އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުންދަނީ ގައުމުގެ މަސްލަހަތު ގެއްލިދާފަދަ ވާހަކަތައްކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެ، ޕާޓީގެ ތެރޭގައި އުފެދިފައިވާ ދެ ފެކްޝަނުންދަނީ ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ ކޯލިޝަންގެ ވިސްނުންފުޅު އަދި މިހާރު އޮތް ކޯލިޝަނަށް ފާޑުކިޔުން އަމާޒުކުރައްވާއިރު، މި އިންތިހާބުގެ ނިންމުމުގެ ސަބަބުން ޕާޓީ އަނބުރާ މަގުމައްޗަށް ދާންޖެހިދާނެކަމަށް ރައީސް ސާލިހުދަނީ އިންޒާރުތައް ދެއްވަމުންނެވެ.
ރައީސް ސާލިހުގެ ކެމްޕެއިންތަކުގައި އިސްކޮށް ފެނިގެންދާ ބޭފުޅެއްކަމަށްވާ، އިބްރާހިމް ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެންމެހާ ވަސީލަތަކީ ހުރިހާ ރައްޔިތުންގެ އެއްޗެއްކަމަށެވެ. އަދި ދިވެހިންނަކީވެސް އެއް ބައެއް ކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ރާއްޖޭގައި ތިބެނީ އެއް ދީނެއްގެ އަހުލުވެރިންކަމަށްވާއިރު، ގައުމު ފޮތި ފޮތިކުރާ ވާހަކަދެއްކުމަކީ މުޅި ގައުމުގެ މަސްލަހަތު ގެއްލިގެންދާ ވާހަކަތަކެއް ކަމަށެވެ. އެނާ ވިދާޅުވީ، ދެކެވެމުންދަނީ ނުރައްކާތެރި ވާހަކަތަކެއް ކަަމަށެވެ.
Raajje ge hurihaa vaseelathakee hurihaa rayyithunnah nisbaiy vaa ehcheh. Dhivehinnakee eh bayeh. Eh dheen egge ahuluverin. Mi gaumu bai bai koh fothi fothi jahaa vaahaka akee mulhi gaumuge maslathu gelligen hingaidhaane fadha nurakkaa theri vaahaka eh
— Ibrahim Shareef (@AdduShareef) January 22, 2023
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމުގެ ވާހަކަތައް ރައީސް ނަޝީދު ދައްކަވަމުންދާކަމަށް ފާހަގަކުރައްވާ، ޝަރީފް ވިދާޅުވީ، ފެޑަރަލް ނިޒާމެއް ގުޅެނީ އާބާދީ އެތައް ސަތޭކަ މިލިއަނަކަށް އަރާ، އެތައް ލައްކަ ކިލޯ މީޓަރެއްގެ ބިން އޮންނަ ގައުމުތަކާއި ކަމަށެވެ. އަދި އެއީ އެތައް ދީނެއްގެ މީހުން ދިރިއުޅެމުންދާ މަދު ގައުމުތަކެއް ކަމަށް ފާހަގަކުރައްވާ އެނާ ވިދާޅުވީ، އެފަދަ ނިޒާމެއް ރާއްޖެއާއި ނުގުޅޭކަމަށެވެ. އަދި ދައްކަވަމުންދާ ވާހަކަތަކުގެ ނަތީޖާއަކީ ގައުމު ބައިބައިވެ ފަސާދަވުންކަމަށް ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، ފެޑަރަލް ނިޒާމެއްގައި ފައިދާތައް ވެެގެންދަނީ ހަމަ އެކަނި އާބާދީ ބޮޑު، ވަސީލަތްތައް ގިނަ ސަރަހައްދުތަކަށް ކަމަށެވެ. އެހެންކަމުން ގިނަ އަތޮޅުތައް ބިކަވެގެންދާނެކަމަށާއި، ރާއްޖެ ބައިބައިވެ ގައުމުގެ އެއްބައިވަންތަކަން ގެއްލި ރުޅިގެން ހިގައިދާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، ދިވެހިންނަކީ އެއް ނަސްލެއްގެ އެއް ބައެއް ކަމަށެވެ. އަދި ރާއްޖޭގައި އޮންނަނީ އެންމެ ދީނެއްކަމަށާއި، ރާއްޖެއަށް ކަމުދަނީ މިހާރުވެސް އޮތް އުނިޓަރީ ދައުލަތްކަމަށް ވިދާޅުވިއެވެ.
އިބްރާހިމް ޝަރީފްގެ ފާޑުކިޔުން ރައީސް ނަޝީދަށް އަމާޒު ކުރެއްވީ، ކެމްޕެއިންގެ ތެރެއިން އެމަނިކުފާނު ގއ ވިލިނގިލި އަށް ވަޑައިގެން ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. އެމަނިކުފާނު ވަނީ އެ ސަރަހައްދު ވަކި ސަރުކާރެއްގެ ގޮތުގައި ހިންގަން ފެނިވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރުމަށްޓަކައި ފެޑަރަލް ނިޒާމެއް ގެނައުމަށް ތާއީދު ކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.

