ހދ. ހަނިމާދޫގައި ޒަމާނީ ވަސީލަތްތަކާއި އެކު ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތުގެ އަމަލީ މަސައްކަތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވައިދެއްވައިފި އެވެ.
މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، އެކަމަށް ހާއްސަކޮށް ހަނިމާދޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހާއި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.
އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއަކީ އެ ގައުމުގެ އެގްޒިމް ބޭންކުގެ 136.6 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުން ތަރައްގީ ކުރާ ޕްރޮޖެކްޓެކެވެ. ޖޭއެމްސީ އަކީ އިންޑިއާގެ އެންމެ ބޮޑު އެއް އިންޖީނިއަރިން، ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން ކުންފުންޏެވެ.
އަހަރުތަކެއްވެފައިވާ ހަނިމާދޫ އެއާޕޯޓަކީ އިންޓަނޭޝަނަލް އެއާޕޯޓެއް ނަމަވެސް ތަނުގައި ޒަމާނީ ވަސީލަތްތައް ނެތްކަން ފާހަގަކުރެވެ އެވެ. އަދި އެކަށީގެންވާ ގޮތެއްގައި މަރާމާތު ކުރެވިފައި ނުވާތީ، އެއާޕޯޓުގެ އެކި މަސައްކަތްތައް ހުއްޓި ބޫރު އަރަ އެވެ.
ވަރަށް ދަށް ހާލަތެއްގައި އޮތް ހަނިމާދޫ އެއާޕޯޓު މަޝްރޫއުގެ ދަށުން 2،460 ކިލޯ މީޓަރުގެ އައު ރަންވޭއެއް ތަރައްގީ ކުރާނެ އެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ވަސީލަތްތަކާއި އެކު، ފަހުގެ ފަސިންޖަރު ޓާމިނަލްއަކާއި ބައިނަލްއަގުވާމީ ދަތުރުތަކަށް ހާއްސަކޮށް ވަސީލަތްތައް ގާއިމު ކުރުން ހިމެނެ އެވެ.
އެއާޕޯޓު ތަރައްގީ ކުރާނީ، 624،000 އަކަފޫޓު އޭޕްރަންއެއް ހިމެނޭ ގޮތަށެވެ.
President @ibusolih and the Minister of External Affairs of India, @DrSJaishankar, formally broke ground on the Hanimaadhoo International Airport expansion project, the largest and one of the most significant projects to be initiated outside the Malé region, worth MVR2.1 billion. pic.twitter.com/7mV3qCar8N
— The President's Office (@presidencymv) January 18, 2023
ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫއުގެ މަސައްކަތް ނިމުމުން އިންޓަނޭޝަނަލް ދަތުރުތަކަށް ބޭނުން ކުރާ އެއާބަސް އޭ-320 އާއި ބޮއިން 737 މަރުކާގެ ބޯޓުތަކަށް ރަންވޭއަށް ޖެއްސޭނެ އެވެ.
އެހެންކަމުން، މެދުއިރުމައްޗާއި ދެކުނު އޭޝިއާ އަދި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުގެ ޑައިރެކްޓު ފްލައިޓުތަކުގެ ދަތުތައް ފެށޭނެކަމުގެ އުންމީދު ކުރެވެ އެވެ. ސަރުކާރުން ވަނީ، މިއީ އުތުރުގެ ފަތުރުވެރިކަމަށް ވެސް ލިބިގެންދާނެ ކުރިއެރުމެއްކަން ފާހަގަކޮށްފަ އެވެ.
އެއާޕޯޓު މަޝްރޫއުއާއި ގުޅޭގޮތުން ސަރުކާރުން އާއްމު ކުރި ވީޑިއޯއެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ ހަގީގީ ބޭނުން ހިފޭނެ ދުވަހެއް ފެނުމަކީ އުތުރުގެ ރައްޔިތުން އަދި ހާއްސަކޮށް ހަނިމާދޫ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. މިއީ މުޅި ރާއްޖޭގެ އުގްތިސާދަށް ވެސް ދިރުން ލިބި އުތުރުގެ މައި ހަބަކަށް ހަނިމާދޫ ވާނެ ޕްރޮޖެކްޓަކަށް ވާނެކަށް ފައްޔާޒް ވިދާޅުވި އެވެ.
މީގެއިތުރުން ރައްމިޔާތުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ހަނިމާދޫގެ އެއާޕޯޓާއި އެކު ބޮޑުތިލަދުންމަތީގެ އިގްތިސާދަށް އިތުރު ކުރިއެރުމެއް ލިބޭނެކަމަށް ވިދާޅުވި އެވެ. އަދި މިއީ މި ސަރަހައްދުގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު ބައިވެރިއާއަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

