ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އާއްމުކޮށްފިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓު އާއްމުކޮށްފައިވަނީ މިދިޔަ މަހު އާއްމު ކުރި ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތައް ބެލުމަށްފަހު 459 މީހަކު ދާއިމީ ލިސްޓުން އުނި ކުރުމަށް ފަހުގައެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ރައީސް ސާލިހް އާއި ރައީސް ނަޝީދު ގެންދަވަނީ ފޯރިއާއެކު ޕްރައިމަރީ ކެމްޕޭން ކުރައްވަމުންނެވެ.
މީގެ ކުރިން ރައީސް ނަޝީދުގެ ފަރާތުން ވަނީ ދަފްތަރުގައި މައްސަލަ ތަކެއް އުޅޭ ކަމަށް ބުނެ ޝަކުވާ ހުށަހަޅާފައެވެ. އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީއިން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވާ ގޮތުގައި ރައީސް ނަޝީދު ހުށަހެޅުއްވި ޝަކުވާގެ މައްސަލަ ކޮމިޓީއިން ވަނީ ބަލައިފާ ކަމަށެވެ. އެގޮތުން ކޮމިޓީއިން ބުނެފައިވާ ގޮތުގައި އެމްޑިޕީއިން ވަކިކޮށްފައިވަނީ އެހެން ޕާޓީތަކުގައި ނަން ހިމެނޭ މެމްބަރުންގެ އިތުރުން އަމިއްލަ އަށް އެދިގެން ޕާޓީ އިން ވަކިވެފައިވާ މެމްބަރުން ކަމަށެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ ރައީސް ސާލިހް އަށް އަމާޒު ކުރައްވައި ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. އެގޮތުން ރައީސް ސާލިހް އަށް އިންތިހާބުގައި 20 އިންސައްތަ ވޯޓްވެސް ނުލިބޭނެ ކަމަށް ރައީސް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ރައީސް ސާލިހް އަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ވިދާޅުވެފައިވަނީ ރައީސް ސާލިހު ޕްރައިމަރީ ކާމިޔާބު ކޮށް ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރައްވާނެ ކަމަށެވެ.

