ސިއްހީ ދާއިރާ 55 ޕްރޮފެޝަންއަށް ބަހާލައި އެފަރާތްތަކުގެ މުސާރައިގެ އޮނިގަނޑު ކަނޑައަޅާފައިވާ ކަމަށް ނޭޝަނަލް ޕޭކޮމިޝަނުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި ޕޭކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޑރ މުހައްމަދު ފައިސަލް ވިދާޅުވީ ގިނަ މަޝްވަރާތަކަކަށްފަހު ސިއްހީ ދާއިރާގެ މުސާރައިގެ އޮނިގަނޑު މިހާރު އެކުލަވާލެވިފައިވާ ކަމަށެވެ.
ސިއްހީ ދާއިރާގެ މުސާރަ އެކުލަވާލުމުގައި ދާއިރާގައި ހިމެނޭ ޖަމްއިއްޔާތަކާއި ޖަމާއަތްތަކާއި ހެލްތު މިނިސްޓްރީއާއެކު މުހިއްމު ބައްދަލުވުންތަކެއް ބޭއްވުނު ކަމަށެވެ.
55 ޕްރޮފެޝަން އެބައޮތް ސިއްހީ ދާއިރާގައި. މި ހުރިހާ ޕްރޮފެޝަންގައި މީހުން ތިބީކީއެއް ނޫން. ދިވެހިން ވެސް ނެތް. އެކަމަކު ވަރަށް ރަނގަޅު މުސާރަތަކެއް އާންމު ކުރުމުގެ ބޭނުމަކީ ވެސް މި ދާއިރާއަށް ދިވެހިން ކުރިމަތިލުން.
ފައިސަލް ވިދާޅުވީ ޕޭކޮމިޝަނުން ކުރިއަށްގެންދަނީ ދައުލަތުގެ ފްރޭމްވޯކް އެކުލަވައިލުމުގެ މަސައްކަތް ކަމާއި އަންނަ މެއި މަހު ޔުނިވަރސިޓީ އާއި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ކަމަށެވެ.
ދައުލަތުގެ މުސާރައިގެ އޮނިގަނޑު އެކުލަވައިލުމާ ގުޅޭ ގޮތުން ފައިސަލް ވިދާޅުވީ، ރާއްޖޭގެ މުސާރައިގެ އޮނިގަނޑަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ކުރީގައި ހުރި އުސޫލުތަކަށް ބޮޑެތި ބަދަލު އަންނާނެ ކަމަށެވެ. އަދި މުސާރައިގެ އޮނިގަނޑު، ހުރިހާ ފަންނަކަށް ހަމަ ހަމަ އުސޫލުތަކެއް ކަނޑައެޅުމަކީ އެ ކޮމިޝަނުގެ އެންމެ ބޮޑު ބޭނުން ކަމަށެވެ.
މިދިޔަ އަހަރު ހުންނާނެ މިންގަނޑުތަކެއް އާންމުކޮށްފައި. ސިއްހީ ދާއިރާ ވެސް މިއަށް ބަދަލުވާނީ. ހަމައެގޮތަށް ޔުނިވާސިޓީ ދާއިރާ ވެސް ބަދަލު އަންނާނެ. ހާމަނައިޒް ކުރާ އިރު ބަދަލުތަކެއް އަންނާނެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ މިއަހަރުގެ މެއި މަހުގެ ތެރޭގައި ބޮޑުކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެފައިވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައެވެ.
ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންގެ މުސާރަ ބޮޑު ކުރުމަށް މިއަހަރުގެ ބަޖެޓުގައި 500 މިލިއަން ރުފިޔާ ކަނޑައަޅައިފައިވެ އެވެ. މިދިޔަ އަހަރު ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ބަޖެޓުގައި 337 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

