ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހު ހަވީރު 3:30 ގައި ޕީޕީއެމް އަދި ޕީއެންސީގެ ފަރާތުން ބުންވަރު ހިނގާލުމުގެ ނަމުގައި ސުލްހަވެރި ހިނގާލުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމް / ޕީއެންސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވި ގޮތުގައި ޕީޕީއެމް އިން ކުރިއަށްގެންދިއުމަށް ނިންމާފައިވާ ބުންވަރު ހިނގާލުމާއި ގުޅޭ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައި ކަމަށެވެ. އެގޮތުން ފުލުހުން ވަނީ ހިނގާލުން މަޖީދީ މަގުގައި ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވައިފާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ 3 ފެބްރުއަރީގައި އިދިކޮޅު ކޯލިޝަނުން އިންތިޒާމް ކުރާ ހިނގާލުން ފެށޭނީ ޕީޕީއެމް އޮފީސް ދޮރުމަތިން ކަމަށާއި ހިނގާލުން ނިންމާލާނީ އާޓިފިޝަލް ބީޗަށް ކަމަށެވެ.
މި ފެބްރުއަރީ މަހުގެ 2 އިން 4 އަށް މާލޭގެ ދަރުބާރުގޭގައި ޕީޕީއެމްގެ ފަރާތުން ރައީސް ޔާމީން 2023: ހޯޕް ކޮންފަރެންސް އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ބުންވަރު ހިނގާލުމަކީ ޕީޕީއެމް / ޕީއެންސީ އިން ބާއްވާ ކޮންފަރެންސްގެ ތެރޭގައި ކުރިއަށްދާ ހަރަކާތެއް ކަމަށެވެ. އަދި އެހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޝުޖާއު ވަނީ ގޮވާލާފައެވެ.
ޕްރެސްގައި ބައިވެރިވި ޕީޕީއެމްގެ ހަރަކާތު ކޮމިޓީގެ ޗެއަރ އަދި ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް ކުރިއަށްގެންދަނީ ފުލުހުންގެ އިރުޝާދާ އެއްގޮތަށް ފުލުހުންނަށް ބޯލަނބައިގެން ކަމަށެވެ.
މުހައްމަދު އިސްލާމިލް ވިދާޅުވީ ޕީޕީއެމް / ޕީއެންސީގެ ކޮންފަރެންސާއި ހިނގާލުމުގައި ބައިވެރިވުމަށް މާލެ ސަރަހައްދުގައާއި މާލެ ކައިރީގައި ހުރި ރަށްތަކުގައި ދިރިއުޅޭ މާލެ އާދެވެން ތިބި އެންމެން މާލެ އައުމަށް އެދޭ ކަމަށެވެ.
ޕީޕީއެމްގެ ފަރާތުން ކުރިއަށްގެންދާ އިހްތިޖާޖުތަކަކީ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަށް ނުހައްގުން ކޮށްފައިވާ ހުކުމާއި ދެކޮޅަށް ކުރަމުންގެންދާ އިހްތިޖާޖު ތަކެއްް ކަމަށެވެ.
ހޯޕް އިވެންޓަކީ ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ޕީޕީއެމް އިން މުޅި ރާއްޖޭގައި ކުރިއަށްގެންދާ ހަރަކާތެއްގެ ތެރެއިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވީ ކޮންފަރެންސްގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ޑެލިގޭޓްސް މިހާރުވެސް ވަނީ މާލެ އައިސްފައިކަމަށެވެ.
1200 އެއްހާ ޑެލިގޭޓުން ކޮންފަރެންސް ގެ އެކި ޝެސަންގައި ބައިވެރިވާނެ ކަމަށް ވެސް ރުކުމާ ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގައި އުފެދިފައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އަކީ ޕީޕީއެމް ކަމަށްވެސް ރުކުމާ ވިދާޅުވިއެވެ. އަދި އެކަން މެމްބަރުންގެ އަދަދަށް ބަލައިލި ނަމަވެސް ހާމަވެގެންދާނެ ކަމަށް ރުކުމާ ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޕީއެމް / ޕީއެންސީގެ މަގާމުތަކުގައި ތިބި މެމްބަރުންގެ އަދަދަށް ބެލިކަމުގައިވީ ނަމަވެސް އެހެން ސިޔާސީ ޕާޓީ ތަކަށް ވުރެ ގިނަވާނެ ކަމަށް ރުކުމާ ވިދާޅުވިއެވެ.
އިދިކޮޅުން ކުރިއަށްގެންދާ ކޮންފަރެންސްގައި ރައީސް ޔާމީން 2023 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށް ސަފުތައް ރުކުރުވާލުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވިގެންދާނެ ކަމަށްވެސް ރުކުމާ ވިދާޅުވިއެވެ.
ކޮންފަރެންސް ނިންމުމުގެ ގޮތުން ފެބްރުއަރީ 4 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަަމަށްވެސް ރުކުމާ ވިދާޅުވިއެވެ.

