އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ހުކުރު ދުވަހު ބޭއްވި ”ބުންވަރު“ ހިނގާލުމުގެ ތެރެއަށް ސައިކަލަކުން ވަތް މީހާ ދޫކޮށްލާފައިވާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.
އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަންކުރުމަށް ގޮވާލައި އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ އެތައް ސަތޭކަ މެމްބަރުންނެއްވަނީ ރާއްޖޭގެ ވެރި ރަށް މާލޭގައި ސުލްހަވެރި ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ.
ހިނގާލުމުގައި ކޯލިޝަންގެ އިސް މެމްބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ރާޅު ގަނޑު ސަރަހައްދު ކައިރިން ފެށި ހިނގާލުމުގެ ބައިވެރިން އަޑު އުފުލަމުން އައިސް މަޖީދީ މަގުން އަނބުރާ ޕީޕީއެމްގެ އޮފީސް ސަރަހައްދަށް ދިއުމަށް މިސްރާބު ޖަހާފައިވަނިކޮށް، ރީނދޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކުވަނީ، ސައިކަލުން ދުއްވާފައިގޮސް ހިންގާލުމުގެ ތެރެއަށް ވަދެފައެވެ.
އެނާ ހުއްޓުވުމަށް ފުލުހުންނާއި ޕީޕީއެމްގެ ބައެއް މެމްބަރުންވެސް މަސައްކަތް ކުރި އިރު، ހިނގާލުމުގެ ތެރެއަށް ވަދެ ބައެއް ބައިވެރިންގެ ގައިގައި ސައިކަލުން ޖެހުމުގެ ސަބަބުން، އެނާ އަދި ހިނގާލުމުގެ ބައިވެރިންނާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވެއެވެ.
ޕީޕީއެމްގެ އިސް މެމްބަރެއްކަމަށްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ފަދަ މީހުންވަނީ އެ ހަމަނުޖެހުންތައް ހުއްޓުވުމަށް މަސައްކަތްކޮށް، ފުލުހުންގެ އެހީ އާއި އެކު އެނާ އެތަނުގައި ހުރި ތަނެއްގެ ތެރެއަށް ވައްދައި ރައްކައުތެރިކޮށްފައެވެ.
މި މައްސަލައިގައި ޝާމިލުވި މީހާ އާއި މެދު އެޅި ފިޔަވަޅާއިމެދު ”ސަންގު“ އިން ފުލުހުންނާއި ސުވާލު ކުރުމުން ފުލުހުންވަނީ އެ މައުލޫމާތުތައް ހިއްސާކޮށްފައިވާކަމަށް ބުނެފައެވެ.
ފުލުހުންގެ މުއައްސަސާގެ މީޑިއާ ގުރޫޕުގައި ހިއްސާކޮށްފައިވާގޮތުން، ހިނގާލުމުގެ ތެރެއަށް ސައިކަލެއްގައި ވަތް މީހާ އަށް ފިޔަވަޅު އެޅީ ޓްރެފިކް ގާނޫނުގެ ދަށުންނެވެ. އެނާއަށް ގެ މައްޗަށް އެޅިފައިވާ ފިޔަވަޅަކީ 15 ދުވަހުގެ މުއްދަތައް ސައިކަލު ޓޯ ކުރުންކަމަށް ބުނެފައިވެއެވެ.
އެނާ އާއި މެދު އިތުރު ފިޔަވަޅެއް އެޅިފައިވޭތޯ ބެލުމަށް ފުލުހުންގެ މުއައްސަސާއާއި ސުވާލު ކުރުމުން ފުލުހުން ބުނީ، އެނާ ވަނީ އިއްޔެގެ ވަގުތެއްގައި ދޫކޮށްލެވިފައިކަމަށެވެ.

