އެމްޑީޕީގެ ޓިކެޓުގައި 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބޭއްވި ޕްރައިމެރީގެ ކެމްޕެއިން ޓީމާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފި އެވެ.
ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި، ރައީސް ނަޝީދުގެ މައްޗަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރި ހޯއްދަވާފަ އެވެ. މިއީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ނުފޫޒު ފޯރުވައި ހޯދި ކާމިޔާބީއެއްގެ ގޮތުގަ އެވެ.
އިންތިހާބަށް ފަހު، ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް މެސެޖެއް ފޮނުވައި ރައީސް ނަޝީދު މިއަދު ވިދާޅުވީ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާ ކުރުމުން ރައީސް ސޯލިހަށް ލިބުނު ގިނަ ވޯޓު އުނިވާނެ ކަމަށެވެ. އަދި އެމަނިކުފާނަށް 2023 ކާމިޔާބު ކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށް ވިދާޅުވި އެވެ.
”ފިކުރެއްގެ ދިރުން“ ގެ ނަމުގައި އެމްޑީޕީގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކޮށް ޕާޓީން ވަކި ކުރި 39،000 މެމްބަރުންގެ ބަސް ހިމެނޭހެން ގޮތް ނިންމުމަށް ރައީސް ނަޝީދު ހުށަހެޅުއްވި އެވެ. އަދި ރިޔާސީ ކެނޑިޑޭޓު ނިންމާނީ އޭގެ ފަހުންކަމަށް ވިދާޅުވި އެވެ. އިންތިހާބަށް ތައްޔާރުވުމަށާއި، ރިޔާސީ ކެނޑިޑޭޓަކަށް ތާއީދު ކުރެވެން އޮތީ ނިޒާމު ބަދަލުކޮށް ލިބޭ ތާއީދު އިތުރުކޮށްގެންކަމަށް އެމަނިކުފާނުގެ މެސެޖުގައި ވެއެވެ.
އިންތިހާބާއި މެދު ގެންގުޅުއްވާ ވިސްނުން އާއްމު ކުރެއްވި ތާ މާގިނަ އިރުތަކެއް ނުވެ ރައީސް ނަޝީދު އެމަނިކުފާނުގެ ސަޕޯޓަރުންނާއި އަދި ކެމްޕެއިން ޓީމާއި ބައްދަލު ކުރެއްވި އެވެ. މާލޭގެ، ކާނިވާ ސަރަހައްދުގައި ހުންނަ ”ދޮން މަނިކް ސްކައިވިއު“ ރެސްޓޯރަންޓުގައި ބޭއްވި އެ ބައްދަލުވުމުގައި ގިނަ ބަޔަކު ބައިވެރިވި އެވެ.
މެންދުރުގެ ކެއުމާއި އެކު ކުރިޔަށް ދިޔަ ބައްދަލުވުމުގައި، ރައީސް ނަޝީދާއި އަރިސް މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ ބައެއް އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ބައިވރިވި އެވެ.
މިއީ ޕްރައިމެރީގެ ނާކާމިޔާބީއަށް ފަހު ރައީސް ނަޝީދު އާއްމު ތަނެއްގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. އަދި ބެލެވޭ ގޮތުގައި، އިންތިހާބުގެ މައުލޫމާތުތައް ދެއްވުމަށް އެމަނިކުފާނު މީޑިއާތަކާއި ވެސް ބައްދަލު ކުރައްވާނެ އެވެ.

