ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ތާއީދު ކުރާތީ ވަޒީފާގެ ބިރު ދައްކައި، އެހެން ރަށްތަކަށް ބަދަލު ކުރާކަމުގެ ތުހުމަތު!

ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ފެށުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: މިހާރު އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީއާއި ދިމާކޮށް ސަރުކާރުގެ އެކި ވުޒާރާތަކުގެ އިސްވެރިން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުން ދާކަމުގެ ތުހުމަތު ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުންކޮށްފި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރުމަށް ބޭނުންވާތީ ޕްރައިމެރީގައި ވާދަ ކުރަނީ ޕާޓީގެ ރައީށް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ދެވަނަ ދައުރަކަށް އައުމަށް ރައީސް ސޯލިހު މަސައްކަތް ކުރައްވާއިރު، މި އިންތިހާބަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާކަން ފާހަގަކުރެވެ އެވެ. އަދި ކެމްޕެއިން ޓީމުތަކަށް ދަނީ އެކި ތުހުމަތުތައް ވެސް ކުރެވެމުންނެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން އާއްމު ކުރި ބަޔާނެއްގައި ބުނީ، އާއްމު މެމްބަރުންގެ ބުރަ މަސައްކަތާއި ގަދަ ހިތްވަރުން ނިކުމެ 2018 ގައި ވޯޓުލީ އޭރުގެ ސިޔާސީ މަސްރަހުގައި ހިނގަމުން ދިޔަ އެތައް ކަމަކަށް ނިމުމެއް ގައުމުގެ ބޭނުމުގައި ކަމަށެވެ. އެމްޑީޕީން އެންމެ ބޮޑަށް އަޑުއުފުލީ އަދާކުރަމުން ދާ ވަޒީފާގެ ސަބަބުން ވަކި ސިޔާސީ ފިކުރަކަށް ތާއީދު ކުރުމަށް މަޖުބޫރު ކުރުން ހުއްޓާލުމަށާއި އެމީހަކު ތާއީދު ކުރާ ޕާޓީއެއްގެ ސަބަބުން ވަަޒީފާއިން ވަކި ކުރާނެކަމަށް ބުނެ ބިރު ދެއްކުމުގެ އަމަލުތައް ހުއްޓާލުމަށް ކަމަށެވެ. ނަމަވެސް ޕާޓީގެ ވިސްނުމާއި ވެރިކަމެއް ބަދަލުކުރުމަށް ވޯޓުލީ އެތައް ސަބަބުތަކެއް އިޔާދަވަމުން ދާކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން ލިބެމުންދާކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ވަޒީފާތަކުގައި ތިބި މުވައްޒަފުން، އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަކުރަނީ ރައީސް ނަޝީދަށް ވާތީ އެ މީހުން އެހެން ރަށްތަކަށް ބަދަލު ކުރަމުންދާކަމަށެވެ. އޭގެ ބޭނުމެއްކަމަށް ބަޔާނުގައި ވަނީ މި މަހުގެ 28 ގައި އޮތް އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ފުރުސަތު އެ މުވައްޒަފުންނަށް ގެއްލުވާލުމެވެ. އަދި ރައީސް ނަޝީދު ކެމެޕެއިނަށް އެ ރަށަކަށް ވަޑައިގަންނަވާ ހާލަތެއްގައި ބަދަލު ކުރުމުގެ ފުރުސަތު ނުދިނުންކަމަށް ވެސް ބަޔާނުގައި ތުހުމަތު ކުރި އެވެ.

މީގެއިތުރުން ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުގެ ބަޔާނުގައި ބުނެފައި ވަނީ ޕްރައިމެރީގައި ރައީސް ސޯލިހަށް ތާއީދު ނުކުރާ މުވައްޒަފެއް ނަމަ އެކި ގޮތްގޮތުން ބިރު ދައްކަމުންދާކަމުގެ ޝަކުވާތައް އިންތިހާއަށް ލިބެމުންދާ ކަމަށެވެ. ހާއްސަކޮށް ބައެއް ވަޒީރުންނާއި ނައިބު ވަޒީރުން އިސްވެ ތިބެ އެ ވުޒާރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބިރު ދައްކައި ރައީސް ސޯލިހަށް ތާއީދު އޮތްކަން ހާމަކުރުމަށް އަންގަމުންދާކަމުގެ ތުހުމަތު ކުރި އެވެ. ކެމްޕެއިން ޓީމުން ބުނީ، އެ މުވައްޒަފުން އެހެން ގޮތަކަށް މަސައްކަތް ކުރާނަމަ ވަޒީފާގައި ދެމި ނުތިބެވޭނެކަމަށް ވެސް ބުނެ ބިރުދައްކަމުން ދާކަމަށެވެ.

އެންމެ ފަހުން ރައީސް ސޯލިހު ބައިވެރިވި ކެމްޕެއިން ޖަލްސާއަށް އަމާޒުކޮށް، ބަޔާނުގައި ބުނެފައި ވަނީ އޭރޭގެ ހަރަކާތުގައި ބައިވެރިވުމަށް ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް އޮތީ އަންގާފައި ކަމަށެވެ. އަދި އެ ހަރަކާތާއި ކުރިޔަށް ހުރި ހަރަކާތްތަކުގައި ބައިވެރި ނުވާނަމަ ވަޒީފާއިން ވަކިކޮށް ފިޔަވަޅު އަޅާނެކަމަށް އަންގާފައވާކަމަށް ބުންޏެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ވާދަވެރި ކެނޑިޑޭޓުގެ ސިޔާސީ ހަރަކާތްތަކަށް ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށް ދައުލަތުގެ އޮފީސްތައް ބޭނުން ކުރަމުންދިއުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ބިރުދެއްކުމާއި ނާތަހުޒީބު މިފަދަ އަމަލުތަކަކީ 2008 ގެ ކުރީން ރައީސް މައުމޫން އަބްދުލްގައްޔޫމް ގެންގުޅުއްވި ސިޔާސަތެއްކަމަށް ބަޔާނުގައި ވެއެވެ. އަދި އޭގެ ފަހުން އައި އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެންމެ ފުރަތަމަ ވެސް ނައްތާލީ އެ ބިރުވެރިކަންކަމަށް ބަޔާނުގައި ވެއެވެ.

”މި ނާތަހްޒީބު ބިރުދެއްކުމުގެ ޢަމަލުތަކާއި، ސަރުކާރުން ނާޖާއިޒް ނުފޫޒު ބޭނުންކުރުމުގެ ޢަމަލުތަކަކީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރީން އެއިރު އޮތް ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ޑީ.އާރް.ޕީގެ ސަރުކާރުން ފެށިގެން އައިސްފައިވާ ކަންކަން ކަމާއި، އެކަންކަން ވަނީ 2008 ވަނަ އަހަރު އިންތިޚާބުވި އެމް.ޑީ.ޕީ ގެ ސަރުކާރު އައުމާއެކު ނައްތާލާފައިކަމާއި، އެހެންނަމަވެސް އަނެއްކާވެސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން އެ ނާތަހްޒީބު ޢަމަލުތައް ވުޖޫދުކުރުވާފައިވާ ކަމީ މިޕާޓީގެ މެންބަރުން ދެބަސްވާނޭ ކަމެއް ނޫނެވެ.“ ބަޔާން

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ބުނީ އެމްޑީޕީ އަކީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ނަގަހައްޓައި، އިންސާނީ ގަދަރާއި ކަރާމާތް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށެވެ. އަދި މުވައްޒަފުންނަށް އެފަދަ ބިރުދެއްކުމުގެ ޢަމަލުތަކުން ދުރުވެ ތިބުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަޔާނުގައި ގޮވާލާފައި ވެއެވެ.

ނުފޫޒާއި ބާރުގެ ބޭނުންކޮށް ކެމްޕެއިން ކުރާކަމުގެ ތުހުމަތުތައް ރައީސް ސޯލިހުގެ ޓީމުން ދޮގު ކުރެ އެވެ. އަދި ވާދަވެރިކަމާއި އެކު ކެމްޕެއިން ކުރުމުގެ ފުރުސަތު އެބައޮތްކަމަށާއި ވަޒީފާގެ ބިރު ދެއްކުން ފަދަ އެއްވެސް ކަމެއް ނުހިނގާކަމަށް ފާހަގަކޮށް އެ ޓީމުން ބުނީ އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ކެމްޕެއިންގެ ހަރަކާތްތައް ފެށިގައި ވަނިކޮށް ރައީސް ސޯލިހު ބޭއްވި ޕްރެސްއެއްގައި އެމަނިކުފާނު ވެސް ވިދާޅުވީ އިންތިހާބަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށެވެ. އަދި ޕާޓީގެ ދަފްތަރު އޮޅުވާލިކަމަށް ދެކެވޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: