ބޭންކް އޮފް މޯލްޑިވްސްގެ ކޮންމެ ކަމެއް ދިވެހިންގެ ދިރިއުޅުމާއި ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އެހެންކަމުން ބޭންކުން ނިންމާ ކޮންމެ ނިންމުމަކާއި ކުރާ ކޮންމެ ކަމެއްގެ އަސަރު ދިވެހިންނަށް ވަރަށް ބޮޑަށް ކުރެއެވެ. ބޭންކް އޮފް މޯލްޑިވްސް އިން އެބޭންކްގެ އުފެއްދުންތައް އިސްތިހާރު ކުރަމުންދާ ގޮތާއި މުޅިން ހިލާފަށް އެތައް ކަމެއް ކުރަމުން ގެންދެއެވެ. އޭގެތެރެއިން ވެސް އެންމެ ފާހަގަ ކުރެވޭ ކަމަކީ އެބޭންކުން ދޫކުރާ ކްރެޑިޓް ކާޑުތަކާއި ގުޅިގެން ހަދަމުން އަންނަ ދޮގުތަކެވެ.
ކްރެޑިޓް ކާޑުތައް ދޫކުރުމުގައި ވެސް ބޭންކުން މީހުންނަށް ލިބޭ އާމްދަނީ އަށް ބަލައެވެ. އެހެންވެ ބޮޑެތި ލިމިޓްތައް ލިބޭ ބީއެމްއެލްގެ ވިސާ ސިގްނޭޗަރ، ވިސާ ޕްލެޓިނަމް، ވިސާ ގޯލްޑް، ފަދަ ކާޑުތައް ލިބެނީ ވެސް މުސާރައިގެ ގޮތުގައި އެކަށީގެންވާ އަދަދެއް ލިބޭ މީހުންނަށެވެ. ބޭންކުން މިކާޑުތައް އިސްތިހާރު ކުރަމުން ގެންދަނީ ވެސް މިއީ 1500 ޑޮލަރާއި 25000 ޑޮލަރާއި ދެމެދުގެ ކާޑުތަކެއްގެ ގޮތުގައެވެ. އެހެންކަމުން ކާޑުތަކަށް އެޕްލައި ކުރާ، ނުވަތަ ކާޑު ލިބިފައި ތިބި މީހުންނަށް ވެސް ބޭންކްގެ ވާހަކަ ގަބޫލު ކުރެވެއެވެ. ބޭންކްގެ އެބުނުމަށް ބިނާކޮށް ރާއްޖެއިން ބޭރަށް ގޮސް ހަރަދުތައް ހަމަޖައްސަން އެއްކަލަ ކާޑަށް ބަރޯސާ ވެއެވެ.
ބޭންކުން ބުނާ އަދަދަށް ކާޑުން ވިޔަފާރި ނުކުރެވިގެން ބޭންކަށް ގުޅާ މީހުން ގާތު ބޭންކުން ބުނަނީ ކާޑުން ބޭނުން ކުރެވޭނީ ބޭންކްގެ ލިމިޓް އަދަދު ކަމަށެވެ. ކާޑު ދޫކުރިއިރު ކާޑު ބޭނުން ކުރެވޭނެ ކަމަށް ބޭންކުން ވައުދުވި އަދަދެއްގެ އޮތް ނަމަވެސް މިހާރު އެވައުދަށް ތަބާވާން ނުޖެހޭނެ ކަމަށެވެ. ކާޑުން އިތުރަށް ޑޮލަރު ބޭނުންވާނަމަ ޑޮލަރު އެކައުންޓަށް ޖަމާކޮށް ކާޑަކީ ޕްރީޕެއިޑް ކާޑަށް ބަދަލު ކުރުމަށް ބޭންކުން އަންގައެވެ.
