ބަޔަކު މީހުން ތާއީދު ކުރިނަމަވެސް އަދި ނުކުރިނަމަވެސް، ”ހައްގު“ ވާނީ ”ހައްގަށް“ ކަމަށް އަދާލަތު ޕާޓީގެ ރައީސް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބަޔަކު މީހުންނަށް ރަނގަޅު ވާހާ ގޮތަކީ ކޮންމެހެން ހައްގު ގޮތް ކަމަށް ނުވެދާނެކަމަށެވެ. އަދި ބަޔަކަށް ކަމެއް ރަނގަޅު ވީ ނަމަވެސް އަދި ނުވީ ނަމަވެސް، ހައްގު ގޮތް ވާނީ ހައްގު ގޮތަކަށް ކަމަށް އެނާ ފާހަގަކުރެއްވިއެވެ.
Bayakah rangalhu vaahaa gothakee adhi “Hahq” eh nooneve.
Bayakah rangalhuviyas nuvatha nuviyas “Hahqu” vaanee hama Hahqasheve.— Imran Abdulla (@ShimranAb) January 28, 2023
އިމްރާންގެ ޓްވީޓް އަމާޒުކުރައްވާފައިވަނީ ސީދާ ކޮންކަމަކަށް ކަން ސާފު ނޫންނަމަވެސް، މިހާރު ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ ތެރެއިން ނުހައްގުން ކަންކުރާ ކަމުގެ ގިނަ ވާހަކަތަކެއް ދެކެވެމުން އެބަދެއެވެ. އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓު އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ މެމްބަރުންތަކެއް ނުހައްގުން ވަކި ކުރެވިފައިވާކަމަށް ވިދާޅުވެ ކަންބޮޑުވުމާއި ނުރުހުން ފާޅުކުރައްވާފައިވާއިރު، އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް 11 އަހަރުގެ ހުކުމެއް ކުރެވިފައިވުމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން އެ ޕާޓީއިންވެސް ދަނީ ހުކުމް ކުރެވިފައިވަނީ ނުހައްގުންކަމަށް ބުނެ އަޑު އުފުލަމުންކަން ފާޙަގަކުރެވެއެވެ.
ހައްގު ގޮތަކީ ކޮބައިކަން އިމްރާން ސާފުކޮށްދެއްވާފައިވާއިރު، ފޯރިއާއި އެކު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ މަރުހަލާތައް ވަނީ ނިމުމަކަށް އައިސްފައެވެ. ރައީސް ނަޝީދު އެމަނިކުފާނުގެ ކެމްޕެއިން ނިންމަވާލެއްވީ ހެންވޭރުގައި ހުންނަ އެމްޑީޕީގެ ޖަގަހަ ކައިރިން ފެށިގެންދިޔަ ހިނގާލުމަކުންކަމަށްވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެމަނިކުފާނުގެ ކެމްޕެއިން ނިންމަވާލެއްވީ ހުޅުމާލޭގައި ހުންނަ ރުއްގަނޑު ސަރަަހައްދުގައި ބޭއްވި ޖަލްސާއަކާއި އެކުއެވެ.

