ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުން ލިބޭނީ 15 އިންސައްތަކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް އެމްޑީޕީއިން ބޭއްވި ޖަލްސާއިން އަދަދު ފެނިއްޖެކަމަށާއި، ރައީސް ސާލިހު އިތުރު ދައުރަކަށް އިންތިހާބުވާނެކަން އިދިކޮޅަށް ޔަގީންވެއްޖެކަމަށް ވިދާޅުވެ މާރިޔާ ކުރައްވާފައިވާ ޓުވީޓަށް ރައްދެއްވާ އާޒިމް ވިދާޅުވެފައިވަނީ ރައީސް ސާލިހަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެންނަކަމަށެވެ.
ވޯޓު ލައިގެން ވެރިކަން ނުލިބޭނެކަން ޔަގީންވުމުން ވޯޓުނުލާ 7 ފެބުރުއަރީ 1012 ގައި ވެރިކަން ހޯދި ގޮތަށް ހޯދާނަމޭ ހިތާ ”ތެޅި ފޮޅެނީކަމަށް ވިދާޅުވެ މާރިޔާ ވަނީ އޭނާގެ ޓުވީޓުގައި ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކަށްވެސް ފާޑު ވިދާޅުވެފައެވެ.
Rayyithun @ibusolih ah vote dheynjehey ehves sababeh nufene. Enmme ginavegen libeynee 40 haas vote ehee vote laa meehunge 15% https://t.co/yEZ6MPEgs4
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) February 18, 2023
މި ވާހަކަތަކަށް ރައްދުދެއްވާ އާޒިމް ވިދާޅުވެފައިވަނީ ރައީސް ސާލިހަށް އެންމެ ގިނަވެގެން ލިބޭނީ 40 ހާސް ވޯޓުކަމަށާއި އެއީ ވޯޓުލާ މީހުންގެ 15 އިންސައްތަކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވާ، ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ސާލިހު ކާމިޔާބުކުރައްވާފައިވާއިރު، މި ޕްރައިމަރީ ބާތިލްކޮށްދިނުމަށް އެދި އެމަނިކުފާނާއި ވާދަކުރެއްވި ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ޕޮލިސް ބޯޑުގެ ހާމިދު އަބްދުލްޢަފޫރު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށައަޅާފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ރައީސް ސާލިހަށް ކާމިޔާބުކުރެވުނު ނަމަވެސް ރިޔާސީ އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެއެވެ. އަދި ރިޔާސީ އިންތިހާބުގައި ރައިސް ސާލިހަށް އެމަނިކުފާނުގެ ތާއީދު ނުލިބޭނެކަންވެސް ރައީސް ނަޝީދު ވަނީ އެކި ފުރުސަތުތަކުގައި ހާމަކުރައްވާފައެވެ.
ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ސާލިހާއި ހަވާލުކުރުމަށް ބޭއްވި ޖަްލސާގައިވެސް ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފައިނުވާއިރު، ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންވެސް ޖަލްސާއަށް ވަޑައިނުގަންނަވާކަން ފާހަގަކުރެވެއެވެ.