ކިތަންމެ ބޮޑު ކުރެޑިޓް ކާޑެއް ނަމަވެސް ބީއެމްއެލް އިން ކަނޑައަޅާފައި އޮންނަ 750 ޑޮލަރުގެ ލިމިޓަށް ވުރެ އިތުރަށް ބޭނުމެއް ނުކުރެވެއެވެ. ކޮވިޑަށް ފަހު ކުރިމަތިވި ޑޮލަރުގެ ތާށިކަމާއިއެކު ކަމަށް ބުނެ ބޭންކުން ޑޮލަރުން ކުރެވޭ މުއާމަލާތްތައް ވަނީ ހިފަހައްޓާފައެވެ. ނަމަވެސް މިއަދުވެސް ކްރެޑިޓް ކާޑުތައް އިސްތިހާރު ކުރަމުން އަންނަނީ ކުރިން ވެސް އެ ކާޑުތައް އިސްތިހާރު ކުރިގޮތަށެވެ. ކޮންމެ ކާޑެއްގެ ތިރީގައި ބޭންކުންގެ ޑޮލަރުގެ ލިމިޓްގެ އަސަރު ފަހަރެއްގައި މިއިން ކާޑެއްގެ ލިމިޓަށް ކޮށްފާނެ ކަމަށް ބުނެލުން ފިޔަވައި ބޭންކުން އޮތީ ބޮޑު އޮޅުވާލުމެއް ރާވައި ހިންގުމެވެ.
ކޮވިޑަށް ނަންކޮށް ބީއެމްއެލް އިން ޑޮލަރުގެ ލިމިޓް ހިފަހައްޓައިގެން ތިބިއިރު ކޮވިޑްގެ ކުރިން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރަށް ނުވަތަ އެއަށްވުރެ ވެސް ގިނައިން މިއަދު ފަތުރުވެރިން އަންނަން ފަށައިފިއެވެ. ރާއްޖޭގެ އާމްދަނީ ކޮވިޑްގެ ކުރިން ހުރި ހާލަތައް އިޔާދަ ވެއްޖެއެވެ. ޑޮލަރުން ދައުލަތައް ލިބޭ އާމްދަނީ މިހާރު ހުރީ ކޮވިޑްގެ ކުރީގެ ހާލަތުގައި ކަން ތަފާސް ހިސާބުތަކުން ކަށަވަރު ކޮށްދެއެވެ.
ނަމަވެސް ބޭންކުން ކަސްޓަމަރުންނަށް ޑޮލަރުގެ މުއާމަލާތްތައް އިތުރަށް ކުރެވޭނެ މަގެއް ނުދެއްކިއެވެ.
ބޭންކްގެ ކްރެޑިޓް ކާޑުން އިންޓަރެސްގެ ގޮތުގައި ނަގަނީ %2 ކަމަށް ނުވަތަ %3 އަށް ވުރެ އިތުރު ނުވާނެކަމަށް ބުނެ ކުރާ އިސްތިހާރާއި ގުޅޭ ގޮތުން ވެސް އިތުރު ލިޔުމެއް ލިޔަން ޖެހެއެވެ. އެކަމުގެ ސަބަބުތައް ވެސް ވަރަށް ގިނައެވެ.
ކޮންމެއަކަސް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުތައް މިއަދު ފެންނަނީ އަވާމެންދުރެއްގެ ގޮތުގައެވެ. އަވާމެންދުރަކީ ސަހަރާފަދަ ހާމައަށް ހުންނަ ބައެއް ބިމަށް ގަދަޔަށް އަވިދީފައި އޮންނައިރު ފެންނަ ގޮތެވެ. މިފެންނަނީ ފެންގަނޑެއް ހެންނެވެ. ކައިރިވީވީހެން ފެންގަނޑު ދުރުވާހެން ހީވާނެއެވެ. ދުވަހަކު ވެސް މިފެންގަނޑަކާއި ހަމައަކަށް ނުދެވޭނެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުން ވެސް ދުރުގައި ބަލަން ހުންނަ މީހަކަށް 25000 ޑޮލަރުގެ ކްރެޑިޓް ލިމިޓެއް ފެނިދާނެއެވެ. ނަމަވެސް ދުވަހަކު ވެސް އެބުނާ ލިމިޓާއި ހަމައަށް ފައިސާ ލިބޭނެ ގޮތެއް ނުވަތަ ވިޔަފާރި ކުރެވޭނެ ގޮތެއް ނުވެއެވެ.
ބޭންކްތަކަކީ ނިކަން ވަރުގަދަ އަށް ރެގިއުލޭޓް ކުރަން ގާނޫނުތައް ހަދައި، އުސޫލުތަކެއްގެ ދަށުން ހިންގާ ތަންތަނަށް ކަމަށް ބުނެއެވެ. ބޭންކްތައް ބެލެހެއްޓުމުގެ ޒިންމާ އޮތް މޯލްޑިވްސް މަނެޓްރީ އޮތޯރިޓީން ވެސް ބޭންކް އޮފް މޯލްޑިވްސްގެ އަމަލުތަކާއިމެދު މިހާރު ވާހަކަ ދައްކަން ޖެހޭ ހާލަތައް ކަންތައްތައް ހިނގައެވެ.


18 Responses
ދޮގު މަުލޫމާތު ގެ ލިޔުމެއް
މިލިމިޓަކީ އެމްއެމްއޭ އިން ބޭންކުތަކަށް ދީފައިވާ ލިމިޓެއް އިނގޭތޯ. ހުރިހާ ބެންކުންވެސް ލިބެނީ ތިޔަލިމިޓް. ކްރެޑިޓް ކާޑް މީހުން ބޭނުންކުރިވަރަކަށް ބޭންކަށް ފައިދާ އިތުރުވާނީ، އެހެންވީމަ އަމިއްލައަށް މިގޮތައް ލިމިޓް ނުކުރާނެ. އެމްއެމްއޭއާއި މިސުވާލު ކޮއްލަމާ؟
ނުކިޔަވާ ގަމާރުކަށް މިނަށްވުރެން ބޮޑުވީމަ ވާނުވާ ނޭނގޭނެ. ޑޮލަރު އާމުދަނީ ކިތައްމެވަރަކަށް ގައުމަށްވަނަސް އޭގެން ޑޮލަރެއް އެއްވެސް ބޭންކަކަށް ބޭނުމެއް ނުކުރެވޭނެ ބުރާންޗާ. ބުލެކު މާކެޓު ރޭޓު 17،55 ގަ މިހާރުވެސް އެހުރީ ކޮންމެސް ކަމެއްވީމަތާ. ކިތައްމެ ވަރަކަށް ފެލި އަރުވާ ހޭބަލިވިޔަސް އިސްޕޮންސާ ލާރިއެއް ނުލިބޭނެ އިނގޭތޯ. ޅާރި ހޯދަން ޕޮންޒީ އިސްކީމެއް އަލުން ފަށަމާ.
ވަރަށްރަނގަޅު
ބޭންކު އޮފް މޯލްަޑިވްސް އަކީ އުވާލަންޖެހޭ ބޭންކެއް. މުޅިންވެސް އޮތީ ރައްޔިތުން ފެލުން. ދުވަސްކޮޅަކުން ތިތަންވެސް ހިންގާނީ ސަބުސިޑީ ދީގެން. ބޮޑުން ކުރަނީ ވައްކަން
ރައްޔިތުން ފެލަނީ
ވަރަށް ފުރިހަމަ
ވަރށް ފުރިހަމަ، މީހަމަ ވަރަށް ރަނގަޅު ވާހަކައެ
ދެން ލިޔެދީބަލަ ހަބަރެއް އެކައުންޓުތަކުން -/1 ދޭތެރެ ދޭތެރެއިން ގެއްލޭ ފުރައުޑު ހަބަރެއް…
ޚިޔާލަކީ ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް ބީއެމްއެލް އެމީހުންގެ ސްޓޭންޑްގަ ހިފަހައްޓާނެ. އެއްވެސް ބަދަލެއް ނާންނާނެ. މުޖުތަމައަށް ފައިދާ އަށޭ ކިޔާ ރަށްރަށުގަ ކުޑަކުޑަ ކަމެއް ކޮށްލާ އޭގެ ބަދަލު ބޮޑު އިންޓްރަސްޓް ރޭޓް އާއި އެހެނިހެން ގޮތްގޮތުން ރައްޔިތުން އަތުން ނަގާ ރައްޔިތުން ހަނާ ކުރާނެ ކުރަމުން ދާނެ. މީރައްޔިތުންގެ ބޭންކްގެ ފަހި ޚިދުމަތް ރައްޔިތުންނަށް ފޯރާ ގޮތުގެ ހަޤީގަތް. – ސަލާމް ބީއެމްއެލް
ޢެއް ކަމެއް ހަނދާން ނައްތާލާފަ ތި ނިންމާލީ! ޚޮންމެ އަހަކުވެސް ކްރެޑިޓް ކާޑު ގެ ފުޅް އެނުއަލް ފި ނަގާ ކޮވިޑް ގެ ކުރިނެކޭ އެއްފަދައިން. ޢޭރު ބޮޑު ލިމިޓް ހުރޭ! މިހާރު ކާޑުގެ ގެ ބޭނުން ފުލް ކޮށް ނުހިފޭ ލިމިޓް ކުޑަ ކުރީމަ! ޢެކަމަކު ފުލް ކޮށް އެނުއަލް ފީ ކެނޑޭ ކޮވިޑް ތެރޭގަވެސް އަދި އަދާ ޖެހެންދެން ވެސް! ޥައްކަން ކުރާ ބެންކް!
މިވާހަކަ ދައްކަންކެރޭ ނޫސްތަށް މަދު. ބިރުން ނޫނީ ބޭންކް އަށް ވިކިފަ ތިބެނީ. މަގޭ ވެސް ތިބުނާ ގޯލްޑް ކާޑު އޮވޭ. ކިޔުންތެރިންނަށް ބުނެލަން އޮތީ މިއީ ހަގީގަތޭ. ސަންގު ނޫހަށް ސާބަސް ކާޑުތަކުން ހިންގާ ފްރޯޑް ހިންގުމުގައި ބޭންކުން ކާޑުގެ މައުލޫމާތު ލީކު ކުރޭތޯ ހޯދާ އިންވެސްޓިގޭޓް ކޮށްދިނުން އެދެން.
މެަވެސް މިއުޅެނީ ތިވެރިންގެ އަތުން ނެގި ލޯނަކުން ސަލާމަތް ނުވެވިގެން. 1އަހަރު ވީ އިރު ދެއްކުނީ 6 ހާސް. ޢެކަމަކު މަހަކު -/960ރ ކަޑާ .ވަރައް ސަލާމް ބީ.އެމް.އެލް އަށް.
ތިއީ ވަރަށްވެސް ބޮޑު ހަޤީގަތެއް – އެމެރިކާގައި ބޭންކު ތަކުން ކުރާ ތިޒާތު ކަންކަމަށް ފިޔަވަޅު އަޅާފައި އެބަހުރި ، ލޭމަންބްރަދާސް އިން ޑޯގަށްވެސް ކްރެޑިޓް ކާޑް ދޫކޮށް އިނގިރޭސި ބަހުން ވާހަކަ ނުދައްކާ ލެޓީނޯ ކޮމިއުނިޓީ އަމާޒަކަށްބެލި – އަދި ކޮންމެ މީހަކަށާއި އެމީހުންގެ ޕެޓް ތަކަށް ކާޑު ދޫކޮށް ކާޑުގެ އަހަރީ ފީތަކުން މީހުން ދަރަމުން ދިޔަ ،،،، ބޭންކް އޮފް މޯލްޑިވްސް ގަ ވެސް ކާޑުގެ މުއްދަތު އޮއްވާވެސް އަލުން ކާޑް ހަދައިދީ އޭގެން 200 ރުފިޔާ ޗާޖް ކުރުމަކީ މިބުނާ ޒާތުގެ ދުނިޔޭގެ ފައިނޭންސަލް ޤާނޫނުތަކާއި ޚިލާފު ކަމެއް – ދެރަކަމަކީ ، ދިވެހިރާއްޖޭގައި އެފަވަރު ދައުލަތުގައި ނެތްކަން ، އެންމެ ކުޑަމިނުން “ މަނީ ލެންޑިންގ އެކްޓް“ ލޯނުދިނުމާއި ބެހޭ ޤާނޫނެއް ނެތް ހަމައެކަނި އޭޝިޔާގެ ޤައުމަކީވެސް މީ — މިހެން ގޮްސް ފައިނޭންސަލް ޤާނޫނު ތަކެއް ރާއްޖޭގައި ނެތް – ދައުލަތުން ބަލަނީ އާއްމު ފަރުދަކު ދުނިޔޭގެ ފައިނޭންސަލް މާކެޓަށް ވަދެދާނެކަމަށް އެކަން ހުއްޓުވޭނެ ގޮތައް ޤާނޫނު ތައް ހަދަން
ޤާނޫނުތައް ހެދޭނީ ޤާނޫނު ހަދަން އެގޭ އަދި ނަޒާހާތްތެރި ބަޔަކު މަޖިލީހަށް ހޮވައިގެން. ދިވެހިން ވޯޓް ދެނީ ޕާޓީން ދައްކާ މީހާއަށާއި ލާރިކޮޅެއް ދޭ މީހާއަށް. އެކަހަލ ކަނޑުކޮހުން ހޮވުނީމަ ދެން ރައްޔިތުންގެ ފައިދާއަށް ހަދާނެ ޤާނޫނެއް ނޯންނާނެ. ރައްޔިތުންގެ ބައިތުލްމާލުން އެބައި މީހުންގެ އަތްބޮނޑި ބޮނޑުކުރުން ނޫން ކަމެއް ނުކުރާނެ. އޭގެ ހެއްކެއް އެމީހުން އަމިއްލައަށް މުސާރަ ކަނޑައެޅުމާއި އެއް ދައުރު ހަމަކުރާ މެމްބަޅުންނަށް މާސްޓަރސް ޑިގްރީ ނަގައިގެން ތިބޭ ސަރުކާޜު މުވައްޒަފުންނަށް ވެސް ނުލިބޭހާ ބޮޑެތި މުސާރައާއި އިނާޔަތް ނަގައިގެން ތިބުން.
މުޅި ބެންކު ވަނީފެއިލްވެފަ ހަދަނީ ހުސް ދޮގު ދެރަމީހުންނައްދެރަ
ކޮންމެ މީހަކުވެސް ލޯނުތައް ނަގާ، ތިމާގެ ނެތް ފެންވަރުން އުޅެންވަނީ. ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނިއްޔާ ލޯނު ނުނެގުން ބުއްދިވެރި. ފޯނެއް ގަންނަން ވިޔަސް ލޯނު…
ތި ބެންކަކީ މާބޮޑު އެއްޗެއް ނަގާ ތަނެއް ނޫން. ޅޯނެއް ނިމޭއިރު ނެގެ ލޯނުގެ 46% ގެ ފައިދާއެއް ނަގާނެ. ބުނަންވީ ބޭންކުން ނަގަނީ އިމްޓަރެސްޓް 11% އަށް ކުޑަ ކޮށްފައޭ މިހާރު ހުރީ. ޢެކަމަކު ރެޖިސްޓަރީ ފީއެއް ނަގާފަ ލޯނުގެ 1.5% އެޕްރޫވް ކުރުމަށް ނަގާނެ. މިހެން ގޮސް 4 ވައްތަރެއްގެ ޗާރޖު ނަގާފައި ލޯނު ލިބޭއިރު އަގުހެޔޮކުރީމޭ ބުނިވަރަށްވުރެ ބޮޑުއެއްޗެއް ލޯނު ތެރެއިން ދަމާ ގަންނަތަނެއް ތިބެންކަކީ. ރާއްޖެތެރޭ ތިބު ތަންދޮރު އޮޅުންނުފިލާ މީހުންގެ އެކައުންޓު ހުސަވާގޮތްވެސް ނޭނގެ. މޫވް ނުކުރާ އެކައުންޓްތަކާ ނިޔާވއފައިތިބޭ މީހުންގެ ފައިސާއަށް ހަދާގޮތެއް އަންގާވެސް ނުލާތަނެއް ތިޔައީ.