ފާއިތުވި 4 އަހަރަކީ ދިވެހި ރައްޔިތުންނަށް ހިތްދަތިކަމާއި މާޔޫސްކަން އިތުރުކުރުވި 4 އަހަރުގެ ކަމަށް އިދިކޮޅު ޕީޕީއެމް / ޕީއެންސީ އިން ބުނެފިއެވެ.
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށް މީލާދީ އައު އަހަރުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ފޮނުވައި އިދިކޮޅުން އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ހަރާމް ހުކުމެއް ކަމަށެވެ.
ދިވެހި ރައްޔިތުންގެ ޢުންމީދު ޤައުމުގެ ތަރައްޤީގެ ބާނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސިޔަސީ ނުފޫޒުން ޙަރާން ޙުކުމެއް ޖަހާ ޖަލުގެ ތޭރިތަކު ތެރެއަށް ލައިގެން އަނިޔާވެރިވަމުން ދާކަމަށް އިދިކޮޅުގެ ބަޔާނުގައި ވެއެވެ.
ރައީސް ޔާމީން އަށް ހަރާން ޙުކުމެއް ޖެހުމުގެ އެންމެ ބޮޑު ބޭނުމަކީ މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި އިބްރާހީމް ރައީސް އިތުރު ދައުރަކަށް އިންތިޚާބު ވުމަށް ކޮށާ މަގެއްގެ ގޮތުގައިކަން ދިވެހި އެންމެހައި ރައްޔިތުންނަށް ކަށަވަރުވާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
ރައްޔިތުންގެ ދިރިއުޅުމުގެ އަގު ބޮޑުކޮށް، ރައްޔތުން އަތުން 8 ޕަސެންޓް ގެ ޖީއެސްޓި ނަގާ ތަކެތީގެ އަގުބޮޑުކުރުމުގެ އިތުރުން ރައްޔިތުން ނިކަމެތި ކުރަމުންދާ އިރު، އެ ހުރިހާ ކަމަކުން އަރައިގަނެވެން އޮތީ މިއަހަރު ރިޔާސީ އިންތިޚާބުގައި އިބްރާހީމް ރައީސް އާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ފަރާތްތައް ބަލިކޮށް ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނެސްގެން ކަމާއި އެކަން ޔަގީންވާ ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.
ރައީސް ޔާމީން ޖަލުގައި ރަހީނުކޮށްގެން ގެންގުޅުނުނަމަވެސް، އެމަނިކުފާނުގެ ހިތްވަރަކަށް ބަދަލެއް ނާންނަ ކަމާއި އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާއެކު، ދިވެހިންގެ ޤައުމު ދިވެހީންނަށް އަނބުރާ ހޯއްދަވައިދެއްވުމުގެ ޢަޒުމުގައި ކަމަށް އިދިކޮޅުން ވަނީ ބުނެފައެ.
އެންމެހައި ރައްޔިތުންވެސް އެމަނިކުފާނުގެ ހިތްވަރުން ހިތްވަރު ލިބި، މިވެރިކަން ބަދަލުކުރުމުގެ ޢަޒުމުގައި ނުކުތުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގެން، މިއަހަރުގެ ރިޔާސީ އިންތިޚާބު ބޮޑު އަޣްލަބިއްޔަތަކުން އެމަނިކުފާނަށް ކާމިޔާބުވެ، މިޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ސަލާމަތްވާނެ މަގު ތަނަވަސްކޮށްދިނުމަށް އެދޭ ކަމަށް ވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

