ދުރާލާ ލިޔެކިއުންތައް ހުށައަޅާނަމަ، ޕޭމަންޓް ލިބުމުގައި އެއްވެސް ލަހެއް ނުވާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ސްޓޫޑަންޓް ލޯނު ލިބިފައިވާ ދަރިވަރުންނަށް ޕޭމަންޓު ލިބުމުގައި ލަސްވާކަމުގެ ޝަކުވާކުރާތީ، މިކަމަށް ހައްލު ހޯދުމަށް އަޅާފައިވާ ފިޔަވަޅަކީ ކޮބައިތޯ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް ގިނައިން އަންނަ ޝަކުވާއެއްކަމަށެވެ.
އެހެން ނަމަވެސް ކަން ހިނގާފައި އޮންނަނީ ޝަކުވާ ހުށައަޅާ ގޮތަށް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދަރިވަރުންނަށް ލޯނު ލިބިގެން އެކަން ނޮޓިފައިކުރުމަށް ފޮނުވާ އީމެއިލްގައި، ޕޭމަންޓް ޕްރޮސަސްކުރުމަށް ހުށައަޅަންޖެހޭ ޑޮކިއުމެންޓްސްތަކުގެ ލިސްޓެއް އޮންނާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޕޭމަންޓް ޕްރޮސަސް ވާނީ އެހުރިހާ ޑޮކިއުމަންޓެއް ހުށައަޅުއްވައިގެންކަމަށް ވިދާޅުވިއެވެ.
އޭގެން ދެ ޑޮކިއުމަންޓް ހުށައަޅާފަ، އަޅުގަނޑުމެންނަށް ނޮޓިފައި ކުރިއަސް ޕޭމަންޓް ޕްރޮސަސްވާކަށް ނުފަށާނެ
އެންމެ ޑޮކިއުމަންޓެއް މަދުވި ނަމަވެސް ޕޭމަންޓް ޕްރޮސަސްނުވާނެކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ވަރަށް ގިނައިން މިހެން ދިމާކަމަށެވެ. އަދި ބައެއް ދަރިވަރުން ޔުނިވާސިޓީއަށް ފައިސާ ދައްކަންޖެހޭ ތާރީހާއި ވަގުތު ކައިރިވުމުން ޕޭމަންޓަށް އެދޭކަމަށާއި، ނަމަވެސް ސަރުކާރުގެ އުސޫލުތަކާއި، މާލިއްޔަތު ގާނޫނުގެ ދަށުން ފައިސާގެ ކަންކަން ޕްރޮސަސްކުރެވޭނީ ވަކި ކަހަލަ ޑޮކިއުމަންޓްސްތަކެއް ހަމަވުމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެންކަމުން ޑޮކިއުމަންޓްތައް ހަމައަށް ހުށައެޅުން މުހިންމުކަމަށް މިނިސްޓަރު ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.
މިނިސްޓަރު ހަސަން ވިދާޅުވީ މިނިސްޓަރ އޮފް ފިނޭންސްއިންވެސް ސްޓޫޑެންޓް ލޯނާއި އަދި ސްކޯލާޝިޕްގެ ކަންތައްތަކުގައި ހާއްސަ އިސްކަމެއްދޭކަމަށެވެ. ފިނޭސްންސް މިނިސްޓްރީގެ ފަރާތުން ފައިސާގެ ޑިލޭ ނާންނަކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

