ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއެއް މާލޭގައި ބާއްވަނީ

ރައީސް އިބްރާޙިމް މުހައްމަދު ސާލިހު / ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބައިވެރިވެ ވަޑައިގަންނަވާ ބޮޑު ޖަލްސާ އެއް މާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ސާލިހްގެ ޓީމުން ބުނީ އަންނަ ހުކުރު ދުވަހުގެރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ރައީސް ސާލިހު ބައިވެރިވެ ވަޑައިގަންނަވާ ޖަލްސާގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހު ގެންދަވަނީ ރާއްޖޭގެ ރަށްތަކަށް ދަތުރުތައް ކުރައްވައި އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި ތާއީދު ހޯއްދެވުމަށް މަސައްކަތްތައް ކުރައްވަމުންނެވެ. އެގޮތުން ރައީސް ވަނީ ނ އަތޮޅާއި ރ އަތޮޅާއި ޅ އަތޮޅުގެ އިތުރުން ބ އަތޮޅަށް ވަނީ ވަޑައިގެންފައެވެ. އަދި ދާދި ފަހުން ރައީސް ވަނީ އައްޑޫ ސިޓީއަށް ވަޑައިގެން ކެމްޕޭން ޖަލްސާތަކާއި ޑޯރޓުޑޯތައް ކުރިއަށް ގެންގޮސްފައެވެ.

ރައީސް ސާލިހުގެ ކެމްޕޭން ދަތުރުފުޅުގައި އެމަނިކުފާނު ގެންދަވަނީ ތަރައްގީގެ މަޝްރޫއުތައް ހާސިލްކުރެވުނު މިންވަރު ރައްޔިތުންނަށް ހާމަކޮށްދެއްވަމުންނެވެ. އެގޮތުން ރަށްރަށުގެ ފެނާއި ނަރުދަމާ ގާއިމް ކުރުމާއި ބަނދަރު ހެދުމާއި އުމްރާނީ ތަރައްގީ އަކީ ރަށްރަށުގެ ރައްޔިތުން ބޭނުންވާގޮތް ކަމާއި ރާއްޖެ ތަރައްގީ ކުރެވޭނީ ސަރުކާރުން ވީ ވައުދުތައް ފުއްދައިގެން ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން އެދޭ ތަރައްގީއާއި ހަމައަށް ވާސިލުވުމަށް ރިޔާސީ ޕްރައިމެރީ އަދި ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރަން ޖެހޭ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

ކުޑަރަށެއް ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ތަރައްގީ ގެނެސްދިނުމުގައި ސަރުކާރު ދެމި އޮންނާނެ ކަމުގެ ޔަގީންކަން ރައީސް ސާލިހު ރައްޔިތުންނަށް ދެއްވިއެވެ.

ކޮވިޑްގެ ދަތި ހާލަތުގައި ރާއްޖެ ބަނޑަށް ނުޖެހި ބަނގުރޫޓް ނުވެ ކުރިއަށް ދިޔައީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން ކޮވިޑްގައި ރައްޔިތުންނަށް ފެން ބިލާއި ކަރަންޓް ބިލުން ޑިސްކައުންޓާއި ސަބްސިޑީ ދެވުނު ކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާތަނަށް ބޭއްވުނު ރިޔާސީ އިންތިހާބުތައް އެއް ޕާޓީއަކުން ނިކުމެ ކާމިޔާބު ކުރެވިފައިނުވާ ކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އިއްތިހާދެއް ނުވަތަ ކޯލިޝަނެއް ހަދަންޖެހިއްޖެ ހާލަތެއްގައި ކޯލިޝަނެއް ދެމެހެއްޓޭނެ ހަމައެކަނި ވެރިޔަކީ އެމަނިކުފާނު ކަމަށާއި އެކަން އެމަނިކުފާނު ވަނީ ސާބިތުކޮށްދެއްވާފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ ގެނެސް، ރައްޔިތުންގެ ތާއީދާއި އިތުބާރު ހޯދައި ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަޖުބޫރު ކުރުވި އެމްޑީޕީގެ ފުރަތަމަ ވެރިކަމަށް ވެގެން ދިޔަ ގޮތަކީ އަދިވެސް ޕާޓީގެ އާއްމު މެމްބަރުންގެ ހަނދާނުގައި ހުރި ދުވަސްތައްކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ ދޮޅު އަހަރު ނުވަނީސް ވެރިކަން ބަދަލުވުން ދިވެހިން ދެން ތަކުރާރު ވާން ބޭނުން ނުވާ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: