ގައުމަށްޓަކައި އަދާލަތު ޕާޓީ ސާފުކޮށް، އެ ޕާޓީ ގާއިމު ކުރެވުނު އަސްލު ތަސައްވަރަށް މިސްރާބު ހިފުމަށް އެ ޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އަރިހުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ސިޔާސީ މަސްރަހުގެ ތެރޭގައި ހަރަކާތްތެރިވަމުންދާ ބައެއް ދީނީ އިލްމުވެރިންނަށް އާންމުން އަދި ސިޔާސީ ބޭފުޅުންގެ ފަރާތުންވެސް ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، ޝަހީމް ވިދާޅުވީ، އެ ޕާޓީ އުފެދިގެން ގިނަ ޒަމާންތަކެއް ވަންދެން ރާއްޖޭގެ އެންމެ މުހިންމު ދެ ވުޒާރާކަމަށްވާ ހައުސިންގް އަދި އިސްލާމިކް މިނިސްޓްރީ ހިންގަމުން އައިސްފައިވަނީ ދީނީ ވިސްނުމުގެ މީހުންކަމަށެވެ. އަދި އޭރު ބޮޑެތ ބަދަލުތަކެއް އައިސްފައިވާނެކަމަށާއި އެތައް މަޝްރޫއުއެއްވެސް ހިންގާފައިވާނެކަމަށް ވިދާޅުވިއެވެ.
ދީނީ އިލްމުވެރިންގެ ގޮތުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުންދާ ބައެއް ފަރާތްތަކުގެ ކިބައިން ނޭދެވޭ އަމަލުތައް ފެންނަމުންދާކަމަށް ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، އިލްމުވެރިންގެ ނަމުގައި ޓްވިޓަރގައި ހަރަކާތްތެރިވެ ”ދެބޯ ގެރި“ ދުއްވާ ދެތިން މީހެއްގެ ސަބަބުން، މުޅި ދީނީ މަޝްރޫއުގެ އަގު ވެއްޓެން ނުޖެހޭކަމަށެވެ. އަދި ހަރުދަނާ ދީނީ އިލްމުވެރިން މަސްރަހުގައި ސާބިތުވެ ތިއްބެވުމަށް އެނާ އިލްތިމާޒް ކުރައްވާކަމަށް ޝަހީމް ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، ދީނީ އިލްމުވެރިން ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންނަމަވެސް ބައެއް ދީނީ އިލްމުވެރިން އުޅެމުންދަނީ ”ދީނީ ސިޔާސީ“ ޝަހުސިއްޔަތުތައް އުޅޭ ގޮތަށް ނޫންކަމަށް ފާހަގަކުރައްވާ ޝަހީމު ވިދާޅުވީ، ދީނީ އިލްމުވެރިޔަކުވަނީ ރާއްޖޭގައި 30 އަހަރުގެ ވެރިކަމެއް ކުރައްވާފައިކަމަށެވެ. އަދި އެއީ ރައީސް މައުމޫނުކަމަށާއި އެމަނިކުފާނާއި ހިޔާލު ތަފާތު ނަމަވެސް، ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާކަމަށް ޝަހީމު ސިފަކުރެއްވިއެވެ.
@ShimranAb arihun alhugandu edhenee raajje ahttakaa AP saafukoh AP ge qaaim kurevunu Aslu thasavarah misraabu hifumah. miee Qaumuge haggugai kuran jehey kameh.
— Mohamed Shaheem Ali Saeed (@Mohamedshaheem1) January 26, 2023
ޝަހީމު ވިދާޅުވީ، ރައީސް މައުމޫނުގެ އަރިހުގައި އޭރު މަސައްކަތް ކުރެއްވީވެސް ދީނީ އިލްމުވެރިންކަމަށެވެ. އެހެންކަމުން މިއަދު ޖެހިފައިވާ މައްސަލައަކީ ދީނީ އިލްމުވެރިން ސިޔާސީ ވުން ނޫންކަމަށާއި، މައްސަލައަކީ ބޭނުންވުމުން ހާލަތާއި ގުޅުވައި ސިޔާސީ އެކްޓިވިސްޓުނާއި ގުޅިގެން ދީން ބޭނުންކުރާ މަދަު ބަޔަކު އުޅޭކަން ކަމަށް އެނާ ފާހަގަކުރެއްވިއެވެ. އެނާ ވިދާޅުވީ، އެ ފަރާތްތަކުން މީހުންނަށް އެއްޗެހި ގޮވުން ފިޔަވައި އިތުރު ކަމެއް ނުކުރާކަމަށެވެ.
އެނާ ވިދާޅުވީ، ގައުމު ހިންގުމައްޓަކައި އިސްލާމް ދީނުގައިވާ ހަރުދަނާ ސިޔާސީ/ އިޖްތިމާއީ އިގްތިސާދީ އަދި ތައުލީމާއި ބޯހިޔާވަހިކަމުގެ ސިޔާސަތުތަކުގެ ވާހަކަތައް ދައްކާ އަޑު އިވިގެން ނުދާކަމަށެވެ. އެނާ ވިދާޅުވީ، އިވިގެންދަނީ މީހުންނާއި މެދު ނޭދެވޭ ވާހަކަތައް ދައްކާ އަޑު ކަމަށެވެ.
ޝަހީމް ވިދާޅުވީ، އަދާލަތު ޕާޓީ އުފެދިގެން އައިސްފައިވަނީ ގައުމައްޓަކައި ބޭނުންތެރި ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގުސަދުގައިކަމަށެވެ. އެހެންނަމަވެސް މިފަހުން އެނާ ކުރިން ދެންނެވި ފަދަ އެކްޓިވިސްޓުންތަކެއްވަނީ އަދާލަތު ހިސޯރުކޮށްފައިކަމަށާއި، އެހެންކަމުން މިހާރު ބާނާ ކުރަނިވި ވިސްނުން ދޫކޮށް ސަނާ ކިޔާ ”ސްޓައިލަށް“ ދީނީ ވިސްނުން އުފެދެމުންދާކަމަށް ވިދާޅުވިއެވެ.
އެނާ ވިދާޅުވީ، އެކަމާއި ގުޅިގެން ފަސް އަހަރު ވެގެންދާއިރުވެސް، އެއްވެސް ހަރުދަނާ މަސައްކަތެއްވެސް ކުރެވިފައިނުވާކަމަށެވެ. އަދި އެންމެ ކުޑަ މިނުން ފަތުވާ ކައުންސިލު އުފެއްދުމުގެ މަސައްކަތްތައްވެސް ހުއްޓިފައިވާކަމަށް ފާހަގަކުރެއްވިއެވެ. ޝަހީމް ވިދާޅުވީ، އަދާލަތު ޕާޓީގެ އެތެރެ ސާފުކުރުމަށް އިމްރާންގެ އަރިހުގައި އެދިވަޑައިގަންނަވާކަމަށެވެ. އަދި އެއީ ގައުމުގެ ހައްގުގައި ކުރައްވަންޖެހޭކަމެއް ކަމަށް ވިދާޅުވިއެވެ.

