އެމްޑީޕީގެ ފިކުރަކީ ވަކި މީހެއްގެ ފިކުރު ނޫންކަމަށާއި، އެ ފިކުރާއި އަސާސްތައް ޕާޓީގެ އަސާސީ ގަވައިދާއި ފާސްކޮށްފައިވާ ގަރާރުތައް އަދި ނިންމާފައިވާ ނިންމުތަކުން ފެންނަން އޮންނާނެކަމަށްވުމުން އެ ނޫން ފިކުރެއްގެ ދިރުމުގެ ވާހަަކަދެއްކުމަކީ އެހެން ޕާޓީއެއް އުފަން ކުރުމެގެ ވާހަކަދެއްކެވުންކަމަށް މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެ، ޕާޓީގެ މެމްބަރުން ދެ ފެކްޝަނަކަށް ބެހި އެއް ފެކްޝަނުން އަނެއް ފެކްޝަނަށް ބަހުގެ ހަމަލާތަކާއި ތުހުމަތުތައް ރައްދުކުރައްވަމުންދާއިރު، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއަށް ތާއީދު ޙޯއްދެވުމުގެ ގޮތުން ނ ވެލިދޫގައި ކުރިއަށް ގެންދިޔަ ޖަލްސާގައި އަސްލަމްވަނީ ރައީސް ނަޝީދަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.
އެނާ ވިދާޅުވީ، ޕާޓީއަށް 17 އަހަރު ވެގެންދިޔައިރު މިހާރު އެނާ ހުންނަވަންޖެހިފައިވަނީ އޮޅުންތަކާއި ކަންބޮޑުވުންތަކުގެ ތެރޭގައިކަމަށެވެ. އެނާ ވިދާޅުވީ، ޕާޓީގެ ފިކުރު ބަދަލުވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާކަމަށެވެ. އަދި ރައީސް ސާލިހުގެ ވެރިކަމުގެ ތެރެއިން ފެނިގެންދަނީ އެމްޑީޕީގެ ފިކުރެއް ނޫންކަމަށް ބަޔަކު ބުނަމުންދާކަމަށް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ، ރައީސް ސާލިހަށް ތާއީދުކުރާ ފަރާތްތަކަކީވެސް އެމްޑީޕީގެ މެމްބަރުން ނޫންކަމަށް ބުނަމުންދާކަމަށެވެ. އެނާ ވިދާޅުވީ، އެމްޑީޕީގެ ފިކުރަކީ ކޮބައިކަންވެސް އޮޅިއްޖެކަމަށެވެ. އަދި އެމްޑީޕީގެ ފިކުރަކީ ކޮބައިތޯ ސުވާލު އުފައްދަވާ އެނާ ވަނީ ފޮރުވައިގެން އެހެން ފިކުރެއް ގެންގުޅުއްވަނީތޯވެސް ސުވާލު އުފައްދަވާފައެވެ. ބެލެވޭގޮތުން އެނާ އެ ސުވާލު އަމާޒު ކުރެއްވީ ރައީސް ސާލިހާއި އެކު ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށެވެ.
އަސްލަމް ވިދާޅުވީ، އެނާއަށް އެނގިވަޑައިގަންނަވާ ގޮތުން، އެމްޑީޕީގެ ފިކުރަކީ އެ ޕާޓީގެ އަސާސީ ގަވައިދުގައި ލިޔެ ބަޔާންކޮށްފައިވާ އަސާސްތައް ކަމަށެވެ. އަދި އެ ޕާޓީ ގަބޫލު ކުރާ އުސޫލުތަކާއި އަސާސްތައް ޕާޓީގެ ވެބްސައިޓުގައި ބަޔާންކޮށްފައިވާނެކަމަށްވެސް ވިދާޅުވިއެވެ.
ބަޔާންކޮށްފައިވާ އުސޫލުތަކުގެ ތެރެއިން ސަރުކާރުން ހިލާފުވެފައިވަނީ ކޮން ފިކުރަކާތޯ ސުވާލުކުރައްވާ އަސްލަމް ވިދާޅުވީ، ހިލާފުވެފައިވާ ތަނެއް އެނާއަށް ފެނިވަޑައިނުގަންނަވާކަމަށެވެ. އަދި އެމްޑީޕީގެ ފިކުރަކީ ވަކި މީހެއްގެ ފިކުރުނޫންކަން ދަންނަވާކަމަށާއި އެ ފިކުރު އެ ޕާޓީގެ އަސާސީ ގަވައިދު އަދި ނެރިފައިވާ ގަރާރުތަކާއި ނިންމާފައިވާ ނިންމުންތަކުން ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، އެހެން ފިކުރެއްގެ ދިރުމުގެ ވާހަކަތައް ދެއްކުމަކީ އެހެން ޕާޓީއެއް އުފެއްދުމުގެ ވާހަކަދެއްކެވުންކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުން ޕާޓީގެ ތެރޭގައި ސަމާލުވެތިއްބެވުމަށް އިލްތިމާޒް ކުރައްވާކަމަށް އަސްލަމް ވިދާޅުވިއެވެ.

