ދިވެހިންގެ ބިން ސިޔާސީ ބޭނުންތަކަށް ވިއްކުމާއި ދިވެހިން ދެކޮޅު ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބުރައީސް އަހުމަދު ޝިޔާމް ވިދާޅުވެެއްޖެ އެވެ.
ބިން ވިއްކުމާއި ދެކޮޅަށް މިމަހުގެ 24 ވާ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިހްތިޖާޖުގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ތިލަފުށީގެ ބޮޑު ބައެއް މި ސަރުކާރުން 99 އަހަރަށް ބޭރު ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ދިވެހިންގެ މިނިވަންކަމަށް ބުރޫ އަރައިފާނެ ކަމެއް ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު ސައުދީ ބަޔަކަށް ވިއްކާލަން އުޅުމާއި މި ސަރުކާރުން ތިލަފުށިން ބޭރު މީހުންނަށް ބިން ދޫކުރުމުގެ ތަފާތަކީ ކޮބައިތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޝިޔާމް ވިދާޅުވީ ފ. އަތޮޅުގެ މަޝްރޫއުއަކީ ރާއްޖޭގައި ހިނގާނެ އެންމެ ބޮޑު އިގްތިސާދީ މަޝްރޫއު ކަމަށެވެ. އަދި އެ މަޝްރޫއުއިން ދިވެހި ރައްޔިތުންގެ ދިރިއުޅުންތައް ޔަގީނުން ވެސް އެތައް ގުނައެއް ތަނަވަސް ކޮށްދޭނެކަމަށް ޝިޔާމް ވިދާޅުވި އެވެ.
އެމަނިކުފާނު އިގުތިސާދީ ގޮތުން ނަފާހުރިކަމެއް ކުރެއްވީ. އަދި ތަފާތަކީ އެ ޕްރޮޖެކްޓް ހިންގަން ބޭނުންވާ ގާނޫނީ އޮނިގަނޑު ހިއްޕަވައިގެން އެއާ އެކީ ރައީސް ޔާމިނު މަސައްކަތް ކުރެއްވީ. ރައީސް ޔާމީނު ވުޖޫދު ކުރެއްވި ގާނޫނޫ މި ސަރުކާރުން މިހާރު އުވާލައިފި
ތިލަފުށީ ދެވަނަ ފިޔަވަހިން 150 ހެކްޓަރުގެ ބިމެއް ހިއްކާ ބޭރު މީހުންނަށްވެސް ބައިވެރިވޭ ގޮތަށް ސިނާއީ ބޭނުމަށް 50 ބިން ވިއްކުމަށް އެޗްޑީސީ އިން ވަނީ ހުޅުވާލަފަ އެވެ. މިކަމާ ގުޅިގެން އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެމުން އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 10 އިންސައްތަ ބިމަކީ ބޭރުގެ ވިޔަފާރިތަކަށް ބިޑު ކުރެވޭ ގޯތި ކަމަށެވެ. ނަމަވެސް އެ މީހުންވެސް އަމަލުކުރަން ޖެހޭނީ ރާއްޖޭގައި މިހާރު ހަދާފައިވާ ގަވައިދުތަކަށާއި އިދާރާތަކުން ހަދާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

