އިދިކޮޅުފަރާތްތަކުން ރޭމާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނި ގޮތުގައި ރޭ މުޒާހަރާގައި ވަނީ 16 މީހަކު ހައްޔަރު ކުރެވިފައެވެ. ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހުޅުމާލެ ކައުންސިލަރު އިބްރާހިމް ޝުޖާއު ހިމެނެއެވެ.
ފުލުހުން ބުނީ މުޒާހަރާގައި ހައްޔަރުކުރި އެންމެންވެސް ވަނީ ރޭގައި ދޫކޮށްލާފައިކަމަށެވެ. އަދި އެމީހުން ދޫކޮށްލީ އެއްވެސް ޝަރުތެއްކުރުމެއް ނެތިއެވެ.
އިދިކޮޅުން މާލޭގައި މުޒާހަރާކުރަމުންގެންދަނީ ކުރީގެ ރައީސް އަދި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރުމާއި ގުޅިގެންނެވެ. އެގޮތުން އިދިކޮޅުން ގެންދަނީ ރައީސް ޔާމީން އަށް ކުރި ހުކުމަކީ ހަރާމް ހުކުމެއް ކަމަށާއި އެހުކުމަކީ ސިޔާސީ ގޮތުން ކުރި ހުކުމެއް ކަމަށް ތުހުމަތު ކުރަމުންނެވެ.
އިދިކޮޅުން ބުނި ގޮތުގައި ރައީސް ޔާމީން ޖަލަށްލާފައިވަނީ ނުހައްގުން ކަމަށެވެ. އަދި އެކަމަކީ މިއަދުގެ ސަރުކާރުން އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުމަށް އިންޑިއާއިން ބުނެގެން އިންޑިއާ އަޑީގައި އޮވެގެން ކޮށްފައިވާ ހުކުމެއް ކަމަށެވެ.
ރައީސް ޔާމީން ޖަލަށްލާފައިވާއިރު އެމަނިކުފާނުގެ މައްޗަށްވަނީ ދެ ދައުވާއެއް ސާބިތުވެފައެވެ. އެއީ ރިޝްވަތު ގަބޫލުކުރުމާއި މަލީ ލޯންޑަރ ކުރިކަމުގެ ދައުވާއެވެ. މިދެ ދައުވާގެ އިތުރުން ރައީސް ޔާމީން ވަނީ 5 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް އެފައިސާ ހަމަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އަންގާފައެވެ.

