ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަފްސީލުތައް ހިމަނައި، މަގު ކޮނުމުގެ ފީ ކައުންސިލުން ބޮޑު ކުރި މައްސަލަ އަލުން ހައިކޯޓަށް!

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މަގުތައް ކޮނެ، އެކި މަސައްކަތްތައް ކުރުމަށް ބަންދު ބޯޑު ބެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން ނަގަމުން އައި ފީތައް ބޮޑު ކުރީ ގާނޫނާއި އުސޫލުތަކާއި ހިލާފަށްކަމަށް ބުނެ ސްޓެލްކޯއިން އެ ކައުންސިލާއި ދެކޮޅަށް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލަ ބޭރު ކުރުމުން އިސްލާހުތަކާއި އެކު އަނެއްކާވެސް އަލުން މައްސަލަ ހުށަހަޅައިފި އެވެ.

މި މަހުގެ ކުރީކޮޅު ސްޓެލްކޯއިން މައްސަލަ ހައިކޯޓަށް ހުށަހެޅުމުން، ބޭރުކޮށް ލީ ސިޓީ ކައުންސިލުން ގާނޫނާއި ހިލާފުވިކަމަށް ބުނެދޭން ގާނޫނީ ތަފްސީލުތައް ނެތްކަމަށް ކަނޑައެޅުމަށް ފަހު އެވެ.

އިސްލާހު ގެނައުމަށް ފަހު، މައްސަލަ ކޯޓަށް ހުށަހެޅުމާއި ގުޅޭގޮތުން ސްޓެލްކޯގެ އޮފިޝަލް ”ސަންގު“ އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު މައްސަލަ އަލުން ހުށަހަޅާފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ދުސްތޫރީ މައްސަލަ ކޯޓަށް ހުށަހެޅީ އިތުރު ތަފްސީލުތަކާއި އެކުކަމަށާއި ދެން އެ ބަލައިނުގަންނަ ހާލަތެއް އޮވެދާނެކަމަށް ނުބެލެވޭ ކަމަށެވެ.

ސްޓެލްކޯއިން ފަހުން ހުށަހެޅި މައްސަލަ ބަލައިގަތިމާއި މެދު، ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ކައުންސިލުން ބުނާ އުސޫލުގެ ދަށުން މަގުމަތީގައި ބަހައްޓާ ބޯޑެއްގެ އަގު ކުރިން 60 ރުފިޔާ ނަގަމުން އައުމަށް ފަހު 200 އަށް ބަދަލުކޮށް މަގު ބަންދު ކުރުމުގެ ބޯޑުގެ އަގު ވެސް 150 ރުފިޔާއިން 300 ރުފިޔާ ބޮޑު ކުރުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ސްޓެލްކޯއިން ފާހަގަކުރި އެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އަގުތަކަށް ބަދަލު ގެނައުމުގެ ކުރިން ސިޓީ ކައުންސިލުން އެއްވެސް މަޝްވަރާއެއް ނުކުރާކަމަށާއި އެ އެންގުމުގެ ލިޔުން ލިބުނީ ކުއްލި ގޮތަކަށް ކަމަށެވެ.

އަގުތަކަށް ބަދަލު ގެނައި އިރު ކުރުން އެއްވެސް ފީއެއް ނުނަގާ، ޖަންކްޝަން ނެގުމުގެ މަސައްކަތަށް 300 ރުފިޔާ ނެގުމަށް އުސޫލުގައި ހިމަނާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. މޭޔަރު މުއިއްޒާއި، އެނާ ދެމެދު އެއްވެސް ޒާތީ މައްސަލައެއް ނެތްކަމަށް ތަކުރާރު ކުރައްވައި ޝަރީފް ވިދާޅުވީ ކައުންސިލްގެ މި ނިންމުމުގެ ސަބަބުން ސްޓެލްކޯގެ ވަރަށް ގިނަ އާއްމު ހިދުމަތްތަކަށް ބޫރު އަރާނެ ކަމަށެވެ. އަދި އާއްމުންނާއި ގުޅުން ހުރި މަސައްކަތްތައް ފެށުމުގެ ކުރިން އަގު ނަގާނަމަ އެ މަރުހަލާ ފުރިހަމަ ކުރުމަށް ވަގުތު ހޭދަވާނެކަމަށް ޝަރީފް ވިދާޅުވި އެވެ.

މިއީ ޖެނުއަރީ މަހުން ފެށިގެން ނަގަމުން ދާނެ އަގުތައްކަމަށް ބުނެ ކައުންސިލުން ލިސްޓު ގެޒެޓުކުރިއިރު، ފީތައް އާއްމު ކުރި ތާރީހަކީ ޖެނުއަރީ މަހުގެ ދޭއްކަމަށް ޝަރީފް ވިދާޅުވި އެވެ. އެހާ ހިސާބުން، ވެސް ކައުންސިލުގެ އުސޫލު ގޯސްކަން ސާފުވާކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ ބާތިލު އުސޫލެއްކަމަށް ސިފަ ކުރައްވައި ޝަރީފް ވިދާޅުވީ އެ ނިންމުމާއި ދެކޮޅަށް ކޮންފުނިން ކޯޓަށް ދާނެކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބެއްކަމަށް ޝަރީފް ވިދާޅުވީ ކައުންސިލުން އާއްމު ކުރި ގަވައިދުން މަގު ކޮނެ، ގާ ނެގުމާއި މަގު ބަންދު ކުރުމަށް ނަގާ ފީގެ އަގުތައް ކުރިއަށް ވުރެ 150 އިންސައްތަ ބޮޑުވުމެވެ.

ސްޓެލްކޯއިން ވަނީ ކައުންސިލުން މި ބަދަލު ގެނައި އިރު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މަޝްވަރާ އާއި ހުއްދަ ހޯދިތޯ ސުވާލު އުފައްދާފަ އެވެ. އަދި ކައުންސިލްގެ ނިންމުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރިއިރު އެކަން ކޯޓުގައި ފާހަގަކުރާނެކަމަށް ޝަރީފް ވިދާޅުވި އެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅީ، ސިޓީ ކައުންސިލާއި ވާހަކަ ދައްކައި ހައްލެއް ލިބޭތޯ މަސައްކަތް ކުރުމަށް ފަހުކަމަށް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް މައްސަލަ ކޯޓާއި ހަމައަށް ގެންދިއުމަށް މަޖުބޫރުވީ އެއްބާރުލުން ދިނުމުގެ ބަދަލުގައި ކައުންސިލުން ޖެއްސުން ކުރުމުގެ ސަބަބުންކަމަށް ޝަރީފް ވަނީ ނޫސްވެރިންނަށް ވިދާޅުވެފަ އެވެ.

ޝަރީފް ވިދާޅުވީ މިއީ ބާތިލު އުސޫލެއްކަމަށާއި، ސިޓީ ކައުންސިލަށް މިފަދަ ނިންމުމެއް ނިންމުމުގެ ބާރު ވެސް ނެތް ކަމަށެވެ.

ސްޓެލްކޯއިން މި މައްސަލައިގައި އެލްޖީއޭ އަދި ބައެއް ކުންފުނިތަކާއި ވެސް ބައްދަލު ކުރިކަން ފާހަގަ ކުރެވެ އެވެ. އޭގެ ތެރޭގައި މީޑިއާނެޓް، އާރުއޯއެލް ފަދަ މަގުތަކުގެ މަސައްކަތް ކުރަން ޖެހޭ ކުންފުނިތައް ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: