ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދު، ނަޝީދަށް: ކުޑަށް ރަށް ބޮޑު ރަށް ތަފާތު ކުރުމަކީ އަނިޔާވެރިކަން!

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ/ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތައް، އެމްޑީޕީގެ ރިޔާސީ ޕްރައިމެރީ ކެނޑިޑޭޓު އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވަމުން ގެންދަވާތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމަނިކުފާނަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށް އިއުލާނު ކުރުމުގެ ކުރިން ވެސް ހިޔާލުތަފާތުވުން އުފެދި ދެ ފެކްޝަނެއް އުފެދިފައި އޮތް ޕާޓީގެ އެތެރޭގެ ހާލަތު މިވަގުތު ފެންނަނީ ވަރަށް ގޯސްކޮށެވެ. އެގޮތުން ޕްރައިމެރީގައި ވާދަ ކުރައްވާ ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް ނަޝީދާއި ދެމެދު ބަހުގެ ހަމަލާތައް ރައްދު ކުރުމާއި ފާޑުކިއުން އިތުރުވެ ޕާޓީގައި އަދާކުރި ރޯލާއި ގުޅޭގޮތުން ވެސް ދަނީ ވާހަކަ ދެކެވެމުންނެވެ.

ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މަޖިލީސް މެމްބަރުން އަދި ކުންފުނިތަކުގެ އިސްވެރިންނާއި ޕާޓީގެ ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތީ ރައީސް ސޯލިހަށެވެ. އަދި އެބޭފުޅުން ދަނީ އެކި ބައްދައްލުވުންތަކުގައި، ރައީސް ނަޝީދު ސަރުކާރާއި ގުޅޭގޮތުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

މަޝްރޫއުތައް ނުހިންގޭކަމަށާއި، އަދި ވައުދުތައް ނުފުއްދޭކަމަށް ބުނެ ރައީސް ނަޝީދު ދައްކަވާ ވާހަކައިގެ ރައްދު ދީ ޝާހިދު ވިދާޅުވީ ރައީސް ނަޝީދުގެ ބަހާއި އަމަލާ ދިމާ ނުވާކަމަށެވެ. އެއީ ޖަހާ ބެރާއި، ލަވަ ދިމާނުވުންކަމަށް ސިފަ ކުރައްވައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ ލޯގޯ ނުވަތަ ޕާޓީގެ ރަމްޒު ތިލަފަތް ހަމަހަމަކޮށް ބެހެއްޓުމަށް ދައްކާ ވާހަކައާއި އަމަލުތައް ދިމާވާން ޖެހޭ ކަމަށެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައި މެނިފެސްޓޯ ތަންފީޒު ކުރުމަށްކަމަށެވެ. އަމިއްލަ ޕާޓީގެ ވެރިކަމާއި ދެކޮޅަށް ބަސް ބުނެ، އަސާސްތަކާއި ހިލާފުވަމުން ދާކަމަށް އަޑުއުފުލަނީ ކޮން ސަބަބައި ހުރެ ތޯ ސުވާލު އުފައްދައި ޝާހިދު ވިދާޅުވީ އެއީ ވަރަށް ގޯސް ވާހަކަތަކެއް ކަމަށެވެ. އަދި ރައީސް ސޯލިހު ހިލާފުވީ އެމްޑީޕީގެ ކޮން އަސާސަކާއި ތޯ ޝާހިދު ސުވާލު ކުރެއްވި އެވެ.

ރާއްޖޭގެ ރަށްތަކުގައި ޕްރޮޖެކްޓުތައް ހުއްޓި ކުރިޔަށް ނުދާކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު، މިހާތަނަށް އެއްވެސް ރަށަކުން އެގޮތަށް އިވުނު އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް ޝާހިދު ވިދާޅުވި އެވެ.

ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދިނުމަށް އިމާރާތް ކުރަމުން ދާ ދައުލަތުގެ އެކި އިދާރާތްތަކުގެ އޮފީސްތަކާއި އާއްމު ހިދުމަތުގެ އޮފީސްތައް ޒަމާނީ ވަސީލަތްތަކާއި އެކު ތަރައްގީ ކުރަމުންދާއިރު މިއީ ލޯމައްޗަށް ފެންނަން ހުރި މަންޒަރުކަމަށް ޝާހިދު ވިދާޅުވި އެވެ. ރާއްޖޭގެ ރަށްތަކުގެ ސްކޫލުތަކަށާއި، އިންޖީނުގެތައް ފަސޭހަ ގޮތަކަށް މަރާމާތު ކުރުމަށް މީގެ ކުރީގެ ސަރުކާރުތަކުން އެއްވެސް މަސައްކަތްތަކެއްކޮށްފައި ނުވާއިރު ޝާހިދު ވިދާޅުވީ މިހާރު ސްކޫލުތަކުގައި މަލްޓި ޕާޕަސް ހޯލުތަކާއި ރައްޔިތުންނަށް އުނދަގޫ ވާގޮތަށް ހަދާފައި ހުރި އިންޖީނުގެތައް އެހެން ސަރައްހައްދުތަކަށް ބަދަލު ކުރުމުގެ އެތައް މަޝްރޫއުއެއް ނިމިފައިވާކަމަށެވެ.

މީގެއިތުރުން ޝާހިދު ވަނީ، ސަރުކާރުގެ ”ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ތަރައްގީ ކުރުން“ ސިޔާސަތައް ރައީސް ނަޝީދު އަމާޒު ކުރައްވާ ފާޑުކިއުންތަކަށް ވެސް ރައްދު ދީފަ އެވެ. މިއީ ދައުލަތުގެ ފައިސާ އާއި، ވަސީލަތްތައް އެންމެ ބޭނުން ޖެހިފައިވާ ސަރަހައްދުތައް ދޫކޮށް ކުރާ ހަރަދުތަކެއްގެ ގޮތުގައި ރައީސް ނަޝީދު ސިފަ ކުރައްވާތީ ޝާހިދު ވިދާޅުވީ ކުދި ރަށްތަކާއި ބޮޑެތި ރަށްތައް ތަފާތު ކުރުމަކީ ކުރީގެ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

މި މަހުގެ 28 ވަނަ ދުވަހު ލާ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ވޯޓަށް ބޮޑު ވާދަވެރިކަމެއް އުފެދިފައިވާއިރު ރައީސް ނަޝީދު ވަނީ އެމަނިކުފާނު ނާކާމިޔާބު ވެއްޖެ ނަމަ ރައީސް ސޯލިހަށް ތާއީދު ނުކުރާނެކަމަށް ވިދާޅުވެފަ އެވެ. ނޫސްވެރިން ޙާމަކަން ބޮޑު ގޮތެއްގައި ކުރާ އެ ސުވާލަށް، ފުރިހަމަ ޖަވާބެއް ދެއްވުމަށް ދެކޮޅު ހައްދަވަމުން ގެންދެވުމަށް ފަހު އިންތިހާބުން ނާކާމިޔާބު ވެއްޖެ ނަމަ ގޭގައި ހުންނަން ޖެހުނު ނަމަވެސް ރައީސް ސޯލިހާއި އެކު ކުރިޔަށް ނުދާނެކަމަށް ވިދާޅުވީ ކެމްޕެއިން ދަތުރެއްގެ ތެރެއިން ރަށެއްގެ ހޮޅުއައްޓެއްގައި ހުންނަވައި އާއްމުންގެ ބަޔަކާއި އެކު ދެއްކި ވާހަކައެއްގެ ތެރެއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: