އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯއްދެވުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ބާއްވާ ޖަލްސާތަކުގައި ބައިވެރިވާ މީހުންގެ އަދަދަށްވުރެ އެމަނިކުފާނު ގެންދަވާ ސެކިއުރިޓީ ފޯސްގެ އަދަދު ގިނަކަމަށް ކުރީގެ ނައިބު ރައީސް ޑރ މޮހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއަށް އިދިކޮޅު ކޯލިޝަނުން ނުފޫޒު ފޯރުވަމުންދާކަމަށާއި، ރައީސް ނަޝީދަށް މަރުހަބާ ކިއުމަށް ރަށްތަކުން ނުކުންނަމުންދަނީ އިދިކޮޅުގެ މެމްބަރުންކަމަށް ތުހުމަތު ކުރެވިފައިވާއިރު، ޖަމީލުވަނީ ރައީސް ސާލިހު އަދި އެމްޑީޕީގެ ހަރަކާތްތަކަށް ފާޑުކިޔުން އަމާޒު ކުރައްވާފައެވެ.
ޖަމީލު ވިދާޅުވީ، އެމްޑީޕީއިންވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސެކިއުރިޓީ ބަލަހައްޓާ ގޮތާއިމެދު ފާޑުކިޔުންތައް އަމާޒުކޮށްފައިކަމަށެވެ. އެހެންނަމަވެސް މިހާރު އެމްޑީޕީއިން ބާއްވަމުންދާ ޖަލްސާތަކުގައި ބައިވެރިވާ މީހުންގެ އަދަދަށްވުރެ ކެނޑިޑޭޓުންގެ ސެކިއުރިޓީއަށް ގެންދާ ފުލުހުން އަދި އެމްއެންޑީއެފް ބޭފުޅުންގެ އަދަދުތައް ގިނަ ކަމަށްވެސް ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ، ސުލްހައަށް ލޯބި ކުރާ ހަމަ އެކަނި ސިޔާސީ ޕާޓީއަކީ ޕީޕީއެމްކަމަށެވެ. އަދި ރައީސް ޔާމީންނަށް ސިޔާސީ ސަބަބުތަކެއްގައި ގުޅުވައި އަނިޔާތަކެއް ކުރަމުންދާކަމަށާއި، އެ އަމަލުތައް ހުއްޓަންދެން އިހުތިޖާޖުތައް ކުރިއަށް ގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
ކުރިން ރ. ޔާމީނުގެ ސެކިއުރިޓީއަށް ޖޯކުޖެހި އެމްޑީޕީ މިއަދު ޖަލްސާއަށްދާ މީހުންނަށްވުރެ ގިނައިން ސެކިއުރިޓީ ފޯސްގެންދޭ. ޕީޕީއެމްއަކީ ޞުލްޙައަަށް ލޯބިކުރާ ހަމައެކަނި ސިޔާސީ ޕާޓީ. ރ.ޔާމީނަށް ކުރާ ސިޔާސީ އަނިޔާ ހުއްޓަންދެން އިޙްތިޖާޖު ފެންނާނެ. pic.twitter.com/rVlszEoW6S
— Mohamed Jameel Ahmed (@MJameelAhmed) January 23, 2023
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ޕީޕީއެމްގެ މެމްބަރުން ނުފޫޒު ފޯރުވަމުންދާކަމަށް ތުހުމަތު ކުރެވިފައިވާއިރު، ޖަމީލުވަނީ ރައީސް ސާލިހު އެމަނިކުފާނުގެ ކޯލިޝަން ޕާޓްނަރުންނާއި އެކު މަޝްވަރާތަކެއް ކުރެއްވިކަމާއިމެދު ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.
އެނާ ވިދާޅުވީ، މި އެތެރޭގެ އިންތިހާބަށް އިލެކްޝަންސް އިން ފާރަވެރިވާންޖެހޭކަމަށެވެ. އަދި އެހެން ޕާޓީއެއްގެ ލީޑަރ ނުވަތަ އިންތިހާބީ މަގާމެއްގައި ހުރެގެން ޕާޓީއެއްގެ އެތެރޭގެއިންތިހާބެއްގައި އުޅުމަކީ އެ ޕާޓީގެ މެމްބަރުންގެ ހައްގުތަކަށް އަރައިގަނެ ނިޒާމު ކިލަނބު ކުރުންކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
ރައީސް ސާލިހު އެމަނިކުފާނުގެ ކެމްޕެއިން ދަތުރުތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރައްވަމުންދާއިރު، އެމަނިކުފާނު ވަޑައިގަންނަވާ ރަށްތަކުގައި އިދިކޮޅު ކޯލިޝަނުންދަނީ އިހުތިޖާޖުތައް ކުރަމުންނެވެ.

