ތެޔޮ ބޯޓެއްގައި ވިލިމާލެއިން ފުރިފަހުން، ވީނުވީއެއް ނޭނގިގެން ގެއްލިގެން ހޯދަމުން ދިޔަ ހޯދަމުން ދިޔަ މީހުންގެ ތެރެއިން އެކަކު މާލޭގެ ގެސްޓު ހައުސްއެއްގައި ހުއްޓައި ހައްޔަރުކޮށްފި އެވެ.
ބޯޓެއްގައި ދަތުރަށް ނިކުތް ފަހުން ގެއްލިގެން ހޯދަމުން ދިޔައީ ގދ. ތިނަދޫ، މަނާރު (45 އ) މުހައްމަދު ނާޒިމާއި ބަންގްލަދޭޝްގެ ރައްޔިތެއްކަމަށް ވާ މުހައްމަދު ލިޓަން އެވެ. އޭނާގެ އުމުރުން 35 އަހަރެވެ.
ގެއްލުނު ދެ މީހުން ފުލުހުން ހޯދަމުން ދިޔައީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެންނެވެ. އަދި އެ މީހުން ދަތުރު ކުރި ބޯޓު ވެސް އޮޔާ ދަނިކޮށް އެ ހަފްތާގެ އާދީއްތަ ދުވަހު ހުޅުލެ ކައިރިން ފެނުނެވެ. ނަމަވެސް ބޯޓުން ދަތުރު ކުރި ދިވެހި މީހާ އަދި ބިދޭސީ މީހާ ވެސް ފެނިފައި ނުވެ އެވެ.
ދެ މީހުން ހޯދުމުގެ މަސައްކަތާއި، އަދި ބޯޓު ފެނުނު ފަހުން ވެސް މައްސަލައިގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ.
ނަމަވެސް ގެއްލިގެން ހޯދަމުން ދާކަމަށް އާއްމު ކުރި ދިވެހި މީހާ މާލޭގެ ކެފޭއެއްގައި ހުއްޓައި އޭނާ ފެނި އާއްމުންގެ މީހެއް އޭނާއާއި އެކު ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރި އެވެ. އަދި ގެއްލިގެން އޭނާ ހޯދަމުން ދާކަމާއި، މާލޭގައި ކުރަނީ ކީއްތޯ ސުވާލު ކުރުމުން ޖަވާބުގައި އޭނާ ފުލުހަށް ވެސް ދިޔަކަމަށާއި ނަމަވެސް ނުފެނިގެން ހޯދަމުން ނުދާކަމަށް ފުލުހުން ބުނިކަމަށް ޓުވީޓުގައި ވެއެވެ.
އޭގެ ކުރިން ފުލުހުން އޮތީ ގެއްލުނު މީހުން ހޯދުމަށް މާލެތެރެ ބަލަމުންދާކަމަށް ވެސް ބުނެފަ އެވެ. ބެލެވޭ ގޮތުގައި މައްސަލައިގެ އެހެން ތަހުގީގެއް ފެށީ ފުލުހުންނަށް ހާދިސާގައި ޝައްކުތަކެއް ކުރެވިގެންނެވެ.
ފުލުހުން އޭނާ ހޯދުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން އިއްޔެ ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ނުލިބެ އެވެ. ނަމަވެސް މިއަދު މީޑިއާ ގުރޫޕަށް މެސެޖެއް ފޮނުވައި އެނާ ފެނިފައި ވާކަމަށް ބުންޏެވެ.
އެއަށް ފަހު އިތުރު މެސެޖެއް ފޮނުވައި ފުލުހުން ބުނީ، ދިވެހި މީހާ މަރުގެ މައްސަލައެއްގެ ތުހުމަތު ކުރެވޭތީ ތަހުގީގަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

