މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށްޓަކައި އޮތް ހަމައެކަނި ރަށް، ކުޑަބަނޑޮސް 2013 ވަނަ އަހަރުގެ ތެރޭގައި 50 އަހަރަށް ރިސޯޓެއް ހިންގުމަށް ދިނުމާއިއެކު، ދަތުރު ދާން އޮތް ރަށްވަނީ ގެއްލިފައެވެ. މިކަމާއި ގުޅިގެން މާލެ ސިޓީގެ ރައްޔިތުން ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައިވީ ނަމަވެސް 10 އަހަރުވެގެން ދިޔައިރުވެސް މި ކަންބޮޑުވުންތަކާއި ޝަކުވާތަކަށް ހައްލެއް ލިބިފައެއް ނުވެއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި މިހާރުގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވައުދުވެލެއްވީ އެމަނިކުފާނުގެ ވެރިކަމެއްގައި މި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށެވެ. އެގޮތުން މާލެ ކައިރިން ދަތުރުދާނެ ރަށެއް ތަރައްގީކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ. އަދި އޭރު އޮތް ކުޑަބަނޑޮހަށްވުރެ ފެންވަރު ރަނގަޅު ރަށެއް ބިނާކޮށްދެއްވުންވީ އެމަނިކުފާނުގެ އަމާޒަށެވެ.
މި ވައުދު ފުއްދެވުމަށްޓަކައި މަސައްކަތް ފެއްޓެވީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ސަރުކާރު އެތައް ކުންފުންޏެއްގެ އެއްބާރުލުމާއިއެކު ކުޑަގިރީ ފަޅު ހިއްކާ، އެ ތަނަށް ދަތުރުދާ ފަރާތްތަކަށް ބޭނުންވާ ހިދުމަތްތަކާއި އިންތިޒާމްތައް ހަމަޖައްސަވާ މިއަދު މި ވަނީ އެމަނިކުފާނުގެ އެ ރިޔާސީ ވައުދު ފުއްދަވާދެއްވާފައެވެ.
މިއަދު ހެދުނު ކުޑަގިރިއަށް ވަޑައިގަންނަވާ ކުޑަގިރި އާންމުންނަށް ރަސްމީކޮށް ހުޅުއްވާދެއްވީ ރައީސް ސާލިހުއެވެ. އަދި އަރިހުގައި އެމަނިކުފާނުގެ ކެބިނެޓު ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުން ތިއްބެވިއިރު، ކޮންމެ ބޭފުޅެއްގެވެސް ވާހަކައި ފާހަގަވެގެންދިޔައީ ކުޑަގިރީގައި ހުރި އިންތިޒާމްތައް އެންމެ ފުރިހަމަކުރުމަށްޓަކައި ސަރުކާރުން ކޮށްފައިވާ ބުރަ މަސައްކަތްތަކެވެ.

ޒަމާނަށް ފެދޭނެހެން ތަރައްގީކޮށްފައިވާ މި ރަށަށް އަންނަން ބޭނުންވާ ފަރާތްތަކަށް ކުޑަގިރި އަށް ހާއްސަކޮށްފައިވާ އެޕްލިކޭޝަން މެދުވެރިކޮށް ބުކިން ހެއްދެއެވެ. އަދި ރަށުން ލިބޭނެ ހިދުމަތްތަކާއި ޕެކޭޖުތަކުގެ އިތުރުން ރަށުގެ ތަންތަނާއި ބެހޭ މައުލޫމާތުވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބަލާލެވޭއިރު، ހިދުމަތްތަކަށް ނަގާ އަގުތައްވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ސާފުކޮށްލެވެއެވެ.
ރަށަށް ދަތުރު އަންނަ ފަރާތްތަކަށް ރަށުގެ ކަންކަން ރޭވިފައި ހުންނަ ގޮތް އޮޅުންފިލުވައިދީ، ހިދުމަތްތައް ހޯދުމުގައި ލުއި ފަސޭހަކޮށްދިނުމަށް ރަށާއި ހަވާލުވެފައިވާ ކުންފުނި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުން އަބަދުވެސް ރަށުގައި ހަރަކަތްތެރިވަމުން ގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެމްޓީސީސީ އާއި ސްޓެލްކޯ އަދި ވެމްކޯފަދަ އެތައް ކުންފުންޏެއްގެ އެއްބާރުލުމާއިއެކު ތަރައްގީކުރި މި ރަށުގައި، 500 މީހުންނަށް އެއްފަހަރާ ހިދުމަތް ދެވޭނެ ފެސިލިޓީސް ގާއިމްކޮށްއި ހުންނާނެކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.
ރަށުގައި ކެފޭ އަކާއި ފިހާރައެއްވެސް ހުޅުވާފައިވާއިރު، ކުޑަގިރިއަށް އަންނަ ދަތުރުވެރިންނަށް ހާއްސަކޮށް ރަށުގައި ވަނީ ކަރަންޓް ލިބޭނެ ގޮތަށް 17 ހަޓް ގާއިމްކޮށްފައިއެވެ.

އެގޮތުން 13 ކުޑަ ހަޓް ހުންނައިރު، ގިނަ ބަޔަަކަށް އައިސް ތިބެވޭނެހެން 4 ހަޓެއް ވަނީ ގާއިމްކޮށްފައެވެ. މި ހަޓްތަކުގައި ގޮނޑި އާއި މޭޒުވެސް ހުންނައިރު، ކެއްކޭނެ އިންތިޒާމްތައްވެސް ހަމަޖައްސާފައިވާކަން ފާހަގަކުރެވެއެވެ. އަދި ހަޓްތަކާއި ކައިރިން ބާބަކިއު ހެދޭނެ އިންތިޒާމްވެސް ވަނީ ރޭވިފައެވެ. ކުޑަގިރިއަށް ހާއްސަކޮށް ހަދާފައިވާ އެޕްލިކޭޝަން މެދުވެރިކޮށް މި ހަޓްތައްވެސް ބުކްކުރެވޭނެއެވެ. އަދި ހިފާ ގެންގުޅޭ ތަކެތިވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ބުކްކުރެވެއެވެ.
މި ހަޓްތައް ގާއިމްކޮށްފައިވަނީ މޫދާއި ކައިރިންނެވެ. އެހެންކަމުން ހަޓްތަކުގައި ތިބޭ ފަރާތްތަކަށް މާ ދުރަށް ނުގޮސް މޫދަށް އެރެވޭނެހެން ރަށުގެ ކަންކަން އިންތިޒާމްކޮށްފައިވާއިރު، އެ ސަރަހައްދުގައި ކުޅިވަރުކުޅުމަށް ވަކި ތަނެއް ހާއްސަކޮށްފައިވެއެވެ. އެތަނުގައި ވޮލީބޯލްފަދަ ކުޅިވަރުތައް ކުޅެވޭނެހެން ނެޓްވެސް ވަނީ ޖަހާފައެވެ. އަދި އެއާއި ކައިރިން ފާހަނާ ބަރިއެއްވެސް ވަނީ ގާއިމްކޮށްފައެވެ.
މޫދު ކުޅިވަރުތަކަށް ވަކި ސަރަހައްދެއް ހާއްސަކޮށްފައިވާއިރު، ޖެޓްސްކީގެ ހިދުމަތްވެސް ލިބެން ހުރެއެވެ. އަދި މި ހިދުމަތްތައް ދިނުމުގައި މިކަމުގެ ތަޖުރިބާ ހުރި ފަރާތްތަކުން ހަރަކާތްތެރިވެއެވެ.
ގޮނޑުދޮށާއި އެކި ސަރަހައްދުތަކުގައި އިށީނެ އަރާމްކުރެވޭހެނެހެން ބެންޗްތައްވެސް ބަހައްޓާފައި ހުރެއެވެ. އަދި ހިގުމަށްޓަކައި ވޯލްކްވޭއެއްވެސް ހަދާފައިވެއެވެ. ތަފާތު ރީތި ޖަޒީރާވަންތަ ކުރެހުންތަކުން ރަށް ޒީނަތްތެރިކޮށްފައިވާއިރު، ރަށް ފެހިކުރުމަށްޓަކައި ރުކާއި މަގޫގަސްފަދަ ގަސްތައް ރަށުގެ އެކި ސަރަހައްދުގައި އިއްދާފައިވެއެވެ.

