2008 ވަނަ އަހަރު ދިވެހިން އެތައް ގުރުބާނީތަކެއްވެ ކުރި ބުރަ މަސައްކައްތުން ފެހި ގާނޫނުއަސާސީއެށް ހޯދީ ވަރަށް ވެސް ފޮނި އުންމީދުތަކަކާއިއެކުގައެވެ. މިނިވަން ކަމާއިއެކު ވަކި މީހެއްގެ ވަށައިގެން އެނބުރޭ އެނބުރުން ނިމުމަކަށް ގެނެސް ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާ ބިރެއް ނެތި ސަރުކާރަށާއި ވެރިންނަށް ފާޑުކިޔުމުގެ ޖާގަ ހޯދީ ވަކި މީހަކަށް ، ވަކި ކުލައަކަށް ބެލުމެއް ނެތި ސިޔާސީ މައިދާނުގައި ކުރިއަށް ދެވޭނެ ކަމުގެ ފޮނި އުންމީދާއިއެކުގައެވެ.
މި އުންމީދު ހަގީގަތަކަށް ހެދުމަށް، ދެކުނު ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ކުރަން ފެށި މަސައްކަތުގެ ބިންގަލަކީ ސިޔާސީ ޕާޓީތައް އުފެއްދުމެވެ. ބުނާ ގޮތުންނަމަ ސިޔާސީ ޕާޓީތައް އުފެއްދީ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިމުގައި ފެނުނު އެކަކު ވަށައިގެން އެބުނރޭ އެނބުރުން ނިމުކަމަށް ގެނެސް އެކަކަށް ސިޔާސީ މައިދާނުގައި އުޅޭވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް ވާދަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ޖަގާ ދިނުމުގެ ނުވަތަ ހޯދުމުގެ މަގުސަދުގައެވެ. މިކަމަށް އެންމެ ބޮޑަށް އަޑުއުފުލި ވަކާލާތު ކުރި އެއްޕާޓީއަކީ މިއަދު ރާއްޖޭގައި ވެރިކަން ކުރަމުންދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އެވެ.
އެމްޑީޕީން ޑިމޮކްރެސީއަށް ކުރާ މި ދަތުރުގައި ދައްކަމުން އަންނަ އެއްވާހަކައަކީ ރާއްޖެއިން ”މައުމޫނިޒަމް“ ގެ ސިފަތައް ނައްތާލަން ޖެހޭ ކަމަށެވެ. އެކަމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޕާޓީއަކީ ވަކި މީހެއްގެ ޕާޓީއަކަށް ހެދުމުގެ ބަދަލުގައި އެއީ ފިކުރެއްގެ ގޮތުގައި ހެދުމަށް އެމްޑީޕީން ވަކާލާތު ކުރިއެވެ. އަދި މިއަދުވެސް ދަނީ ކުރަމުންނެވެ. ހާއްސަކޮށް އެކަކު ވަށައިގެން އެނބުރޭ އެނބުރުން ވަކި މީހަކު ތާއަބަދު ”ބޮޑު“ މަގާމުގައި ހުންނަ ހުރުން އެއީ ”މައުމޫނިޒަމް“ ސިފަ ކަމަށް ރައްޔިތުންނަށް އަންގައިދިނީ އެމްޑީޕީގެ ރައީސް ރައީސް މުހައްމަދު ނަޝީދެވެ. ސުވާލަކީ ރައީސް ނަޝީދު އެ ވިދާޅުވާ ”މައުމޫނިޒަމް“ ގެ ސިފަތައް ފެންނަނީ ކޮންބައެއްގެ ނުވަތަ ކޮން ޕާޓީއެއްގެ ، ކޮން ބޭފުޅެއްގެ ފަރާތުންތޯއެވެ؟ މި ސުވާލުގެ ޖަވާބު ލިބޭނީ އަޅުގަނޑުގެ ހިޔާލުގައި މާޒީގެ ސަފްހާތައް ހުޅުވާލުމުންނެވެ.
މާޒީގެ ސަފަހްތާތައް ހުޅުވާލުމުގެ ކުރިން ފާހަގަ ކޮށްލަން ޖެހޭ އެހެން ކަމެއް އެބައޮތެވެ. އެއީ މިއަދު ”މައުމޫނިޒަމް“ ގެ ސިފަތަކުގެ ވާހަކަ ދެކެވެން ފެށި ސަބަބެބެވެ. މި ވާހަހަތައް މިއަދު ދެއްކަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންގެ ތެރެއިންނެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް މި މަހުގެ 28 ވަނަ ދުވަހު ރިޔާސީ ޕްރައިމެރީ ބާއްވުމަށް ނިންމާ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިން ފޯރިއާއިއެކު ކުރިއަށްދާއިރު މިހާރު އެންމެ ގަދައަށް އިވޭ އަޑަކީ ވެސް ރައީސް ނަޝީދު އެ ވިދާޅުވާ ”މައުމޫނިޒަމް“ގެ ސިފަތައް އެމްޑީޕީގެ އެތެރެއިން ފެންނަ ވާހަކައެވެ. އެ ވާހަކަތައް ދައްކަވަނީ ވެސް ރައީސް ނަޝީދެވެ.
މާޒީގެ ސަފްހާތަކުގެ ތެރެއިން އެމްޑީޕީގެ ސަފްހާތައް ހުޅުވާލާއިރު ފެނިގެންދާ މަންޒަރު ވަރަށް ވެސް ތަފާތެވެ. އެމްޑީޕީގެ އަސާސީ ގަވާއިދަށް އެކިފަހަރު މަތިން ބަދަލުތައް ގެނައި ނަމަވެސް ޕާޓީގެ ލީޑަރޝިޕް އެކުލެވިގެންވާ ގޮތަށް ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބުނެފައިވާ ގޮތުން ޕާޓީ ހިންގުމުގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސްއެވެ. ދެން ނައިބް ރައީސްއެވެ. އަދި އިދާރީ ހިންގުން ހަވާލު ކޮށްފައި ވަނީ ޕާޓީގެ ޗެއާޕާސަންއަށެވެ. ނަމަވެސް އެމްޑީޕީ ވެރިކަމުގައި ތިބޭއިރު ޕާޓީގެ އެންމެ އިސް ފަރާތަކީ ނުވަތަ އިސް ލީޑަރަކީ ޕާޓީގެ ޓިކެޓުގައި ވާދަކޮށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވާ ފަރާތެވެ. އެހެން ކަމުން މިއަދު އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއެވެ.
ދެން އޮތީ އެމްޑީޕީގެ ލީޑަރޝިޕްގެ ތާރީހެވެ. އެމްޑީޕީގެ ފުރަތަމަ ރައީސްއަކީ އިބްރާހިމް އިސްމާއީލްއެވެ. ޗެއާޕާސަންގެ މަގާމުގައި ހުންނެވީ މިއަދު މަޖިލީހުގެ ރައީސްގެ މަގާމް ފުރައްވަމުން ގެންދަވާ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް ފެނިގެން ދިޔަ މަންޒަރަކީ ޕާޓީގެ ރައީސްއަށްވުރެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަޝީދުގެ ބާރު ގަދަ މަންޒަރެވެ. ޕާޓީގެ ރައީސްގެ ބާރުތައް ވެސް ބޭނުން ކުރައްވަމުން ގެންދެވީ ނަޝީދެވެ. ނަތީޖާއެއްގެ ގޮތުން ޕާޓީގެ ރައީސްއަށް ވުރެ ޕާޓީ އިދާރީ ގޮތުން ހިންގަވަން އޭރު ހުންނެވި ނަޝީދުގެ މަގާމް މާ ބޮޑެވެ. ނަޝީދުގެ އާ ބަސް ނެތި ޕާޓީ ތެރޭގައި ކަމެއް ކުރުމަކީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށް އޭރުވެފައިއޮތެވެ. ނަތީޖާއެއްގެ ގޮތުން އިބްރާހިމް އިސްމާއީމްއަށް ޖެހުނީ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދޭށެވެ. އޭގެ ފަހުން އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ވަޑައިގެންނެވި ޑރ މުހައްމަދު މުނައްވަރަށް ވެސް ޖެހުނީ ހަމަ އިބްރާހިމް އިސްމާއީލްއަށް ޖެހުނު ދަތުރެވެ. ޕާޓީގެ ރައީސްގެ ބާރުތައް އޭރު ޕާޓީގެ ޗެއާޕާސަންގެ މަގާމް ފުރައްވަމުން ގެންދެވީ ރައީސް ނަޝީދު ހިފެހެއްޓެވީއެވެ.
ކޮންމެއަކަސް އެމްޑީޕީގެ އެންމެ ފުރަތަމަ އިންތިހާބީ ދެ ރައީސުން އިސްތިއުފާ ދޭން ޖެހުނީ ރައީސް ނަޝީދު ޕާޓީގެ ހުރިހައި ބާރެއް އެމަނިކުފާނުގެ މުށުތެރެއަށް ލައިގެން ހުންނެވުމުންނޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. އެ ސިފައަކީ ”މައުމޫނިޒަމް“ގެ ސިފަ ކަމަށް އަޅުގަނޑު ބުނާކަށް ނެތީމެވެ.
ކޮންމެއަކަސް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވުނުއިރު ވެސް އެމްޑީޕީގެ ހުރިހައި ކޮންޓްރޯލެއް އޮތީ ނަޝީދުގެ އަތްޕުޅުގައެވެ. 2008 ވަނަ އަހަރު ރައީސް ނަޝީދަށް ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުމުން ޕާޓީގެ ޗެއާޕާސާންގެ މަގާމުން އިސްތިއުފާ ދެއްވީއެވެ. އޭގެ ސަބަބަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ މަގާމް ރައީސް ނަޝީދަށް ލިބުމެވެ. އަދި ރައީސް ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދިނުމާއި ހަމައަށް އެމްޑީޕީ ހިނގަމުން ދިޔައީ ނުވަތަ ހިންގަމުން ދިޔައީ ރައީސް ނަޝީދު ވިދާޅުވި ގޮތަކަށެވެ. އެއީ ޕާޓީގެ އިސް ލީޑަރު ކަމަށް ވާތީ އެކަން އެގޮތަށް ކުރެއްވީ ކަމަށް އޭރު ހީކުރެވުނެވެ. ނަމަވެސް ކަމުގެ ހަގީގަތް ހާމަވެގެން ދިޔައީ އޭގެ ފަހުންނެވެ.
ރައީސް ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު އެމްޑީޕީއަށް ތިން ވަނަ ފަހަރަށް ރައީސްއަކު އިންތިހާބު ކުރެވުނެވެ. އެއީ ޑރ އިބްރާހިމް ދީދީއެވެ. ޑރ ޑީޑީއަށް ޖެހުނީ ޕާޓީގައި ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނަށް ޖެހުނު ދަތުރެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދިނުމަށް ފަހު ޕާޓީގެ ލީޑަރޝިޕުގައި ރައީސް ނަޝީދަށް ބާރުވެރި ކަމެއް ނެތުމުން ނުފޫޒުގެ ބޭނުން ކުރައްވައިގެން ޑރ ޑީޑީ އެމްޑީޕީގެ ރައީސްގެ މަގާމުން ވަކިކުރެއްވީއެވެ. އަދި އޭގެ ފަހުން 2013 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް މާ ކުރީއްސުރެ ހޯއްދަވައި ޕާޓީގައި ގެއްލިފައި އޮތް ކޮންޓްރޯލް އަލުން އަނބުރާ ހޯއްދެވިއެވެ. އޭގެ ފަހުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ނާކާމިޔާބު ވެވަޑައިގަތުމުން ހުސްވެފައިވާ ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާ އެއްވެސް ވާދަވެރިކަމެއް ނެތި ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ޕާޓީގެ ރައީސްގެ މަގާމަށް ފުރަތަމަ ފަހަރަށް ވަޑައިގެންނެވިއެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމަށް ވަޑައިގަތުމާއިއެކު ކުރިން ނެތް ބަދަލެއް ނުކޮށް އޮތް ކަމެއް ކުރިއެވެ. އެގޮތުން ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމަށް ވަޑައިގަތުމުގެ ކުރިން އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ގައުމީ މަޖިލީހުގެ މެމްބަރެއް ނޫނެވެ. އަދި ގައުމީ މަޖިލީހުގައި ހުންނެވޭ ބޭފުޅެއް ވެސް ނޫނެވެ. ނަމަވެސް ރައީސް ނަޝީދު އެމްޑީޕީގެ ރައީސްގެ މަގާމަށް އައުމާއިއެކު ޕާޓީގެ ރައީސްއަށް ގައުމީ މަޖިލީހުގައި ބައިވެރިވެވޭ ގޮތް ހަދާ ގައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ކަނޑައެޅިއެވެ. މިއީ ވެސް ”މައުމޫނިޒަމް“ ގެ ސިފައެއް ކަމަށް އަޅުގަނޑު ދަންނަވާކަށް ނެތީމެވެ. އޭގެ ފަހުން ރައީސް ނަޝީދަށް ހުކުމެއް އައި ނަމަެވެސް 2018 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ވެސް ހަމަ ހޯއްދެވީ ރައީސް ނަޝީދެވެ.
ކޮންމެއަކަސް އެމްޑީޕީއަށް 17 އަހަރު ފުރިފައިވާއިރު އެމްޑީޕީ އުފެދިގެން މިއަދާއި ހަމައަށް ރައީސް ނަޝީދު ނޫން އެހެން ބޭފުޅަކަށް ޕާޓީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއަށެވެ. އެއީ ވެސް ރަޝީދަށް ކުރިމަތިލެވެން ނެތުމުން ލިބުނު ފުރުސަތެކެވެ. ހަމައެހެންމެ އެމްޑީޕީއަށް 17 އަހަރު ވެގެން ދިޔައިރު އެމްޑީޕީގެ ރައީސްގެ މަގާމްގެ ފަސް އަހަރުގެ ދައުރު ފުރިހަމަ ކުރެވުނީ ރައީސް ނަޝީދަށް އެކަޏެވެ. މިއަދު ޕާޓީގެ ރައީސް މަގާމުގައި ދެ ވަނަ ދައުރެއް ރައީސް ނަޝީދު ފުރުއްވަމުން ގެންދަވާއިރު ފެންނަނީ ހަމަ އެ ވިދާޅުވާ ”މައުމޫނިޒަމް“ ގެ ސިފަތައް ކަމަށް އަޅުގަނޑު ދަންނަވާކަށް ނެތީމެވެ.

