ކޮވިޑު-19 ގެ ބަލިމަޑުކަމާއި ގުޅިގެން ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާ މަކެޓު އަލުން ހުޅުވަލެވި ރާއްޖެއަށް އެ ގައުމުގެ ފަތުރުވެރިން އަންނަން ފަށައިފި އެވެ.
ކޮވިޑު-19 ގެ ބަލިމަޑުކަމާއި އެކު ރާއްޖޭގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު 04 މަސް ދުވަހުގެ ތެރޭގައި އެއްކޮށް ބޯޑަރުތައް ހުޅުވާލައި ހާއްސަ ފިޔަވަޅުތަކެއްގެ ދަށުން ފަތުރުވެރިންނަށް ހިދުމަތް ދޭން ފެށި އެވެ. ނަމަވެސް ދުނިޔޭގެ ގިނަ އެއާލައިންތަކުގެ ދަތުރުތައް ހުއްޓާލާފައިވުމާއި، އެ ގައުމެއް ބަންދުގައި އޮތުމުގެ ސަބަބުން ބައެއް ފަތުރުވެރިކަމުގެ މަންޒިލްތައް އޮތީ ބަންދުވެފަ އެވެ. އެގޮތުން އަހަރަށް ވުރެ ގިނަ ދުވަސް ވަން ދެން ވެސް އެއާލައިންތަކުން ބައެއް ސަރަހައްދުތަކުންކޮށްފައި ނުވެ އެވެ.
ބަލިމަޑުކަމަށް ފަހު، ތިން އަހަރުވީއިރު ޗައިނާ ހުޅުވާލައި އެ ގައުމުން ދަތުރުތައް ފެށީ މިއަދު އެވެ. ޗައިނާ ފަތުރުވެރިންނާއި އެކު، އެ ގައުމުގެ ބެއިޖިން ކެޕިޓަލް އެއާލައިންގެ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި ވަނީ މިއަދުގެ މެންދުރު އެވެ. ބޯޓު ވީއައިއޭއަށް ޖެއްސުމުން، މަރުހަބާ ދެންނެވީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ. އަދި މިނިސްޓްރީ އާއި އެމްއެމްޕީއާރުސީގެ އިސްވެރިން އެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ.
ވޯޓާ ސެލިއުޓާއި ފިނިފެންމަލުން މަރުހަބާ ކިއުމަށް ފަހު މީޑިއާތަކާއި ބައްދަލު ކުރައްވައި މިނިސްޓަރ މައުސޫމް ވިދާޅުވީ އުންމީދަކީ އަހަރުގެ ކުރިޔަށް އޮތް ތަނުގައި ޗައިނާގެ ފަތުރުވެރިން އިތުރުވެގެން ދިއުން ކަމަށެވެ. މިއީ ޗައިނީސް ނިއުއިއާ ދުވަސްވަރުކަން ފާހަގަކޮށް މައުސޫމް ވިދާޅުވީ ކުރިން ފަތުރުވެރިކަމަށް އަންދާޒާ ކުރި އަދަދުތަކަށް 10 އިންސައްތައިގެ ކުރިއެރުމެއް އަންނާނެކަމަށް ބެލެވޭ ކަމަށެވެ.
ތިން އަހަރަށް ފަހު ޗައިނާ މާކެޓް އަލުން ހުޅުވުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު އުފާވެރިކަމެއްގެ ގޮތުގައި ފާހަގަކޮށް މައުސޫމް ވިދާޅުވީ ޗައިނާ މާކެޓަކީ ކޮންމެ އަހަރަކު ވެސް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މަންޒިލް ކަމަށެވެ.
ހާއްސަކޮށް ބަންދެއްގެ ތެރޭގައި ތިބުމަށް ފަހު، ޗައިނާގެ އާއްމު ރައްޔިތުން ތިބީ ޗުއްޓީއެއް ހޭދަކޮށްލުމަށް ކެތްމަދުވެފައިކަމަށް މައުސޫމް ވިދާޅުވި އެވެ.
2020 ގެ ކުރިން ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އެއްލައްކައަށް ވުރެ މައްޗަށް އަރާކަމަށާއި މި އަހަރުގެ ތެރޭގައި އެ އަދަދަށް ވާސިލުވެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން މައުސޫމް ވިދާޅުވީ، ޗައިނާ މާކެޓު ހުޅުވުމާއި އެކު އައު އެއާލައިންތައް އަންނާނެކަމުގެ އުންމީދު ބޮޑުކަމަށާއި އެކަމުގެ ހުށަހެޅުންތައް ވެސް ލިބެމުންދާ ކަމަށެވެ.
މީޑިއާތަކާއި ވާހަކަ ދައްކަވަމުން ޗައިނާ ސަފީރު ވިދާޅުވީ، މާކެޓު ހުޅުވި ރާއްޖެއަށް އާދެމުން ފަތުރުވެރިން ތިބީ ވަރަށް އުފަލުން ކަމަށެވެ. އެ ފަތުރުވެރިންނަށް ރާއްޖޭގެ މެހުމާންދާރީ އާއި، ރާއްޖޭގެ ގުދުރަތީ ރީތިކަން އަދި ހާއްސަކޮށް ދިވެހިންގެ ސަގާފަތް ކަމުދާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވި އެވެ.
މިއަދު ދަތުރުތައް ފެށި އެއާލައިންގެ އިތުރުން، މި މަހުގެ 28 ވަނަ ދުވަހު އިތުރު އެއާލައިނެއްގެ ދަތުރުތައް ފަށާނެ އެވެ. އެއީ، ޗައިނާގެ އީސްޓާންގެ ޝެޑިއުލް ދަތުރުތަކެވެ.

