ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީޢެމްއެލް ގެ ކަސްޓަމަރުން ތިބީ ހިދުމަތްތައް ރަނގަޅުވާނެ ދުވަހެއްގެ އިންތިޒާރުގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް ގެ އެކައުންޓް ތަކުން ފައިސާ ގެއްލި އެ ފައިސާ އެހެން އެކައުންޓްތަކަށް ޖަމާވާ ކަމުގެ ތުހުމަތު ކުރަނީ އާއްމު ފަރާތްތަކުންނެވެ.

މީގެ ކުރިންނާއި މިހާރު ވެސް ސްކޭމް ކޯލް ތަކާއި ލަކީޑްރޯތައް މެދުވެރިކޮށް  ކަމަށް ބުނެ ބީއެމްއެލް އިން ފައިސާ ގެއްލޭ ކަމުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. ބީއެމްއެލްގެ ލޯނު ތަކުގެ އިސްޓްރެސްޓް ރޭޓް މަތި ވާހަކަ އާއި ލޯނު އަނބުރާ ދެއްކި ނަމަވެސް ލޯނު ދައްކާ ކަމަށް ނުވާ ވާހަކަ އަކީ އާއްމު ރައްޔިތުންގެ ޝަކުވާއެކެވެ.

ބީއެމްއެލްގެ ނަމުގައި އާއްމުން ނަގާފައިވާ އެކި ލޯނުތައް އަދާ ކުރަމުންދާ އިރުގައިވެސް އެ ލޯނުން އެއްވެސް މިންވަރެއް ދެއްކިފައިނުވާ ކަމުގެ ޝަކުވާ އަކީ އަބަދުވެސް ކުރަމުންދާ ޝަކުވާއެވެ.

މީގެ އިތުރުން ސްޓޫޑަންޓް ލޯނާއި ދެންވެސް އެކި ކަންކަމުގައި ބޭންކުން ދޫކުރާ ލޯނުތަކުގެ ތަފްސީލުތައް ބައެއް ފަހަރު އެނގެން ނެތުމަކީ ލޯނު ދައްކާ ފަރާތްތަކުގެ ޝަކުވާއެވެ. މީގެ ކުރިން ދޮށީ އުމުރުގެ ބޭފުޅުންގެ އިނާޔަތް ޖަމާވާ އެކައުންޓުން ފައިސާ ގެއްލޭ ކަމުގެ ވާހަކަ ދެކެވިފައިވެއެވެ.

ފައިސާ ގެއްލޭ މައްސަލައިގައި ބޭންކުން ބުނަނީ އޯޓީޕި އަކާއި ނުލާ އެކައުންޓުން ފައިސާ ޓްރާންސްފަރ ނުކުރެވޭނެ ކަމަށެވެ. ދާދި ފަހުން ބޭންކުން ވަނީ އޯޓީޕީ ޖެހުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމަށް މަަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ހަމައެކަނި އޯޓީޕީ ގެ މައްސަލަ ހައްލު ކުރެވުމުން ބޭންކުން ދިމާވާ ހުރިހާ މައްސަލަތައް ހައްލުވީ ކަމަށް ބެލުމަކީ ފަހަރުގައި ހަނި ވިސްނުމަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ފައިސާ ގެއްލުމަށް މެދުވެރިވާ ސަބަބުތައް ހޯދާ ދެނެގަނެ ދިރާސާ ކުރެވި ހުރިހާ ދިމާލަކުން ފައިސާ ގެއްލި ނުވަތަ ނުބައި ފަރާތެއްގެ އެކައުންޓަކަށް ފައިސާ ޖަމާވެދާނެ ފަދަ އަމަލުތައް ހުއްޓުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.

ބީއެމްއެލް އިން ދުވަސްކޮޅެއް ކުރިން ދިމާވި ހާދިސާއެކެވެ. މުދާ ގަތުމަށް މީހަކު އެހެން އެކައުންޓަކަށް ފައިސާ ޖަމާކުރެއެވެ. ޖަމާކުރިއިރު އެކައުންޓްގެ އެއް ނަމްބަރު ގޯސްކޮށް ޖެހުމުގެ ސަބަބުން އެ ފައިސާ ޖަމާވީ އެހެން އެކައުންޓަކަށެވެ. އެފައިސާ ހޯދުމަށް ބީއެމްއެލް އަށް ކުރެވުނު އެއްވެސް ކަމެއް ނެތެވެ. ލައްކަ އަކާއި ގާތްކުރާ އަދަދެއްގެ ފައިސާ ޖަމާކުރެވުނު އެކައުންޓުން އެ އެކައުންޓް ވަގުތުން ޑީއެކްޓިވޭޓް ކޮށްލިއެވެ. މުދާ ގަތުމަށް ފައިސާ ޓްރާންސްފަރ ކުރެވުނު ފަރާތަށް ލިބުނު މާލީ ގެއްލުމުގެ ޒިންމާ ބީއެމްއެލް އަށް ނަގައިނުދެވުނު ތަނުގައި އެފައިސާ ހޯދުމަށް ކޮށްދެވުނު އެއްވެސް މަސައްކަތެއް ނެތެވެ.

އިތުރު ހާދިސާ އަކަށް ނަޒަރު ހިންގާލާނަމެވެ. ހަމަ އާއްމު ފަރާތަކުން ފައިސާ ޓްރާންސްފަރ ކުރުމަށް އެހެން އެކައުންޓަކަށް އޮޅިގެން ތިރީސް ހާސް ރުފިޔާ ޖަމާކުރިއެވެ. އޮޅިގެންޖަމާ ކުރެވުނު ފައިސާ ލިބުނު އެކައުންޓްގެ ވެރިފަރާތަށް ބޭންކް މެދުވެރިކޮށް ގުޅުމުން އެފައިސާ އަނބުރާ ވަގުތުން ދެއްކެން ނެތް ކަމަށް އެފަރާތުން ބުންޏެވެ. އޭގެ ބަދަލުގައި ދެވޭނީ މަހަކު ތިންހާސް ރުފިޔާ ކަމަށް ވެސް އެފަރާތުން ބުނިކަމަށް ފައިސާ ޓްރާންސްފަރ ކުރި ފަރާތުން ބުނެފައިވެއެވެ. ކޮންމެ ގޮތެއްވީ ނަމަވެސް އެފައިސާ އެއްފަހަރާ ލިބޭނެ އިތުރު ގޮތެއް ނެތުމުން އެގޮތަށް ރުހި ގަބޫލުވުން ނޫން ގޮތެއް ފައިސާ ފޮނުވި ފަރާތަކަށް ނެތެވެ.

ފައިސާ އޮޅިގެން ފޮނުވޭ ކިތަންމެ ފަހަރަކު އެފައިސާ އަނބުރާ ހޯދުމުގައި ދަތި އުނދަގޫތަކެއް ކުރިމަތިވެއެވެ.

ބައެއް ފަހަރު ސްކޭމް ކޯލްތަކުގައި ގުޅާފައި އެއް ނަމެއްގެ ދެ އެކައުންޓްގައި އެއް ނަމްބަރެއް ރިޕީޓް ވާ ވާހަކަ ބުނެ އެކައުންޓްގެ ވެރިފަރާތުގެ ސީވީއެފް ނަމްބަރ ނޫންނަމަ ސީކްރެޓް ނަމްބަރު ހޯދުމަށް މަސައްކަތް ކުރެއެވެ. އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ވަގަށް ހޯދުމުގައި ވައްކަން ކުރާ ފަރާތްތަކުން ތަފާތު އެކި ލިންކް ތައް ފޮނުވައެވެ. ބައެއް ފަހަރު ބީއެމްއެލްގެ ވެބްސައިޓް ފަދަ ފޭކް ވެބްސައިޓެއް ހަދައިގެން ވެސް ފައިސާގެ މުއާމަލާތްތައް ހިންގާފައި ހުރިކަން ފާހަގަ ކޮށްލެވެއެވެ.

ބައެއް ފަހަރު އާއްމުންގެ ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ކޮންމެ މީހެއްގެ އެކައުންޓުން ވެސް ވަކި އަދަދަކަށް ފައިސާ ބީއެމްއެލް އިން އެމީހަކަށް ނޭނގި ކަނޑަމުން ގެންދެއެވެ. ބަރާބަރަށް ގަވާއިދުން ސްޓޭޓްމެންޓް ޗެކްނުކުރާ މީހަކަށް އެކަން ފާހަގަ ނުވާނެ ކަމަށް ވެސް ފައިސާގެ ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެހެން ބޭންކަކުން ބީއެމްއެލް އަށް ޖަމާކުރާ ފައިސާއެއް ބީއެމްއެލްގެ އެކައުންޓަށް ޖަމާވުމަށް 2 ނުވަތަ 3 ދުވަސް ބައެއް ފަހަރު ހޭދަވެއެވެ. ދެ ބޭންކް ވެސް ހުންނަނީ ދިވެހިރާއްޖޭގައެވެ. ވެރިރަށް މާލޭގައި ގާއިމްވެފައި ހުރި ދެ ބޭންކެއްގެ މެދުގައި ކުރެވޭ މުއާމަލާތެއްގައި ފައިސާ އެއް ބޭންކުން އަނެއް ބޭންކަށް ޖަމާވުމަށް ދެތިން ދުވަސް ހޭދަވުމަކީ ހަގީގަތުގައި ވެސް ބޮޑު ތަކުލީފެކެވެ.

ޑޮލަރު ނެގޭ މިންވަރު ހިފެހެއްޓިފައި ވުމާއި ޑޮލަރުގެ ވަގު ވިޔަފާރި އަދިވެސް ނުހުއްޓި ވަނީ ބޭންކް އޮފް މޯލްޑިވްސް ގެ ޒިންމާދާރު ކަން ކުޑަކަމުން ކަމަށް ބައެއް އާއްމު ފަރާތްތަކުން ފާހަގަ ކުރެއެވެ.

ބީޢެމްއެލް އިން ވިޔަފާރި ތަކަށް ދޫކޮށްފައިވާ ކާޑް މެޝިނަކީ ފަސޭހައިން އޭގެ ބެޓެރި ބާރު ދާ އޭގައި މައްސަލަ ބޮޑު މެޝިންތަކެއް ކަމަށް މެޝިން ބޭނުން ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ކާޑު މެޝިންތަކަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ބޭންކްގައި ބުނެފި ނަމަ ފަސޭހައިން އެ މައްސަލަ ހައްލު ނުވާ ކަމުގެ ޝަކުވާ އަކީ އާއްމު ފަރާތްތަކުން  އަބަދުވެސް ދައްކާ ވާހަކައެކެެވެ.

ބީއެމްއެލް ގެ އޭޓީއެމް ތައް މަދުކަމާއި އޭޓީއެމް ތައް ގާއިމްކޮށްފައިވާ ތަންތަނާއި ބަލާފައި މާލެއަށް އެންމެ އެދެވޭ މިންވަރަށް އޭޓީއެމް ގާއިމް ވެފައިނުވާ ކަމުގެ ޝަކުވާ އަކީ ހިދުމަތް ބޭނުން ކުރާ ފަރާތްތަކުން ފާހަގަ ކުރާ ކަމެކެވެ.

ދިވެހިންގެ ބޭންކަކީ އަހަރެންގެ ބޭންކޭ ބުނެ ނިންމާލެވޭކަަށް ނެތެވެ. ބޭންކާއި މެދު ބޭންކުގެ ކަސްޓަމަރުންނާއި ދިވެހި ރައްޔިތުން އިތުބާރު ކޮށް ލިބޭ ހިދުމަތްތައް ފަސޭހަ ކަމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ބޭންކްގެ ޒިންމާއެކެވެ.

ކޮންމެ އަހަރަކު ބިލިއަނުން މިލިއަނުން ފައިދާ ލިބި ހިއްސާ ދާރުންނަށް ފައިދާ ބަހާއިރު ފުނިޖެހިފައިވާ މައްސަަލަތަކާއި ޝަކުވާ ތައް ހައްލު ނުކުރެވޭ ނަމަ ބޭންކުގެ ބޭނުމެއް ނެތް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ބީއެމްއެލްގެ އެޕް ގައި ދިމާވާ މައްސަލަ ހައްލުކުރުމަށް ހަމަސް ދުވަހަށް ވުރެ ގިނަ މުއްދަތެއް ވޭތު ކުރަން ޖެހުމުން ފެނިގެންދަނީ ބީއެމްއެލް ކުރިއަރާފައި މިންވަރެވެ.

ޒަމާނީ ވަސީލަތްތަކާއެކު ބީއެމްއެލް އިން ހިދުމަތްތައް ގާއިމްކުރާ ވާހަކަ ދެއްކި ނަމަވެސް ބީއެމްއެލްގެ ހިދުމަތުގެ ފެންވަރު ރަނގަޅު ނުވާތީ އެކަމުގެ ޝަކުވާ ކަސްޓަމަރުން ދަނީ ކެނޑިނޭޅި ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: