ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލީ ދަތީގައި ނަޝީދު ރައްޔިތުން ވަޒީފާއިން ވަކި ކުރި، މި ސަރުކާރުން ބެލީ ކޮވިޑުގައި އެހީވާން: ރައީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ: ރައީސްގެ އައްޑޫ ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: ސަންގު - މުހައްމަދު އަހުޒަމް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ގެ ސަބަބުން ސަރުކާރު ރަނގަޅު ގޮތުގައި ހިންގުމަށް ލިބުނު ދެ އަހަރާއި އެކު ވެސް، އެހެން އެއްވެސް ވެރިއަކަށް ރާއްޖެއަށް ގެނެސް ދެވިފައި ނުވާ މިން ވަރަށް ތަރައްގީ ގެނެވިފައިވާކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ އާއި އެކު، ޕާޓީގެ އެތެރޭގައި ބޮޑު ވަދަވެރިކަމެއް ވަނީ އުފެދިފަ އެވެ. މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ރައީސް ސޯލިހުގެ އިތުރުން ދެން ވާދަ ކުރައްވަނީ ޕާޓީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި ދެ ރައީސުން ވެސް ގެންދަވަނީ އަތޮޅުތެރެއަށް ދަތުރު ކުރައްވައި ކެމްޕެއިނު ކުރައްވަމުންނެވެ.

އައްޑޫގެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ހއ. ކެލާއަށް ވަޑައިގެން ރައީސް ސޯލިހު ވަނީ މި ޕްރައިމެރީ ކާމިޔާބު ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ރައީސް ސޯލިހު ވިދާޅުވީ، މިހާރު އެވޯޑު ކުރެވިފައި ހުރި ޕްރޮޖެކްޓުތަކާއި ކުރިޔަށް ދާ މަސައްކަތްތައް ނުހުއްޓި ކުރިޔަށް ދިއުން މުހިންމުކަމަށެވެ.

ރައީސް ވިދާޅުވީ، އެހެން އެއްވެސް ސަރުކާރަކަށް ރާއްޖެއަށް ގެނެސް ނުދެވޭ މިންވަރަށް މި ސަރުކާރުން މަދު ދުވަސްތަކެއްގެ ތެރޭގައި ތަންފީޒު ކުރި ކަމަށެވެ. ކޮވިޑު-19 އާއި ރަޝިޔާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ފުރިހަމަ ދައުރެއް ލިބިފައި ނުވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި ވެސް ސަރުކާރުން ރައްޔިތުން ނިކަމެތިވިޔަ ނުދޭކަމަށެވެ.

ދައުރު ފެށި މާ ގިނަ ދުވަހެއް ނުވަނީސް ކުރިމަތިލާން ޖެހުނު ކޮވިޑަކީ ދިމާވި އެންމެ ބޮޑު ގޮންޖެހުންކަމަށާއި، އޭގެއިން އަރައިގަތުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހުނުކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައޯސް ވިދާޅުވީ ގޮންޖެހުންތަކާއި އެކު ވެސް ސަރުކާރުން މަސައްކަތް ކުރީ، ރައްޔިތުންނަށް އެއްވެސް ދައްޗެއް ދިމާ ނުވެ ހާލަތު މެނޭޖު ކުރުމަށްކަމަށެވެ. އަދި އެންމެ ބޮޑަށް މަސައްކަތް ކުރީ ބޭރުގެ ގައުމުތަކުން ވެސް ބަލައިގަންނާނެ ގޮތަކަށް، ހާލަތު އަރައިގަނެ ރައްޔިތުންނަށް ވީހާވެސް ލުއި ގޮތްތަކެއް ހޯދައިދޭންކަމަށް ރައީސް ވިދާޅުވި އެވެ.

ބަލިމަޑުކަމާއި ދިމާ ނުވެ، ގައުމު ހިންގުމަށް ފުރިހަމަ ދައުރެއް ލިބުނު ނަމަ، ތަރައްގީގެ ގިނަ ޕްރޮޖެކްޓުތައް މިއަށް ވުރެ އަވަސް ސްޕީޑެއްގައި ހިންގައި ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވީ ވައުދުއް ތަންފީޒު ވުން އަވަސް ކުރެވުނީސްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މާ ފުރިހަމަ ހިދުމަތްތައް ދެވުނީސްކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މީގެ ދެ އަހަރު ކުރިން ކުރިމަތިލާން ޖެހުނު ކޮވިޑުގެ ބަލިމަޑުކަން މަތީން މިއަދު ގިނަ މީހުން ހަނދާނެއް ނެތް ކަމަށެވެ. އަދި ގިނަ މީހުންގެ ވާހަކަ މިއަދު ހުރީ، އެ ދުވަހު ވެސް އުޅުނީ އާއްމު ހާލަތެއްގެ ތެރޭގައިކަމަށް ދެއްކުމަށްކަމަށާއި އެއީ ހަގީގަތެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ކޮވިޑުގައި ދެކެން ޖެހުނީ ހިތްދަތި އުނދަގޫ ދުވަސްތަކެއް ކަމަށެވެ.

ބަންދެއްގެ ތެރޭގައި ދޮޅު އަހަރު ހޭދަ ކުރަން ޖެހުނު ނަމަވެސް މި ސަރުކާރު ހިންގުމަށް ލިބުނު ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެހެން އެއްވެސް ސަރުކާރަކަށް ގެނެސް ނުދެވޭ މިންވަރަށް، ތަރައްގީ ކުރެވިފައިވާކަމަށް ރައީސް ތަކުރާރު ކުރެއްވި އެވެ.

ކެލާގެ ރައްޔިތުންނާއި އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރައީސް ނަޝީދުގެ ސަރުކާރާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ފާޑުވިދާޅުވެފަ އެވެ. ހާއްސަކޮށް ރައީސް ނަޝީދާއި ގުޅޭގޮތުން ރައީސް ސޯލިހު ވިދާޅުވީ 2008 ގައި އައި އިގްތިސާދީ ދަތިތަކުގެ ތެރޭގައި އޭރުގެ ސަރުކާރުން ބޮޑެތި ގޯސްތަކެއް ހެދި ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ސިވިލް ސާވަންޓުންގެ ވަޒީފާތައް ގެއްލި، މުސާރަ އުނިވެ އެތައް ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށް ވިދާޅުވި އެވެ.

މި ވެރިކަމުގައި ކޮވިޑާއި އެކު އިގްތިސާދީ އަޑިގަނޑަކާއި ކުރިމަތިލާން ޖެހުނުއިރު ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސް ނިންމުމެއް ނިންމާފައި ނުވާނެކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން، ކޮވިޑުގެ ހާލަތުގައި ކަރަންޓާއި ފެނުން ސަބްސިޑީ އަދި ޑިސްކައުންޓު ދިންކަމަށް ރައީސް ވިދާޅުވި އެވެ. އަދި އޭގެ އެންމެ ބޮޑު ބޭނުމެއްގެ ގޮތުގައި ރައީސް ވިދާޅުވީ، ދަތި ވަގުތުތަކުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ރައްޔިތުން ހާލުގައި ޖެހިދާނެ ނިންމުންތައް ނިންމުމަކީ، އެއީ އެ ރައްޔިތުންގެ ވޯޓާއި އެކު ގައުމުގެ ވެރިއަކަށް އިންތިހާބުވާ ބޭފުޅަކު ހިންގައިގެން ވާނެ އަމަލެއް ނޫނެވެ.

ކުރީގެ އެކި ޖަލްސާތަކުގައި ދެއްކެވި ވާހަކަ ތަކުރާރު ކުރައްވައި ރައީސް ވިދާޅުވީ ވިސްނަން ވީ، ހަމައެކަނި ރިޔާސީ ކެނޑިޑޭޓެއް ހޮވުމަށް ނޫންކަމަށެވެ. އެ ކެނޑިޑޭޓުގެ ގާބިލުކަމާއި، ރައްޔިތުންނަށް ދިމާވާ ދަތި ހާލަތްތަކުގައި ފޯރުކޮށްދޭ އެހީތަކާއި އަދި ހާއްސަކޮށް އެހެން ސިޔާސީ ފިކުރުތަކާއި އެކު ގުޅިގެން މަސައްކަތް ކުރުމަށް ހުރި ގާބިލުކަމާއި މެދު ވިސްނަން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، 2008 ގައި ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސް ވަރު ދިމާވި އިގްތިސާދީ ކާރިސާގެ ފިޔަވަޅެއްގެ ގޮތުންކަމަށް ބުނެ ސިވިލް ސާވަންޓުން ކަނޑާލައި މުސާރައިގެ އިނާޔާތްތައް ކުޑަކުރި ކަމަށެވެ. އެމަނިކުފާނު އޭރުގެ އެ ކާރިސާ އާއި އަޅާ ކިޔުއްވީ 2020 ގައި ކުރިމަތިލާން ޖެހުނު ކޮވިޑު-19 ގެ ބަލިމަޑުކަމާއި އެވެ. ދޮޅު އަހަރަށް ވުރެ ގިނަ ދުވަހަށް ދެމިގެން ދިޔަ އެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން ކުރި މަސައްކަތުގައި ސިވިލް ސާވަންޓުންގެ މުސާރަތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެކަމަށާއި ޕްރައިވެޓު ކުންފުނިތަކަށް ވެސް މުވައްޒަފުންގެ ވަޒީފާތަކަށް ބަދަލު ނުގެނެވޭނެހެން ފިޔަވަޅުތައް އެޅިކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

”2008 ގެ ފައިނޭންޝިއަލް ކަރައިސިސްގައި ރާއްޖޭގެ އިގްތިސާދަށް ބޮޑު ގޮންޖެހުމެއް ކުރިމަތި ވި. އޭރު ކަންކަން ކުރެވިގެން ދިޔަ ގޮތާއި އެބޭފުޅުން ކަންތައް ކުރެއްވި ގޮތާއި މެދު ރައްޔިތުން ވިސްވަން ޖެހޭނެ“ ރައީސް ސޯލިހު

ރައީސް ނަޝީދުގެ ނަން ވިދާޅުނުވި ނަމަވެސް، އެމަނިކުފާނުގެ ވެރިކަން ކުރެއްވި ދޮޅު އަހަރު ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ އޭރު އެ ހާލަތުގައި އެންމެ ފުރަތަމަ ވެސް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަތައް ކުޑަ ކުރީކަމަށެވެ. އަދި މުވައްޒަފުންގެ އަދަދަށް ބަދަލު ގެނެސް ތަފާތު އެކި ފިޔަވަޅުތައް އެޅުއްވި ކަމަށެވެ.

ރައީސް ވިދާޅުވީ މި ފިޔަވަޅުތަކުގެ ސަބަބުން އެތައް ރައްޔިތުންނެއް އުނދަގޫ ދުވަސްތަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. ހަގީގަތުގައި ސަރުކާރަކުން ބަލަން ޖެހޭނީ، އެފަދަ ހާލަތެއްގައި ރައްޔިތުންނަށް ވީ ވަރަކުން އެހީ ފޯރުކޮށްދޭން ނަމަވެސް އޭރުގެ ސަރުކާރުން އެއްވެސް ވިސްނުމަކާއި ނުލައި ދަތިވާ ގޮތަށް އެޅި ފިޔަވަޅުތަކެއްގެ ސަބަބުން، އާމްދަނީ ދަށްވެ ހާލުގައި އުޅެން ޖެހުނު އެތައް ބަޔަކު ތިބިކަމަށް ރައީސް ތަކުރާރު ކުރެއްވި އެވެ.

އެއަށް ފަހު ރައީސް ވިދާޅުވީ، ކޮވިޑާއި އެކު އެމަނިކުފާނުގެ ސަރުކާރުން ނިންމީ ރައްޔިތުންނަށް އެއްވެސް ދައްޗަކާއި ނުލައި އުޅެވޭނެ ގޮތެއް ހޯދުމަށްކަމަށާއި ރައްޔިތުންގެ އާމްދަނީ ދަށްވާނެ އެއްވެސް ގޮތެއް މެދުވެރިވިޔަ ނުދޭން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އެ ދުވަސްވަރު ސަރުކާރުން ދިވެހި ކޮންމެ ރައްޔިތަކަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: