ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިދުމަތަށް 40 އަހަރު: ހާސިލްވި ނަތީޖާ ސުމެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދާދި ފަހުން ހަބަރުތަކުން ފެނިގެންދިޔައީ ބޭންކް އޮފް މޯލްޑިވްސްއަށް 40 އަހަރު ފުރުމުގެ މުނާސަބާ ކުލަގަދަކޮށް ފާހަގަކުރެވިގެން ދިޔަ މަންޒަރެވެ. ބޭންކް އޮފް މޯލްޑިވްސް އަށް 40 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރަމުންދާއިރު އެ ބޭންކު މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ލިބެމުންދާ ތަދާއި ވޭނުގެ ވާހަކަ އަކީ މިފަދަ މުނާސަބު ވަގުތެއްގައި ދައްކާލުން މުހިއްމު ވާހަކަ އެކެވެ.

ފުރަތަމަ ބޭންކުން ތައާރަފް ކުރި އެންއެފްސީ ކާޑަށް ބަލައިލާނަމެވެ. ކުރިން ބޭންކުން ދޫކުރަމުން ދިޔަ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑު ތަކަކީ ވަޔަރލެސް ކާޑުތަކެއް ނޫނެވެ. ނަމަވެސް މިހާރު ދޫކުރާ ހުރިހާ ކާޑަކީ ވައިފައިކޮށް ބޭނުން ކުރެވޭ ކާޑެވެ. ވައިފައި ކާޑު ބޭނުން ކުރުމަކީ ފަސޭހަ ކަމެއް ނަމަވެސް އެކަމުގައިވެސް ސަމާލުވާންޖެހޭ ކަންތައްތަކެއް ހުރެއެވެ.

ވައިފައި ކާޑު ނުވަތަ އެންއެފްސީ ކާޑެއް ގެއްލިއްޖެނަމަ ނުވަތަ ވަގަށް ނަގައިގެން ބޭނުން ގޮތަކަށް ބޭނުންކުރެވިދާނެއެވެ. ސަބަބަކީ އެކާޑު ބޭނުންކުރާ މެޝިންތަކުގައި ޕާސްވޯޑް ޖަހަން ނުޖެހުމެވެ. ފައިސާ ނެގުމަށް އޭޓީއެމް އަށް ނުގޮސް ފިހާރަ ތަކުންނާއި ކެފޭ ފަދަ ތަންތަނުން ވައިފައި ކާޑުން ފައިސާ ދެއްކެއެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ ކާޑުމެޝިންގައި ކާޑު ޖައްސާލުމެވެ. ޖައްސާލުމާއެކު ފައިސާ ކެނޑިގެންދެއެވެ.

ދާދި ފަހުން އާއްމު ރައްޔިތެއްގެ ފަރާތުން އަޑު އިވުނު ވާހަކައެކެވެ. އޭނާ އަކީ 65 އަހަރު ވެފައިވާ މީހެކެވެ. އޭނާ ކާޑު ހެއްދުމަށް ބޭންކަށް ގޮސް އެދުނީ ވައިފައި ނޫން ކާޑެއް ހެދުމަށެވެ. ނަމަވެސް ބީއެމްއެލް އިން އޭނާ އަށް ދިން ޖަވާބަކީ ވައިފައި ކާޑު ނޫން ކާޑެއް ނުހެދޭނެ ކަމެވެ. އެކަމުން އޭނާ އަށް ހިތްދަތިކަން ލިބިގެންދިޔައެވެ. ސަބަބަކީ ވައިފައި ކާޑުގެ އެހީގައި ވަގުން ވިޔަފާރި ކުރާ ވާހަކަ އޭނާ އަށް އަޑުއިވިފައި ވުމާއެކު އެކަމުން ސަލާމަތް ވުމަށް އޭނާ ވައިފައި ނޫން ކާޑެއް ހެދުމަށް އުއްމީދު ކޮށްގެން ދިއުމުން ބޭންކުން އެކަމަށް އެއްބަސް ނުވުމެވެ.

ރައްޔިތުންގެ ތެރެއިން ބައެއް މީހުން ބުނާ ގޮތުގައި އެ އިހްތިޔާރު ބޭންކުން ދޭންވާނެއެވެ. އެންމެން ވައިފައި ކާޑު ބޭނުން ނުވެދާނެއެވެ. އެެހެންކަމުން ވައިފައި އަދި ވައިފައި ނޫން ކާޑުވެސް ބޭންކުން ދޫކުރެވެންވާނެއެވެ.

ބީއެމްއެލް އިން ފައިސާ ގެއްލޭ ވާހަކަ އަކީ އާއްމު ވާހަކަ އެވެ. މިވާޙަކަ ދައްކަނީ ހަމައެކަނި އާއްމު ރައްޔިތުންނެއް ނޫނެވެ. ބީއެމްއެލްއަށް 40 އަހަރު ފުރިގެން ބޭއްވި ޖަލްސާގައި ގައުމުގެ ވަލިއްޔުލް އަމްރު ވެސް ވިދާޅުވެފައިވަނީ ފައިސާ ގެއްލޭ ވާހަކަ އައި އެފައިސާ ހޯދަންޖެހޭ ވާހަކައެވެ. މިއީ އެއްގޮތަކަށް ވެސް އަޅުގަނޑު ހަދައިގެން ދައްކާ ވާހަކައެއް ނޫނެވެ. ގައުމުގެ ވެރިމީހާ އެވާހަކަ ދައްކާނީ އެކަމުގައި ހަގީގަތެއް އެކުލެވޭތީ ކަމުގައި ގަބޫލު ކުރެވެއެވެ. ބީއެމްއެލް އިން މުޖުތަމައު އަށް ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ފައިސާ ގެއްލުމާއި އެއީ މުޅިން ދެކަމެކެވެ. ގިނަ ރައްޔިތުން އަދިވެސް ތިބީ މާޔޫސް ކަމެއްގައެވެ. މީގެ ކުރިން ބީއެމްއެލް މެދުވެރިކޮށް ހިނގާފައިވާ އެކި ހާދިސާތަކުގެ ވާހަކަ ވާނީ ގެނެސްދެވިފައެވެ.

ލޯނުގެ އެކި މުއާމަލާތްތަކާއި ފައިސާ ފޮނުވުމާއި ޖަމާކުރުމުގެ މުއާމަލާތްތަކުގެ މައްސަލަތަކުގެ ވާހަކަ ދައްކާ ކޮޅުން ނުލައެވެ. އެފަދަ ބޮޑެތި މައްސަލަ ތަކަށް ބޭންކުން ބީރު ކަންފަތެއް ދޭތީ އެކަން އެމީހުންނަށް މުހިއްމު ނުވަނީ ބާއޭ ވެސް ބައެއް ފަހަރު ހިޥެއެވެ.

ފައިސާ ގެއްލިގެން  އަދި ނުބައި އެކައުންޓަކަށް ފައިސާ ޖަމާކުރެވިގެން އެކަން ބީއެމްއެލް އަށް އެންގުމުން ޖަވާބަކަށް ވަނީ ފުލުހަށް ދިއުމަށެވެ. ފުލުހުންގެ ޖަވާބަކަށް ވަނީ މައްސަލަ ބަލާ ތަހުގީގު ކުރާ ކަމަށެވެ.

ގެއްލުނު ފައިސާ ހޯދައިދިނުމަށް ބޭންކަށް މާބޮޑު މަސައްކަތެއް ކޮށް ނުދެވެއެވެ. ކުޑަ މިނުން ގެއްލޭ ފައިސާ އަނބުރާ ރިފަންޑް ވެސް ކޮށް ނުދެވެއެވެ.

ދިވެހިރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ ބޭންކް ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސް އިން ފައިސާ ގެއްލޭ ވާހަކަ އަކީ އިއްޔެ ނުވަތަ މިއަދު ދައްކާ ވާހަކަ އެއް ނުނެވެ. މިކަން ހިނގާތާ ލައްކަ ދުވަސް ވެއްޖެއެވެ. މިކަން ހާމަކުރުމުން މިކަމަކީ ދޮގު މައުލޫމާތު ކަމަށް ބުނެ މިކަމުގައި ބޭންކުގެ ކިބައިން މައާފަށް އެދެން ބުނެ ކޯޓަށް ދާ ވާހަކަ ދައްކާ ބިރު ދައްކަނީ މިކަން ހަގީގަތުގައި ހިނގާތީ ކަމަށް ވެދާނެއެވެ.

ބީއެމްއެލް އިން ރައްޔިތުންގެ ކިބައިން މައާފަށް އެދި މިކަން އިސްލާހު ކޮށްލުމުން މިކަން ނިމުނީއެވެ. ނަމަވެސް ފައިސާ ގެއްލޭ ވާހަކަ އަކީ ދޮގު ވާހަކައެއް ކަމަށް ބުނެ އެވާޙަކަ ލިޔާހާ ބަޔަކާ ދެކޮޅަށް ދައުވާ ކުރުމަށް ނިންމުމަކީ ތަހުޒީބު މުޖުތަމައެއްގައި އެއްވެސް ބަޔަކު ކަން ކުރާނެ ގޮތް ކަމުގައި ގަބޫލެއް ނުކުރެވެއެވެ. މިފަދަ ރިޕޯޓް ތަކުގެ ބޭނުމަކީ ކަންކަން އިސްލާހު ކުރުމެވެ.

ރައްޔިތުން ހޭލުންތެރިިކުރުމަށް ބީއެމްއެލްއިން ބުނަނީ ލިންކް ތަކަށް ނުފިތުމަށެވެ. ލިންކް ތައް އަންނަ ތަނެއްް އޯޓީފީ ފޮނުވާ ގޮތެއް ފޮނުވާ ތަނެއް ބޭންކަކަށް ނޭނގެއެވެ. ބޭންކަށް ނޭނގި ސިއްރު މައުލޫމާތު ހެކްކުރާ ފަރާތްތަކަށް އެނގުމަކީ އަރަތެކެވެ.

ގިނަފަހަރު ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ ވެރިފަރާތުގެ ހުރިހާ މައުލޫމާތެއް ވަގުންނަށް އެނގެއެވެ. އެމައުލޫމާތު ވަގުންގެ އަތަށް އަރާ ގޮތެއް ހޯދުމަށް ހުދު ބީއެމްއެލް ވެސް ވަނީ ނުކުޅެދިފައެވެ. އެނގޭ ހާވެސް އެއްޗަކީ ބީއެމްއެލް އިން މައުލޫމާތު ލީކުވާ ކަމެވެ. އަދި ފައިސާ ގެއްލޭކަމެވެ. ފައިސާ ގެއްލެން މެދުވެރިވާ ސަބަބު މިއަދާ ހަމައަށް ބީއެމްއެލް އަށް ދެނެގަނެވި އެކަމުގައި ފިޔަވަޅެއް އެޅިފައި ނެތުމަކީ 40 އަހަރުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެކެވެ.

ހިދުމަތަށް 40 އަހަރު ފާހަގަކުރާއިރު ސާފު ފައިދާ ބިލިއަނުން ގުނާލެވެއެވެ. ބީއެމްއެލް އިން ރައްޔިތުންގެ ފައިސާ އަށް ހިޔާނާތްތެރި ވުމަކީ މިކަމާމެދު ހުރިހާ އެންމެން ފުންކޮށް ވިސްނާލަން ޖެހޭ ކަމެކެވެ.

ބީއެމްއެލް އިން ފައިސާ ގެއްލޭ މައްސަލަ ހައްލު ނުކުރުމުގެ ނަތީޖާ އަކަށް ވެގެންދާނީ ކުރާ އިތުބާރު ގެއްލިގެން ދިއުމެވެ. އިތުބާރު ގެއްލި ކަސްޓަމަރުން ގެއްލެން ފެށުމުން މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާއިރު ވަގުތު އޮންނާނީ ފާއިތު ވެފައެވެ. ވުމާއެކު ވަގުތު ފާއިތު ނުވަނީސް މައްސަލަތައް ހައްލުކުރުމަށް ބީއެމްއެލް އަށް ގޮވާލަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 117%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: