ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ދަތުރުފޮނުވުން: މިވަގުތު ކުރަން އެންމެ މުހިއްމު މަސައްކަތްތޯއެވެ؟

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން ދަތުރު ފޮނުވުމަކީ އަދުގެ ސަރުކާރަށް ވަރަށް މުހިއްމު ކަމެއްހެން ސިފަވާން ފަށައިފިއެވެ. އެވެސް އަތްނުފޯރާ ބޮޑު ހަރަދުތަކެއް ކޮށްގެންނެވެ.

ދަތުރު ދިއުމުން ހާސްކަން ފިލާދާނެ ކަމަށް ސަރުކާރުގެ އިސްވެރިން ގަބޫލުކުރެއެވެ. ނަމަވެސް ދަތުރުގޮސް އެނބުރި އައިސް ވަންނަން ޖެހެނީ އެއްކަލަ ހާސްކަމުން ފުރިގެންވާ މާހައުލަށެވެ.

މާލެއަކީ ތޮއްޖެހިފައިވާ ތަނެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ނަމަވެސް ތޮއްޖެހުމަށް މެދުވެރިވި ސަބަބުތައް އަދި މިހާތަނަށް އެއްވެސް ސަރުކާރަކުން ފުރިހަމައަށް ހައްލުކޮށްދީފައިނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

ބޯހިޔާވަހިކަމުގެ ވާހަކައިން ގޮސް ސިއްހީ ނިޒާމަށް ބެލި ކަމުގައިވީ ނަމަވެސް ފެންނަމުންދަނީ ހުސްކަމެވެ.

ދަތުރުދިއުމަށް ރަށެއް ހާއްސަކޮށް ރަނުން ޖަރީކުރިއިރު އަސާސީ ގިނަގުނަ ހިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ނުލިބޭކަމުގެ ވާހަކައަކީ މުޖުތަމައުގައި ދެކެވޭ އެއްވާހަކައެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވައުދުވެ އެވައުދު އަދި މުޅިން ފުރިހަމަވެފައިނުވާ ކަމަށް ގިނަ ބަޔަކު ބުނަމުންދަނީ ގޯތިތައް އަދި މިހާތަނަށް ލިބިފައިނުވާތީއެވެ. ގޯތި ދިނުމުގެ އުސޫލުތައް ކަނޑައަޅައި އެކުލަވާލި ނަމަވެސް ގޯތިދޭ ކޮންމެ ފަހަރަކު ކޮންމެވެސް އެއްބަޔަކު އެކަމުން މަހުރޫމް ވެއެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓް ހަހާސް ރުފިޔާއަށް ލިބޭނެ ކަމަށް ބުނި ނަމަވެސް އެވެސް ނުދައްކާ ވާހަކައެކެވެ.

މާލެ އާއި އަތޮޅު ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިނގަމުންދާ ކަމުގެ ވާހަކަ ދެކެވުނު ނަމަވެސް އޭގެތެރެއިން ބައެއް މަޝްރޫއު ނުނިމި ދިގުލައިގެންދާ ސަބަބު އަދި މުޅިން ސާފެއް ނުވެއެވެ.

ދެން އޮތީ ބޭސްފަރުވާގެ ނިޒާމެވެ. ސަލާންޖެހުން ނައްތާލެވުނީ ނަމުގައެވެ. އެކިނަމުގައި އެކި ސްކީމްތައް ހަދައި ބޭސްފަރުވާގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރި ނަމަވެސް ބޭހުގެ އަގު ކޮންޓްރޯލް ކުރުމުން ފެށިގެން ގޮސް ސިއްހީ ހިދުމަތް ދިނުމަށް ގާއިމްކުރެވިފައިވާ ތަންތަނުގެ ހާލަތު ދުވަހަކަށް ވުރެ ދުވަހެއް ދަނީ ދަށްވަމުންނެވެ.

ވެރިރަށް މާލޭގައި ހުރި ސަރުކާރުގެ ހޮސްޕިޓަލްގެ ހިދުމަތަކީ އެއްވެސް ސަރުކާރެއްގައި ފުރާ ފުރިހަމަވީ ހިދުމަތަކަށް ނުވިއެވެ. އިމާރާތް މަރާމާތު ކުރުމުން ގޮސް ސިއްހީ ފަރުވާ ދިނުމަށް ބޭނުންކުރާ އާލަތްތަކާއި ޑޮކްޓަރުންނާއި ތަނުންދޭ ހިދުމަތަކީ މިޒަމާނަށް އެންމެ އެކަށޭނެ ހިދުމަތެއް ނޫން ކަމަށް ބުނަނީ ތަނުން ހިދުމަތް ލިބިގަންނަ ގިނަ އާއްމު ރައްޔިތުންނެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ. ގައުމީ ހޮސްޕިޓަލުން ނުކުރެވޭ ފަރުވާތައް ކުރުމަށް ޖެހެނީ ގައުމުން ބޭރަށް ގޮސް އަވައްޓެރި ގައުމަކުން އެފަރުވާ ހޯދައިގެން އަންނާށެވެ.

ސިއްހީ ގޮތުން ދިމާވާ އެކިއެކި ހާލަތްތަކާއި ގުޅިގެން ހަދަންޖެހޭ އެމްއާރު އައި އާއި ސްކޭން އާއި އެކި ޓެސްޓްތައް ހެދުމަށް ވެއިޓްލިސްޓްގައި އަހަރު ދެއަހަރު މަޑުކުރަން ޖެހެއެވެ. މާލީ ހާލަތު ތަންނުދާ މީހަކަށް ނުވަތަ އާދައިގެ ދިރިއުޅުމެއްގައި އުޅޭ މީހާއަށް އޮންނަނީ ވޭނަށް ކެތްކޮށްގެން ނަމްބަރު ޖެހެންދެން ހުރުމެވެ. މިކަން މިއަށްވުރެ ހަރުދަނާ އުސޫލަކުން ކުރެވެން ވާނެކަމަށް އެންމެން ގަބޫލުކުރި ނަމަވެސް އެކަމަށް ހައްލެއް ނުލިބިދަނީ ފަރުވާކުޑަކަމުން ކަމަށްވެސް ވެދާނެއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލްގެ ގިނަ ހިދުމަތްތައް ޖެހެނީ ވެއިޓްލިސްޓްކޮށްގެން ތިބޭށެވެ. މިއީ މާލޭގެ ސިއްހީ ފެންވަރެވެ. އަދި އަތޮޅުތެރޭގެ ސިއްހީ ހިދުމަތުގެ ފެންވަރަކީ ސިއްހީ ހިދުމަތް ދިނުމަށް ގާއިމްކޮށްފައި ހުންނަ ސިއްހީ މަރުކަޒު، ހެލްތު ޕޯސްޓަކީ އޮފީހެއްގެ ކޮޓަރިއެކެވެ. އެކޮޓަރީގައި ޑޮކްޓަރަކާއި ނަރުހެއް ހުންނަ އިރު ހަމައެކަނި ކުރެވޭހާވެސް ކަމަކީ ޑޮކްޓަރަށް ދެއްކުމެެވެ. އިތުރު ޓެސްޓެއް ހެދެން ނެތްތަނުގައި ފުރިހަމަ ބޭސްފިހާރައެއްގެ މިންވަރުވެސް އެތަންތަނުގައި ގާއިމްވެފައި ނުހުރެއެވެ.

ސަރުކާރުން ޓާޝަރީ ހޮސްޕިޓަލްތައް ގާއިމްކުރާނެ ކަމަށް ބުނި ނަމަވެސް ރަށްރަށުން މާލެ އަންނަ މީހުންގެ އަދަދު މަދުނުވާކަން ފާހަގަކުރެވެއެވެ.

ތައުލީމީ ދާއިރާއިން ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި ކޮލެޖްތައް ރަށްރަށުގައި ހުރި ނަމަވެސް ވެރިކަން ކުރާ މާލެއާއި އެއްފެންވަރުގައި ހިދުމަތް ނުދެވެއެ. ގިނަ ރަށްރަށުގައި ސައިންސް ލެބޯޓްރީ އެއް ހުރިނަމަ ހުންނަނީ ހުރިހާ ހިދުމަތެއް ފުރިހަމަ ނުވެއެވެ. ގްރޭޑް 10 އާ ހަމައަށް ކިޔަވައިދިން ނަމަވެސް ޓީޗަރުން ހަމަނުވުމާއި ބޭނުންވާ ވަސީލަތްތައް ހަމަނުވާ ރަށްތައް އިންތިހާއަށް ގިނަކަން ފާހަގަކުރެއެވެ.

ސްޓާފްރޫމްގައި ކޮމްޕިއުޓަރ ސިސްޓަމް މަދުކަމާއި، އައިޓީ ޓެކްނީޝަނުން ހަމަ ނުވުމާއި، ވަކިވަކި މާއްދާތަކުުގެ ޓީޗަރުން ހަމަނުވާކަމުގެ ޝަކުވާ އަކީ އާއްމު ގޮތެއްގައި ތައުލީމާއި ބެހޭ ވުޒާރާއަށް އަބަދުވެސް ހުށަހެޅޭ މައްސަލަތައް ނަމަވެސް މިކަންކަން މުޅިން ހައްލުނުވާ ކަމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

މަލްޓި ޕާރޕަސް ހޯލް ގާއިމް ކުރި ނަމަވެސް އޭވީ ރޫމްގައި ހުންނަ ޓީވީ ހަލާކުވެ އަހަރު ދެއަހަރު ވެ ދަރިވަރުން ބޭނުންކުރާ ފާހާނާ މަރާމާތުނުވެ ބައެއް ސްކޫލްތަކުގައި ހަމަހަށް ވުރެ ގިނަ ދުވަސްވެފައިވާކަން ވެސް ފާހަގަކޮށްލެއެވެ.

ވަށާޖެހޭ ތައުލީމެއް ދިނުމަށް އަމާޒު ހިފާފައިވާއިރު، ދަރިވަރުން އިހްތިޔާރު ކުރާ ސްޓްރީމްގައި ކިޔަވައިދޭ މާއްދާތައް އެންމެ ފުރިހަމަ ގޮތުގައި ކިޔަވައިނުދެވެނީ ލިބެންޖެހޭ ވަސީލަތްތައް ފުރިހަމަ ނުވުމުގެ ސަބަބުން ކަމަށް ބައެއް ފަހަރު ބައެއް ބެލެނިވެރިން ހާމަކޮށްފައިވެއެވެ.

ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅުވާލިއިރުގައި ދެތިން އަތޮޅެއްގައި ހިދުމަތް ގާއިމްކުރެވި ބާކީ ހުރި އަތޮޅުތަކުގައި ހިދުމަތް އަދިވެސް ގާއިމް ނުވާތީ އެއަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން ތިބީ ރަށުބަންދުގައެވެ.

ލާމަރުކަޒުވީ ނަމުން އެކަނި ކަމަށް ބައެއް މީހުން ބުނާ ސަބަބަކީ ހިދުމަތްތައް ހޯދުމަށް އަދިވެސް ވެރިކަންކުރާ މާލެއަށް ބަރޯސާވާން ޖެހުމެވެ. ވޭތުވެދިޔަ 15 އަހަރު ދުވަހުން ފެށިގެން މިއަދުވެސް ދެކެވެނީ ލާމަރުކަޒީ ނިޒާމަކުން ރާއްޖޭގެ ރަށްތައް ހިންގާ ވާހަކައެވެ. ގާނޫނުން ލިބިދޭންޖެހޭ ބާރުވެރިކަން ލިބިދީފައިވި ނަމަވެސް އެކަން ހަގީގަތަށް ނުވާކަމަށް ބައެއް ކައުންސިލްތަކުން ދަނީ ބުނަމުންނެވެ.

މާލޭގައި ސަރުކާރު އޮފީސްތައް ހިންގުމަށް ބޮޑު އިމާރާތެއް ގާއިމްކުރިއިރު، ރަށްރަށުގެ އޮފީސް ގޭގޭގެ ކޮޓަރިވަރުގެ ކުދި ތަންތަންކޮޅުގައި ހިންގާތަން ފެނިގެންދަނީ މަދެއް ކޮށެއް ނޫނެވެ.

މަގު ހެދުމާއި ބަނދަރު ހެދުމަށް ބަލައިލާއިރު، މަގުތައް ހަނިކަމާއި މަގު ހެދުމުގައި މުޅިމަގު ކޮނެފައި އޮތުމުގެ ސަބަބުން އުނދަގޫވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގައިވެސް ދެކެވިފައިވެއެވެ. މާލޭގެ ބޮޑު މަގެއް ހަދަން ތިން ކުންފުނި ބަދަލުވީއިރުވެސް އެމަގު އަދި މިހާތަނަށް މަސައްކަތް ނިމިފައިނުވާކަން ފާހަގަކޮށްލެއެވެ. މަގުތަކުގެ ހާލަތު ރަނގަޅު ނޫންކަން އެނގިތިބެ އެމަގު ތަކަށް އަޅާނުލުމަކީ ރައްޔިތުންނަށް އަޅާނުލުން ފަދަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއުގެ ވާހަކަ ދެކެވޭއިރު، ބައެއް ރަށްރަށުގައި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ދެއަހަރު ތިން އަހަރުގެ ލަސްކަމެއް ދިމާވެފައިވާ ކަމަށް މައުލޫމާތު އެރަށްރަށުން ދާއިރާގެ މެމްބަރު މެދުވެރިކޮށް ސަރުކާރާ ހިއްސާކުރެއެވެ.

ފެނުގެ ނިޒާމް ގާއިމްކުރެވުނު ބައެއް ރަށްރަށުގައި އެހިދުމަތް އަދިވެސް ބޭނުންކުރަން ފަށާފައިނުވާކަން ހިތާމައާއެކު ފާހަގަކޮށްލެވެއެވެ.

ހަރުދަނާ ބޭންކިންގ ނިޒާމަކާއި އިގްތިސާދީ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރި ނަމަވެސް އެ ހިދުމަތް އެންމެ އެދެވޭ ގޮތުގައި މިރާއްޖޭގައި އަދި މިހާތަނަށް އެއްވެސް ސަރުކާރަކުން  ނުދޭކަން ފާހަގަކޮށްލެވެ. އާބާދީ ބޮޑެތި ރަށްރަށުގައި ބޭންކްގެ ކުދި ކުދި ބްރާންޗްތައް ހުޅުވައި ދެ ތިން އޭޓީއެމް އާއެކު ހިދުމަތް ދެމުންދަނީ އެންމެ ފުރިހަމަ ކަމާއެކުގައި ނޫންކަން މިއީ ފެންނަން އޮތް ހަގީގަތެވެ.

ދަތުރުފަތުރުގެ ނިޒާމްގެ ތެރެއިން އެއަރޕޯޓްތައް އަޅާ ވާހަކަ ދެކެވޭއިރު މިވަގުތު ގާއިމްކޮށްފައިހުރި ގިނަ ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ފެންވަރު ދަށްކަމުގެ ވާހަކައަކީ ހިތާމައާއި އެކު ދައްކަންޖެހޭ ވާހަކައެކެވެ. ބައެއް އެއަރޕޯޓްތަކުގައި އެއަރކޯން ރަނގަޅަށް މަސައްކަތް ނުކުރާތާ އަހަރެއް ވާން ކައިރިވެފައިވާއިރު، އަނެއްބައި އެއަރޕޯޓްގެ ޗެކިން ކައުންޓަރު ސިފަވަނީ މާލޭ ލޯކަލް މާރުކޭޓް ގޮޅިއެއްގެ ސިފައިގައެވެ. ގައުމު ތަރައްގީ ކުރާ ވާހަކަ ދެކެވޭއިރު މިފަދަ ކަންކަމަކީ ބަލައިލުން މުހިއްމު ކަންތައްތައް ކަމަށް ދެކެމެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބައެއް މަޝްރޫއުތައް އަހަރުން އަހަރަށް ނުނިމި ވާކަން ފާހަގަކޮށް މަޖިލިސް މެމްބަރުން އެވާހަކަ މަޖިލީހުގައި ދައްކާތަން މަޖިލީހުގެ ޖަލްސާތަކުން ފެނިގެންދާ ފަހަރު މަދެއް ނޫނެވެ.

ޓެކްސް ބޮޑުކޮށް ޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާތީ އެކަމުގެ ކަންބޮޑުވުން ސަރުކާރުގެ ކިބައިގައި ހުރިކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނޫނެވެ.

ކުރިން ރަނގަޅަށް ނުކުރެވި ހުރި ކަންކަން ރަނގަޅު ކުރާނީ އަބަދުވެސް އެވަގުތެއްގައި ވެރިކަމުގައި ތިބޭ ބައެކެވެ. ނަމަވެސް އެކަންކަން ރަނގަޅު ނުކޮށް ކަންކަން ކުރުމަކީ ތަރައްގީއަށް އެޅޭ ހުރަހަކަށް ނޫނީ ނުވާނެއެވެ.

ރާއްޖޭގެ މަލަމަތިން ފެންނަ އުޖާލާ ކަމާއި އުމްރާނީ ތަރައްގީގެ ކުލަވަރު ބައެއް ރަށްރަށުން ނުފެންނަނީ އެމަންޒަރު އިތުރު ބަޔަކަށް ނުފެންނާތީ ބާއޭ ހިތަށް އަރައެވެ. ހުރިހާ ރަށަކަށް އެކުއެކީ ތަރައްގީ ކޮންމެ ސަރުކާރަކުން ވެސް ގެނެސްދޭ ނަަމަ މިއަދު މި މާލެ އަތޮޅުން ހަމައެކަނި ތަރައްގީ ވެފައި އޮންނާނީ މާލެ އާއި މާލެ ސަރަހައްދު އެކަނި ނޫންކަމަށް އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ހެކިވާނެއެވެ.

މާލޭގެ ރައްޔިތުން ދަތުރުދިއުމަށް ރަށެއް ހަދާ ނިންމައި އެކަމުގެ އުފާ ފާޅުކުރާއިރު ބޭނުންވާ އެހެނިހެން އަސާސީ ހިދުމަތްތައް އެންމެ އެދެވޭ ގޮތުގައި ފޯރުކޮށްދެވިފައި ނެތުމުން އެކަމާ ހިތާމަކުރާ ރައްޔިތުން މަދު ނޫންކަން ފާހަގަކޮށްލެވެއެވެ.

އެހެންކަމުން ރައްޔިތުން ދަތުރު ފޮނުވުމަކީ މިވަގުތަށް ކުރަން އެންމެ މުހިއްމު މަސައްކަތްތޯ މިއީ މިއަދު އުފެދޭ ސުވާލެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 80%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: