ފަހު ވަގުތުގައި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި މޭޔަރ ޑރ މުހައްމަދު މުއިއްޒު ހަމަޖައްސައި އެނާގެ ނައިބެއްގެ މަގާމަށް މަޖިލީހުގެ ތ ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ހަމަޖައްސަވާނެކަމަށް މިހާރު ފެންނަން ހުރި ކަންކަމަށް ބެއްލެވެމުން ގަބޫލުކުރެއްވޭކަމަށް މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ވ އާރަށުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން 11 އަހަރުގެ ހުކުމެއް ކުރުމާއި އެކު، އެމަނިކުފާނަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގެންނެވޭނެކަމާއިމެދު ސުވާލު އުފެދިފައިވާއިރު، އިދިކޮޅުން ވަނީ އެހެން އެއްވެސް ކެނޑިޑޭޓެއް ނުނެރޭނެކަމަށް އަދި ރައީސް ޔާމީންގެ ނަން ކުރިއަށް އޮތް އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެކަމަށް ބުނެފައެވެ. އިދިކޮޅުގެ ”ހޯޕް ކޮންފަރެންސް 2023“ ގައި ކުރީގެ ރައީސް ޑރ ވަހީދްވެސް ބައިވެރިވެވަޑައިގަތުމާއިއެކު، އެ ޕާޓީގެ ހަރަކާތްތަކަށް އަލި އަޅުއްވައި ޝަރީފް ވިދާޅުވީ، ޕީޕީއެމްގެ ކެނޑިޑޭޓުގެ ގޮތުގައި ޑރ ވަހީދު ހަމަޖައްސަފާނެކަމަށް އެނާ އަށް ނުބެލެވޭކަމަށެވެ.
PPM candidate akah @DrWaheedH hama jassaane kamakah nubelevey. Emme fahu vaguthu hama jassaane kamah fennan huri kan kamah balaairu qaboolu kurevenee @MMuizzu kamah Naibakah @mgmaumoon kamah.Balan thibemaa. Mikan Seedhee nummuge ikhthiyaaru onnaanee hama ekani @prz_ymn ah
— Ibrahim Shareef (@AdduShareef) February 5, 2023
އެނާ ވިދާޅުވީ، އެންމެ ފަހު ވަގުތުގައި އެ ޕާޓީގެ ކެނޑިޑޭޓުން ކަނޑައަޅާނެކަމަށެވެ. އަދި ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ޑރ މުއިއްޒު އަދި ނައިބެއްގެ މަގާމަށް ޣައްސާން ހަމަޖައްސާނެކަމަށް ބެލެވޭ ކަމަށާއި، އެއީ ފެންނަން ހުރި ކަންކަމަށް ބެއްލެވުމުން އެނާއަށް ގަބޫލު ކުރެއްވޭ ގޮތްކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް އެފަދަ ނިންމުމެއް ނިންމުމުގެ އިހްތިޔާރު ޕީޕީއެމްގެ ތެރޭގައި އެހެން އެއްވެސް ފަރާތެއްގެ އަތުގައި ނޯންނާނެކަމަށާއި، އެ އިހްތިޔާރު އޮންނަވަނީ ރައީސް ޔާމީންގެ އަތްފުޅުމަތީގައިކަމަށް އެނާ ވިދާޅުވިއެވެ.
ރައީސް ޔާމީން ނޫން އެހެން ކެނޑިޑޭޓެއް ނެތްކަމަށް އިދިކޮޅުން ބުނަމުންދާކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، އަޑު ހަރުކޮށް އެމަނިކުފާނު ނޫން މީހަކަށް ޓިކެޓު ނުލިބޭނެކަމަށް ބުނި ނަމަވެސް، އެންމެ ފަހުވަގުތު ޕީޕީއެމްއަށް އެހެން ކެނޑިޑޭޓެއް ނެގުން މަޖުބޫރުވެގެންދާނެކަމަށެވެ. އަދި ފަހަރެއްގައި އެހެން ޕާޓީއަކާއި އެކު ކޯލިޝަނެއް ހަދައި އެ ޕާޓީގެ ކެނޑިޑޭޓެއްގެ ފަހަތަށް ޕީޕީއެމްއިން އަރާފާނެކަމަށްވެސް އެނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވަނީ އިދިކޮޅުން ސަރުކާރަށް ފާޑުކިޔަމުންދާކަމަށްވެސް އަލިއަޅުއްވާފައެވެ. އެނާ ވިދާޅުވީ، ޕީޕީއެމްގެ ކޮންފަރެންސްގައި ދައްކަމުންދާ ވާހަކަތައް ސަރުކާރަށް ”ހަޖަމް“ ނުވާކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށެވެ. އަދި ސަރުކާރުން ޕީޕީއެމްގެ ހަރަކާތްތަކަށް ޝައުގުވެރިކަމެއް ދޭ މަންޒަރު ނުފެންނަކަމަށާއި، ފެނިގެންދަނީ ކޮންފަރެންސްގެ ބައިވެރިން ކިޔާ އެއްޗެއް ކިޔުމަށްފަހު، ކޮންފަރެންސް ނިންމާލައި ދާ މަންޒަރުކަމަށް އެނާ ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، ސަރުކާރު އޮތީ ގަދަކޮށް ކަމަށެވެ.

