ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ދިން މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވައި މިކަމާއި މެދު ދިވެހީންގެ އަޑު އުފުލައިދިނުމަށް ސަރުކާރަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ގޮވާލައިފިއެވެ.
މާތްﷲގެ ކަލާމްފުޅު، ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިފައިވާތީ، އެކަން އެ ކޯލިޝަންގެ ފަރާތުން ކުށްވެރިކޮށް ނެރުން ނޫސް ބަޔާނުގައިވަނީ މުސްލިމުންނާއި ދެކޮޅަށް ހިންގޭ އެފަދަ ލާދީނީ އަދި ލާއިންސާނީ ޙަރަކާތްތަކަކީ އެއްގޮތަކަށްވެސް އެ ކޯލިޝަނުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.
މިކަމުގެ ސަބަބުން މުސްލިމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި އެހެން ދީންތަކުގެ މީހުންގެ މެދުގައިވެސް ނަފްރަތާއި ރުޅިވެރިކަން އުފެދި ބޮޑު ހަމަނުޖެހުމަކަށް ދިއުމުގެ ފުރުޞަތު ތަނަވަސްވެގެން ހިނގައިދާނެކަމަށް ޤަބޫލުކުރެވޭކަމަށް އިދިކޮޅުން މި މައްސަލައިގައި ނެރުން ނޫސް ބަޔާނުގައި ބުނެފައިވެއެވެ.
އިތުރަށް އެ ނޫސްބަޔާނުގައި ވަނީ ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމަށް ދީފައިވާ ހުއްދަ ބާޠިލުކޮށް ނަފްރަތާއި ރުޅިވެރިކަމަށް ޖާގަ ލިބޭ މިފަދަ ޢަމަލުތަކުން ދުރުވުމަށް އެންމެހާ ޤައުމުތަކަށް ގޮވާލާފައެވެ. އަދި ސްވިޑްން ސަރުކާރުން ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ދިން މައްސަލައިގައި ދިވެހި ސަރުކާރުގެ ބަސް ދުނިޔެއަށް އިއްވައި މިކަމާއި ދެކޮޅަށް ދިވެހިންގެ އަޑު އުފުލައިދިނުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

