ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް .11 އަހަރަށް ދުވަހަށް ޖަަލަށް ހުކުމް ކޮށްފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ތެރެއިން ރިޝްވަތު ގަބޫލު ކުރި ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅައި ހުކުމް ކޮށްފައި ވަނީ ހަތަރު އަހަރަށް ޖަލަށް ލުމަށެވެ. އަދި މަނާލޯންޑާރ ކުރި ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅައި ހުކުމް ކޮށްފައި ވަނީ ހަތް އަހަރުގެ ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ. މީގެއިތުރުން ފަސް މިލިޔަން ޑޮލަރުން ރައީސް ޔާމީން ވަނީ ޖޫރިމަނާ ކޮށްފައެވެ.
އާރަށް ކުއްޔަށް ދިީގެން ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ހިފުމާއި އެ ފައިސާ ލޯންޑާކުރި ކަމަށުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވިއިރު ޔޫސުފް ނައީމްގެ މައްޗަށް އުފުލީ ރިޝްވަތު ދިން ކަމުގެ ކުށުގެ ދައުވާ އެވެ.
ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުތަކެއް ކުރާއިރު، ދައުލަތުން ވަނީ އެމަނިކުފާނާއި ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އަދީބާއި ޒިޔަތު ހިމެނޭއިރު، އެހެން ބައެއް އެމްއެމްޕީއާރުސީ މައްސަލަތަކުގައި ވެސް ދައުލަތުގެ ހެއްކެއްގެ ގޮތުގައި އަދީބާއި ޒިޔަތު ވަނީ ހެކިބަސް ދީފަ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައިވަނީ ޔޫސުފް ނައީމްގެ އެކައުންޓުން ދޫކުރި ޗެކެއް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވިކަމަށް ލިޔުންތަކުން އެނގޭއިރު ރައީސްގެ މަގާމުގައި ހުރި ބޭފުޅެއްގެ އެކައުންޓަށް ފައިސާ ޖަމާވުމަކީ ސުވާލު އުފެދޭ ކަމެއްކަމަށެވެ.
އެކަމަކީ ސިޔާސީ ކަމަކަށް ބެލިނަމަވެސް، ޕީޕީއެމްގެ މާލީ ހިސާބުތަކުން އެފައިސާ ފެންނަން ނޭނގޭ ކަމަށް ހުކުމްގައި ވެއެވެ. އެހެން ކަމުން ގާނޫނުގައި އޮންނަ ގޮތުން ސިޔާސީ ކަންކަމުން ލިބޭ ފައިސާ އަކީ ކެންޑިޑޭޓުންގެ އޭޖެންޓުން މެދުވެރިކޮށް ބަލަހައްޓަންޖެހޭ ފައިސާ އެއް ކަމުގައި ހުކުމުގައި ބުނެފައިވެއެވެ.

