ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބު ކުރަނީ ރައްޔިތުންނަށް ހިދުމަތްކޮށްދޭން، ރައްޔިތުން އެމީހުންގެ ހާދިމުންގެ ގޮތުގައި ތިބުމަކަށް ނޫން!

ރައީސް މައުމޫނު، ރައީސް ނަޝީދު، ރައީސް ޔާމީން، ރައީސް ސާލިހު: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ގޮވާލަމުންދަނީ ހައްގުތައް ކަށަވަރުކޮށްދިނުމަށެވެ. ހަމަބުއްދީގެ ސަބަބުވެރި ވިސްނުމާއި ގާނޫނުއަސާސީގެ ދަށުން ކޮންމެ އިންސާނަކަށްވެސް ޔަގީން ކުރެވެންޖެހޭ އާންމު އިންސާނީ ހައްގުތަކާއި ގަދަރު ލިބިދިނުމަށެވެ. ރައްޔިތުން އެދެމުންދަނީ އިގްތިސާދީ އަދި އިޖްތިމާއި ހަމަޖެހުމަށެވެ. 

ކޮންމެ ފަސް އަހަރަކުން ރައްޔިތުން ނުކުމެ ދުވަސްތަކެއް ހޭދަކޮށް، ބުރަ މަސައްކަތްތަކެއް ކުރަނީ އިންސާނަކަށްވީތީ ލިބެންޖެހޭ ހައްގުތައް ކަށަވަރު ކުރުމަށް ކަމަށްވާއިރު، ރިޔާސަތުގައި އިންނާނެ މީހެއް ކަނޑައަޅަނީވެސް އެ މަސައްކަތްތަކުގެ މިސްރާބު އެއް ވާނެއްގައި ހިފަހައްޓާ ކުރިއަށް ގެންދިއުމަށެވެ.

ރައްޔިތުންގެ ކަންކަން ބަލަހައްޓާނެ ވެރިޔަކު އިހުތިޔާރު ކުރަނީ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައި ހުރެ، އެމީހުން އެދެމުންދާ ކަންކަމާއި ހިސާބަށް ވާސިލުވުމައްޓަކައި ދޫނުދީ ހިދުމަތްތަކެއް ކޮށްދިނުމަށެވެ. އާންމުން ބުނަމުންދަނީ އެ ކަންކަން ކަށަވަރުކުރުމަށްޓަކައި ސާބިތުކަންމަތީ ތިބޭނެކަމަށެވެ. ވޯޓުން ނުވަތަ މަގުމައްޗަށް ނުކުމެގެން ނަމަވެސް އެ ހައްގުތައް ހޯދާނެކަމަށެވެ.

އަނެއްކާވެސް އެ ދުވަސް އެނބުރި އައިސްފިއެވެ. ދިވެހިރާއްޖޭގެ ކުރިމަގު ބިނާ ކުރާނެ އުސޫލުތަކާއި ރާއްޖޭގެ ކުރިމަގުގައި ފެނިގެންދާން ބޭނުންވާ މަންޒަރުތައް ކަނޑައެޅުމަށް ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ލިބިގެންދާ ރަނުގެ ފުރުސަތުގެ ފުރިހަމަ ބޭނުން ހިފަންޖެހޭ ދުވަސް ގާތްވެއްޖެއެވެ.

ޝަހުސިއްޔަތުގެ ފޮނިކަންމަތީ ތިބެ، ގައުމުގެ އިސް މަގާމުތަކުގެ ބާރު ބޭނުންކޮށް އުދުހެމުންދާ އެންމެހާ ފަރާތްތައް ހަމަބިމުގައި ޖައްސައި، އާންމު މީހާގެ އަތް ފޯރާ ފަށަށް އަންނަ މަންޒަރު އަވަސް މުސްތަގުބަލެއްގައި ފެނިގެންދާނެކަމާއިމެދު ޝައްކެއްނެތެވެ. އިއްވައިދޭނެ ފޮނި މީރު ވާހަކަތަކާއި އާލާ ކުރުވާނެ އުންމީދުތަކާއިމެދުވެސް ޝައްކެއްނެތެވެ. ޔަގީންކަމެއް ނެތީ އެ ދައްކާ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެކަމާއިމެދުއެވެ. ކޮންމެ ފަސް އަހަރަކުން އިވިގެންދާ އަޑުތަކާއި، އެއަށްފަހު ފެނިގެންދާ މަންޒަރުތަކާއި ވަރަށްވެސް ތަފާތެވެ.

މުހިންމު މި ދުވަހާއި މިއަދު ރައްޔިތުން ކުރިމަތިލާންޖެހިފައިވަނީ ނުތަނަވަސްކަންމަތީ ހުރެކަން ޔަގީނެވެ. ބޯ އަނބުރާ ކޮންމެ ކޮޅަކަށް ބަލާލިނަމަވެސް ފެންނަމުންދަނީ ނާމާންކަމެވެ. އެއްކޮޅަށް ބެލުމުން، ރައްޔިތުންގެ ކަންކަން ރައްޔިތުންނަށް ސިއްރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި، އިޖުތިމާއީ އަދި ދީނީ ފޭރާން ނެތިވެދާ މަންޒަރު ކުލަވެގެންދާއިރު، ކުރެވެމުންދާ ހިޔާނާތުގެ ތުހުމަތުތަކާއިއެކު އަނެއް ކޮޅުންވެސް އިވިގެންދަނީ ނުރައްކަލުގެ ރަނގަބީލުތަކެކެވެ.

ސިޔާސީ މައިދާން ކިލަނބުކަމުގެ ތެރޭގައި އޮތުމުން މިއަދު ރައްޔިތުން ތިބެން ޖެހިފައިވަނީ އިހުތިޔާރު ކުރާނެ މަގެއް ސާފު ނުވެފައެވެ. ސިޔާސީ އަދި ގައުމުގެ ހިންގުންތެރިކަމުގެ މައިދާނުގެ އިސް ސަފަށް ރައްޔިތުންގެ ހެޔޮ އެދުންތަކާއިއެކު ވަޑައިގެންނެވި އެތައް ބައެއްގެ މައްޗަށް ކުރެވޭ ގިނަ އަދަދެއްގެ ނޭދެވޭ ތުހުމަތުތަކާއިއެކު، މިއަދު ހަގީގަތުގައިވެސް ވިސްނާ ފިކުރުކުރުން މުހިންމެވެ.

އެއް ސަރުކާރުގެ އިސްވެރިންގެ ގޮތުގައި ހަރަކާތްތެރިވާ ބޭފުޅުންނާއި، ރާއްޖޭގައި ހިނގައިދިޔަ މަރުތަކުގެ މައްސަލަތަކާއި ގުޅުންތަކެއްވާކަމަށް ބުނަމުންދަނީ އަނެއް ސަރުކާރުގެ އިސްވެރިންކަމަށްވާއިރު، ތިން ބާރުވެސް މުށުތެރެއަށް ލައި ވެރިކަމެއް ކުރަމުންދާ އިރު، އެފަދަ މައްސަލަތައް ކޮޅެއްގައި ޖެހިފައިނުވާކަމަކީވެސް ހިތު ތެރޭގައި ބިރުވެރިކަމެއް އާލާވެގެންދާ ކަމެކެވެ.

ހައްގުތައް ނިގުޅައިގަނެފައިވާކަމަށް ބުނެ، މަގުތައް މަތީ އަޑުގަދަ ކޮށް ހެދުމަށްފަހު، ރައްޔިތުންގެ ބާރުގައި ވެރިކަމެއް ހާސިލު ކުރި  ބައެއްގެ ވެރިކަމެއްގައި ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ގޮވާލާ ރައްޔިތު މީހާއަށް މުގުރަކުން ޖަވާބު ދޭނަމަ، އެ ބަޔަކާއިމެދުވެސް ރައްޔިތުން ކަންބޮޑުވާންޖެހެއެވެ.

މިއަދު އަޅުގަނޑުމެން ނިންމާ ނިންމުމެއްގެ އަސަރު އަންނަނިވި ޖީލުތަކަށްވެސް ކުރާނެއެވެ. ދިވެހި ގައުމަކީ އަމާނާތެކެވެ. ކާބަފައިންގެ މިންނެތް މަސައްކަތުން އަޅުގަނޑުމެންނަށް ހިބަކޮށްދީފައިވާ މި އަމާނާތް ތަރައްގީކޮށް، އަމާން އޮމާންކަންމަތީ އަންނަނިވި ޖީލުތަކާއި ހިސާބަށް ފޯރުވައިދިނުމުގެ ގާބިލުކަން ނެތް ނަމަ، ކޮށްދެވޭނެ އެންމެ ކުޑަ މިންވަރަކީ އޮތް ގޮތުގެ މަތީގައި ފޯރުކޮށްދިނުމެވެ. ފުނޑުފުނޑުވެގެންދާން ދިނުމަކީ ވެވޭ ބޮޑު ހިޔާނާތެކެވެ. އެ ޒިންމާ އެޅިގެންދަނީ އެންމެހާ ރައްޔިތުންގެ ބޮލުގައެވެ.

ރިޔާސީ އިންތިހާބާއި ގާތްވާއިރު، ހަނދުމައިގައި ހަރުލެއްވުން ވަރަށްވެސް މުހިންމު އެތައް ކަމެއް އެބަ ހުއްޓެވެ. މީހެއްގެ ނަން ވޯޓު ކަރުދާހުގައި އޮވެ، އެ ނަމެއްގެ ގާތުގައި ފާހަނގައެއް ލީ ނަމަވެސް، ވޯޓެއް ލަނީ ވަކި ގޮތެއްގެ މަތިން ގައުމުގެ ކުރިމަގު ބައްޓަން ކުރުމުގެ އުންމީދުގައެވެ. މީހަކަށް ވަކި ނަމެއް ކިޔައިގެން ތާއީދު ކުރާނަމަ، އެ ހެދެނީ ގޯހެއްކަން ޔަގީނެވެ. އޮތް ނަމަކަށްވުރެ މުހިންމީ އެ ވޯޓަށްފަހު ކަންވެގެންދާން ބޭނުންވާ ގޮތް އިހުތިޔާރު ކުރުންކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

ވަކި ޕާޓީއަކަށް ނިސްބަތްވުމުން އަދި ނުވުމާއި ތިބާގެ ކުރިމަގު ބިނާވުން އަދި ބަނަވުމާއި ގުޅިފައިވާކަމަށް ހީވެފައިވާނަމަވެސް ހަގީގަތް ވަރަށް ތަފާތެވެ. ކޮންމެ ޕާޓީއެއް ނަމަވެސް ތިބޭނީ “ލީޑާރޝިޕް” އަދި “އާންމު” މެމްބަރުންނެވެ. ތިބެނީ ވެރިންނާއި އާންމުނެވެ. ކޮންމެ ޕާޓީއެއްގެ ވެރިކަން އައި ނަމަވެސް ހަނާ ވާނީ އާންމުންނެވެ. ވެރިން ތިބޭނީ ވެރިންގެ ގޮތުގައެވެ.

އާންމުންނާއި ވެރިންނާއި ދެމެދު ބޮޑެތި ތަފާތުތަކެއް ހުންނަކަމުގެ ހެކިތައްވެސް މިހާރު ސާފުކޮށް ފެންނަން ހުރެއެވެ. އިންސާފުގެ ކުރިމަތީގައި އެންމެންވެސް ހަމަ ހަަމަ ވާނެކަމަށް ބުނާއިރު، މާފުށި ޖަލުގެ ތެރޭގައި ބިނާކުރެވިފައިވާ ފިނި ކޮޓަރިން އިންސާފަކީ އެއް ކުށެއް ކުރިނަމަވެސް އެކި މީހުންނަށް ތަފާތު އެއްޗެއް ކަން ހާމަވެއެވެ.

އެކަކު ހުންނަނީ ކޮންކްރީޓު ގޮޅިއެއްގެ ތެރޭގައި ތޭރިގަނޑެއްގެ ފަހަތުގައިކަމަށްވާއިރު، އަނެކާ ހުންނަނީ ފިނި ކޮޓަރިއެއްގައެވެ. އެކަކު ކެއިން ބުއިމަށް މެނޫއަކުން އޯޑަރު ކުރާއިރު، އެއާއި އަޅާ ކިޔާއިރު، އަނެއްކާ އަށް ކާން ލިބެނީ މަގޫފަތްކަމަށްވެސް ބުނެވިދާނެއެވެ. މިއީ ވެރިންނާއި އާންމުންނާއި ދެމެދު އޮންނަ ތަފާތުގެ ކުޑަ އެހެންނަމަވެސް ފުރިހަމަ މިސާލެކެވެ.

މިގޮތަށް ކަންވެގެންދަނީ ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދޭން ރައްޔިތުން ހޮވާ ބަޔަކަށް ރައްޔިތުން ހިދުމަތްކޮށްދޭން ތިބޭތީއެވެ. ކަން ވަނީ ވާންޖެހޭ ގޮތުގެ އިދިކޮޅަށެވެ. އިންތިހާބު ކުރާ މީހަކީ ރައްޔިތުން ފައިސާ ދީގެން ވަޒީފާއެއް ހަވާލު ކުރާ މީހެއްކަމަށްވާއިރު، ޕާޓީ ނިޒާމުގެ ތެރެއިން އާންމުން ތިބެނީ އެ މީހުންނަށް ހިދުމަތްކޮށްދިނުމަށެވެ. އެ ނިޒާމުގެ ތެރެއިން މިއަދު ގައުމުގެ ހަގީގީ ވެރިންނަކީ ކޮބައިކަން ވަނީ އޮޅުވާލާފައެވެ.

ރައްޔިތުންގެ ޖީބުން ހަރަދުކޮށްގެން ސިޔާސީ ޕާޓީތަކެއް ހިންގަމުންދާއިރު، ވެރިކަމުގައި އޮތް ޕާޓީއަށް އެ ޒިންމާތަށް އަދާ ނުކުރެވޭކަމަށް ބުނެ ގޮވާލަމުންދާއިރު، ގޮވާލާ އަޑު ގަދަ ކުރަމުންދާ އިދިކޮޅު ޕާޓީގެ ގޮވާލުންތަކުގެ ސަބަބުން ނުކުންނަ އެއްވެސް ނަތީޖާއެއް ނެތްކަމަށް ބުނެވިދާނެއެވެ.

ވަކި ވަކި ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންގެ އަޑުތައް އުފުލުމަށް ބިނާ ކުރެވިފައިވާ މަޖިލީހަށް އެ އަޑުތައް އިއްވައިދިނުމަށް ފޮނުވާ މީހާވެސް، ރައްޔިތުންގެ ބަދަލުގައި ތަމްސީލު ކުރަމުންދަނީ ކޮންމެވެސް ސިޔާސީ ޕާޓީއެކެވެ. ރައްޔިތުންގެ ހައްގުގައި ވޯޓު އެޅުމައްޓަކައި ބޮޑު މަގާމެއް ދީ އެތައް ފައިސާއެއް ހޭދަކުރާއިރު، ވިޕު ލައިނަކާއި އެއްގޮތް ވާގޮތުގެމަތިން ވޯޓު އެޅުމަށް މިއަދު މަޖުބޫރެވެ.

ރައްޔިތުންގެ ހައްގުގައި އަޅަންޖެހޭ ވޯޓެއް އަޅަނީ ސިޔާސީ ޕާޓީގެ އިސްވެރިންގެ ފިކުރާއި އެއްގޮތަށެވެ. އެވެރިންގެ ހަތްތަކަށް ފިނިކަމެއް ލިބިގެންދާނެފަދަ ގޮތަކަށެވެ. ރައްޔިތުންނަށް ލުއި ފަސޭހަކަމެއް ހޯދައިދިނުމަށް އެކުލަވާލައި ހުށައެޅޭ ބިލުތައްވެސް ފެންނަމުންދަނީ ދެ ޕާޓީގެ ދެމެދު އޮންނަ އަދާވާތްތެރިކަމުގެ ތެރެއިން ދަންޖައްސާ ނައްތާލާ މަންޒަރެވެ. މިއީ ހަމަ ފިކުރު ކުރަންޖެހޭ ބޮޑެތި މައްސަލަތަކެވެ.

އެހެންކަމުން 5 އަހަރު ދުވަހު ދުނިޔެ ވަށައި ބުރުޖެހުމުގައި ބިޒީކޮށް އުޅުއްވުމަށްފަހު، ރައްޔިތުންގެ އަތް ފޯރާ ފަށުން ގެއްލި އުޅުމަށްފަހު، އަނެއްކާވެސް ވޯޓާއި ދިމާކޮށް ފެންމަތިވާ މީހުންނާ ކެމްޕެއިން ދުވަސްވަރުތަކަށް ހަމަބިމަށް ތިރިވާ މީހުންނާއިމެދު ރައްޔިތުން ސަމާލުވުން ވަރަށްވެސް މުހިންމެވެ. މާދަމާވެސް ހަމަ ފެނިގެންދާނީ މިއަދުވެސް ބާރުވެރިކަން ދިނުމުން ދެއްކި މަންޒަރެވެ.

ސިޔާސީ އިސްވެރިން ދައްކަމުންދާ ފޮނިމީރު ވާހަކަތަކުގައި ޖެހޭ ޖެހި ވަކި މީހަކު ހޮވައިދިނުމަށްޓަކައި ބުރަ މަސައްކަތްތައް ކުރުން ހުއްޓާލައި ރައްޔިތު މީހާ މިއަދު ވިސްނަންވީ އަމިއްލަ ނަފްސާއިމެދުއެވެ. ވިސްނަންވީ ދަރީންނާއި ދަރީންގެ ދަރީންގެ ކުރިމަގު މި ނާމާންކަމުގެ ތެރެއިން އުޖާލާކަމެއްގެ ތެރެއަށް ގެންދެވޭނެ ގޮތަކާއިމެދުއެވެ.

އިންތިހާބު ކުރާ ހިދުމަތްތެރިންގެ ކިބައިން ހިދުމަތްތަށް ލިބިގަތުމުގެ ބަދަލުގައި އެ މީހުންނަށް ހިދުމަތްކޮށްދޭން ތިބޭ ތިބުން ނިމުމަކަށް ގެންނަންޖެހިއްޖެއެވެ. މި ގޮތަށް އަމަލު ކުރަމުންގޮސް މިއަދު ސިޔާސީ މަސްރަހުގެ އިސް ސަފުގައި މުއްސަނދިންގެ ސަފެއް ބިނާ ކުރެވިފައިވާއިރު، ރައްޔިތުން ތިބީ ބިކަ ހާލުގައި އަނގަޔާ އަތާ ދިމާނުވެކަން ހަނދާން ކުރަންޖެހެވެ. ދޭ ވޯޓާއި ފައިސާކޮޅު ހިފައިގެން އުދުއްސައިގެންގޮސް ގެއްލި ނުދާކަން ކަށަވަރު ކުރުން މިއަދު ވަރަށްވެސް މުހިންމު ވެއްޖެއެވެ. ގައުމެއްގެ ވެރިކަމުގެ ބާރު ލިބިގެންދަނީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައިކަން ހަނދުމައިގައި ބަހައްޓަންޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: