ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 ރައްޔިތުންގެ މަޖިލީޙުގައި ހޫނަގަދަ ބަހުސްތަކެއް ކުރެވުނު ކޯޅުން ބޮޑު އަހަރެއް

ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސް ފެށުނީ ރައްޔިތުންނަށް ފޮނި އުއްމީދު ތަކެއް ގެނެސްދިނުމުގެ މަގްސަދުގައެވެ. މި އަހަރުގެ ރައްްޔިތުންގެ މަޖިލިސް ފެށިގެން ދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ބަޔާން އިއްވަވައި އުއްމީދީ ވައުދުތަކެއް ރަައްޔިތުންނަށް ވެ ވަޑައިގެންނެވެ.

މަޖިލިސް ހުޅުވި ރިޔާސީ ބަޔާނާއިއެކު ގެނުވި އުންމީދު

ރައީސް ގެ ރިޔާސީ ބަޔާނުގައި ފާހަގަކޮށްލެވޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން 12،730 ދަރިވަރަކަށް އެފުރުސަތު ހޯދައިދެވިފައިވާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި 5000 އަށް ވުރެ ގިނަ ދަރިވަރުން ހިލޭ ޑިގްރީ ހަދައިގެން އަންނަ އަހަރު ނުކުންނާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ބޭނުންވާ  1500 ދަރިވަރުންނަށް 2021 ގައި ސްޓޫޑެންޓް ލޯން ދޫކޮށްފައިވެއެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކޮށް ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލައި، 12,628 ރުފިޔާއިން 19,740 ރުފިޔާއަށް ބޮޑުކޮށްފައިވެއެވެ. މިއީ 56 ޕަރސެންޓްގެ ކުރިއެރުމެއް ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

އެންމެ ކުޑަވެގެން މަސައްކަތްތެރިއަކަށް ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅި އެކަމުގެ ނަފާ މަސައްކަތްތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކަށް ލިބެމުންދާ ކަން ރައީސް ވަނީ ފާހަގަކޮށްފައެވެ. އޭގެތެރޭގައި  ފަތުރުވެރިކަމުގެ ސިނާޢަތުގެ 13,000 ދިވެހި މުވައްޒަފުންނާ ސަރުކާރުގައި މަސައްކަތްކުރާ 15,400 މުވައްޒަފުންނާއި، ސަރުކާރު ކުންފުނިތަކުގެ 5,100 މުވައްޒަފުންނަށް މިނިމަމްވޭޖްގެ ފައިދާ ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން 10 އިންސައްތައިގެ ސަރވިސް ޗާޖް ނެގުން ލާޒިމްކޮށް  އަދި އޭގެ 99 އިންސައްތަ، މުވައްޒަފުންނަށް ހަމަހަމައަށް ބެހުމަށް މިއަހަރު ފެށުނު އިރު ގާނޫނުގައި ހިމެނުނު ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރާއްޖޭގެ 5 ސަރަޙައްދުގައި ތަރައްޤީކުރާ 5 ޓަރޝަރީ ހޮސްޕިޓަލްގައި މިހާރު ސީޓީ އަދި މޯބައިލް އަލްޓްރާ ސައުންޑް ސްކޭނާއެކު، ލެބޯރެޓަރީ ނިޒާމް ގާއިމްކުރެވި އުތުރާއި ދެކުނުގައި އެމް.އާރު.އައި. ޚިދުމަތާއި، ހިތުގެ ބަލިތައް ދެނެގަނެ ފަރުވާދެވޭނެ ނިޒާމު ޤާއިމުކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

4 ހޮސްޕިޓަލެއްގައި ފުރިހަމަ ޑެންޓަލް ޚިދުމަތް ގާއިމްކޮށްނިމިފައިވާ ކަމަށާއި ސްޕެޝަލިޓީ ޚިދުމަތްތައް ޓާޝަރީ ހޮސްޕިޓަލްތަކުން ލިބިގެން ދާނެ ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ.

ސެންޓަރ ފޮރ މެންޓަލް ހެލްތުން މިހާތަނަށް 41,890 ކޮންސަލްޓް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމްބިއުލަންސްގެ ޚިދުމަތް ފުރިހަމައަށް ނުދެވޭ 96 ރަށަކަށް ޒަމާނީ އެމްބިއުލަންސް ފޯރުކޮށްދިނުމުގެ ފަށައި އޭގެތެރެއިން 41 އެމްބިއުލަންސް ރާއްޖެ ގެނެވި، ރަށްތަކަށް ފޮނުވިފައިވާ ކަމަށާއި ބާކީ ހުރި އެމްބިއުލެންސް ތައް މިހަރުގެ ތެރޭގައި ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލާ އެމީހުންނަށް ދޭ އެލަވަންސް އަންނަ އަހަރު ދިނުމަށް ވަނީ ނިންމާފައެވެ.

އަތޮޅުތެރޭގެ ބޯހިޔާވަހިކަމަށް ހިންގާ މަޝްރޫޢުގެ ދަށުން ޖުމްލަ 2,180 ގެދޮރުގެ މަސައްކަތް، އެކި މަރުޙަލާގައި ކުރިއަށް ދާކަމަށާއި  ގެދޮރުވެރިޔާ ލޯނުގެ ގޮތުގައި 82 މީހަކަށް 42 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކުރުމުގެ މަސައްކަތް ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

5,000 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށްދާ ކަމަށާއި  އަދި އިތުރު 2,000 ހައުސިންގ ޔުނިޓުގެ މަސައްކަތް ހުޅުމާލޭގައި މިއަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން، މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދޫކޮށް ގިރާވަރު ފަޅު ހިއްކައި، އެ ބިމުންވެސް މަދުވެގެން 2,000 ގޯތި، މާލޭ ރަށްވެހިންނަށް ލިބިގެންދާނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 12 އިންސައްތައިގެ ކުރިއެރުމެއް ހޯދާނެކަމަށާއި މި އަހަރު ޖުމްލަ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާނެކަމަށް ވިދާޅުވެ އެ ވައުދު ވަނީ ފުއްދާފައެވެ.

39 ރަށެއްގައި މުޅިން އަލަށް ޒަމާނީ އިންޖީނުގެތައް ބިނާކޮށް 134 ރަށުގެ ބަނދަރުގެ މަސައްކަތް ނިންމައި 39 ރަށެއްގައި މުޅިން އަލަށް ޒަމާނީ އިންޖީނުގެތައް ބިނާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެސް.އެމް.އީ. ބޭންކް މެދުވެރިކޮށް ދަނޑުވެރިންނަށް މިހާތަނަށް 16.3 މިލިއަން ރުފިޔާގެ ލޯނުވަނީ ދޫކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާތަނަށް 741 ވިޔަފާރިއަކަށް 739 މިލިއަން ރުފިޔާގެ މި ދެންނެވި ލޯނު އެހީ ވަނީ ދޫކުރެވިފައިވާ ކަމަށާއި ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 144 ރަށެއްގައި ކުދި ވިޔަފާރި ހިންގޭނެ ގޮތުން ދޫކުރި ލޯނު އެހީތަކެއް ފޯރުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީގެ ދަށުން ހިންގޭ ތިލަމާލެ ބްރިޖަކީ، ރާއްޖޭގައި މިހާތަނަށް ހިންގޭނެ އެންމެބޮޑު މިފަދަ ޢުމްރާނީ ތަރައްޤީގެ ޕްރޮޖެކްޓެއް ކަމާއި މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ފެށިފައިވާ ކަމަށާއި  ބްރިޖުގެ ސަބަބުން މާލެ ސަރަޙައްދުގެ ދިރިއުޅުމާއި، ވިޔަފާރިއާއި، އިޖުތިމާޢީ ހުރިހާ ދާއިރާއަކުން ރައްޔިތުންނަށް ފަސޭހަކަމާއި، ކުރިއެރުމާއި، ދުވެލި ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ މަރުތަކަށް އިންޞާފު ހޯދުމުގައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ގެއްލުވައިލައިފައިވާ މައްސަލަ  މިހާތަނަށް ކޮމިޝަންގެ ފަރާތުން 200 އަށްވުރެ ގިނަ މީހުންނާ ސުވާލުކޮށް ބޭރުގެ ފައިނޭންޝަލް އެކްސްޕަރޓެއްގެ އެހީގައި މާލީ މުޢާމަލާތްތައް ވަނީ އެނަލައިޒް ކުރެވިފައިވެއެވެ. މި އަހަރުގެ މެދުތެރޭގައި ތަޙުޤީޤު އެއްކޮށް ނިންމައި، ކޮމިޝަންގެ ފަރާތުން ރިޕޯޓް ވަނީ ރައީސް އަށް އަރުވާފައެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި، ކުށް ސާބިތުނުވި ފަރާތްތަކުގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ މަސައްކަތް ކުރެވި ރިޔާސީ ކޮމިޝަނުން ތަޙުޤީޤު ކުރުމަށް ކަނޑައަޅާފައިވާ ބައި، ކުރިއަށް ނުގެންދެވި އޮތް އޮތުން މިހާރު މިވަނީ ނިމިފައި. އަދި އެ މައްސަލައިގެ ތަޙުޤީޤު، ރިޔާސީ ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމް.އެމް.ޕީ.އާރު.ސީ.ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އެސެޓް ރިކަވަރީ ކޮމިޝަން މެދުވެރިކޮށް މައްސަލަ ތަޙުޤީޤުކޮށް، ޤާނޫނީ މަރުޙަލާތައް ފުރިހަމަކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހަވާލު ކުރެވި އެ މައްސަަލައިގައި ދައުވާ ކުރަންޖެހޭ ފަރާތްތަކަށް ދައުވާކޮށްފައިވެއެވެ.

ފުލުހުންގެ ދައުރު އިތުރުކުރުމުގެ ގޮތުން، ރާއްޖޭގެ ހަތަރު ސިޓީ، އަދި ހުވަދުއަތޮޅާއި، އަރިއަތޮޅުގައި މިހާރުވަނީ ނޭބަރހުޑް ޕޮލިސް ރަސްމީކޮށް ފަށާ މި އަހަރުގެ ތެރޭގައި، ކ.އަތޮޅާއި، ތ.އަތޮޅުގައި މި މޮޑެލް ރަސްމީކޮށްވަނީ ފެށިފައެވެ.

ރަެއްޔިތުންގެ މަޖިލީހުގައި ކުރެވުނު މުހިންމު މަސައްކަތްތައް

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި 49.6 ޕަސެންޓް މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. އެގޮތުން ފުރަތަމަ ދައުރުގައި 26 ފަހަރެއްގެ މަތިން ވަޒީރުންނާ ސުވާލު ކުރެވިފައިވެއެވެ. އަދި 12 މައްސަލަ އެއް ހުށަހަޅައި ފުރިހަމަކޮށްފައިވާއިރު 28 ބިލު ހުށަހެޅި 8 ބިލެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. މެމްބަރުން ހުށަހެޅި 10 މައްސަަލައިގެ ތެރެއިން 4 މައްސަލައިގެ މަސައްކަތް ވަނީ ނިންމާފައެވެ.

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި 8 ބިލެއްގެ މަސައްކަތް ނިންމައި 2 ގަރާރުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ސަރުކާރުން ހުށަހެޅި 3 މައްސަލައެއް ނިންމައި ކުއްލި 2 މައްސަލަ ވަނީ ނިންމާފައެވެ.

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގައި މެމްބަރުން ހުށަހެޅި 5 މައްސަލަ ހުށަހަޅައި ނިމިފައިވާއިރު ވަޒީރުންނާ 30 ފަހަރެއްގެ މަތިން ވަނީ ސުވާލު ކުރެވިފައެވެ.

މި އަހަރުގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި މަޖިލީހަށް ވަނީ 42 ބިލެއް ހުށަހަޅާފައެވެ. އެގޮތުން 25 ބިލުގެ މަސައްކަތް މަޖިލީހުން ވަނީ ނިންމާފައެވެ. އަދި 17 ބިލުގެ މަސައްކަތް ނުނިމި ވާއިރު 17 ގަރާރު މަޖިލީހަށް ހުށަހެޅިފައިވެއެވެ.

މަޖިލީހަށް ހުށަހެޅުނު ގަރާރު ތަކުގެ ތެރެއިން 6 ގަރާރެއްގެ މަސައްކަތް ނިމުނު އިރު 11 ގަރާރެއްގެ މަސައްކަތް ވަނީ ނުނިމިއެވެ.

މިއަހަރުގެ މަޖިލީހުގެ ތިންވަނަ ދައުރުގައި ވަނީ 17 މައްސަލަ އެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ސަރުކާރުން ހުށަހެޅި 8 މައްސަލަ ހިމެނެއެވެ. އަދި 10 މައްސަލައިގެ މަސައްކަތް ނިމިފައިވާއިރު 1 މައްސަލައިގެ މަސައްކަތް ވަނީ ނުނިމިއެވެ.

މި އަހަރު މަޖިލީހަށް 8 ކުއްލި މައްސަލަ ހުށަހެޅިފައިވާއިރު ހުރިހާ ކުއްލި މައްސަލައެއްގެ މަސައްކަތް ނިންމާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގައި 89 ސުވާލު ވަޒީރުންނާއި ވަނީ ކުރެވިފައެވެ.

މި އަހަރުގެ މަޖިލީހުގެ ތިންވަނަ ދައުރު ނިމުނު މައްސަލައިގެ  54.7 އިންސައްތަ ނިމިފައިވާއިރު  45.3 އިންސައްތަ މަސައްކަތް ވަނީ ނުނިމިއެވެ.

ކުރެވުނު ބައެއް މަސައްކަތްތަކުގެ ތެރޭގައި:

  • ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުން ހިމެނެއެެވެ.

މި ބިލަކީ، މި އަހަރުގެ އޭޕްރީލް 25 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި ޤާނޫނަށް ގެނައި މައިިގަނޑު އިޞްލާޙަކީ، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތައް ބަޔާންކުރުމެވެ. އެގޮތުން، ޤާނޫނުއަސާސީއާއި ޤާނޫނުގައިވާ ގޮތުގެމަތިން، ނަތީޖާ ނެރެދެވޭ ގޮތުގައި ހަރުދަނާ އުސޫލުން، ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ލަފައާއި އިރުޝާދުދިނުމާއި، ކޮމިޝަނުގެ ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓުމާއި، ކޮމިޝަނުން ނިންމާ ނިންމުންތައް ތަންފީޒުކުރުން ކޮމިޝަނުގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.

ދިވެހި ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު ވަނީ ތަސްދީގު ކުރެވި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވި ޢަމަލުކުރަންފެށިފައެވެ.

  • ދިވެހި ރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު ވަނީ މިއަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅިފައެވެ.

ފޮރިން ސާވިސް އަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ފާސްކޮށްފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 25 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 35 ވަނަ ޖަލްސާއިންނެވެ.

މި ޤާނޫނަށް ގެނައި އިޞްލާޙްތަކުގެ ތެރޭގައި ފޮރިން ސަރވިސްގެ މަޤާމުތަކުގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ފޮރިން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް ފިނޭންސްގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށް އެ ޤާނޫނުގައި ބުނާ 44 ވަނަ މާއްދާގެ (ށ) ވަނީ އުނިކޮށްފައެވެ. އަދި، މި ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) އާއި، 56 ވަނަ މާއްދާގެ (ނ) އަށް ބަދަލު ގެނެސް، މި ޤާނޫނުގެ 71 ވަނަ މާއްދާގެ (ފ) ގެ ފަހަތަށް ތިން އަކުރު ވަނީ އިތުރުކޮށްފައެވެ.

މި ބަދަލުތަކުގެ ތެރޭގައި ފޮރިން ސަރވިސްގެ މުވައްޒަފުންގެ ތެރެއިން 47 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން ޚިދުމަތުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް ޢިނާޔަތް ދޭންވާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި، ޤާނޫނުގެ 56 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލާ މުވައްޒަފުންގެ އޮނިގަނޑުގައި ހިމެނޭ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ މިންގަނޑުތަކާއި ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސްއިން ކަމުގައި ވެސް ވަނީ ބަޔާންކޮށްފައެވެ.

ފޮރިން ސާވިސްގެ ބިލުވެސް ވަނީ ތަސްދީގު ކުރެވި ގެޒެޓްގައި ޝާއިޢު ކުރެވި އަމަލުކުރަން ފެށިފައެވެ.

  • ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު އަށް 12 ވަނަ އިސްލާޙް ގެނައުމުގެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މި އަހަރުގެ ސެޕްޓެންބަރު 21 ވީ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، އެ ޤާނޫނުގެ 11 ވަނަ އިޞްލާޙުގައި ރާއްޖޭގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، ޓޫރިސްޓުންގެ އަތުން ނެގޭނެކަމަށް ބަޔާންކޮށްފައިވާ ގްރީން ޓެކްސް ނެގުން 1 ޖަނަވަރީ 2023 އިން ފެށިގެން ނެގުމަށް އޮތް އޮތުން މިހާރުން ފެށިގެން ވެސް ނެގޭނެގޮތަށް މަގުފަހިކޮށްދިނުމެވެ.

އެ ޤާނޫނަށް 12 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާ ހަމައަށް ހިނގާފައިވާ މުއްދަތުގެ ތެރޭގައި، ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމަށާއި، ގްރީން ޓެކްސް، މި ޤާނޫނުގައި ބަޔާންކުރާ ފަރާތެއް ފިޔަވައި އެހެން ފަރާތެއްގެ އަތުން ނަގާފައިވާނަމަ، ނުވަތަ ނަގަންޖެހޭ ޢަދަދަށްވުރެ އިތުރަށް އެއްވެސް ފަރާތެއްގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ނަގާފައިވާނަމަ، އެ ފައިސާ އެފަރާތަކަށް އަނބުރާނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުން އެ ފައިސާ ދައުލަތަށް ދައްކަންވާނެކަމުގައި ވަނީ ބަޔާންކޮށްފައެވެ.

ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހު ފާސްވުމާއެކު އެ ބިލު ވަނީ ގާނޫނަކަށް ވެ ގެޒެޓްގައި ޝާއިޢުކުރެވި ޢަމަލުކުރަން ފަށާފައެވެ.

  • 2023ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، 2022 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓު، ބަޖެޓު ދިރާސާކުރާ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކޮށްފައިވެއެވެ.

ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސް ކުރިއަށްގެންދަވައި ރިޕޯޓު މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

  • ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖީ.އެސް.ޓީ. އާއި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޖީ.އެސް.ޓީގެ ރޭޓު މަތިކުރުމަށްޓަކައި މި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ވަނީ ގެނެސްފައެވެ.

އެގޮތުން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް 1 ޖަނަވަނީ 2023  އިން ފެށިގެން 16 އިންސައްތަކަމުގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުން ނެގޭ ޖީ.އެސް.ޓީ 1 ޖަނަވަނީ 2023 އިން ފެށިގެން 8 އިންސައްތަ ކަމުގައިވެސް ކަނޑައަޅުއްވާފައިވެއެވެ.

މި އަހަރު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ހޫނުގަދަ ބަހުސްތަކުގެ ތެރޭގައި ޗާގޮސްގެ މައްސަލައިގައި މަޖިލީހުގެ ރުހުން ނުހޯދާ ސަރުކާރުގެ ފަރާތުން އެ މައްސަލައިގައި ދަމަހައްޓަމުން ގެންދިޔަ ސްޓޭންޑް ބަދަލު ކޮށްފައިވާތީ އެކަމާއި މަޖިލީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބައެއް މެމްބަރުން ވަނީ ގައުމުގެ އެފަދަ ބޮޑެތި މައްސަލަތަކުގައި ސަރުކާރުން ގޮތް ނިންމުމުގެ ކުރިން ރައްޔިތުންގެ ބަހެއް ނުހޯދާތީ އެކަމުގެ ހިތް ހަމަ ނުޖެހުން ފާޅުކޮށްފައެވެ.

ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރިއިރު މެމްބަރުން ވަނީ ބަޖެޓަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އެގޮތުން މެމްބަރުން ފާހަގަ ކުރެއްވި ގޮތުގައި ދައުލަތުން ބޮޑު ބަޖެޓެއް ފާސްކުރާއިރު ބަޖެޓްގައި ހިމަނައި އަންދާޒާ ކުރާ މިންވަރަށް ފައިސާ ލިބޭނެ ކަމަށް ނުބަލައި ބަޖެޓް ފާސްކުރިކަމަށެވެ. އަދި ބައެއް މެމްބަރުންގެ ވާހަކައިގައި ބަޖެޓްގައި ހިމަނާފައިވާ އަދަދުތަކަކީ ހިޔާލީ އަދަދުތަކެއް ކަމަށާއި އަންނަ އަހަރުގެ ބަޖެޓަކީ ދަރަނި ބޮޑު ބަޖެޓެއް ކަމަށެވެ.

ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށާއި އަމާޒާއި ޕްލޭންއާއި ތަރައްގީގެ މަޝްރޫއުތައް އަންނަ އަހަރުގެ ބަޖެޓް މެދުވެރިކޮށް ހިންގޭނެ ކަމަށް ބައެއް މެމްބަރުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މުދަލާއި ހިދުމަތުގެ އަގުން ނާއި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް ބޮޑުކުރުމަށް މަޖިލީހުން ފާސްކުރި އިރުގައި މެމްބަރުން ވަނީ އެކަމުގައި ހިޔާލުތަފާތުވުން ތަކެއް އުފެދިފައެވެ. އެގޮތުން ބައެއް މެމްބަރުންގެ ނަޒަރުގައި ޓެކްސް އާއި ޓީޖީއެސްޓީ ބޮޑުކުރުމަކީ މިވަގުތަށް އެންމެ ރަނގަޅު ނިންމުމެއް ނޫނެވެ. ސަބަބަކީ ދުނިޔެއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން ކަމަށާއި މިހާލަތުގައި ޓެކްސް ބޮޑުކުރުމުން ތަކެތީގެ އަގު ބޮޑުވެ އެކަމުގެ ތަކުލީފް ރައްޔިތުންނަށް ކުރިމަތިވާނެތީއެވެ.

ޓެކްސް އިތުރުކުރަނީ ތަރައްގީ އަށް ހުރި މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ އިތުރުކޮށް ބަޖެޓް ހަމައަކަށް އެޅުވުމަށް ކަމަށް ބައެއް މެމްބަރުން ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: