މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙަށް ކުރެވުނު އެއް ތުހުމަތަކީ އެމްޑީޕީގެ ވިސްނުމާއި ފިކުރާއި ހިލާފަށް ވެރިކަން ކުރައްވާ ކަމުގެ ތުހުމަތެވެ. އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒް ނުކުރާ ކަމުގެ ތުހުމަތެވެ. ވެވަޑައިގެންނެވި ވަޢުދުތައް ނުފެއްދޭ ކަމުގެ ތުހުމަތެވެ. އެމްޑީޕީގެ އަސްލު ގެއްލުވާލާ މުޅިން އެހެން ފިކުރެއް ގެންނަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތެވެ. މި ތުހުމަތުތަކުގައި ހަގީގަތް އެކުލެވިގެން ވަނީ ކިހާމިންވަރަކަށްތޯ ބެލުމަސް މީޒީގެ ތެރެއިން ކަންކަން ހިނގާފައިވާ ގޮތަށް ބަލާލުން މުހިންމެވެ.
2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކަމުގެ މަގާމާއި އިބްރާހިމް މުހައްމަދު ސާލިޙް ހަވާލުވެ ވަޑައިގެންނެވީ ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދިނުމުގާ އެއްވެސް ރައްޔިތަކު ތަފާތު ނުކުރާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. ތަފާތެއްނެތި ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމުގާ ދެމިހުންނާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ އިބްރާހިމް މުހައްމަދު ސާލިޙް ހަވާލުވެ ވަޑައިގެންނެވިއިރު ޤައުމުގާ އޮތީ ހާސްކަމާ ކަންބޮޑުވުމާ ނުތަނަވަސްކަމާ ބިރުވެރިކަމުގެ ތެރޭގައޭ ދެންނެވުން ދޮގަކަށް ނުވާނެއެވެ. ސަބަބަކީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤުތަކާ މިނިވަންކަން ލިބިދީފައި ނުވުމެވެ. އޭރުގެ ވެރިކަމާ އެއްބަސްނުވާ ކޮންމެ މީހަކު ވެފައިވަނީ ވެރިކަމުގެ ހަތުރަކަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކަށް އޭރުއެކަންވީ ޤާނޫނު އަސާސީ ތަޞައްވަރު ކޮށްދިން ޑިމޮކްރަސީގެ ހަމަތައް ގެއްލިގެން ދިއުމެވެ. ނުވަތަ ގެއްލުވާލުމެވެ. ގާނޫނަކީ ހަމައެކަނި ނަމެއްގައި އޮތް އެއްޗަކަސް ވެގެންދިޔައެވެ. ކަންކަން ކުރަމުން ނިންމަމުން ދިޔައީ އޭރު ގައުމުގެ ވެރިކަމުގެ ހުންނެވި ވެރިމީހާއަށް ފެންނަ ގޮތަކަށެވެ.
ނަތީޖާއަކަށްވީ ވެރިކަމުގެ ނިޒާމް ހަރާބުވެ ހިނގާ ކަންކަމުގެ ދެފަރާތް ފެނުން އެއީ ނެތް ފުރުޞަތަކަށް ވެގެން ދިއުމެވެ. އިންސާފަކީ އެންމެ ބޮޑު ބޭއިންސާފު ކަމަށް އޮތީވެފައެވެ. އަމާނާތްތެރި ކަމަކީ ޚިޔާނާތް ކަމަށްވެ އިންސާފަށް އެދުމުގެ ކުރިން އިންސާފު ލިބިދާނެ ކަމަށް އުންމީދު ނުކުރެވޭ ހިސާބަށް ،ބޭއިންސާފު އޮތީ އާންމުވެފައެވެ. އިންސާފަކީ ނެތް އެއްޗެއް ފަދަ ނުވަތަ ނުލިބޭނެ އެއްޗަކަސް އޮތީވެފައެވެ. ދިވެހިން ބުރަ މަސައްކަތުން ހޯދި ހެޔޮވެރިކަމުގެ އުންމީދު ގެއްލި ވެރިކަމުގެ އާރާ ބާރާ ޖާހުގެ ނާޖާއިޒު ނިންމުންތައް އެއީ އާދައިގެ ކަމަކަށް ހެދާ މިނިވަންކަމާ ޙައްޤުތަށް ނިގުޅައި ގަނެވޭނީ ކޮންއިރަކު ކާކުގެ ކަމެއް އޭރު ހަމަ އެކަކަށް ވެސް އެދުވަހަކު ނޭނގުނުކަން އެއީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ.
މިއަދު މިނިވަން ކަމުގައި ފިކުރެއް ދިރުވަން އުޅުއްވާ ބޭފުޅުންނާ އެނޫން ވެސް ސިޔާސީ ލީޑަރުން ތިބީ ކުޑަގޮޅީގައެވެ. ގޯހުން ހިނގާ ކަންކަން ރަނގަޅު ކުރުމުގެ ފުރުޞަތު ބަންދުކުރިއިރު ރައްޔިތުންގެ ހައްގުގައި ބަސްބުނަން ހުރިތަން ބޮޑުތަޅުއަޅުވާ ބަންދުކުރިއެވެ. މަޖިލީހުގެ މެމްބަރުންނަކީ އަގެއް ނެތް ބައެއްގެ ގޮތުގައި ހަދާ ފާރުމަތިން އެއްލާލި މެމްބަރުން މަދެއް ނޫނެވެ. ވެރިކަން ހުރި މީހާއާއި އެކުގައި ތިބި މީހުން ނޫން ދެން އެހެން ހުރިހާ ދިވެހި ރައްޔިތުން ތިބެން ޖެހުނީ ގޮތް ހުސްވެފައެވެ. ހުޅުވާލެވޭނެ ހަމަ އެންމެ ދޮރެއް ވެސް ނެތެވެ. މިއީ ފިކުރެއް ދިރުވަން އުޅުއްވާ ފަރާތަށް މިއަދު އޯކޭވި ރައީސްގެ ވެރިކަމުގެ ހާލަތު އޮތް ގޮތެވެ.
ފިކުރެއްގެ ލީޑަރު މުހައްމަދު ނަޝީދަށް މިއަދު ރައީސް އަބްދުﷲ ޔާމީން އޯކޭވިއިރު ދިވެހިންނަށް ދިވެހިންގެ އަޑު ދިވެހި ގައުމުން ބޭރަށް އިއްވާލުމުގެ ޖާގަ ވެސް އޭރު ނުލިބުނުކަން މިއަދު ހަނދާނެއް ނެތެވެ. ރާއްޖެ އޭރު އޮތީ ބައިނަލް އަޤްވާމީ ދުނިޔެއާ ގުޅުންކެނޑި އެކަހެރިވެ ވަކިވެފައިކަން މިއަދު ގަބޫލު ކުރަން ބޫނުމެއް ނުވެއެވެ. ރަށްރަށުގެ އިދާރީ ހިންގުމަށް ރައްޔިތުން އައްޔަން ކުރި އެތަކެއް ކައުންސިލް މަންދޫބުން ތިއްބެވީ ސަސްޕެންޑް ކުރެވި އެކަހެރި ކުރެވިފައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރަށްތަށް އެކަހެރިކޮށް ރައްޔިތުންގެ މަތިން ހަނދާން ނައްތާލިކަން މިއަދު ރައީސް ނަޝީދު ހަނދުމަފުޅެއް ނެތެވެ. ރައްޔިތުންގެ ދަލާ ލޭ އޮހޮރުވައިގެން ލިބިގަތް ފެހި ޤާނޫނު އަސާސީ ،އޭގެ އާރޯތާނާ ކަމުގާ ވަނިކޮށް މިރާއްޖެ ވައްޓާލެވިދާނެ ޙާލަތެއް ކަމަށް ހިތަށް ގެންނަން ވެސް ދަތިވިކަން މިއަދު ބަޔަކު ހަނދާން ނެތްކަމީ ލަދުވެތި ކަމެކެވެ. ހިތަށް ނާރާ ހިތްދަތި މިދެންނެވި ހިތި ތަޖުރިބާ އެދުވަހު ކުރަން ޖެހުނުކަން މިއަދު ހަމަ ހަނދާން ނެތުމަކީ އަމިއްލަ އެދުން ނޫން އިތުރި އެހެން އެއްވެސް ކަމެއް ނޫނެވެ.
ރާއްޖޭގެ ރައްޔިތުން އޭރުވެސް މިއަދު ވެސް އަދި މާދަން ވެސް ބޭނުން ވަނީ އެއަނދަވަޅާ ދަންތުރައިން މިންޖުވާނެވެ. ބިރުވެރިކަމާ އަނިޔާ ،މުޅިރާއްޖޭން ނެތިފިލާދާށެވެ. އަމާންކަމާ ޞުލްޙަ މަސަލަސްކަމާ ހަމަޖެހުން ރާއްޖެއަށް ހޯދަނެވެ.
ރައްޔިތުން ބޭނުންވާ އެންމެ ބޮޑު ކަމަކީ އިންސާފުގެ މަގަށް ވެރިކަން ހިންގުމަށެވެ. ރައްޔިތުން ބޭނުންވަނީ ދެފުށްފެންނަ ޖަވާބުދާރީ ކުރުވެނިވި ޤާނޫނު އަސާސީގެ ތަރަޙައިގެ މައްޗަށް ދައުލަތް ބިނާވުމަށެވެ. ދިވެހިން އެދެނީ އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތަކު ބާކީ ނުވެ މިނިވަންކަމާއެކު ހެލިފެލިވެ ދިރިއުޅުން އާރާސްތު ކުރެވޭނެ މާހައުލެކެވެ. ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ތިމާގެ ސިޔާސީ މަޤާމާ ރިޔާސީ ޓިކެޓަކީ ވެރިކަމަށް އާދެވުމުގެ ކުރިންނާ އޭގެ ފަހުންވެސް ފައިސާ ޖަމާ ކުރާ ވަޞީލަތަކަށް ނުވަތަ ދެންތިބި މީހުންނަށް ބިރުދައްކާ ލަޓިބުރި އަކަށް ނުހެދުނެވެ.
މީގެ 4 އަހަރު ކުރިން ރައްޔިތުން ބޭނުންވީ ޚިޔާލުތަފާތުވުންތަކާ އެކު ކުރިއަށް ގޮސް ޤައުމާ ރައްޔިތުން އިސްކުރާނެ ވެރިކަމެއް އުފެއްދުމަށެވެ. ރާއްޖޭގެ ރައްޔިތުން ބޭނުންވީ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކަށް ސަރުކާރުން ހުރަސް ނޭޅުމަށެވެ. ދިވެހިން ބޭނުން ބޭނުންވީ މިނިވަން ކަމާއެކު ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތެވެ. ގާނޫނުއަސާސީން ކަޝްވަރުކޮށްދޭ ހިޔާލްފާޅު ކުރުމުގެ މިނިވަން ކަމެވެ.
ރައީސް ނަޝީދު ރައީސް ސާލިޙްގެ ފަހަތަށް ނޭރިނަމަވެސް މިއަދުގެ ހަގީގަތަކީ ތަފާތު ނުކޮށް ހަމަހަމަ ކަމާއެކު އެންމެންނާއެކު ކުރިއަށް ވަޑައިގަންނަވާ ކެމެވެ. ސިޔާސީ ޒުވާބާ ހަސަދައާ ޖަދަލާ ނަފްރަތުން މުޖުމަތަމަޢު ސަލާމަތް ކުރެވިއްޖެއެވެ. މިއީ ހަޖަމް ނުވިޔަސް ގަބޫލު ނުކުރެވުނަސް ނުވަތަ ނުކުރިޔަސް ހަމަ ހަގީގަތެވެ.
ރައީސް ނަޝީދާ ފިކުރެއްގެ ދިރުން ޓީމަށް ހަޖަމް ނުކުރެވުނަސް މިއަދު ހަގީގަތްތައް ދަންނަވާލާނަމެވެ. ދައުލަތް ހިންގުމުގެ އަސާސްތައް ޤާނޫނު އަސާސީގެ ތަރަހައިގެ ތެރެއަށް ގެނެވިއްޖެއެވެ. ޑިމޮކްރެޓިކް ވެއްޓެއްގާ އެބާރެއްގެ ދައުރު އަދާކުރާނެ ޖާގަ މި 4 އަހަރުން މިވަނީ ހޯދާފައެވެ. މިނިވަން ޖުޑިޝަރީއެއްގެ ޒަރީޢާއިން ޢަދުލު އިންސާފާމެދު ގެއްލިފައިއޮތް އިތުބާރު އިޢާދަ ކުރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު ބަދަލު ކޮށްފިއެވެ. މިނިވަން ސުޕްރީމް ކޯޓެއްގެ ދައުރު ފުރިހަމައަށް އަދާކުރެވޭނެ ފުރުޞަތު މި 4 އަހަރުން ފަހިކޮށްދީފިއެވެ.
ފިކުރެއްގެ ދިރުން ޓީމަށް ދޭން އޮތް މެސެޖަކީ ރައީސް ސާލިޙްގެ މެސެޖެކެވެ. ރައީސް ސާލިޙް ވިދާޅުވަނީ އޯގާތެރިކަމާއެކު ހަމަ މަގުން ދައުލަތެއް ހިންގާނެ ހުރިހާ ހަމަތައް އެންމެ 4 އަހަރުން ފުރިހަމަވެ ނިމޭނެ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. އެނގި ހާމަވެ ސާފުވި އެންމެ ބޮޑު ހަގީގަތަކީ ރައީސް ވިދާޅުވާ ގޮތުން ނަމަ އިންސާފުގެ މަގަށް ރާއްޖެ ރުޖޫޢަ ކުރެވޭނެ ކަމުގެ އުންމީދު މި 4 އަހަރުން އިންތިހާއަށް ބޮޑުވެފި ކަމަށެވެ. ނުރުހުނަސް މިއީ ހަމަ ހަގީގަތެވެ.


One Response
ޥަރަށް ރަނގަޅު ސަބަބުވެރި ސިކުނޑިން ޤަބުުޫލުކުރަން ފަސޭހަ ޢާޓިކަލް އެއްކމުގައިދެކެނެވެ.