މީގެ 10 އަހަރު ކުރިން 2013 ގައި، އޭރު ރާއްޖޭގައި ހަރަކާތްތެރި ވި ގައުމީ ޕާޓީގެ ފަރާތުން އިމާދު ސޯލިހު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް އެ ކޯޓަށް ބެލުމުގެ އިހުތިސާސް ނެތްކަމަށް ހުކުމްކޮށްފި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު 2013 ވަނަ އަހަރު ވުޖޫދުވެގެން އައިއިރު، 10،000 މެމްބަރުން ހަމަ ނުވާ ޕާޓީ އުވޭ ގޮތަށް އޮތް މާއްދާ ބާތިލު ކުރުމަށް ދުސްތޫރީ މައްސަލަ ކޯޓަށް ހުށަހެޅީ ނެޝަނަލް ޑްރަގް އޭޖެންސީގެ ސީއީއޯ އިމާދު ސޯލިހެވެ.
ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި އެ މައްސަލައިގައި ސުޕްރީމް ކޯޓުން 2013 ގައި ވަނީ ގާނޫނުގެ އެ މާއްދާ ބާތިލުކޮށްފަ އެވެ. އެކަމަކު، އިމާދު ހުށަހެޅުއްވި މައްސަލަ އާއި މެދު މިހާތަނަށް އޮތީ ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ. އެކި ފަހަރު މަތީން ސުޕްރީމް ކޯޓުގެ ބެންޗަށް އައި، ބަދަލުތަކާއި އެކު މި މައްސަލަ އަލުން ބެންޗު ކުރެވުނެވެ.
އޭގެ ފަހުން 2020 ގައި ވެސް މައްސަލައިގެ އަޑުއެހުމެއް ތާވަލު ކުރުމަށް މަސައްކަތް ކުރި އެވެ. އެކަމަކު މައްސަލައިގެ ލިޔެކިއުންތައް ގެއްލިފައި ވާތީ އިމާދު ހުށަހެޅުއްވީ އަލުން އެ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިނުމަށެވެ. އަދި މައްސަލައިގައި އެންމެ ފަހުން ބޭއްވި ޝަރީއަތުގެ ރެކޯޑިން ކޮޕީއެއް ހޯދުމަށް ވެސް ހުށަހެޅި އެވެ. އަދި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ވެސް ވަނީ ވަގުތު ދީފަ އެވެ.
2013، މާޗު 17 ގައި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި އެ އަހަރުގެ އޭޕްރިލް މަހު ރެޖިސްޓްރީވެފައި ވީ ނަމަވެސް ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ލިބިފައި ވަނީ 2020، އޭޕްރިލްގަ އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް އިމާދުގެ ފަރާތުން ހުށަހަޅާފައި ވަނީ ފަސް ނުކުތައަކާއި އެކު އެވެ. އެއީ ސިޔާސީ ޕާޓީގެ ގާނޫނުގެ އަސާސީ ހައްގުތައް ހަނިކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ އާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުން އަސާސ ހައްގުތައް ހަނިކޮށްފައި ވަނީ ގާނޫނު އަސާސީއާއި ހިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އަމަލު ކުރަން ފެށިއިރު ދިވެހިރާއްޖޭގައި ރެޖިސްޓްރީކޮށްފައި ވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ވަކި ޕާޓީއެއްގެ ލާބައާއި މަންފާ ހިމާޔަތްކޮށް އެހެން ޕާޓީތަކަށް އެފަދަ ހިމާޔަތާއި ރައްކާތެރިކަން ތަފާތުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާގެ އިތުރުން ގާނޫނު އަސާސީގެ 68 ވަނަ މާއްދާގެ ދަށުން އަސާސީ ހައްގުތައް މާނަކުރުމުގައި ދިވެހިރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކަށް ރިއާޔަތް ކުރަންޖެހޭނެކަމަށް ބުނެފައިވާއިރު ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ސިޔާސީ ޕާޓީ އުފައްދައި ހިންގުމުގެ ހާއްގު ހަނިކޮށްފައި ވަނީ ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަޣުވާމީ މުއާހަދާ އިންޓަނޭޝަނަލް ކޮންވީނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ މާއްދާއާއި ހިލާފުވިކަމަށް ބުނާ މާއްދާގެ އިތުރުން ސިޔާސީ ޕާޓީގެ ގާނޫނުގެ 37 ވަނަ މއްދާގައި ބިދޭސީ ސަރުކާރުތަކުންނާއި ޖަމާއަތްތަކަށް ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކަށް ފައިނޭންސް ކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮތުމުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރަސް އެޅޭކަމަށް ބުނެ ހުށަހެޅި ނިކުތާ އެވެ.
އިމާދު ހުށަހަޅާފައި ވަނީ ސިޔާސީ ޕާޓީއެއް ދެމި އޮތުމަށް 10،000 މެމްބަރުން ތިބެން ޖެހޭނެކަމަށް އޭރު އޮތް މާއްދާ ބާތިލުކޮށް ދިނުމަށާއި ސިޔާސީ ޕާޓީތަކަށް ބިން ދިނުމާއި ބެހޭ މާއްދާ ވެސް ބާތިލު ކުރުމަށެވެ. ނަމަވެސް 2013 ގައި ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއްގެ ތެރެއިން އެ މާއްދާ އެ ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ.
