ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ އިދާރާގެ ހިންގުމުގެ ތެރެއިންނާއި މާލީ މުއާމަލާތްތައް ބެލެހެއްޓުމުގައި މައްސަލަތަކެއް ފާހަގަކުރެއްވޭކަމަށް އޮޑިޓަރ ޖެނަރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
ތިނަދޫ ކައުންސިލުގެ 2021 ވަނަ އަހަރުގެ އޮޑިޓުގައި ބުނެފައިވާގޮތުން، އެ ކައުންސިލުންވަނީ ދައުލަތުގެ މާލިއްޔާތު ގާނޫނުގެ ދަށުން ކޮންމެ މާލީ އަހަރެއް ނިމުމާއިއެކު ތިން މަަސް ދުވަހުގެ ތެރޭގައި ތައްުޔާރުކުރަންޖެހޭ އަހަރީ ރިޕޯޓު އެ ކައުންސިލުގެ އިދާރާއިން 2021 ވަނަ އަހަރުގެ ތެރޭގައި ފޮނުުވާފައިނުވެއެވެ. އަދި ޖޫން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށްވެސް އެ ލިޔެކިއުން ހުށައަޅާފައިނުވާކަމަށް ބުނެފައިވެއެވެ.
ދައުލަތުގެ އާމްދަނީ ބެލެހެއްޓުމުގައި އަމަލުކޮށްފައިވާ ގޮތުގައިވެސް މައްސަލަތަކެއް ހުރިކަމަށް އޮޑިޓުން ފާހަގަކޮށްފައިވެއެވެ. ދައުލަތުގެ އާމްދަނީގެ ގޮތުގައި ބަލައިގަންނަ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަންޖެހޭކަން މާލިއްޔާތު ގާނޫނުގައި ބަޔާންކޮށްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.
އެ މުއައްސަސާއިން ބުނެފައިވާގޮތުން، ކައުންސިލްގެ އިދާރާއަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި 2021 ވަނަ އަހަރުގެ ނިޔަލަށް ލިބިފައިވާ ފައިސާގެ ތެރެއިން 273،771 ރުފިޔާ 1 ޑިސެމްބަރ 2021 ގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް އިދާރާގެ ބޭންކް އެކައުންޓުގައި ބަހައްޓާފައިވާކަން ފާހަގަކުރެވުނުކަމަށް ބުނެފައިވެއެވެ.
2021 ވަނަ އަހަރު ތައްޔާރުކޮށްފައިވާ ކުލީ ބިންތަކުގެ ދަފްތަރުގައި ބައެއް ބިންތަކަށް ގަވާއިދުން ފައިސާ ދައްކަމުން ނުދާކަމާއި އެ ބިންތަކުން ގިނަ އަދަދެއްގެ ފައިސާ ކައުންސިލްގެ އިދާރާއަށް ލިބެންޖެހޭކަން ފާހަގަކުރެވޭކަމަށް އޮޑިޓުން ބުނެފައިވެއެވެ.
އެ މުއައްސަސާއިން ބުނެފައިވާގޮތުން، ައިސާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ހޯދުމަށް މަސައްކަތްކުރުމަށާއި ފައިސާ ނުލިބިއްޖެނަމަ އަމަލު ކުރަންވާނެ ގޮތް ދައުލަތުގެ މާލިއްޔާތު ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. އަދި ކުއްޔަށް ދިނުމަށް ވެފައިވާ ބައެއް އެއްބަސްވުންތަކުގައި، ކަނޑައެޅިފައިވާ ވަކި މުއްދަތެއް ފާއިތުވަންދެން ކުލި ނުދައްކައިފިނަމަ، ކުލި ދައްކަން ލިޔުމުން ހަނދާންކޮށް ދިނުމަށްފަހު ކުލި ނުދައްކައިފިނަމަ، ބިން ވަކިކުރުމުގެ ބާރު ކައުންސިލްގެ އިދާރާއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާކަންވެސް އެ މުއައްސަސާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އޮޑިޓުން ބުނެފައިވާގޮތުން، 2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި އެ ފަރާތްތަކަށް ފައިސާ ދެއްކުމަށް ސިޓީ ފޮނުވާފައި ވީނަމަވެސް، އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދާއި އެއްގޮތަށް އެކިއެކި މަރުހަލާތަކުގައި އަޅާފައި ނުވުމުގެ ސަބަބުން ދިގު މުއްދަތަކަށް ފައިސާ ދައްކާފައިނުވާކަން ފާހަގަކުރެވެއެވެ.
ރިޕޯޓުގައި ބުނެފައިވާގޮތުން ސާމްޕަލްގެ ގޮތުގައި ބެލި 5 ބިމަކުން 2020 ވަނަ އަހަރުގެ ނިޔަލަށް ކުލި އަދި ޖޫރިމަނާއާއެކު ހަތަރު މިލިއަން ނުވަ ލައްކަ ހަތްދިހަ ނުވަ ހާސް އައްސަތޭހަ ނުވަ ރުފިޔާ (4،979،809) ދައްކަންޖެހެއެވެ. އެހެން ނަމަވެސް 2021 ވަނަ އަހަރުގެ ނިޔަލަށްވެސް ދައްކާފައިނުވުމުގެ ސަބަބުން އެ އަހަރުގެ ނިޔަލަށް ހަތް މިލިއަން ފަސް ލައްކަ ހަތްދިހަ އެއް ހާސް ފަސް ސަތޭކަ ފަސް ރުފިޔާ (7،571،505) ރުފިޔާ ދައްކަން ޖެހެއެވެ. އެހެންނަމަވެސް މި ފައިސާ 2022 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށްވެސް ލިބިފައިނުވާކަމަށް ބުނެފައިވެއެވެ.
ކައުންސިލަށް ލިބެންޖެހޭ ފައިސާގެ އަދަދުތައް ބެލެހެއްޓުމުގައިވެސް އިހުމާލުތަކެއް ވެފައިވާކަމަށް އޮޑިޓުން ފާހަގަކުރެއެވެ. ދަައުލަތުގެ އޮފީހަކުން ކުރާ މަސައްކަތަކަށް ނުވަތަ ދޭ ޚިދުމަތަކަށް ނުވަތަ ކުއްޔަށް ދީފައިވާ ތަނެއްގެ ކުއްޔަށް ނުވަތަ ވިއްކި އެއްޗެއްގެ އަގަށް ލިބެންޖެހޭ ފައިސާ، އެކަމެއް ނިމުނު ދުވަހުން ފެށިގެން ލަސްވެގެން 1 މަސް ދުވަހުގެ ތެރޭގައި ހޯދަންވާނެކަމަށް ދައުލަތުގެ މާލިއްޔަތު ގަވައިދު ބުނާކަމަށް އޮޑިޓުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް 2021 ވަނަ އަހަރުގެ ތެރޭގައި ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރިކޯޑެއް އެ ކައުންސިލުން ބަލަހައްޓާފައިނުވާތީ ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ފައިސާގެ އަދަދުތައް އެނގެން ނެތްކަމަށް އޮޑިޓުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ލިބެންޖެހޭ ފައިސާ ނުލިބި ވެފައިވާ މުއްދަތާއި އެ ފައިސާ ހޯދުމަށް ކުރެވިފައިވާ މަސައްކަތުގެ މައުލޫމާތުވެސް އެނގެން ނެތްކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުންވެސް މައްސަލަތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން، ބިލުތަކަށް ފައިސާ ދައްކަން ޖެހޭ މުއްދަތުގެ ތެރޭގައި ފައިސާ ދައްކާފައިނުވުމުގެ ސަބަބުން ޖޫރިމަނާ ދައްކާފައިވާކަމަށް އޮޑިޓުން ފާހަގަކޮށްފައިވެއެވެ. އަދި ކޮންޓްރެކްޓު މުއައްޒިފުންނަށް ގަވާއިދާއި ހިލާފަށް ”ފިކްސްޑް އޯވަރޓައިމް“ ދިނުމާއި، ލާމަރުކަޒީ ގާނޫނުގެ ދަށުން އާންމުންނަށް ހުޅުވާލައިގެން ބައްދަލުވުންތައް ބާއްވާފައިނުވުމާއި ކައުންސިލުގެ މެމްބަރުންގެ ވިޔަފާރިއާއި އާމްދަނީގެ މައުލޫމާތު ލިޔެކިއުމުން ހުށައަޅާފައިނުވުމުގެ އިތުރުން އިދާރާއިން ހިންގި ހަރަކާތްތަކުގެ މައުލޫމާތު ރިޕޯޓު އަތޮޅު ކައުންސިލަށް ހުށައަޅާފައިނުވާ މައްސަލަވެސް އޮޑިޓުން ފާހަގަކޮށްފައިވެއެވެ.

