އަބަދުވެސް ދައުރު ފުރިހަމަ ނުކޮށް ވަޑައިގަންނަވާ ބޭފުޅުން ތިބީ އެއްފަރާތެއްގައި ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.
އެމްޑީޕިގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ބައިވެރިވެ ވަޑައިގެންނެވި އާޓިފިޝަލް ބީޗްގައި ކުރިއަށްދިޔަ ޖަލްސާގައި ހުސައިން ޝަހީމް ވިދާޅުވީ މަޖިލީހުގައި ވެސް ދައުރު ފުރިހަމަ ނުކޮށް ދިޔަ ބޭފުޅުން މިއަދުގެ ސަރުކާރާ އެކު ނުތިބެ ގޮސް ތިބީ އެއްފަރާތެއްގައި ކަމަށެވެ.
މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މިސަރުކާރުން ހިންގާ އެކި މަޝްރޫއު ތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ހުސައިން ޝަހީމް ވިދާޅުވީ ރައީސް ސާލިހް އާ އެކުގައި ނުތިއްބެވި ނަމަވެސް މާލޭގެ އެއްވެސް ދާއިރާ އަކަށް ހައްގު މިންވަރު ގޯތި ބެހުމުގައި ނުދީ ނުހުންނާނެ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ތަނެއް ތަރައްގީ ކުރަމުން ގެންދާއިރުގައި މާލެއަކީ ޒަމާނުއްސުރެ ހުރިހާ ސަރުކާރެއްގައި މިސަރުކާރު ފިޔަވައި އެކަހެރި ކޮށް ބިކަކޮށް ހާލުގައި ޖައްސާފައި އޮތް ތަނެއް ކަމަށް ހުސައިން ޝަހީމް ވިދާޅުވިއެވެ.
ރައީސް ސާލިހު ވައުދުވެވަޑައިގެން ފަސްހާސް ގޯތި ދެއްވާނެ ކަމަށް ހުސައިން ޝަހީމް ވިދާޅުވިއެވެ.
ކޮވިޑްގެ ދަތިހާލުގައި ހޭދަވި ދެ އަހަރު ކެނޑުމަށް ބާކީ އޮތް ތިން އަހަރު ތެރޭގައި ރައީސް ސާލިހް ވަނީ ފަސްހާސް ގޯތި ދެއްވަން ނިންމާފައި ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.
އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި މާގިނަ ގޯތި ދެވުނު ކަމަށް ހީކުރެވުނު ނަމަވެސް އެއީ ވަރަށް މަދު އަދަދެއް ކަމަށް ހުސައިން ޝަހީމް ފާހަގަކުރެއްވިއެވެ.
އެންމެ 250 ގޯތި ދެވިގެން އުޅެނީ. އެއީ ހިސާބު ނޭނގޭތީ. މާލޭގެ ރައްޔިތުންނަށް ބޭނުންވަނީ ކިތައް ގޯތިކަން ހިސާބު ޖެހި ނޭނގޭތީ. ރައީސް އިބްރާހިމް މުހައްމަދު ސާލިހް ފައްޓަވަނީ ވެސް ފަސްހާހުން. ތަފާތަކީ އަޅުގަނޑުމެން އަދިވެސް ބަލައިގަތީ މާލޭގެ ރައްޔިތުން ކީއްވެތޯ ޖޯޝާއި ފޯރީގައި ރައީސް ސާލިހް އަށް ވޯޓްލުމަށް ތައްޔާރު ވަމުން އެދަނީ. ހަމަ އެކަނި މާލޭގެ ސަރަހައްދަށް ބަލާލާއިރުގައިވެސް މުޅި ރާއްޖޭގެ ސަރަހައްދަށް ބަލާލާއިރު 16،400 ފްލެޓާއި ގޯތި ކެނޑުމުގެ މަޝްރޫއު ފެށިގެން ކުރިއަށް ބާރަށް ދަނީ. އަޅުގަނޑުމެން ބަލާލާއިރުގައި އެޗްޑީސީ އާއި އެޗްޑީސީގެ ފަރާތުން 7595 ދިވެހިންނަށްޓަކައި ހައުސިންގ ޔުނިޓް ތައްޔާރު ކުރެވިގެން އެދަނީ. އެޗްޑީސީން އިއުލާންކޮށްފައިވާ 1187 ހައުސިންގ ޕްރޮޖެކްޓް އެބައޮތް. މިއީ ތަފާތަކީ. މިއީ ކުޑަ ދުވަސްކޮޅެއް ތެރޭގައި ރާއްޖޭގެ ރައްޔިތުން މީގެ ކުރީގައި އައި ސަރުކާރުތަކުން އަހަރަކު ރަށަކަށް ކަރަންޓު ދެއްވާނަމޭ ވިދާޅުވީމާވެސް ހަމަ އަތްޖެހީ. އެކަމަކު އެބޭފުޅުންނަށް އޭރު ވިސްނިވަޑައިނުގެން ކަމަކީ އަހަރަކު ރަށަކަށް ކަރަންޓް ދިނުމުން ދުއިސައްތަ ކިތައް އަހަރުންތޯ އެބޭފުޅުންގެ ހުރިހާ ރަށަކަށް ކަރަންޓްދީ ނިމޭނީ.
މިއަދު އެހެންތޯ ކަންތައްތައް މިކުރަނީ ؟ އެއީ އަޅުގަނޑުމެންގެ ރައީސްގެ ތަފާތު ކަމަކީ. އެއީ އަޅުގަނޑުމެން ރައްޔިތުން ވިސްނަން ޖެހޭ ކަމަކީ. ޕީއެސްއައިޕީގެ ދަށުން މުޅި އަތޮޅުތެރޭގައި ކުރިއަށްގެންދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ކުރިއަށްދަނީ. އެގޮތުން 2430 ޔުނިޓްގެ މަސައްކަތް ކުރިއަށް އެބަދޭ.
ހުސައިން ޝަހީމް ވިދާޅުވީ އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން ބާކީ ނުކުރުމުގެ ސިޔާސަތަކީ ޕީއެސް އައިޕީގެ ދަށުން ރަށްރަށުގައި ކުރިއަށްގެންދާ ހައުސިންގ ޔުނިޓްތަކުގެ މަޝްރޫއުތައް ކަމަށެވެ. އެގޮތުން އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައީސް ސާލިހް ގެންދަވަނީ ފަހުރުވެރި އަދި ޝަރަފުވެެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިކޮށްދެމުން ކަމަށް ހުސައިން ޝަހީމް ވިދާޅުވިއެވެ.
ކޮވިޑްގައި މުޅި ދުނިޔެ ބަންދުވެފައި، ބޭންކް ތަކާއި ވައިގެ މަގުން ކުރާ ދަތުރުތަކާއި ކަނޑު ދަތުރުތައް ހުއްޓިފައި އޮތްވައި ލިބުނު ދެ އަހަރުގެ ތެރޭގައި 183 ފަރާތަކަށް ގެދޮރުވެރިޔާ ލޯނު ދޫކޮށް އެކި ރަށްރަށުގައި ގެދޮރު އިމާރާތްކުރަމުންދާ ކަމަށް ހުސައިން ޝަހީމް ވިދާޅުވިއެވެ.