އެހެންވެ، މި މައްސަލަ އިތުރަށް ކުރިޔަށް ނުގެންދެވޭނެކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވެސް ބުންޏެވެ. އެކަމަކު ޝަރީއަތްތައް ކުރިޔަށް ގެންދިއުމަށް ނިންމީ، އިމާދު ހުށަހަޅާފައި ހުރި އެހެން ނުކުތާތަކެއް ވެސް ހުރުމުންނާއި އެއަށް ގާނޫނީ ހައްލެއް އަންނަން ޖެހޭކަމަށް އެނާ އެދުމުންނެވެ.
ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ސުޕްރީމް ކޯޓުގައި އޮތް މި މައްސަލައިގައި މިއަދު އޮތީ ހުކުމް ކުރުމެވެ. އެގޮތުން މިއަދުގެ އަޑުއެހުމުގައި ރިޔާސަތު ބެލެހެއްޓެވި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ވަނީ މިއީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ވަކި މާއްދާތައް އެއީ ގާނޫނު އަސާސީ އާއި ތައާރަޒުވާކަމަށް ބުނެ ހުށަހަޅާފައިވާ މާއްދާތަކެއްކަން ފާހަގަކޮށްފަ އެވެ.
އެގޮތުން ކޯޓުގެ 37 ވަނަ މާއްދާއަށް ހަވާލާދެއްވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނު އަސާސީ އާއި ތައާރަޒުވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކުގެ ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސާސް އޮންނަނީ ހައިކޯޓަށް ކަމަށެވެ.
ހުކުމުގައި ވަނީ އިމާދުގެ ފަރާތުން ހުށަހެޅި މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެ، ރެޖިސްޓްރީ ކުރީ 10 އޭޕްރިލް 2013 ގައިކަމަށެވެ. މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމުގެ ހުއްދަ ދިން ލިއުމުގައި މައްސަލަ ބަލައިގަތް ސަބަބެއްކަމަށް ގަވައިދާއި އެއްގޮތްވުން ބަޔާންކޮށްފައި އޮތް ނަމަވެސް އެއީ ކޮން މާއްދާއަކާއި ހަވާލާ ދީކަން ހުއްދަ ދޭ ލިއުމުގައި ބަޔާންކޮށްފައި ނެތްކަމަށް ހުކުމުގައި ވެއެވެ.
ސުޕްރީމް ކޯޓުގެ ގަވައިދުގެ 38 ވަނަ މާއްދާ އާއި ހަވާލާ ދީ ކޯޓުގެ ހުކުމުގައި ވަނީ އެ މައްދާގެ (ށ) ހައި އަސްލީ އިހުތިސާސް ލިބިފައިވާ މައްސަލައެއްގެ ގޮތުގައި ދުސްތޫރީ މައްސަލަ ބަލައިގަތުމުގައި ރިއާޔަތް ކުރާނެކަންކަން ބަޔާންކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ގައުމު ގާނޫނީ ބޮޑު ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމު ބޭރުވެދާނެ ފަދަ ދުސްތޫރީ ގޮތުން ބޮޑު މައްސަލައަކަށް ވުން ނުވަތަ އެ މައްސަލައަކީ ގައުމުގެ އާއްމު މަސްލަހަތާއި ގުޅިގައިވާ ދުސްތޫރީ މައްސަލައަކަށް ވުމެވެ.
މީގެއިތުރުން މައްސަލައިގައި އިމާދުގެ ފަރާތުން ހުށަހެޅި ނުކުތާ އާއި ހޯދުމަށް އެދުނު ފަރުވާތަކަށް ރިއާޔަތް ކުރާއިރު މައްސަލައިގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސާސް ލިބިގެންވާ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓުން ކުރިޔަށް ގެންދަން ޖެހޭ ފަދަ ސަބަބެއް އިމާދުގެ ފަރާތުން ދެއްކިފައި ނުވާކަމަށް ހުކުމުގައި ވެއެވެ.
ހުކުމުގައި ވަނީ އޭރު އަމަލު ކުރި ސުޕްރީމް ކޯޓުގެ ގަވައިދާއި ހަވާލާ ދީ މައްސަލަ ކޯޓަށް ބަލައިގަނެފައި ވީ ނަމަވެސް ސުޕްރީމް ކޯޓުގެ ގަވައިދު (2009) ގެ 38 ވަނަ މާއްދާގެ (ށ) އަށް ބެލުމުން މި ބަވާތުގެ ދުސްތޫރީ މައްސަލަތައް ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެން ނުވާކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ މި ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައުޝާ ޝުޖޫން މުހައްދު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަލީ ރަޝީދު ހުސެއިން ވަނީ ތާއީދު ކުރައްވާފަ އެވެ.

