ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމެރީގެ އިންތިޒާމުތައް ބަލަހައްޓަން ނެގި އިންތިހާބު ކޮމިޓީގެ މެމްބަރުންގެ ތެރޭގައި ސިޔާސީ ފިކުރަކަށް ބުރަވާ ބަޔަކު ތިބުމަކީ އެއީ އިހުލާސްތެރިކަމާއި މެދު ސުވާލު އުފެދެން ޖެހޭ ސަބަބެއް ނޫންކަމަށް އެ ކޮމިޓީގެ މެމްބަރުން ބުނެފި އެވެ.
ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާއިރު، މި މަހުގެ 23 ވަނަ ދުވަހު އެ ޕާޓީގެ ރިޔާސީ ޕްރައިމެރީ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އިންތިހާބުގެ މަސައްކަތްތައް ކުރުމަށް ކޮމިޓީ އެކުލަވާލުމަށް ގައުމީ މަޖިލީހުގެ ބައްދަލުވުން ބޭއްވި ނިމިދިޔަ ހަފްތާގަ އެވެ. ގައުމީ މަޖިލީހުގެ ފަސް މެމްބަރުން އެކުލެވޭ އެ ކޮމިޓީ ނެގުމަށް ދެ ފަރާތަށް ވެސް އެއްބަސްވެވޭ ނަންތަކެއް ފާސް ނުކުރެވި އެންމެ ފަހުން ރައީސް ނަޝީދަށް ތާއީދު ކުރާ ބޭފުޅުން ޖަލްސާ ބޮއިކޮޓު ކުރީ އެވެ.
އިންތިހާބު ކޮމިޓީން މިއަދު ޕްރެސްއެއް ބާއްވައި، އިންތިހާބާއި ގުޅިގެން ލިބިފައިވާ ޝަކުވާތަކާއި އަދި އެ ނޫން ވެސް ތުހުމަތުތަކަށް ރައްދު ދިނެވެ.
ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އިންތިހާބުގައި ވާދަ ކުރައްވާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން 457 މީހުންނާއި ގުޅޭ ޝަކުވާއެއް ލިބިފައިވާއިރު ނިންމާފައި ވަނީ އެ މީހުން ފައިނަލް ވޯޓާސް ލިސްޓުން އުނިކުރުމަށް ކަމަށެވެ.
އިލެކްޝަންސް ކޮމިޓީއަށް މެމްބަރުން ހަމަޖެއްސުމުގައި ބާރާއި ނުފޫޒު ބޭނުންކުރިކަމަށާއި އަދި މިއީ އިންތިހާބުގެ ނަތީޖާ ގަޑުބަޑުކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ފާހަގަކުރަމުން ދާތީ، ސަންގުއިން ކުރި ވަހީދު ވިދާޅުވީ އެއްވެސް ނިންމުމެއް ފޮރުވިގެން ތިބެ ނިންމާފައި ނުވާނެކަމަށެވެ. ކޮންމެ ޝަކުވާއަކާއި ގުޅުން ހުރި ނިންމުމެއް ވެސް ނިންމަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައިކަމަށް ވަހީދު ވިދާޅުވި އެވެ.
ވަހީދު ވިދާޅުވީ ކޮމިޓީގައި އެއްވެސް ގަވައިދާއި ހިލާފުކަމެއް ހިނގާފައި ނުވާކަމަށާއި މެމްބަރުން ހަމަޖެއްސުމާއި އަދި އެ ނޫން ވެސް މަސައްކަތްތައް ކުރިޔަށް ގޮސްފައި ވަނީ އާއްމުކޮށް ވެސް އަމަލު ކުރަމުން އައި އުސޫލުގެ ތެރެއިން ކަމަށެވެ.
ސިޔާސީ ޕާޓީއެއްގެ މެމްބަރުންގެ ގޮތުގައި ތިބޭ ނަމަ، އެ މީހަކީ އެއީ ވަކި ފިކުރަކަށް ބުރަވާނެ މީހެއްކަން ފާހަގަކޮށް ވަހީދު ވިދާޅުވީ އޭގެ މާނައަކީ ކުރަމުން ދާ މަސައްކަތްތަކަށް ބުރޫތަކެއް އައުމެއް ނޫން ކަމަށެވެ.
ކޮންމެ މީހަކީ ވެސް ވަކި ފިކުރަކަށް ތާއީދު ކުރާނެ މީހެއްކަމަށް ތަކުރާރު ކުރައްވައި ކޮމިޓީގެ މެމްބަރު އަހުމަދު އަބްދުﷲ އަފީފް ވެސް ވެސް ވިދާޅުވީ އެކަމަށް އެޅެން އޮންނާނެ ފިޔަވަޅަކީ ކޮމިޓީއެއް ނެގުމުގައި އަމަލު ކުރާ ގޮތް ހަރުދަނާވެ ރަނގަޅުވުން ކަމަށެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ހިނގައިދިޔަ ކަންތަކަށް އިޝާރާތް ކުރައްވައި އަހުމަދު ވިދާޅުވީ ތާޖުއްދީން ސްކޫލުގައި އެރޭ ނޫސްވެރިން ވެސް ހާޒިރުވެތިބި ކަމަށެވެ. ހުރިހާ ކަމެއް ހިނގައިދިޔައީ މީޑިއާތަކުގެ ކުރިމަތީގައިކަން ފާހަގަކޮށް އޭނާ ވިދާޅުވީ މަސައްކަތް ކުރިޔަށް ދިޔައީ ދެ ފަރާތަށް ވެސް ފުރުސަތު ދީގެން މެމްބަރުން ހަމަޖެއްސޭތޯ ކަމަށެވެ.
”އެހެންވީމަ އެ ޕްރޮސެސްގެ މައްސަލައެއް ނެތީކަމަށް ވަންޏާ އެއޮތީ ފުރަތަމަ ޝަރުތު ފުރިހަމަވެފަ.. ދެން އޮންނާނެ ގޮތަކީ ކޮމިޓީގެ މެމްބަރުންގެ ނަޒާހަތްތެރިކަން ގެއްލޭފަދަ ކަމެއް އެ މީހުންގެ ފަރާތުން ނުފެންނަހާ ހިނދަކު ނަޒާހަތްތެރިކަމަށް ބަލަން ޖެހޭނެ.. އެ ނޫން ހަމައެއް ނޯންނާނެ.. މިހާރު އެއްވެސް ކެނޑިޑޭޓެއްގެ ފަރާތުން ޝަކުވާއެއް އޮތްކަމަށް ވާނަމަ އެކަން ހުށަހަޅަންވީ“ އަހުމަދު
އަހުމަދު ވިދާޅުވީ މެމްބަރުންގެ ނަޒާހަތްތެރިކަމަށް ބަލަން ޖެހޭކަމަށެވެ. ނަމަވެސް ކޮމިޓީގެ މެމްބަރުންގެ ފަރާތުން އެފަދަކަމެއް ފާހަގަކުރެވިފައި ނުވާހާ ހިނދެއްގައި މެމްބަރުންގެ މަސައްކަތް ކުރިޔަށް ދާނެކަމަށް އޭނާ ވިދާޅުވި އެވެ. ޝަކުވާއެއް އޮތް ނަމަ، އެ ހުށަހެޅުމަށް އިލްތިމާސް ކުރައްވައި އަހުމަދު ވިދާޅުވީ އެ މީހަކީ އެއީ ވަކި ކަމެއް ކުރާނެކަމަށް ބެލެވޭ ނުވަތަ ޝައްކުވާ މީހެއްކަމަށް ބުނުމުން އެއީ ޝަކުވާއަކަށް ނުވާނެ ކަމަށެވެ.
ސުވާލަށް އަކްރަމް ވެސް ވިދާޅުވީ އެއީ ކޮމިޓީން ދޭން ޖެހޭ ޖަވާބެއްކަމަށް ގަބޫލެއް ނުކުރާކަމަށެވެ. އަދި އެކަން ނިންމާނީ ޕާޓީގެ އާއްމު މެމްބަރުންކަމަށާއި ވަކިވަކި މެމްބަރުންނަށް އަމާޒުކޮށް ދައްކާ ވާހަކަތަކަށް ވެސް ދޭނެ ރައްދެއް ނެތް ކަމަށެވެ.
2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމެރީގެ މަސައްކަތްތަކަށް ކޮމިޓީއެއް ނަގާފައި ވަނީ ގައުމީ މަޖިލީހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮންޓްރޯލް ކުރައްވާ އަޣުލަބިއްޔަތުގެ ބޭނުން ހިފައި އިންތިހާބަށް ނުފޫޒު ފޯރުވުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދައިރާގެ މެމްބަރު، އަދި ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އިންތިހާބަށް ކަނޑައަޅާފައިވާ އެޖެންޓު ހަސަން ލަތީފް ވަނީ ”ސަންގު ޓީވީ“ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފަ އެވެ.
އިންތިހާބަށް އިއުލާނު ކުރުމުގެ ކުރިން، ރައީސް ސޯލިހުގެ ތާއީދު ފޯމުތަކުގައި ސޮއި ކުރުމުގެ މަސައްކަތް ކުރުމާއި ޕްރައިމެރީއަށް ނުފޫޒު ފޯރުވައި ރައީސް ނަޝީދަށް ލިބޭނެހެން ހީވާ ވޯޓުތައް ގެއްލުވާލުމަށް ދަފްތަރާއި ކުޅެ މެމްބަރުންގެ ނަންތައް ޕާޓީގެ ލިސްޓުން އުނި ކުރިކަމުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.
މި މައްސަލައިގައި ރައީސް ނަޝީދުގެ ފަރާތުން، ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ސިޓީއެއް ފޮނުވައި އެ ސިޓީ އާއްމު ކުރެއްވުމާއި އެކު އެމަނިކުފާނަށް ރައްދު ދީ ޕާޓީގެ ސެކްރެޓޭރިއޭޓުން ބަޔާނެއް އާއްމު ކުރި އެވެ. އެ ބަޔާނުގައި ވަނީ، ޕާޓީގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކުރުމަކީ ކަންބޮޑުވުމެއްކަމަށް ބުނެފަ އެވެ.

