ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޮނިހިރު ދުވަހު ކުޑަގިރި ހުޅުވާލަނީ

އެޗްޑީސީގެ ޕީއާރް ޓީމު ކުޑަގިރިއާއި ގުޅޭގޮތުން މައުލޫމާތު ދެއްވަނީ: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ 11 ވަނަ ދުވަަހު ކުޑަގިރި ޕިކްނިކް އައިލެންޑު ހުޅުވުމަށް ހަމަޖެހިފައިވާކަމަށް އެޗްޑީސީއިން ބުނެފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދެއްގެ ދަށުން ތަރައްގީކުރެވިފައިވާ ކުޑަގިރި އައިލެންޑާއިމެދު މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މާކެޓިންގެ އެންޑް ޕީއާރް ޑައިރެކްޓަރު ނިއުޝާދު ޝަރީފް ވިދާޅުވީ، ފާއިތުވެދިޔަ ހަފްތާގައިވެސް މައުލޫމާތު ދީފައިވާ ގޮތުގެ މަތިން އެ ރަށް އޮތީ ހުޅުވުމަށް ތައްޔާރުގައިކަމަށެވެ.

އެނާ ވިދާޅުވީ، މި ރަށަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އުފާވެރި ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދެއްވުމަށް ރައީސް ސާލިހު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ތަރައްގީ ކުރެވިފައިވާ ރަށެއްކަމަށެވެ. އަދި އެޗްޑީސީއިން އެ ރަށާއި ހަވާލުވުމަށްފަހު މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެމަނިކުފާނުގެ އިރުޝާދުތަކާއި އެއްގޮތަށްކަމަށާއި، އެ އިރުޝާދުގެ ދަށުން ރަށަށް ވަކިން ހާއްސަ ބްރޭންޑިންގްއެއްވެސް ތައްޔާރުކޮށްފައިވާކަމަށް ވިދާޅުވިއެވެ.

ނިއުޝާދު ވިދާޅުވީ، ހަފްތާ ބަންދު އަދި ސަރުކާާރު ބަންދު ދުވަސްތަކުގައި ކުޑަގިރިއަށް ދިއުމަށް އެއްވެސް ދިވެއްސެއް އަތުން އެއްވެސް ޗާޖެއް ނުނަގާނެކަމަށެވެ. އެނާ ވިދާޅުވީ ބޫކިންގް ފީއެއް އަދި ޓްރާންސްޕޯޓު ފީއެއްވެސް އެ ދުވަސްތަކުގައި ނުނަގާނެކަމަށެވެ. އެހެންނަމަވެސް އެޕްލިކޭޝަން މެދުވެރިކޮށް ބޫކިންގް ހައްދަންޖެހޭނެކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، ހަފްތާ ބަންދު އަދި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ކުޑަ ގިރިއަށް ދިއުމަށް ޗާޖެއް ނަގާނެކަމަށެވެ. އެނާ ވިދާޅުވީ، ރަށަށް އެރުމަށް 50 ރުފިޔާ އަދި ދެ އަހަރުން ދަށުގެ ކުދިންނަށް ޓްރާންސްޕޯޓު ހިލޭކަމަށާއި ދެ އަހަރުން މަތިން 25 ރުފިޔާ ނަގާނެކަމަށް ވިދާޅުވިއެވެ. އަދި އެ އަދަދުގެ ތެރޭގައި ރިޓާން ޓްރާންސްފާރވެސް ހިމެނޭނެކަމަށް ނިއުޝާދު ފާހަގަކުރެއްވިއެވެ.

ނިއުޝާދު ވިދާޅުވީ، ހަފްތާގެ ތެރޭގައި ފަތުރުވެރިންނަށް އެ ރަށަށް އެރުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެކަމަށެވެ. އެހެންނަމަވެސް ފަތުރުވެރިންގެ އަތުން ނަގާ ޗާޖު ބޮޑުވާނެކަމަށާއި، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަތުން ނެގުމަށް ހަމަޖެހިފައިވަނީ 75 ރުފިޔާކަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ކުޑަގިރީގައި މިހާރު އަށިތަކެއް ގާއިމުކޮށްފައިވާނެކަމަށެވެ. އެގޮތުން ކުޑަ 13 އައްޓެއް ގާއިމުކޮށްފައިވާއިރު، އެ އަށިތަކުން ކަރަންޓު އަދި ފެނުގެ ހިދުމަތްތައްވެސް ލިބެން ހުންނާނެކަމަށާއި، ސިންކު ހަރުކޮށް ކައްކާ ހެދޭނެ ގޮތަށް އިންތިޒާމުކޮށްފައިވާނެކަމަށްވެސް އެނާ ވިދާޅުވިއެވެ.

ނިއުޝާދު ވިދާޅުވީ، އަށިތައް ބުކް ކުރަންޖެހެނީ އެޑް އޮން ސާވިސްއެއް ގޮތުގައިކަމަށެވެ. އަދި އެޕްލިކޭޝަން މެދުވެރިކޮށް އެކަން ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެކަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ކުޑަ ބަނޑޮހުގައި އަމަލު ކުރަންޖެހުނު ގޮތަށް އެންމެ ފުރަތަމަ ރަށަށް އަރާ ތިބޭނެ ސަރަހައްދެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަން ނުޖެހޭނެކަމަށެވެ. އަދި ކުރީބައިގައި އަށިތައް ބުކް ކުރަންޖެހޭނެކަމަށް ފާހަގަކުރެއްވިއެވެ.

އެނާ ވިދާޅުވީ، ގާއިމުކޮށްފައިވާ ބޮޑު އަށިތަކެއްވެސް ހުންނާނެކަމަށެވެ. އެނާ ވިދާޅުވީ، ހާފް ޑޭ އަށް ކުޑަ އަށި ކުއްޔަށް ނަގާ ނަމަ 250 ރުފިޔާ ޗާޖު ކުރާނެކަމަށެވެ. އަދި މުޅި ދުވަހަށް ނަގާނަމަ 500 ރުފިޔާ ޗާޖު ކުރާނެކަމަށް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ބޮޑު އަށި ޝެއަރ ކުރުމުގެ އިހުތިޔާރުވެސް އޮންނާނެކަމަށެވެ. އެހެންނަމަވެސް އެކަނި ނަންގަވާނަމަ، 1200 ރުފިޔާ މުޅި ދުވަހަށް ޗާޖު ކުރާނެކަމަށް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ކައްކަން ބޭނުންވާ ބޭފުޅުން މާލެއިން ގޭސް ފުޅި ހިފައިގެން ދާން ނުޖެހޭނެކަމަށެވެ. ނިއުޝާދު ވިދާޅުވީ، މާލެ އަދި ހުޅުމާލެއިންވެސް ފެރީގެ ހިދުމަތްތައް ފޯރުކޮށްދޭނެކަމަށެވެ.

އެނާ ވިދާޅުވީ، އެޗްޑީސީއިންވަނީ ކުޑަގިރީގައި މެނޭޖުމަންޓު ޓީމެއް ގާއިމުކޮށްފައިކަމަށެވެ. ނިއުޝާދު ވިދާޅުވީ، ގާއިމުކޮށްފައިވާ އުސޫލުތަކާއި އެއް ގޮތް ވާގޮތުގެ މަތިން އަމަލު ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ކުޑަގިރިއަށް ދެވޭނީ އެޕްލިކޭޝަން ނުވަތަ ވެބްސައިޓު މެދުވެރިކޮށް ބުކިންގް ހަދައިގެންކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ނިއުޝާދު ވިދާޅުވީ، ބޭނުންވެއްޖެ ހާލަތެއްގައި އަމިއްލަ އުޅަނދެއްގައިވެސް ކުޑަގިރިއަށް ދިއުމުގެ ފުރުސަތު ހުޅުވާލެވިފައިވާނެކަމަށެވެ. އެހެންނަމަވެސް އެ ސަރަހައްދުގައި ދޯނި ބާއްވަން ބޭނުންވާ ނަމަ އެކަމަށް ޗާޖު ކުރާނެކަމަށް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ނަމާދު ވަގުތު ތަކުގައި ކުޑަ ގިރީގައި ލަވަ ޖަހާ އަޑު ގަދަ ކުރުން މަނާކަމަށެވެ. އަދި ހާއްސަ ގޮތެއްގައި މިސްކިތް ހުންނަ ސަރަހައްދުގައިކަމަށް ވިދާޅުވިއެވެ. އެނާ ވިދާޅުވީ، ރަށަށް ގޮސް އުޅޭ އިރު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އިހުތިރާމު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. ނިއުޝާދު ވިދާޅުވީ، މާރާމާރީ ފަދަ ކަމެއް ހިންގުން ނުވަތަ ފޮށުމާއި ހަންގާކުރުން ފަދަ އަމަލެއް ހިންގައިފިނަމަވެސް ސެކިއުރިޓީއިން އެކަމަށް އެޓެންޑު ކުރާނެކަމަށެވެ. އަދި ހައްލު ނުވެއްޖެ ހާލަތެއްގައި ފުލުހުންވެސް އެކަމަށް ހާޒިރުވާނެކަމަށް ވިދާޅުވިއެވެ.

ނިއުޝާދު ވިދާޅުވީ، ކުޑަ ގިރިއަށް އަރާ ފަރާތްތައް އާންމު އިޖްތިމާއީ މިންގަނޑުތަކާއި އެއް ގޮތް ވާގޮތުގެމަތިން ހެދުން އެޅުމަށް ސަމާލުވުމަށް އިލްތިމާޒް ކުރައްވާކަމަށެވެ. އަދި އެ ރަށުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ސަރަހައްދުތަކެއް ހާއްސަ ކުރެވިފައިވާނެކަމަށާއި އެހެނިހެން ސަރަހައްދުތަކުގައި އިސްތިއުމާލު ކުރުމަކީ މަނާކަމެއްކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވޭޕަރައިޒަރވެސް ހިމެނޭކަމަށެވެ. އަދި އެ އަމަލު ހިންގާ މަންޒަރު ކުޑަ ކުދިންނަށް ފެންނަން ބޭނުން ނުވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އެނާ އެކި ކަންކަން ފާހަގަކުރެއްވިއެވެ. އެގޮތުން ސިންގަލް ޔޫޒް ޕްލާސްޓިކު ބޭނުން ކުރުން މަނާ ކުރެވިފައިވާކަން އަދި ނުރައްކާތެރި މިންގަނޑަކަށް އޮއެ ބާރު ސަރަހައްދުތަކުގައި މޫދަށް އެރުން މަނާ ކުރެވިފައިވާކަންވެސް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: