީމާ އަނެއް ދުވަހު ތެދުވެ މަސައްކަތެއް ނުކުރެވޭނެ. މިއަދު އިރާދަކުރެއްވިއްޔާ ރާއްޖޭގެ ލަފާފުރުމުގެ ދަތިކަން ހުރި ހުރިހާ ރަށެއްގައި އިރާދަ ކުރެއްވިއްޔާ މިދަނީ ރަނގަޅު ބަނދަރުތައް ހަދައިދެމުން. އިރާދަ ކުރެއްވިއްޔާ މި ދައުރު ނިމިގެންދާއިރުގައި ރާއްޖޭގައި ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

ރައީސް ސާލިހު ވިދާޅުވީ ދާންދޫ އަށް ސަރުކާރުން ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރިކަމަށާއި ރައްޔިތުންގެ ބޭނުންތަކެއް އެބަހުރި ކަމަށެވެ. އެގޮތުން މިއަދު ދާންދޫ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި ރަށަށް ބޭނުންވާ ކަންކަމުގެ ލިސްޓެއް ލިބިފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

   އަޅުގަނޑުމެން އޭރުވީ ވައުދުތަކާ އެއްގޮތަށް މިހާރުވެސް ދާންދޫގައި ބާރައަށްވުރެ ގިނަ ތަފާތު އެކި ޕްރޮޖެކްޓް ހިނގަމުންއެބަދޭ. އެންމެ ބޮޑަށް ބޭނުންވެފައި އޮތީ ކުރިންވެސް ދެންނެވިފަދައިން މިރަށަށް ބިން އިތުރުކުރުމުގެ މަސައްކަތް. އިރާދަކުރެއްވިއްޔާ މިރޭ އެމަސައްކަތް ނިމި ރައްޔިތުންނާ މިހަވާލު ކުރެވެނީ. ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 185 މިލިއަން ރުފިޔާ މިބިން ހިއްކުމަށްޓަކައި އަޅުގަނޑުމެން ހަރަދުކުރިން. ދެންއޮތީ ތިބޭފުޅުން ތިއެދިވަޑައިގަންނަވާ ގޮތަށް ދާންދޫ އާއި މިރަށާއި ގުޅުވާލެވޭނެ ގޮތެއް ހެދުން. 2023 ވަނަ އަހަރުގެ ބަޖެޓްގައި އެބައި ހިމަނާ އެމަސައްކަތް ލަސްތަކެއް ނުވެ އެމްޓީސީސީ އިން ފަށައިގެން ކުރިއަށް ދާނެ.

ދާންދޫ އަކީ މަސްވެރިކަން ރަނގަޅު އަދި ފައިސާ ވަންނަ ރަށެއް ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި ރަށުގެ ރައްޔިތުން އެދުނު ގޮތަށް ބޭންކުގެ ހިދުމަތް ގާއިމް ކޮށްދެވުނު ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ފުރަތަމަ ސެލްފް ސާވިސް އޭޓީއެމް އެއްގެ ހިދުމަތް ދީފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެހެން ނަމަވެސް އެއަށްވުރެ ރަނގަޅަށް އެރަށުގައި ބޭންކިންގެ ހިދުމަތް ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

  އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި މިރަށުގައި ބޭންކެއްގެ މަސައްކަތް އަމަލީ ގޮތުން ފެށިގެންދާނެ.

ރައީސް ސާލިހު ވިދާޅުވީ ދާންދޫގައި ދޯނި އެހެލާ މަރާމާތު ކުރާނެ ގޮތެއް ހަދަންޖެހޭ ކަމަށެވެ. އެގޮތުން ރަށުގެ ބަނދަރު ހެދި ނިމިގެން ދާއިރުގައި ރައްޔިތުން އެދޭ ގޮތަށް ދޯނި އެހެލާ މަރާމާތު ކުރާނެ ސްލިޕްވޭ އެއް ހަމަޖެހިގެންދާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: