ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 ވަނަ އަހަރު: އިގްތިސާދީ ގޮންޖެހުންތައް ގިނަ ހައްލު ހޯދަން މަސައްކަތް ކުރެވުނު އަހަރެއް

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އަދި އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ އިތުރު އަހަރެއް ނިމިގެންދިޔައީއެވެ. ވެރިކަމަށް ޖުމުލަ 4 އަހަރުވެ، ފަސް ވަނަ އަދި ފަހު އަހަރަށް އަޅައިފިއެވެ. އެހެންކަމުން 2022 ވަނަ އަހަރުގައި މި ސަރުކާރުން ދިވެހި ރައްޔިތުން އަދި ގައުމަށްޓަކައި ކޮށްދެއްވާފައިވާ ހިދުމަތްތައް ފާހަގަކޮށް، އެކަންކަމަށް އަލި އަޅުވާލުން މުހިންމެވެ. ހަމައެހެންމެ 2022 ވަނަ އަހަރު އިގްތިސާދީ ގޮތުން ކުރެވުނު ކަންކަމަށް ކުރުގޮތަކަށް ބަލާލުމަކީ އަހަރު ނިމި އައު އަހަރަކަށް މަރުހަބާ ކިޔާއިރު ކޮންމެހެން ވެސް ކުރުން މުހިންމު ކަމެކެވެ.

މި ސަރުކާރުން ފާހަގަކުރައްވާގޮތުން، 2022 ވަނަ އަހަރު ވެގޮސްފައިވަނީ އިގްތިސާދީ ގޮތުން އިއާދަ ކުރަނިވި އަހަރަކަށެވެ. އެގޮތުން ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ލިބިދިޔަ ގެއްލުންތަކާއި ވެއްޓިގެންދިޔަ ވެއްޓުންތަކުން އަރައިގަތުމާއި ގާތަށް ދިވެހި އިގްތިސާދު ރުޖޫއަ ކުރެވިފައިވާކަމަށް ފާހަގަކުރައްވައެވެ. އެހެނިހެން އަހަރުތަކާއި އެއްފަދައިން އިކޮނޮމިކް މިނިސްޓްރީއިންވަނީ ދިވެހި އިގްތިސާދީ ހާލަތު ހަމައަކަށް އެޅުވުމަށްޓަކައި ގައުމުގެ ތެރޭގައި އަދި ބޭރު ގައުމުތަކާއި ގުޅިގެންވެސް ގިނަ ފިޔަވަޅުތައް އަޅުއްވައި އެކި މަސައްކަތްތައް ފައްޓަވާފައެވެ.

ބިޒްނަސް ރެޖިސްޓްރީ ޕޯޓަލްއެއް ގާއިމު ކުރުން:

2022 ވަނަ އަހަރުގެ އިގްތިސާދީ މަސައްކަތްތަކުގެ ތެރެއިން މިނިސްޓްރީއިން އިސް ނަގައިގެން އެންމެ ފުރަތަމަ ކުރެއްވި މަސައްކަތަކީ، ވިޔަފާރިތައް ރެޖިސްޓާރ ކުރުމުގެ ހިދުމަތްތައް ދިނުމުގެ މަގުސަދުގައި އޮންލައިން ޕޯޓަލްއެއް ގާއިމު ކުރުމެވެ. މިނިސްޓްރީއިން ފައްޓަވާފައިވާ މި މަސައްކަތްތައް އިފްތިތާހުކޮށްފައިވަނީ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގައެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ހެލްޕު ލައިނެއް ގާއިމު ކުރުން:

ދިވެހި ގައުމަށް ނަފާވާ ނޫއިގްތިސާދެއް ގެނެސްދެއްވުމަކީ މިހާރު ވެރިކަން ކުރަމުންދާ ފަރާތްތަކުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދެކެވެ. އެކަން ކުރެއްވުމަށްޓަކައި ގާތުން މަސައްކަތްކުރާނެކަމަށް ފާހަގަކޮށްފައިވެއެވެ.

ދިވެހި ވިޔަފާރީގެ ސިނާއަތުގެ މަސައްކަތްތެރިންނަށް ލުއި ފަސޭހަކަން ގެނެސްދިނުމުގެ މަގުސަދުގައި އިކޮނޮމިކް މިނިސްޓްރީއިންވަނީ ޒަމާނީ ވަސީލަތްތައް ތައާރަފްކޮށް، ހިދުމަތްތައްވެސް ޒަމާނީ ފެންވަރާއި އެއްގޮތްވާގޮތެއްގެ މަތިން ފަރުމާކުރުމަށް މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ އަވަސް ހިދުމަތެއް ދިނުމުގެ މަގުސަދުގައި މިނިސްޓްރީއިންވަނީ “1500 ހެލްޕު” ގެ ހިދުމަތެއް ފައްޓަވާފައެވެ.

ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެހީވުމަށާއި، ހިދުމަތްތަކާއި ބެހޭ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ގާއިމުކުރި މި ހެލްޕު ސާވިސް ސެންޓަރު ހުންނަނީ ހުޅުމާލެ ފެރީ ޓާމިނަލްގައިކަމަށްވާއިރު، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގައިވެސް ކަނޑައެޅިފައިވާ ވަގުތުގައި ހިދުމަތްތައް ދިނުމަށް އިންތިޒާމު ކުރެވިފައިވެއެވެ.

މި ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި، ވިޔަފާރި ރެޖިސްޓްރީ މައުލޫމާތު ދިނުުން، ބޭރު ގައުމުތަކުން އަންނަ މަސައްކަތްތެރިންގެ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުން އަދި މިނިސްޓްރީއިން ހިންގަމުންދާ ޖޮބް ސެންޓަރުގެ މައުލޫމާތުތައް ފޯރުކޮށްދިނުނުް ހިމެނެއެވެ.

ޒަކާތު ނަފާ ޕްރޮގްރާމް:

މި ޕްރޮގްރާމްއަކީ ދިވެހިރާއްޖޭގައި ފަގީރު ހާލަތެއްގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ފުއްދުންތެރިކަން އިތުރުކޮށް، ހާލަތު ރަނގަޅުކުރުމުގެ މަގުސަދުގައި އިސްލާމިކް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ފަށާފައިވާ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގެ ދަށުން ނިންމާފައިވަނީ “ޒަކާތު ނަފާ” ގެ ނަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

އިކޮނޮމިކް މިނިސްޓްރީއިން އާންމުކޮށްފައިވާގޮތުން، މި ޕްރޮގްރާމްގެ މައިގަނޑު އެއް މަގުސަދަކީ ފަގީރުންގެ ގޮތުގައި ރެޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އަމިއްލަ މަސައްކަތެއް ކޮށްގެން މަންފާއެއް ހޯދުމަށް ބޭނުންވާ މާލީ އެހީފޯރުވުމެވެ. އަދި އެކަމުގެ ސަބަބުން އިގްތިސާދީ ކުރިއެރުމުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރެވި މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭ ފަގީރުންނަށްވެސް މުދަލުގެ ޒަކާތް ދެއްކޭ ހިސާބަށް ވާސިލުވުންވެސް ޕްރޮގްރާމްގެ މަގުސަދުތަކުގައި ހިމެނޭކަމަށް ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ޒަކާތު ފަންޑުން އެހީ ފޯރުކޮށްދިނުމުގައި ފުދުންތެރިކަން އިތުރުކުރެވޭނެ ދާއިރާތަކަށް އިސްކަންދޭނެކަމަށެވެ. އެގޮތުން  ޕޯލްޓްރީ ފަރމިންގ, ހައިޑްރޯފޯނިކްސް ދަނޑުވެރިކަން ފަދަ ދާއިރާތައް ފާހަގަކޮށްފައިވެއެވެ. މިއީ ފަސް އަހަރުގެ މުއްދަތަކަށް ހިނގުމަށް ކަނޑައެޅިފައިވާ ޕްރޮގްރާމެކެވެ.

ވަޒީފާގެ ފުރުސަތުތައް ފަހިކުރުމުގެ ގޮތުން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ހިންގުން:

ކޮވިޑްގެ ދަތި ހާލަތުގެ ސަބަބުން ދިވެހިރާއްޖެ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކަށްވެސް އެކި ވަރުގެ ނޭދެވޭ އަސަރުތައް ކުރިއެވެ. އެ ދުވަސްވަރު އައި އިގްތިސާދި ލޮޅުންތަކުގެ ސަބަބުން އެތައް ވިޔަފާރިއެއް ފުނޑުފުނޑުވެ، ގިނަ ބައެއްގެ ތައުލީމީ ހަޔާތް ބަނަވެގޮސް ކުރިމަގަށްވެސް އަސަރުތަކެއް ކުރާ ހިސަބާށް ދިޔައެެވެ.

މި މާޔޫސްކަމުން އަރައިގަތުމަށް ދިވެހި ރައްޔިތުންނަށް އެހީތެރިވުމުގެ މަގުސަދުގައި އިކޮނޮމިކް މިނިސްޓްރީއިންވަނީ ދިވެހި ރައްޔިތުން އިގްތިސާދީ އިސް ސަފުގައި ޝާމިލު ކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ހިންގި އެއް މަސައްކަތަކީ ސަރުކާރުގެ ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްތައް ފެށުމެވެ.

އެގޮތުން ފެނަކަ، އެމްއޭސީއެލް، އެޗްޑީސީ، އަދި އެމްޓީސީސީ ފަދަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުންވަނީ މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މިނިސްޓްރީއާއިއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައެވެ. މި ފުރުސަތުގެ ދަށުން އެކި ފަރާތްތަކަށް ވަޒިފާގެ ފުރުސަތު ލިބި، ވަޒީފާގެ މާހައުލު ތަޖުރިބާ ކުރުމުގެ ފުރުސަތުވެސް ފަހިވެގެންދިޔައެވެ.

ވިޔަފާރީގެ ސިނާއަތުގައި އަންހެނުންގެ ދައުރު އިތުރުކުރުން:

މި ސަރުކާރުންވަނީ ދިވެހިރާއްޖޭގެ ތަރައްގީގެ އިސް ސަފުގައި އަންހެނުންގެ ދައުރު އިތުރުކޮށް ފުޅާ ކުރުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ އިސްނެގުމުގެ މަތިން، ވިމެން އިން ސަސްޓެއިނަބަލް އެންޓަރޕްރެނިއަރޝިޕް (ވައިޒް) ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް އިފްތިތާހު ކުރިއެވެ.

2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު ފެށިގެންދިޔަ މި ޕްރޮގްރާމްގެ މައިގަނދު މަގުސަދަކީ ވިޔަފާރިއެއް ފެށުމަށް ގަސްދުކުރާ އަންހެނުންނަށް އަދި މިހާރުވެސް ވިޔަފާރި ކުރަމުންދާ ފަރާތްތަކަށް ބޭނުންވާ ފަންނީ ތަމްރީނު ދިނުމާއި، ސަރުކާރު ފަރާތުން އާއްމުންނަށާއި އަދި ވިޔަފާރިކުރާ ފަރާތްތަކަށް ލިބެންހުރި ފުރުސަތުތަކާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދިނުމެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ގަން އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމުގެ މަޝްރޫޢު:

ކޮވިޑްގެ ދަތި ހާލަތުން ދިވެހި އިގްތިސާދު އަރައިގަތުމުގައި ފަތުރުވެރިކަމުގެ ސިނާއަތުވަނީ މުހިންމު ރޯލެއް އަދާކޮށްފައެވެ. އެހެންކަމުން ސަރުކާރުންވަނީ އެ ސިނާއަތު ދެމެހެއްޓިނިވި ގޮތެއްގެ މަތިން ކުރިއެރުވައި ފުޅާ ކުރުމަށް މަސައްކަތްތަކެއް ފަށާފައެވެ.

އައްޑޫގެ ގަން އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު ފައިސާގެ ދަށުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިގެންދިޔަ މަޝްރޫޢުއެކެވެ. ސަރުކާރުން ބުނެފައިވާގޮތުން މި މަޝްރޫޢުގެ ދަށުން އަހަރަކު 5.1 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭވަރުގެ ޒަމާނީ ވަޞީލަތްތަކާ އެކުގައި އެއަރޕޯޓުގެ ޕެސެންޖާރ ޓާމިނަލް އަށް ތަރައްގީތައް ގެނެވޭނެއެވެ.

ސަރުކާރުން ލަފާކުރާގޮތުން، މި އެއަރޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ ދެކުނުގެ ތަރައްގީއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މިކަމުގެ ސަބަބުން ފަތުރުވެރިކަމާއި، މަސްވެރިކަން އަދި އެހެނިހެން ދާއިރާތައްވެސް ފުޅާ ކުރެވި، ދެކުނުގައި އިގްތިސާދީ ހަބެއް ގާއިމު ކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

ދިވެހިރާއްޖޭގެ އަމިއްލަ އުފެއްދުންތައް އުފައްދާ މިންވަރު އިތުރުކޮށް އެ މާހައުލު ފުޅާ ކުރުން: 

ދިވެހި އަމިއްލަ އުފެއްދުންތަކަކީ ބައިނަލްއަގުވާމީ މާކެޓުގައިވެސް ބޮޑު ތަރުހީބެއް ލިބިގެންދާ ތަކެއްޗެވެ. އެގޮތުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އަދި އެހެނިހެން މަގުސަދުތަކުގައިވެސް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ރިހާކުރު އަދި އެހެނިހެން އުފެއްދުންތަކުގެ މަގުބޫލުކަން ފެނިގެންދެއެވެ.

އިކޮނޮމިކް މިނިސްޓްރީއިންވަނީ މިފަދަ ތަކެތި މާކެޓު ކުރުމުގެ ނިޔަތުގައި އެސްއެމްއީ ހަބެއްވެސް ގާއިމުކޮށްފައެވެ. އަދި އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ދާދި ފަހުން މިނިސްޓްރީއިން ވަނީ “ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓު” ނިޝާނެއް އުފެއްދުމަށް ކޮންޓެސްޓެއް ފަށާފައެވެ.

މިއީ މިނިސްޓްރީގެ ދަށުން ދިވެހި އަމިއްލަ އުފެއްދުމެއްކަން ކަށަވަރު ކޮށް ތަކެތީގައި ޖެހުމަށް އުފައްދާ ނިޝާނެކެވެ. މިނިސްޓްރީއިން ފެށުމަށް ނިންމާފައިވާ ދިވެހި އަމިއްލަ އުފެއްދުންތަކުގެ ސްކީމުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކުގެ އުފެއްދުންތައް ވިއްކާނީ އިއުލާނު ކުރެވިފައިވާ ކޮމްޕެޓިޝައިން ހޮވޭ ލޯގޯ ޖެހުމަށްފަހުއެވެ.

އިކޮނޮމިކް ރީސާޗު ސެންޓަރެއް ގާއިމު ކުރުން:

ސަރުކާރުންވަނީ އިގްތިސާދީ ދަތިތައް ހައްލުކޮށް، އިގްތިސާދު ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ދާދި ފަހުން އިކޮނޮމިކް މިނިސްޓްރީއިންވަނީ އިކޮނޮމިކް ރީސާޗު ސެންޓަރެއް ގާއިމުކޮށްފައެވެ.

ގާއިމު ކުރެވިފައިވާ ސެންޓަރުގެ އަމާޒަކީ ރާއްޖޭގެ ތަރައްގީއަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ތަފާސް ހިސާބު އަދި އިޖާދީ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހުކުރުމެވެ. އަދި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރި
ގޮންޖެހުންތައް ހައްލުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލާ ގޮތްތަކަށް ބަދަލުތަކެއް ގެނައުމުގެ އަމާޒުވެސް ހިމެނޭކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވާގޮތުން، ގާއިމު ކުރެވިފައިވާ ރީސާޗު ސެންޓަރު ހާއްސަ ކުރެވިފައިވަނީ ތަފާސް ހިސާބުތައް ބޭނުންކޮށްގެން ދިރާސާ ކުރުމަށާއި، ސިޔާސަތުތައް އެކުލަވާލުމުގައި އާންމުގެ ހިއްސާ އިތުރުކުރުމަށެވެ. އަދި ދުނިޔޭގެ އިނޮވޭޝަން ސެންޓަރުތަކާއި ދިވެހިރާއްޖެއާއި ދެމެދު އިލްމާއި ހުނަރު ބަދަލު ކުރުމުގައި މި ސެންޓަރު މެދުވެރިއަކަށް ވެގެންދާނެކަމަށް މިނިސްޓްރީއިން ލަފާކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: