ރާއްޖެއިން ބޭރުގެ ގައުމުތަކަށް ދަތުރު ކުރާ ދިވެހިންނާއި އެ ގައުމުތަކުގައި އުޅޭ ދިވެހިންނަށް ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ގޮވާލައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވަނީ ގާނޫނު އަސާސީން ދިވެހިންނަށް ލިބިދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުންކޮށް، ރާއްޖޭގެ ސިޔާދަތު އޮންނަ ސަރަހައްދެއްގައި ފާޅު ކުރާ ހިޔާލެއްގެ ސަބަބުން ބައެއް ގައުމުތަކުން އެ މީހުންނާއި މެދު ތައައްސުފީ ގޮތެއްގައި ފިޔަވަޅު އެޅުމަކީ ކަންބޮޑުވުމެއްކަމަށް ބުނެ އެވެ.
ކުއްލި މައްސަލަ ބަލައިގަނެ، އެއަށް ބަހުސް ކުރުމަށް ފެންނަކަމަށް ތަޅުމުގައި ވޯޓު ދީފައި ވަނީ އެންމެ 06 މެމްބަރުންނެވެ. އަދި 39 މެމްބަރަކު ވޯޓު ދެއްވީ ކުއްލި މައްސަލަ ބަލައިނުގަތުމަށެވެ.
މައްސަލައިގައި ވަނީ ދިވެހި ފަސްގަނޑުގައި ފާޅު ކުރާ ހިޔާލެއްގެ ސަބަބުން އެ މީހުންނަށް ވަކިވަކިން ޓާގެޓުކޮށް ބޭރުގެ ދައުލަތްތަކުން އަދަބުތައް ދޭން ފަށައިފި ނަމަ ނިކުންނަ ނަތީޖާ ގޯސްވާނެ ކަމަށެވެ. އަދި މިއީ ގާނޫނު އަސާސީން ކަށަވަރުކޮށް ދޭ ހައްގުތައް ބޭނުންކުރުމަށާއި ނުކުރުމުގެ އިހުތިޔާރު ދިވެހިންގެ އަތުން ބީވެ އެ ހައްގުތައް ލިބުމާއި ނުލިބުން އެހެން ދައުލަތެއްގެ ރުހުމާއި ނުރުހުމުގެ މައްޗަށް ބަރޯސާވުމުގެ ބިރު އޮތް ސަބަބެއްކަމަށް ފާހަގަކޮށްފައި ވެއެވެ.
ރާއްޖެއާއި ދިވެހި ސަރުކާރުގެ މައްޗަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް އެބައޮތްކަމަށާއި ދައުލަތުން ދަނީ ގޮތް ނޭނގޭ އެއްބަސްވުންތަކެއް އެ ގައުމާއި އެކު އެކުލަވާލަމުންކަމަށް ބުނެ އިދިކޮޅުން ދަނީ ހަރަކާތްތަކެއް ހިންގަމުންނެވެ. އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅުން ހަރަކާތްތަކެއް ކުރިޔަށް ގެންދާއިރު މިއީ އަވައްޓެރި ގައުމުތަކާއި މެދު ނަފްރަތު އުފެއްދުންކަމަށް ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ ވަނީ އެއްވުންތައް ހުއްޓުވުމަށް ގަރާރެއް ވެސް ނެރުއްވާފަ އެވެ.
މި ހަރަކާތްތައް އިދިކޮޅުން ކުރިޔަށް ގެންދިއުމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުގައި އިސްކޮށް ހަރަކާތްތެރިވާ ޕީޕީއެމްގެ ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު އާއިލާ އެކު އިންޑިއާއަށް ގޮސް ހުއްޓައި އޭނާ އަނބުރާ ވަނީ ރާއްޖެއަށް ފޮނުވާލާފައެވެ. އަބްދުއްސަމަދު ބުނި ގޮތުގައި، އޭނާ ގިނަ އިރުތަކެއް ވަންދެން ބެހެއްޓުމަށް ފަހު ރާއްޖެ ފުރުވާލީ ޑީޕޯޓުކޮށްލުމަށް ފަހު އެވެ.
މި މައްސަލައިގައި ގިނަ ބައެއްގެ ހިޔާލުތައް ތަފާތުވެފައިވާއިރު ބައެއް މީހުން ދަނީ ދިވެއްސަކާއި މެދު އެފަދަ ގޮތަކަށް ކަންތައް ވެގެން ދިޔައިރު ދިވެހި ސަރުކާރުން އެކަން ކިހާ މިންވަރަކަށް ބެލިންތޯ ސުވާލު އުފައްދަމުންނެވެ. އަދި ބައެއް މީހުން ވަނީ، ގައުމުތަކާއި މެދު ނަފްރަތު އުފައްދައި އެ ގައުމުތަކާއި ދެކޮޅަށް ހަރަކާތް ހިންގައި އަދި އެ ގައުމެއްގައި ހުރެގެން ވެސް އެ ހަރަކާތްތައް ހިންގާނަމަ އެ ބަޔަކަށް ފިޔަވަޅު އެޅޭނެކަމަށް ބުނެފަ އެވެ.
އިންޑިއާ ދެކޮޅަށް އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތުގެ ސަބަބުން، އެ ގައުމުގައި އުޅޭ ދިވެހިންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިދާނެކަމަށް ބައެއް މީހުން ފާހަގަ ކުރެ އެވެ. ހާއްސަކޮށް ސަރުކާރު މެމްބަރުން ދަނީ، އިދިކޮޅުގެ މި ހަރަކާތަށް އެއްވެސް ފުރުސަތެއް އަދި ޖާގައެއް ދެވިގެން ނުވާނެކަމަށް ފާހަގަ ކުރަމުންނެވެ.

