ވ އާރަށުގެ މައްސަލައިގައި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރެވިފައިވާ ހުކުމް އިސްތިއުނާފު ކުރުމަށް ހުށައަޅާފައިވާކަމަށް އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުންދާ ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ވ. އާރަށް ވިއްކައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާއަށް ހިޔާނާތްވެ، އެ ފައިސާއިން މަންފާ ނެންގެވިކަމުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތުވީ މިދިޔަ ޑިސެމްބަރު 25 ގަ އެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކޯޓުން ވަނީ 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި، ކުރިޔަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 05 މިލިއަން ޑޮލަރު ދެއްކުމަށް ވެސް ހުކުމްކޮށްފަ އެވެ.
ރައީސް ޔާމީނަށް އިއްވި ހުކުމް އިސްތިއުނާފަށް ހުށަހަޅާފައި ނުވާތީ، އެކަން މީޑިއާތަކުން ފާހަގަކުރުމުން، އޭރު ވަކީލުންގެ ޓީމުން ބުނީ އެ މަސައްކަތް ދިގުލައިގެން ދިޔައީ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުން ލަސްވުމުން ކަމަށެވެ. އޭގެ ފަހުން އެ ރިޕޯޓު ލިބުމަށް ފަހު، ވަކީލުން ވަނީ ލިޔެކިއުމުން ބައެއް އާދަޔާހިލާފު ކަންކަން ފާހަަގަވިކަމަށް ބުނެފަ އެވެ. އަދި އިސްތިއުނާފު އަޑުއެހުންތަކުގައި އެކަން ފާހަގަކުރާނެކަމަށް ބުންޏެވެ.
ކުރިޔަށް އޮތީ ރިޔާސީ އިންތިހާބުކަމަށްވުމާއި އެކު، ގިނަ ބަޔަކު ވަނީ އިސްތިއުނާފު މަރުހަލާ އަވަސް ކުރަން ޖެހޭކަން ފާހަގަކޮށްފަ އެވެ. ރައީސް ޔާމީނަށް އިއްވި 11 އަހަރުގެ ހުކުމް ހައިކޯޓަށް ހުށަހަޅާފައިވާކަން ހާމަކޮށް ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފުކޮށްފައިވާކަމަށެވެ. އަދި ރާއްޖޭގައި ”ރޫލް އޮފް ލޯ“ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަންވެފައިވާ ޖުޑިޝަރީއެއް އޮވެގެންކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފް ކޮށްފިން. ރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓޭނީ ސަރުކާރުގެ ނުފޫޒުން މިނިވަން ވެފައިވާ ޖުޑިޝަރީއެއް އޮވެގެން. ވަކި ޙުކުމެއް ކުރާތީ ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާ އޯޑިއޯތައް ލީކުވުންފަދަ ކަންތައް ގޯސް. IA ކާމިޔާބުވާނެ pic.twitter.com/ntI9nOIMzn
— Mohamed Jameel Ahmed (@MJameelAhmed) February 21, 2023
އެނާ ވިދާޅުޥީ، ވަކި ހުކުމެއް ކުރުމުން ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާއި އޯޑިއޯތައް ލީކުވުން ފަދަ ކަންކަމަކީ ”ގޯސް“ ކަންކަން ކަމަށެވެ. އަދި އިރާދަ ކުރެއްވިއްޔާ އިންތިއުނާފުގެ މަސައްކަތްތައް ކާމިޔާބު ކުރައްވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އިއްވި ހުކުމުގައި ބުނެފައި ވަނީ ޝަރީއަތަށް ހެކިން ކަނޑައެޅިގެން ދީފައިވަނީ ދޮގު ހެކިކަން ފާހަގަކޮށް، ހުކުމުގައި ވަނީ އެ ވަހަކަތަކުގައި ފުށު އެރުންތައް އެބަހުރި ކަމަށެވެ. އަދި ގިނައީ ދެކޮޅު ހަމަނުޖެހޭ، ބުއްދިއަށް ގަބޫލު ނުކުރެވޭ ވާހަކަތަކެއްކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެހެންވެ ހުކުމުގައި ބުނީ، މިއީ ވަކިގޮތަކަށް މަންޒަރެއް ދެއްކުމުގެ ބޭނުމުގައި ވަކި މަގްސަދެއް ހާސިލު ކުރުމަށް ހުށަހަޅާފައިވާ ހެކިންތަކެއްކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށެވެ.
ހުކުމުގައި ވަރަށް ތަފްސީލުކޮށް، ހެކިންގެ ވާހަކަތައް ހިމަނާފައި ވެއެވެ. އެގޮތުން އެންމެ އާދައިގެ ކުދިކުދި ތަފްސީލު ހަނދާނުގައި ހުރި ނަމަވެސް އެއީ ދުވަހުގެ ކޮން ވަގުތެއްކަމާއި އެންމެ ކުޑަ މިންވަރަކަށް އެއީ ދުވާލު ތޯ ނޫނީ ރޭގަނޑު ތޯ ނަރީޝްގެ ހަނދާނުގައި ނެތުން ސުވާލު އުފެދޭކަމަށް ހުކުމުގައި ވެއެވެ.

